ދިވެހިރާއްޖެ
އިޢުލާން
|
1447 ވަނަ އަހަރުގެ އަޟްޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކުރުމާއި ގުޅޭ |
1447 ވަނަ އަހަރު އަޟުޙާ ޢީދު ( ބޮޑު ޢީދު ) ކައިރިވަމުން އަންނާތީ އާއި ކޮންމެ އަހަރެއްގެވެސް އަޟުޙާ ޢީދަކީ ރަށުން ބޭރުގައި އުޅޭ ރަށުގެ ގިނަ ރައްޔިތުންނާއި ، ރާއްޖޭގެ އެކި ރަށްރަށުން ބީރައްޓެހިން ގިނަ ޢަދަދަކަށް ރަށަށް ޒިޔާރަތްކުރާ މުނާސަބަތަކަށްވާތީ، އަންނަ އަޟުޙާ ޢީދަށް ތައްޔާރުވުމުގެ ގޮތުން ރަށުތެރެ ސާފުކޮށް ރީތިކޮށް ބޭއްވުމަށްޓަކައި ކައުންސިލްގެ ޙާއްސަ ހުއްދައިގެ ދަށުން ބެހެއްޓިފައިވާ ތަކެތި ފިޔަވައި ގޭގޭދޮށާއި، ގޯތިތަކުގެ މަގުތަކާއި، ގޯޅިތަކުގައި ބެހެއްޓިފައި ހުންނަ ޖޯލިފަތި ތަކާއި ލަކުޑިފަދަ ތަކެއްޗާއި އަދި މިނޫނަސް މިފަދަ އެންމެހައި ތަކެތި ނަގާ، ވިނަ ހެދިފައި ހުންނަ މަގުފަޅިތަކުގެ ވިނަ ނޮޅާ ސާފުކުރުމާއި، މަގުގޯޅިތަކުގައި ހިނގާބިނގާވެ އުޅޭމީހުންނާއި ދުއްވާ ތަކެއްޗަށް ދަތިވާގޮތަށް ހުންނަ ގަސްތަކާއި، ގޮފިތައް ކަނޑާ 2026 މެއި 24 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ނިންމެވުމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުކަން ދެއްވުމަށް ދަންނަވަމެވެ.
ބޮޑުޢީދަކީ އެހެން އަހަރުތަކާ އެއްފަދައިން މުޅި ރަށުގެ ކުދިބޮޑު އެންމެން ޝާމިލުވެގެން އެކުވެރިކަމާއި، އެއްބައެއް ވަންތަކަމާއެކު، އެއްރޫޙެއްގައި ފާހަގަ ކުރެވޭ ޚާއްޞަ ޢީދަކަށްވާތީ، ރަށުތެރެ ސާފުކުރުމުގައިވެސް ޚާއްޞަ ސަމާލު ކަމެއް ދެއްވައިގެން ކުރިއަށް ގެންގޮސް ދެއްވުމަށް ދަންނަވަމެވެ.
މީގެ އިތުރުން ތަންތަން ހަޑިވެ ފެންހަރުލައި މަދިރި އުފެދޭގޮތަށް ހުރުމަކީ ނުރައްކާތެރި ބަލިތައް ފެތުރުމަށް އޮތް ސަބަބަކަށްވާތީ، މަދިރިން ޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި، އަޟުޙާ ޢީދަށް ރަށުތެރެ ޒީނަތްތެރިކުރުމުގެ ގޮތުން މަދިރި އާލާވާ ގޮތަށް ހުންނަ ތަކެއްޗާއި ތަންތަން ސާފުކުރުމަށްވެސް ދަންނަވަމެވެ. އަދި ބޭނުން ނުކޮށް ހުންނަ ވަޅު ފަދަ ތަންތަން ސާފުކުރުމާއި، މަދިރި އާލާވާ ގޮތަށް ހުރި ތަންތަން ނައްތާލުމަށް މަސައްކަތް ކުރުމަށް އިލްތިމާސްކުރަމެވެ.
އަދި ދަންނަވަމެވެ. މިފަދަ ކޮންމެ ކަމެއްގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް މިފުރުސަތުގައި ޝުކުރު ދަންނަވަމެވެ.
މިހެންވެ، މިކަންއާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
03 ޛުލްޙިއްޖާ 1447
20 މެއި 2026
އަޙްމަދު އިލްޙާމް
ފީއަލީ ކައުންސިލްގެ ރައީސް