ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:06
މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ
ދިވެހިރާއްޖެ
ރެހެންދި އެވޯޑް

ރެހެންދި އެވޯޑް

ތަޢާރަފު

ދިވެހިރާއްޖޭގެ ދެބައިކުޅައެއްބަޔަކީ އަންހެނުންނެވެ. އެހެނިހެން ޤައުމުތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގައި ވެސް، އަންހެނުން، ތިމާއާއި ޢާއިލާއާއި މުޖްތަމަޢު އަދި ޤައުމުގެ ކުރިއެރުމަށް އެކި ރޮނގުރޮނގުން ކުރަމުން ގެންދާ މަސައްކަތްތައް ގިނަގުނައެވެ. އެކަންކަން ފާހަގަކޮށް އިތުރަށް ކުރިއެރުވުމަކީ ޤައުމީ ގޮތުން ކުރަންޖެހޭނޭ ކަމެކެވެ. އެހެންކަމުން، ތިމާއާއި ޖަމާއަތާއި ޤައުމުގެ ކުރިއެރުމާއި ތަރައްޤީއަށް އަންހެނުން ހިއްސާކުރާ އާދާޔާ ޚިލާފު ބޮޑެތި ކުރިއެރުމާއި ކާމިޔާބީތައް ފާހަގަ ކުރުމަކީ ޤައުމީ ޚިދުމަތަށް ނުކުތުމަށް އެހެން އަންހެނުންނަށް ދެވޭ ބޮޑު ހިތްވަރަކަށް ވާނެކަން ކަށަވަރެވެ. އަދި ޤައުމީ ތަރައްޤީގައި މުހިންމު އިސްދައުރުތައް އަދާ ކުރާ އަންހެނުންނަކީ ނަމޫނާ ބައެއްގެ ގޮތުގައި މުޖުތަމަޢުގައި ފާހަގަވުން އެއީ ވެސް ވަރަށް ބޭނުންތެރިކަމެކެވެ.

ޚިދްމަތާއި މަސައްކަތާއި މަސައްކަތްތެރިކަމަށް ދެވޭ ހިތްވަރުގެ އިތުރުން، ނުވަތަ އެ ކަންކަމުގެ ތެރެއިން، ދިވެހި އަންހެނުންގެ ޝަޚްޞުގެ ކުރިއެރުން ބޭނުންވެފައިވާ ރޮނގުތަކަށް ހިތްވަރުދިނުމަކީ ވެސް، ފަހަކަށްއައިސް ކުރެވިފައިވާ ދިރާސާތަކަށް ބަލާއިރު، ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. އެ ގޮތުން، ތިމާގެ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގަޔާއި، ތިމާގެ މަސްލަހަތުތަކުގައި ހުންނަންޖެހޭ މުސްތަޤިއްލުކަން ގެންގުޅެ ނެގެހެއްޓުމުގަޔާއި، ކަންކަމުގައި ފަސްނުޖެހުމާއި ކެރުމާއި، ތިމާއަށާއި އާއިލާއަށާއި މުޖަތަމަޢުއަށް ޙައްޤާއި އިންސާފު ހޯދުމުގަޔާއި ހޯދައިދިނުމުގައި އިސްނެގުމަށް ހިތްވަރުދޭންޖެހެއެވެ. ހިތްވަރުދިނުމަކީ ޤައުމީ ކުރިއެރުމަށް ކޮންމެހެން ބޭނުންކަމެކެވެ.

ވުމާއެކު މި އިނާމަކީ ދިވެހިރާއްޖޭގެ ޤައުމީތަރައްޤީއަށް ލާބަޔާ މަންފާ ލިބޭފަދަ އަގުހުރި ޚިދުމަތެއް ކޮށްދީފައިވާ އަންހެނުންނަށް ދޭ ޚާއްޞަ އިނާމެކެވެ. ނުވަތަ ދަރަޖައެކެވެ. މި އިނާމުގެ ނަމަކީ "ރެހެންދި އެވޯޑް" އެވެ.

މަޤުޞަދު

މި އިނާމު ދިނުމުގެ މައިގަނޑު މަޤުޞަދަކީ ޤައުމީ ތަރައްޤީގައި ފާހަގަކުރެވޭ އާދަޔާ ޚިލާފު ހިއްސާއެއް އޮވެ، ޤައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ޚިދުމަތް ކޮށްދީފައިވާ އަންހެނުންގެ އަގު ވަޒަންކުރުމެވެ. މިގޮތުން، ތިރީގައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަކީ މި އެވޯޑުގެ މަޤްޞަދެކެވެ.

  • އިތުރު އަންހެނުން ޤައުމީ ޚިދުމަތަށް ނެރުމަށް ބާރު އެޅުން
  • މުޖުތަމައަށް ފައިދާހުރި ޚިދުމަތް ކުރާ އަންހެނުން ފާހަގަކުރުން
  • ގައުމީ ތަރައްޤީގައި ހިއްސާކުރާ ޚިދުމަތެއް ދޭ އަންހެނުންނަށް ހިތްވަރު ދިނުން
  • ޖަމާޢަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުން
  • އަންހެނުންގެ ހިއްސާ ބޭނުންވާ، އާ ދާއިރާތައް ތަޢާރަފުކޮށް އެ ދާއިރާތަކަށް އަންހެނުން ނެރުންމަށް ބާރުއެޅުން
  • އެ މީހެއްގެ ނަމޫނާއިން ބާރުވެރިވެގެން، އެހެން އަންހެނުން ކުރިއަރައިދިޔުމަށް ހިތްވަރު ލިބޭ އަންހެނުން ފާހަގަކުރުން
  • އަންހެނުންގެ ޝަޚްޞީ ކުރިއެރުމަށް ހިތްވަރުދިނުން.

