ދިވެހިރާއްޖެ
ދޮށީގެ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައާއި ލާބަޔަށް ޤާއިމުކޮށްފައިވާ ކަނދުފަތިތަކަށް ގެއްލުންވާ ފަދަ ޢަމަލުތައް ގިނަވެ ޢާންމުވުން.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ހިންގަމުންގެންދާ އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 54 ކަނދުފަތީގެ ވިޔުގައެއް ވަނީ އެކުލަވާލެވިފައެވެ. މިއީ، ރާއްޖޭގައި ދޮށީ މަސްވެރިކަންކުރާ ފަރާތްތަކުގެ ފަސޭހައާއި ލާބައަށްޓަކައި ސަރުކާރުން ވަރަށްބޮޑު ހޭދައެއް ކުރައްވައިގެން ޤާއިމުކޮށްދީފައިވާ ކަނދުފަތިތަކެކެވެ. ނަމަވެސް، ފަހަކަށްއައިސް މިފަދަ އޮއިވާލި ކަނދުފަތިތައް ހަރުކުރުމުގެ މަޤްޞަދު ގެއްލޭގޮތަށް އޮއިވާލި ކަނދުފަތިތަކަކަށް ގަސްތުގައި ގެއްލުން ދިނުމާއި، އުޅަނދުގެ ވައު އައްސައިގެން މަސްވެރިކަން ކުރުމާއި، އޮއިވާލި ކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުން ވަރަށް ބޮޑަށް ޢާންމުވެފައިވާކަމުގެ ރިޕޯޓު މިމިނިސްޓްރީއަށް ދަނީ ލިބެމުންނެވެ. މިފަދަ ޢަމަލުތަކަކީ ފަހަކަށް އައިސް ގިނަ އަދަދަކަށް ކަނދުފަތި ކަނޑައިގެންދާދިއުމާ ވަރަށްބޮޑަށް ގުޅިފައިވާ ކަމެއްކަން މިމިނިސްޓްރީއަށް ވަނީ ކަށަވަރުވެފައެވެ. އަދި މީގެ އިތުރުން ކަނދުފަތިތަކުގެ ކައިރިން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމާއި ކަނދުފަތިތަކުގެ ކައިރިއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކުން ފީނަމުންދާކަމުގެ ޝަކުވާ ވެސް މިމިނިސްޓްރީއަށް ލިބެމުންދެއެވެ.
ކަނދުފަތިތަކުގެ 3 މޭލު ކައިރީގައި ދިރޭ އެން ޖަހައިގެން އަޑިއަށް ފެއްތުމާއި، މިޔަރު ނެގުމާއި، ވަދުއެޅުމާއި، އެމުގެ ގޮތުގައި ތާވަޅަ ބޭނުންކުރުމާއި، ކަނދުފަތީގެ ބޮޔަށް ވައު އައްސައި އޭގައި ދޯނިފަހަރު އަޅައިގެން ތިބުން ފަދަ އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާނެ އެއްވެސް ޢަމަލެއް ކުރުމަކީ ޤާނޫނު ނަންބަރު 5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 3 ވަނަމާއްދާގެ ދަށުން ބާރުލިބިގެން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގެ 17 ވަނަ މާއްދާއިން މަނާކޮށްފައިވާ ކަމެކެވެ.
ވީމާ، އޮއިވާލި ކަނދުފަތީގެ މަސްވެރިކަމަށް ގެއްލުންވާފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ޤާނޫނު ނަންބަރު 5/87 (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ)އިން މިމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށް ލިބިދޭ އިޚުތިޔާރުގެ މަތިން ހަދާފައިވާ މަސްވެރިކަމުގެ ގަވާއިދުގެ ދަށުން މަނާކަމެއްކަން އެންމެހާ ފަރާތްތަކަށް ތަކުރާރުކޮށް ހަނދުމަފުޅުކޮށް އެންގުމަށްޓަކައި ޢާންމުކޮށް އިޢުލާންކުރަމެވެ. މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަން މިފުރުޞަތުގައި ހަނދުމަފުޅުކޮށް އަރުވަމެވެ. އަދި ގަވާއިދާ ޚިލާފަށް އޮއިވާލި ކަނދުފަތިތަކަށް ގެއްލުން ލިބޭގޮތަށް ނުވަތަ އޮއިވާލިކަނދުފަތިތަކުގެ ކައިރިން ގަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ފަރާތްތައް ފަރުދީ ޒިންމާއެއްގެ ގޮތުގައި ދެކިގެން، އެސަރަޙައްދެއްގައި ހުންނަ ޕޮލިސް ސްޓޭޝަންތަކަށް ހުށަހެޅުމަކީ މިމިނިސްޓްރީގެ ވަރަށް ބޮޑު އެދުމެކެވެ.
ދަންނަވާފައިވާ ފަދައިން، އޮއިވާލިކަނދުފަތި ޤާއިމުކުރުމުގެ މަޝްރޫޢަކީ ސަރުކާރުން ވަރަށްބޮޑު ހޭދައެއް ކުރައްވައިގެން ހިންގާ މަޝްރޫޢަކަށްވާތީ، ގަސްދުގައި ގެއްލުންދީގެން ކަނޑައިގެންދާ ޝަކުވާ ލިބޭ ކަނދުފަތިތައް މިހާރު ކަނދުފަތިތައް ޤާއިމުކޮށްދޭ އަވަސްމިނުގައި ޤާއިމުކޮށްދެވެން ނޯންނާނެ ވާހަކަ ޢާންމުކޮށް އެންގީމެވެ.