ނޫސްބަޔާން
ނަންބަރު: 203-LAW/1/2025/3
ޕަބްލިޝްކުރި ތާރީޚް: 25 ޑިސެންބަރު 2025
ޕަބްލިޝްކުރި ގަޑި: 23:01
ސުންގަޑި: 08 ޖަނަވަރީ 2026 00:00
އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީގެ ހުއްދަނެތި ރ. އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫޢު ކުރިޔަށް ގެންދިޔުމާ ގުޅިގެން ޖޫރިމަނާ ކުރުން

ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012) އާ ޚިލާފަށް، އެ ގަވާއިދުގެ 20 ވަނަ މާއްދާގައި ޖަދުވަލު (ރ)، (ޔ) އަދި (ޓ) ގައި ނުހިމެނޭ މަޝްރޫޢުތަކުގެ ތެރެއިން ތިމާވެށްޓަށް ފާހަގަކުރެވޭ ބަދަލެއް ނުވަތަ ނޭދެވޭ އަސަރެއްކޮށްފާނެ މަޝްރޫޢުތައް، އެ މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފެއްޓުމުގެ ކުރިން މި ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ސްކްރީންކޮށް، މި އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ދެންނެވުނު މަރުޙަލާތައް ފުރިހަމަ ކުރުމަކާނުލައި ރ.އިފުރުގައި ސީޕްލޭން ޕްލެޓްފޯމެއް އެޅުމުގެ މަޝްރޫޢުގެ މަސައްކަތްތައް މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންގޮސްފައިވެއެވެ. އެހެންކަމުން އެ މައްސަލަ މި އޮތޯރިޓީން ބެލުމަށްފަހު، ދެންނެވުނު ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ ދަށުން، އެ ގަވާއިދުގެ ޖަދުވަލު (ޖ) ގައި ބަޔާންކޮށްފައިވާ ކުށް ކުރި ފުރަތަމަ ފަހަރަށް ކަނޑައަޅާފައިވާ 20،000.00ރ. (ވިހި ހާސް ރުފިޔާ) އިން މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑު ވަނީ 21 ޑިސެންބަރު 2025 ގައި ޖޫރިމަނާ ކޮށްފައެވެ.  

އަދި ދެންނެވުނު ޖޫރިމަނާ، 21 ޑިސެންބަރު 2025 އިން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ސަރުކާރުގެ އިދާރާތަކަށް ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ބަނޑޭރި ޕޭ މެދުވެރިކޮށް މި އޮތޯރިޓީއަށް ދެއްކުމަށާއި، މާންތާ އޭވިއޭޝަން ޕްރައިވެޓް ލިމިޓެޑުން ކުރިޔަށް ގެންދާ މަޝްރޫޢުތަކުގެ މަސައްކަތްތައް ގަވާއިދު ނަންބަރު: 2012/R-27 (ތިމާވެށްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު 2012) އާއި އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދެވުމަށް ނަސޭޙަތްތެރިވެފައިވާނެއެވެ.

25 ޑިސެންބަރު 2025