ނޫސްބަޔާން
ނަންބަރު: (PR)218-Admin/218/2025/6
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 13:48
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ވެލިޑޭޓް ކޮށްނުދިނުމަށް ނިންމި ޑޮކްޓޯރަލް ޑިގްރީގެ ސަނަދުތަކާ ގުޅޭ؛

މި އޮތޯރިޓީން ވެލިޑޭޓް ކޮށްނުދިނުމަށް ނިންމި ޑޮކްޓޯރަލް ޑިގްރީގެ ސަނަދުތަކާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގައި ބަލަމުންދިޔަ އެކޯޓުގެ ނަންބަރު: 2024/SC-A/41 ޤަޟިއްޔާއިން 26 އޮކްޓޯބަރ 2025 ގައި ވަނީ ގޮތެއް ކަނޑައަޅާފައެވެ. އެގޮތުން އެ ކޯޓުގެ ނިންމުމާއި ގުޅިގެން އަންނަނިވި ކަންކަން މި އޮތޯރިޓީން ފާހަގަކުރަމެވެ.  

ޙަވާލާދެވުނު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޑޮކްޓޯރަލް ޑިގްރީ ޕްރޮގްރާމަށް ކިޔަވަން ގަސްދުކޮށް، މި އޮތޯރިޓީން ރިކޮގްނިޝަން ލިޔުން ހޯދާފައިވަނީ އެންމެ ފަރާތަކުންކަމާއި، އެލިޔުމަށް ބިނާކޮށް ސަނަދު ވެލިޑޭޓްކުރަންޖެހޭ ޙާލަތެއް އޮތްތޯ ބަލާއިރު، އަންނަނިވި ކަންކަން މި އޮތޯރިޓީން ފާހަގަކުރަމެވެ.

މި އޮތޯރިޓީގެ ޕްރޮގްރާމް ރިކޮގްނިޝަން ލިޔުންކަމަށް ބަޔާންކުރާ “Recognition of a Higher Education provider & program” ލިޔުމަކީ، އެ ލިޔުމުގައި ބަޔާންކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް، ސަނަދު ވެލިޑޭޓްކުރުން ލާޒިމްކުރާ ލިޔުމެއް ނޫންކަމާއި، އެލިޔުމުގެ ބޭނުމަކީ ކިޔަވަން ގަސްދުކުރާ މަރުކަޒު އަދި ކިޔަވަން ގަސްކުރާ ޕްރޮގްރާމަކީ މި އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމެއްތޯ ބެލުމާއި، އަދި އެ ޕްރޮގްރާމަށް ވަނުމަށް އެދޭ ފަރާތުގެ ކިބައިގައި އެ ޕްރޮގްރާމަށް ވަނުމަށް ބޭނުންވާ ޝަރުޠު (ނުވަތަ އެންޓްރީ ކްރައިޓީރިއާ) ފުރިހަމަވޭތޯ ބަލައި، އެކަންކަން ފުރިހަމަވާކަން ނުވަތަ ނޫންކަން ބަޔާންކޮށް ހުށަހަޅާ އެފަރާތަށް މި އޮތޯރިޓީން ދޫކުރަމުން އަންނަ ލިޔުމެއްކަމާއި، އަދި އެފަދައިން ދޫކުރާ ލިޔުމުގެ ތިރީގައި އަންނަނިވި ފަދައިންވެސް ޑިސްކްލޭމަރ އެއް ހިމަނާފައި ވާނެއެވެ. 

“Please note that validation of certificate is separate process. Validation decisions will be based on the information and documents submitted with the "Application from for certificate validation / recognition”

ޙަވާލާދެވުނު މައްސަލައިގެ ޙުސޫމާތު އުފެދުނުއިރުގައި ސަނަދުގެ ފެންވަރު ބެލުމުގައި މި އޮތޯރިޓީން ޢަމަލުކުރަނީ، އަދި މި އޮތޯރިޓީގެ ގަވާއިދު ނަންބަރު: 2022/R-71 (ސަނަދުތަކުގެ ފެންވަރު ބެލުމުގެ ގަވާއިދު)ގެ ދަށުން މިހާރުވެސް މި އޮތޯރިޓީން ޢަމަލުކުރަނީ އަންނަނިވި މިންގަނޑަށެވެ.

