ދިވެހިރާއްޖެ
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް ކުރިމަތިލާ ފަރާތްތަކުން، މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިގުމުއްދަތަކަށް ދިރިއުޅެފައިވާކަން ސާބިތުކޮށްދޭ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން ކައުންސިލަށް ހުށަހަޅަމުންދާތީ އެކަމާ ގުޅޭގޮތުން ދަންނަވަމެވެ.
ރަށުންބޭރުގައި ދިރިއުޅޭ ފަރާތްތަކަށް ރަށުން ބޭރުގައި ދިރިއުޅޭކަމުގެ ލިޔުން ދޫކުރުމާއި ގުޅޭގޮތުން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ނަންބަރ 221-CCS/2026/05 (22 ޖަނަވަރީ 2026) ސިޓީގައި ބަޔާންކޮށްފައިވާގޮތުގެމަތިން، މިފަދަ ލިޔުމެއް ދޫކުރަންވާނީ އެކައުންސިލަކުން ބަލަހައްޓަމުންދާ ރަސްމީ މައުލޫމާތުތަކަށް ބިނާކޮށްގެންނެވެ. ނަމަވެސް، ،މިއިދާރާގައި މިހާތަނަށް ރަށުންބޭރުގައި ދިރިއުޅޭ އެފަދަ ފަރާތްތަކުގެ މަޢުލޫމާތު ރަސްމީ ދަފްތަރެއްގައި ބަލަހައްޓަމުން ނުގެންދާކަމުގައި ދަންނަވަމެވެ.
ވީމާ، މިފަދަ ލިޔުމެއް ހޯދުމަށް ކައުންސިލަށް ހުށަހަޅާއިރު އެފަރާތަކީ މާލޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ދިރިއުޅެމުންދާ ނުވަތަ ދިރިއުޅެފައިވާ ފަރާތެއްކަން ކަށަވަރުކޮށްދޭ، ރަސްމީ ޢިދާރާއެއް ނުވަތަ ކުންފުންޏަކުން ދޫކޮށްފައިވާ ދިރިއުޅުނު މުއްދަތު އެނގޭނެ ލިޔުމެއް ސިޓީއާއި އެކު ހުށަހެޅުމަށް ދަންނަވަމެވެ. މިގޮތުން ހުށަހެޅޭނެ ލިޔުންތަށް ތިރީގައި އެވަނީއެވެ.
01- ވަޒީފާ އަދާކުރި މުއްދަތު އެނގޭނެ ރަސްމީލިޔުން.
02- މާލޭގައި ދިރިއުޅުނު ގޭގެ ވެރިފަރާތުންދީފައިވާ ނޮޓޮރައިޒްކޮށްފައިވާ އިޤްރާރު (އެފިޑެވިޓް)
03- ސްކޫލް ލީވިންގ ސެޓްފިކެޓް.
04- ލިޔުން ހޯދަންއެދޭ ފަރާތްތަކުގެ އައި.ޑީ.ކާޑް ކޮޕީ
އަދި ދަންނަވަމެވެ، މިލިޔުން ހޯދުމަށް މިހާރު ހުށަހަޅާފައިވާ ފަރާތްތަކުން އިސްވެ ދެންނެވުނު ލިޔުންތައް، މިޢިދަރާގެ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.
މިފަދަ ލިޔުންތައް ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތު މިކައުންސިލުން ވަކި ދަފްތަރެއްގައި ރިކޯޑްކޮށް، ލިޔުންދޫކުރަމުން ގެންދާނެވާހަކަ ދަންނަވަމެވެ. އަދި ހުށަހަޅާ ލިޔުންތަކުން އެފަރާތަކީ މާލޭގައި ނުވަތަ ރަށުން ބޭރުގައި ދިރިއުޅެފައިވާ ފަރާތެއްކަން ކައުންސިލަށް ކަށަވަރު ނުކުރެވޭނަމަ، އެފަދަ ފަރާތްތަކަށް ލިޔުން ދޫނުކުރެވޭނެ ވާހަކަވެސް މަޢުލޫމާތައްޓަކައި ދަންނަވަމެވެ.