ދިވެހިރާއްޖެ
ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ބްރޭކް ބަލްކް ކާގޯގެ ތެރެއިން ވެއަރ ހައުސްގައި ބަހައްޓާ "ނޮން ޕެރިޝަބަލް ބްރޭކް ބަލްކް ކާގޯ" އަށް ދޭ ފްރީ ސްޓޯރޭޖްގެ މުއްދަތުގެ ފަސް (5) ދުވަހަށް އިތުރުކުރުމަށް މި ކުންފުނިން ވަނީ ނިންމާފައެވެ. ބަނދަރަށް ގެންނަ "ނޮން ޕެރިޝަބަލް ބްރޭކް ބަލްކް ކާގޯ" ގެ ތެރެއިން ވެއަރ ހައުސްގައި ބަހައްޓާ މުދަލަށް މިހާތަނަށް ފްރީ ސްޓޯރޭޖްގެ ގޮތުގައި ދެމުންދިޔައީ ދެ (2) ދުވަހެވެ.
ވެއަރ ހައުސްގައި ބަހައްޓާ "ނޮން ޕެރިޝަބަލް ބްރޭކް ބަލްކް ކާގޯ" ދެވުނު އައު ފްރީ ސްޓޯރޭޖްގެ މުއްދަތު ހިނގާނީ 25 މާރިޗު 2026 ވަނަ ދުވަހުން ފެށިގެން އަންނަ ކާގޯ އުޅަނދު ފަހަރުން ބާލާ މުދަލަށެވެ.
މީގެ އިތުރުން ކަސްޓަމަރުންގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. އެއް ބިލް އޮފް ލޭޑިންގ (ބީ.އެލް) އެއްގެ ދަށުން ރާއްޖެއަށް ގެންނަ މުދާ ބޯޓުން ބޭލެމުން ދާ އަދަދަކުން ކްލިއަރކުރެވޭނެ ވާހަކަ ދަންނަވަމެވެ. ބަނދަރު ތޮއްޖެހުން ކުޑަކުރުމާއި، މުދަލަށް ޑެމަރޭޖް އެރުވުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން، އެއް ބީއެލްގެ ދަށުގައިވާ ހުރިހާ ކޮންޓެއިނަރތައް ބޭލެންދެން މަޑުނުކޮށް، ކޮންޓެއިނަރ ބޭލޭ ވަރަކުން ކްލިއަރަންސްގެ މަރުހަލާތައް ކުރިއަށް ގެންދިއުމަށް މުދާ އެތެރެކުރާ ފަރާތްތަކަށް މި ކުންފުނިން އިލްތިމާސްކުރަމެވެ.
މި ކުންފުނީގެ އަމާޒަކީ ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ގުޅިގެން މުދާ އެތެރެކުރާ ފަރާތްތަކަށް ބަނދަރުގެ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމެވެ. މި ބަދަލަކީވެސް މުދާ އެތެރެކުރާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގެނެވުނު ހެޔޮ ބަދަލެކެވެ.