ދިވެހިރާއްޖެ
ނ.ލަންދޫ ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އެއްހަމަ ގޮތެއްގައި، ފަސޭހަކަމާއެކު ޚިދުމަތް ދިނުމުގެ މަޤްޞަދުގައި އެކުލަވާލާފައިވާ "ނ.ލަންދޫ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާޢިދު" 10 ޑިސެންބަރު 2025 ވާ ބުދަ ދުވަހުން (މިއަދު) ފެށިގެން ތަންފީޒުކޮށް، އެ ޤަވާއިދާ އެއްގޮތަށް ޢަމަލުކުރުމަށް ކައުންސިލުން ނިންމާފައިވާ ވާހަކަ ދަންނަވަމެވެ.
އެހެންކަމުން، މިއަދުން ފެށިގެން، ބަނދަރުގައި ހަރުކުރެވިފައިވާ ބޯޑުތަކާއި ޚިލާފަށް އޮޑިދޯނިފަހަރު އެޅުމާއި، މުދާ ބާލައި އެރުވުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މަސް މާރުކޭޓް ޢާންމުންނަށް ހުޅުވާލެވިފައިވާތީ، މަސް މާރުކޭޓް ފިޔަވައި ބަނދަރުގެ އެހެން ސަރަހައްދުތަކަށް މަސް ބޭލުމާއި، މަސް ކެނޑުމާއި، އަދި ފަޅުތެރެއަށް ގޮހޮރު އެޅުމަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ. މީގެ އިތުރުން، މި ޤަވާއިދުގައި މަނާކުރެވިފައިވާ އެންމެހައި ކަންތައްތަކަކީ މަނާކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ، މިހާރު ބަނދަރު ވާޓަރާއި، އެއާ ގުޅިފައިވާ ސަރަހައްދާއި، ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެތި، 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ކުރިން ބަނދަރު ސަރަހައްދުން ނެގުމަށް ހުރިހާ ފަރާތްތަކަށް ދަންނަވަމެވެ. އަދި ބަނދަރުގައި އޮޑިދޯނިފަހަރު އެޅުމުގައާއި، މުދާ ބާލައި އެރުވުމުގައި ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދާއި، ބަނދަރުގައި ހަރުކޮށްފައިވާ ބޯޑުތަކާ އެއްގޮތަށް ޢަމަލުކުރެއްވުމަށް ދަންނަވަމެވެ.
10 ޖަނަވަރީ 2026 ގެ ފަހުން، ޤަވާއިދާ ޚިލާފަށް ބަނދަރު ސަރަހައްދުގައި ބަހައްޓާފައިވާ ތަކެއްޗާއި، ޤަވާއިދާ ޚިލާފަށް އަޅާފައިވާ އޮޑިދޯނިފަހަރާއި އަދި އެނޫންވެސް ޤަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމާމެދު، ޤަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.
ނ. ލަންދޫ ބަނދަރަކީ ހުރިހާ އެންމެނަށް ލުއިފަސޭހަ ގޮތެއްގައި ބޭނުންކުރެވޭނެ ތަނަކަށް ހެދުމަށްޓަކައި، "ނ.ލަންދޫ ބަނދަރު ބެލެހެއްޓުމާބެހޭ ޤަވާއިދަށް" ހުރިހާ ފަރާތްތަކުންވެސް ޢަމަލުކޮށް، މި ކައުންސިލަށް އެއްބާރުލުން ދެއްވުމަކީ މިކައުންސިލުގެ ވަރަށް ބޮޑު އެދުމެއްކަމުގައި ދަންނަވަމެވެ. މިކަމުގައި އެންމެހައި ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.