ދިވެހިރާއްޖެ
މަގުމަތީގައި ވީއްލިގެން އުޅޭ ބުޅާތަކަށް ހާނީއްކަކުރުން
މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ބައެއް ފަރާތްތަކުން ޖަނަވާރުންނަށް އިހާނެތިކޮށް ހިތާއި، ހާނިއްކަކުރުމާއި މަރާލުމުގެ އިތުރުން، އެތަކެއްޗަށް އަޅާނުލައި ދޫކޮށްލާކަމުގެ ޝަކުވާތައް މިމިނިސްޓްރީއަށް ލިބެމުންދާ ވާހަކަ ހިތާމައާއެކު ދަންނަވަމެވެ. އަދި މިކަންކަމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަންކަމެއް ނޫންކަން މި މިމިނިސްޓްރީން ދަންނަވަމެވެ.
ޖަނަވާރުންނަކީ ވޭނާއި، ބިރާއި، ތުރާ އިހުސާސްކުރެވޭ ފުރާނަ ހުރި މަޚްލޫޤުންނަށް ވީހިނދު، އެ ތަކައެޗަށް އޯގާތެރިކޮށް ހިތުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ އިންސާނިއްޔަތުކަމުގެ ގޮތުންނާއި ދީނީ ގޮތުންނާއި ޤާނޫނީ ގޮތުންވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް ވާޖިބެކެވެ.
ދާދިފަހުން ތަޞްދީޤުކުރެވުނު "ޖަނަވާރު ގެންގުޅުމާއި ޖަނަވާރުންގެ ރައްކާތެރިކަމުގެ ގާނޫނު" (25-2025) ގެ ދަށުން، ޖަނަވާރުންނަށް ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް މިހާރު ވަނީ ޤާނޫނީ ގޮތުން ކަނޑައަޅައި ކަށަވަރުކޮށްދީފައެވެ. ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ރިޢާޔަތްކޮށް އެކުލަވާލާފައިވާ މި ޙައްޤުތަކުގެ ތެރޭގައި ހިމެނެނީ:
- ހައިހޫނުކަމާއި، ކަރުހިއްކުމާއި، ކާޑުބަލިން މިންޖުވުމުގެ މިނިވަންކަން.
- ބިރުގަތުމާއި، ހާސްވުމާއި، ކަންބޮޑުވުމުން މިންޖުވުމުގެ މިނިވަންކަން.
- ޖިސްމާނީ ގޮތުން އަރާމުނުލިބުމުން މިންޖުވުމުގެ މިނިވަންކަން.
- ވޭނާއި، ހާނީއްކައާއި، ބަލިން މިންޖުވުމުގެ މިނިވަންކަން.
- އާދަވެގެން ޖަނަވާރު އުޅޭ އުޅުމަށް އެޅޭ ހުރަސްތަކުން މިންޖުވުމުގެ މިނިވަންކަން.
މި ޙައްޤުތަކަކީ މިހާރު ޤާނޫނީ ގޮތުން (ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ގާނޫނު - ގާނޫނު ނަންބަރު 25-2025) ރައްކާތެރިކަން ދީފައިވާ ކަންކަމެވެ. އެހެންކަމުން، ޖަނަވާރުންނަށް އިހާނެތިކޮށް ހިތާ، އަނިޔާކޮށް މަރާ ނުވަތަ ނުބަލައި ދޫކޮށްލާ ފަރާތްތަކާމެދު، މި ޤާނޫނުގެ ދަށުން ޖޫރިމަނާކުރުމާއި ޖަލަށްލުން ފަދަ ހަރުކަށި ޤާނޫނީ ފިޔަވަޅުތައް އެޅޭނެ ވާހަކަ ދަންނަވަމެވެ.
މީގެއިތުރުން، ޤާނޫނުގެ 80 ވަނަ މާއްދާ ކަމުގައިވާ "ޖަނަވާރުންނަށް އިހާނެތިކޮށް ހިތުމާއި އާންމު ތަންތަނަށް ޖަނަވާރު ދޫކޮށްލުން" މި މާއްދާގެ ދަށުން ޚާއްސަ އުސޫލުތަކެއް ވަނީ ތަރުތީބުކުރެވިފައެވެ. އެ މާއްދާގައި ކަނޑައަޅާފައިވާ މުހިންމު ނުކުތާތަކަކީ:
(ހ) ޖަނަވާރުންނަށް އިންސާނިއްޔަތުކަމެއް ނެތް އެއްވެސް ބާވަތެއްގެ އިހާނެތި އަމަލެއް ހިންގުމަކީ ނުވަތަ އެފަދަ އެއްޗަކަށް ގޯސްކޮށް ހިތުމަކީ މަނާކަމެކެވެ.
(ށ) ގޭގޭގައި ގެންގުޅޭ ޖަނަވާރުތައް، އެއްވެސް ބެލެހެއްޓުމެއް ނެތި އާންމު ތަންތަނަށް ދޫކޮށްލުމަކީ މަނާކަމެކެވެ.
(ނ) މި މާއްދާގެ (ހ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، 5,000 (ފަސްހާސް) ރުފިޔާއާއި 50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
(ރ) މި މާއްދާގެ (ށ) އާ ޚިލާފުވާ ފަރާތްތައް، އެ ކުރި އަމަލެއްގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، 5,000 (ފަސްހާސް) ރުފިޔާއާއި 10,000 (ދިހަހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
ހަމައެއާއެކު، ޖަނަވާރުންނަށް ރަޙުމުކޮށް، އޯގާތެރިކަމާއި، އަޅާލުމާއި، އިންސާނިއްޔާތުކަމާއެކީ ޢަމަލު ކުރުމަކީ އިސްލާމް ދީނުގައި ބާރު އަޅާކަމެއްކަން މިމިނިސްޓްރީން ފާހަގަކުރަމެވެ. އިސްލާމްދީނުގައި ހުރިހާ ދިރޭ ތަކެއްޗަށް ރަޙުމްކުރުމަށް ވަނީ ވަރަށް ބޮޑަށް ބާރުއަޅުއްވާފައެވެ. ކީރިތި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ސުންނަތުން އެނގޭ ގޮތުގައި، ޖަނަވާރުންނަށް އޯގާތެރިވުމަކީ އިންސާނުންގެ މައްޗަށް އޮތް ދީނީ އަދި އަޚްލާޤީ ޒިންމާއެކެވެ. އަދި އެއްވެސް ބޭނުމެއްނެތި ޖަނަވާރުންނަށް ތުރާލެއް ދިނުމަކީ ދީނީގޮތުން މަނާކުރައްވާފައިވާ ކަމެކެވެ.
އެހެންކަމުން، ޖަނަވާރުންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށްޓަކައި އެންމެހާ ރައްޔިތުން ޒިންމާދާރުކަމާއެކު އަމަލުކުރުމަށާއި، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރަމެވެ. ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އަޅުގަނޑުމެން އެންމެންގެ ހިއްސާ އޮތް އިޖުތިމާޢީ ޒިންމާއެކެވެ. ޖަނަވާރުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ޤާނޫނުތައް ފުރިހަމައަށް ތަންފީޛުކުރުމާއި، އެތަކެތީގެ ޙައްޤުތައް ހިމާޔަތްކުރުމުގައި ސަރުކާރުން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން އަރުވަމެވެ.