ނޫސްބަޔާން
ނަންބަރު: (PR)203-EIARES/203/2015/4
ޕަބްލިޝްކުރި ތާރީޚް: 22 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:13
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ކ.ހިންމަފުށީގެ ބިން ހިއްކުމާއި ގުޅޭގޮތުން

ކ.ހިންމަފުށީގެ ބިން ހިއްކުމާ ގުޅޭގޮތުން

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 20 ޑިސެންބަރު 2015 ވަނަ ދުވަހު ކ.ހިންމަފުށީ ބިންހިއްކުމާ ބެހޭ ގޮތުން ނެރެފައިވާ ނޫސް ބަޔާނަށް ހަވާލާދީ ދަންނަވަމެވެ. އެ ނޫސް ބަޔާނުގައި ޙަޤީޤަތް އޮޅޭ ފަދަ މަޢުލޫމާތު ހިމަނާފައިވާކަން މި އެޖެންސީއަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އެ ބަޔާނުގައި އީ.ޕީ.އޭ ގެ ރިޕޯޓެއްގެ ވާހަކަ ގެންނަވާފައިވާއިރު، މި އެޖެންސީއަކީ އެއްވެސް މަޝްރޫޢުއެއް ކުރިއަށް ގެންދިއުމަށް ރިޕޯޓު ތައްޔާރުކުރާ ފަރާތެއް ނޫނެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު 4/93 ގެ 5 ވަނަ މާއްދާގެ ށ ގެ ދަށުން އެކުލަވައިލައި އާންމުކޮށްފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާ ބެހޭ ގަވާއިދު 2012 ގެ ދަށުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ ކުރިން، މަޝްރޫޢުތައް ކުރިއަށް ގެންދާ ފަރާތްތަކުން ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރުކޮށް، އީ.ޕީ.އޭއަށް ހުށަހަޅާ ތިމާވެށީގެ ކްލިއަރަންސް ހޯދަންޖެހެއެވެ. މިގޮތުން ކ.ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓަރަކްޗަރއިން، ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް މި އެޖެންސީއަށް ވަނީ ހުށަހަޅާފައެވެ. އަދި މި އެޖެންސީން މި ގެންދަނީ މި ރިޕޯޓު ރިވިއުކުރަމުންނެވެ.

ކަން އޮތްގޮތަކީ މިއީ ކަމަށްވުމާއެކު ކ.ހިންމަފުށީ ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުގެ މަޝްވަރާ ހޯދުމަކާ ނުލައި މި އެޖެންސީން ރިޕޯޓެއް ތައްޔާރުކޮށްފައިވާކަން ދޭހަވާގޮތަށް އެ ކައުންސިލުން ނޫސް ބަޔާނެއް ނެރެފައިވާތީ އެކަން މި އެޖެންސީން ކުށްވެރިކުރަމެވެ. އަދި މިފަދަ ކަންކަމުގައި ނޫސްބަޔާންތައް ނެރުމުގެ ކުރީން ކަމުގެ ޙަޤީޤަތް އޮޅުންފިލުވުމަށް މި އެޖެންސީން އިލްތިމާސް ކުރަމެވެ.

11 ރަބީޢުލްއައްވަލް 1437

22 ޑިސެންބަރު 2015