ދިވެހިރާއްޖެ
ހަވާލާދީފައިވާ މި މިނިސްޓްރީގެ އިޢުލާނާ ގުޅިގެން ބައެއް މަޢުލޫމާތު އިތުރަށް ސާފު ކޮށްދިނުމުގެ ގޮތުން ދަންނަވަމެވެ. އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރުމަށް ކުރިއެކޭ އެއްފަދައިން މިހާރުވެސް އުޅަނދު ބޭއްވުމަށްޓަކައި ރަޖިސްޓަރީކޮށްފައިވާ ގަރާޖު ޖާގައެއް އޮތުން ލާޒިމު ކަމުގައި ދަންނަވަމެވެ. އެހެންނަމަވެސް މިވުޒާރާއިން އިދާރީ ގޮތުން ގަރާޖާގުޅޭގޮތުން ބެލުމަށް ބޭނުންވާ ކަންކަން ކަށަވަރު ކުރުމަށް ގެންގުޅޭ އުސޫލު ވަނީ ރައްޔިތުންނަށް ފަސޭހަވާނެ ފަދައިން ބަދަލު ކޮށްފައެވެ.
އެގޮތުން މިހާތަނަށް ގަރާޖާގުޅިގެން ހުށަހަޅުމަށް ލާޒިމްކޮށްފައިވާ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ
1- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ)
2- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ވެހިކަލް ގަރާޖު ކުރުމުގެ ހުއްދަ (ވެހިކަލް ގަރާޖު ޕާމިޓް)
3- ގަރާޖު ވެރިފަރާތުގެ އިޢުތިރާޛެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން
އެހެންނަމަވެސް 2026 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ގަރާޖާ ގުޅިގެން ހުށަހެޅުމަށް ކަނޑައަޅާފައިވާ ލިޔުންތަކަކީ
1- މާލެ ސިޓީ ކައުންސިލުން ނުވަތަ ހައުސިންގ ޑިވެލޮޕެންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ދޫކުރާ ވަކި ކަމަކަށް އިމާރާތް ބޭނުންކުރުމުގެ ހުއްދަ (އިމާރާތް ގަރާޖެއްގެ ގޮތުގައި ބޭނުންކުރުމުގެ ހުއްދަ)
2- ގަރާޖު ވެރިފަރާތުގެ އިޢުތިރާޛެއް ނެތްކަމުގެ ލިޔުމާއި ވެރިފަރާތުގެ އައިޑެންޓިފިކޭޝަން
މި ބަދަލު ގެނެސްފައިވަނީ، އިދާރީ ގޮތުން ގަރާޖު ކުރުމާ ގުޅޭ ކަންކަން މި ވުޒާރާއިން ކަށަވަރު ކުރާނެ ގޮތްތައް ކަނޑައެޅުމުގައި، ކުރިން ވަކި ދެ އިދާރާ އަކުން ދެ ހުއްދަ ނަގަންޖެހި، އެއް ޚިދުމަތެއް ފުރިހަމަ ކުރުމަށް ރައްޔިތުން ދެ ފަހަރަށް ހުށަހަޅަން ޖެހުމުގެ ސަބަބުން ދިމާވެފައިވާ ދަތިތައް ކުޑަކޮށް، ޚިދުމަތްތައް ފަސޭހަ ކުރުމުގެ މަޤްޞަދުގައެވެ.
މީގެއިތުރުން، 2009 ވަނަ އަހަރު ގަރާޖު ލާޒިމް ކުރުމުގެ ކުރިން އަދި ކަނޑައެޅިގެން ވަކި ގަރާޖަކަށް ރަޖިސްޓަރީކޮށްފައިނުވާ އުޅަނދުތަކުގެ ވެރިފަރާތް ބަދަލު ނުކުރެވި ގިނަ ރައްޔިތުންތަކެއް މިކަމުގެ ޝަކުވާ މި ވުޒާރާއަށް ހުށަހަޅަމުންދާތީ، މިހާރުވެސް މާލެ ޒޯނުގައި ރަޖިސްޓަރީކޮށްފައިވާ މިފަދަ އުޅަނދުތަކަށް އިތުރު ގަރާޖު ލިޔުމެއް ހުށަހެޅުމަކާނުލައި ވެރިފަރާތް ބަދަލު ކުރެވޭނެ އިންތިޒާމު ވަނީ ފަހިކުރެވިފައެވެ.
މިބަދަލުތަކާއެކުވެސް މިހާރުވެސް އަމަލު ކުރަމުންދާ ފަދައިން، ގަރާޖުގެ ވެރިފަރާތުގެ ކޮންސެންޓް ވެރިފައި ކުރުމާއި ގަރާޖު އިންސްޕެކްޓް ކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރިއަށްގެންދާނެ ކަމުގައި ދެންނެވީމެވެ.