މައިގަނޑު އުސޫލުތައް

  • މި އިނާމު ދޭނީ އަހަރަކު އެއްފަހަރެވެ. އެއީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ނުވަތަ އެނޫންވެސް އެފަދަ އެހެން ރަސްމިއްޔާތެއްގައެވެ.
  • މި އިނާމު ލިބޭ ފަރާތްތައް ކަނޑައަޅާނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ، އިން އެކަމަށް އެކުލަވައިލާ ކޮމެޓީއަކުންނެވެ.
  • މި އިނާމަށް ޝޯޓްލިސްޓްކުރެވޭނީ މިކަމަށް ކުރާ އާންމު އިޢުލާނަކަށް އިޖާބަދީ އާންމު ފަރާތްތަކުން، އެންޖީއޯތަކުން ނުވަތަ ސަރުކާރުގެ މުއައްސަސާއަކުން ހުށަހަޅާ ނަންތަކެވެ.
  • ދައުލަތުން ދެއްވާ ޢިއްޒަތުގެ ލަޤަބާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންފައިވާ އަންހެން ކަނބަލުންނަށް މި އިނާމަކަށް ކުރިމަތިނުލެވޭނެއެވެ.

މި އިނާމު ދިނުމުގައި ބަލާނެ މިންގަޑުތައް

  • އަމިއްލަ އިސްނެގުމާއި، ކުރިއެރުމަށް މަސައްކަތް ކޮށްފައިވާ މިންވަރު
  • ކުރާ މަސައްކަތެއްގެ ސަބަބުން މުޖުތަމަޢު އެމީހަކު ބަލައިގެންފައިވާ މިންވަރު
  • މުޖުތަމަޢަށް ފައިދާހުރި އާ މަސައްކަތްތަކާއި އާވިސްނުން ތަޢާރަފުކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު
  • މަސައްކަތް ކުރިއެރުވުމާއި ތަރައްޤީ ކުރުމަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް އުފެއްދުންތެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު
  • ޚިދުމަތްކޮށްދިނުމުގައި ހިލޭސާބަހަށް މަސައްކަތްކޮށްދީފައިވާ މިންވަރު.
  • ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު.
  • ކުރާ މަސައްކަތަކުން ތިމާއާއި ތިމާގެ ޢާއިލާއަށް ކުރިއެރުން ލިބިފައިވާ މިންވަރު.
  • ކުރާ މަސައްކަތުގައި ހޭދަވެފާއިވާ މުއްދަތާއި، އެ މަސައްކަތެއް އެހެން މީހުންނަށް ދަސްކޮށްދިނުމަށް މަސައްކަތްކޮށްފައިވާ މިންވަރު.
  • އެ މަސައްކަތަކުން ރަށަށް ނުވަތަ ޤައުމަށް ލިބޭ ފައިދާގެ މިންވަރު.
  • އިޤްތިޞާދީ އަދި އިޖްތިމާޢީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މަސައްކަތްކޮށްފައިވާ މިންވަރު.
  • އާންމުކޮށް ރާއްޖޭގައި އަންހެނުންގެ ޙިއްސާ މަދު ދާއިރާތަކުން ޚިދުމަތްދިނުމަށް ނުވަތަ މީހުން ނެރުމަށް ސަމާލުކަން ދީފައިވާ މިންވަރު.
  • އެ މީހެއް އަދާކުރަ ވަޒީފާއެއްގެ ދާއިރާގައި އަންހެނުންގެ އަދަދު އިތުރުކުރުމަށާއި އަންހެނުންގެ ދައުރު ފުޅާކުރުމަށް ކޮށްފައިވާ މަސައްކަތް
  • ދިވެހި އަންހެނުންނަށް އާމްދަނީ ހޯދުމުގެ މަގުފަހިކޮށްދިނުމަށް މަސައްކަތް ކޮށްފައިވާ މިންވަރު.
  • ރާއްޖޭގައި އުފެއްދުންތައް އުފައްދައި، އެތަކެއްޗަށް އާންމުންގެ މަޤްބޫލުކަން ހޯދުމަށް މަސައްކަތްކޮށްފައިވާ މިންވަރު.

މިންގަނޑުތަކާއި މާކްސް ގިންތިކުރެވިފައިވާ ގޮތުގެ ފޯމު، 'ރެހެންދި އެވޯޑް އިވެލުއޭޝަން ފޯމު'،  އެންކްސް 1 ގައި ހިމަނާފައިވާނެއެވެ. އަދި މި އެވޯޑަށް އެދި ނަން ހުށަހަޅާ ފޯމް އެނެކްސް 2 ގައި ހިމަނާލެވިފައިވާނެއެވެ.

02 ނޮވެންބަރު 2015