ދިވެހިރާއްޖެ
އިޢުލާން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ފަރާތްތައް ވޯޓުލުމަށް ރަޖިސްޓަރީކުރުމުގެ މުއްދަތު އިތުރުކުރުން
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ މެދުގައި ބޭއްވޭ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ކުރުމަށް ނަންބަރު: (IUL)459-A/1/2015/124 (24 ޑިސެންބަރު 2015) އިޢުލާނާ ހަވާލާދީ ދަންނަވަމެވެ.
ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން މެންބަރުން އިންތިޚާބުކުރުމަށް ވޯޓުލުމަށް ހަމަޖައްސާފައިވަނީ ތިރީގައި ދެންނެވިފައިވާ 2 ދާއިރާގެ މެމްބަރުންނަށެވެ.
1- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރެއް.
2- ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރާ މެންބަރެއް.
ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (5) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ ފަރާތެއް އިންތިޚާބު ކުރަންޖެހޭތީ، އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 2 ޖަމްޢިއްޔާއިންނެވެ. މި މަޤާމަށް ކުރިމަތި ލައްވާފައިވާ ޖަމްޢިއްޔާތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.
ތަރުތީބު ނަމްބަރު |
ޖަމްޢިއްޔާގެ ނަން |
01 |
މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް |
02 |
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން |
ޤާނޫނު ނަންބަރު 8/2010 ގެ 5 ވަނަ މާއްދާގެ (ހ) (6) ގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން މެންބަރަކު ހޮވުމަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމުން ކުރިމަތިލާފައި ވަނީ 3 ފަރާތަކުންނެވެ.
މި މަޤާމަށް ކުރިމަތި ލައްވާފައިވާ ކެންޑިޑޭޓުންގެ މަޢުލޫމާތު ތަރުތީބު ކުރެވިފައިވާ ގޮތަށް ތިރީގައި މިދަންނަވަނީއެވެ.
ކެންޑިޑޭޓް ނަމްބަރު |
ފުރިހަމަ ނަން |
އެޑްރެސް |
އަތޮޅާއި ރަށް |
01 |
އަޙްމަދު ފާއިޒް |
މ.ކުރެލި |
މާލެ |
02 |
އަޙްމަދު ނަޖީބް |
ފީރޯޒްގެ |
ގއ.ވިލިނގިލި |
03 |
މުޙައްމަދު މާޒިން |
ވ.ނޯޗާންސް |
މާލެ |
ވީމާ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލަށް ކުރިމަތިލައްވާފައިވާ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުމަށް ރަޖިސްޓަރީ ކުރުމަށް ބޭނުންވާ ފަރާތްތަކަން 2016 ޖަނަވަރީ 24 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލްގެ އިންތިޚާބުގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ފުރިހަމަ ކުރައްވައި މާލޭގައިނަމަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އަދި އަތޮޅުތެރޭގައި ނަމަ އެރަށެއްގެ ރަށު ކައުންސިލް ނުވަތަ އެފް.ސީ.އެސް.ސީ މެދުވެރިކޮށް މި މިނިސްޓްރީއަށް ފޮނުއްވުމަށް މުއްދަތު އިތުރު ކުރެވުނުކަން އާންމުކޮށް އިޢުލާން ކުރީމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލްގައި ތަމްސީލު ކުރައްވާނެ މެންބަރުން ހޮއްވެވުމަށް ބާއްވާ ވޯޓުލުން 2016 ފެބުރުވަރީ 3 ވާ ބުދަ ދުވަހުގެ 09:00 ން 14:00 އަށް، މާލޭގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ ގައި އަދި އަތޮޅު ތެރޭގައި ވޯޓްލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތައް ހިމެނޭ ރަށްތަކުގެ ރަށު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.
ވޯޓުލާން ރަޖިސްޓަރީ ކުރުމަށްޓަކައި އަދި ވޯޓުލާން ވަޑައިގަންނަވާއިރު ބޭނުންވާ ލިޔެކިއުންތައް:
1. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އެމީހުން އިންތިޚާބު ކުރާ މެންބަރުކަމަށް ކުރިމަތިލުމަށްބޭނުންވާނެ ލިޔެކިޔުންތައް
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓަރީ ކުރާނަމަ ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމާއި، ރަޖިސްޓަރީ ވުމަށް އެދޭ ފަރާތުގެ، ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން 18 އަހަރުންދަށުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތެއް ވޯޓުލާނަމަ އެފަރާތުގެ ބަދަލްގައި ވޯޓްލެވޭނީ މައިންބަފައިން ނުވަތަ ޤާނޫނީ ގޮތުން ބެލެނިވެރިކަން ހަވާލްކޮށްފައިވާ ފަރާތަކަށެވެ. މިފަރާތްތަކުން ވޯޓުލާން ވަޑައިގަންނަވާއިރު ޤާނޫނީ ގޮތުން ބެލެނިވެރިކަން ޙަވާލްކޮށްފައިވާކަން އެގޭނެފަދަ ރަސްމީ ލިޔުމެއް ގެންނެވުން އެދެން.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އިންތިޚާބު ކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓުލުމަށް ވަޑައިގަންނަވާއިރު އަތޮޅުތެރޭގައިނަމަ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތުން ވޯޓްލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު. މާލޭގައިނަމަ އެންސްޕާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު.
2. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތް ކުރާ ޖަމްޢިއްޔާ ނުވަތަ އެފަދަ މީހުންނަށް ޚިދުމަތްދޭ ޖަމްޢިއްޔާތަކުން އިންތިޚާބު ކުރާ މެންބަރުކަމަށް ކުރިމަތިލުމަށް ބޭނުންވާނެ ލިޔެކިޔުންތައް
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމާޔަތްކުރާ ޖަމްޢިއްޔާތަކުން އިންތިޚާބުކުރާ މެންބަރު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓްލުމަށް ރަޖިސްޓަރީ ކުރާނަމަ، ރަޖިސްޓަރީ ކުރުމަށް ފުރާ ފޯމު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒުގައި ރަޖިސްޓަރީވެފައިވާ ޖަމިއްޔާއެއް ކަން އެނގޭނެ ރަސްމީ ލިޔުން، ޖަމްޢިއްޔާގެ މެންޑޭޓް، ޖަމްޢިއްޔާގެ ފަރާތުން ވޯޓްލާ ފަރާތްކަން އެނގޭނެ ރަސްމީ ލިޔުން އަދި ވޯޓްލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ރަސްމީ ލިޔުމެއްގެ ކޮޕީ.
އަދި ވޯޓުލުމަށް ވަޑައިގަންނަވާއިރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ފަރާތުން ވޯޓުލުމަށް ބޭނުންކުރެވޭ، މުއްދަތު ހަމަނުވާ ފޮޓޯޖެހި ރަސްމީ ލިޔުމެއްގެ އަސްލު.
މި އިންތިޚާބާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުމުއްވާނީ މި މިނިސްޓްރީގެ ނަންބަރު: 3027547 އަދި 3027557 އާއެވެ.
ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
1 ރަބީޢުލްއާޚިރު 1437