  1. ކިޔަވާ މަތީ ތަޢުލީމުދޭ މަރުކަޒަކީ، މި އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކަށް ވުން.
  2. ސެޓުފިކެޓު އެވޯޑުކުރާ މަތީ ތަޢުލީމުދޭ މަރުކަޒަކީ، މި އޮތޯރިޓީން ގަބޫލުކުރާ މަރުކަޒަކަށް ވުން.
  3. ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަކީ، ހުއްދަ ދިނުމާއި، އެކްރެޑިޓްކުރުމުގެ ނިޒާމުގެ ތެރެއިން ވަކިވަކި ޕްރޮގްރާމްތަކަށް ހުއްދަ ހޯދަންޖެހޭ އަދި އެ މަޢުލޫމާތުތައް ޝާއިޢުކޮށްފައިވާ ޤައުމެއް ނަމަ، ކިޔަވައިދޭ އަދި އެވޯޑްކުރާ ޔުނިވަރސިޓީއަކަށް އެ ޤައުމެއްގެ ސަރުކާރުގެ ކަމާބެހޭ އިދާރާއިން ހިންގުމުގެ ހުއްދަ ދީފައިވާ ނުވަތަ އެކްރެޑިޓްކޮށްފައިވާ މަތީ ތަޢުލީމުގެ ޕްރޮގްރާމެއް ފުރިހަމަކޮށްގެން ދީފައިވާ ސަނަދަކަށްވުން.
  4. ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަކީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑަށް ފެތޭ ސަނަދަކަށް ވުން.
  5. ފެންވަރު ބެލުމަށް ހުށަހަޅާ ސަނަދަށް ކިޔެވި މަތީ ތަޢުލީމުގެ ޕްރޮގްރާމަށް ވައްދައިފައިވަނީ، މި އޮތޯރިޓީގެ "މިނިމަމް ކްރައިޓީރިއާ ފޮރ އެމް.އެން.ކިއު.އެފް ކޮލިފިކޭޝަންސް" ގައި ކަނޑައަޅައިފައިވާ ޝަރުޠުތަކާ އެއްގޮތަށް ކަމުގައި ވުން.

އެގޮތުން ސަނަދު ވެލިޑޭޓް ކުރުމަކީ ވަކި ޕްރޮސެސްއެއްކަމާއި، ސަނަދު ވެލިޑޭޓް ކުރުމަށް ނިންމާ ނިންމުންތައް ނިންމާނީ، ސަނަދު ހާޞިލްކޮށް ވެލިޑޭޓް ކޮށްދިނުމަށް އެދި ހުށަހަޅާ މަޢުލޫމާތާއި ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް އިސްވެ ބަޔާންކުރި މިންގަނޑުންނެވެ.  

އެހެންކަމުން، މި މައްސަލައިގައި ބަޔާންކުރާ ފަރާތަށް މި އޮތޯރިޓީން ދޫކޮށްފައިވާ ޕްރޮގްރާމް ރިކޮގްނިޝަން ލިޔުމުގެ މައްޗަށް ބިނާކޮށް، ސަނަދު ވެލިޑޭޓްކޮށް ނުދިނުމަށް މި އޮތޯރިޓީން ނިންމި ނިންމުމަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި ސަނަދުތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި މި އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ޤާނޫނު ނަންބަރު: 7/2021 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) އިން މި އޮތޯރިޓީގެ މައްޗަށް މަތިކޮށްފައިވާ ޤާނޫނީ ވާޖިބެއްކަން ފާހަގަކުރަމެވެ.

ވުމާއެކު، 17 ޖޫން 2025 ގައި މި އޮތޯރިޓީން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާނެ ފަދައިން ދިވެހިރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުން ހޯދުމަށް ސަމާލުކަން ދޭންވާނެކަމާއި، ހަމައެއާއެކު އެއް ދަރިވަރަކު ހޯދާ "ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" ލިޔުމަކީ އެހެން ދަރިވަރުން އެ ލިޔުމުގެ މައްޗަށް ބަރޯސާ ވެގެން ކިޔަވަންދާންޖެހޭ ލިޔުމެއް ނޫންކަމާއި، އެފަދައިން ޢަމަލުކޮށްފިނަމަ، އެކަމުގެ ސަބަބުން ދަރިވަރަށް ލިބޭ ގެއްލުމަށް މި އޮތޯރިޓީން ޒިންމާ ނުނަގާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައިވެސް ފާހަގަކުރި ފަދައިން މުޖުތަމަޢުގެ ޢާއްމު މަޞްލަޙަތު އެކުލެވިގެންވާ މައްސަލައަކަށްވާތީއާއި، ކަމުގެ ހަޤީޤަތް އޮޅޭގޮތަށް މީސްމީޑިއާގައި ފަތުރަމުންދާ ވާހަކަތަކާއި ގުޅިގެން ޢާއްމުންގެ މަޢުލޫމާތަށްޓަކައި މި މަޢުލޫމާތު ޙިއްޞާކުރީމެވެ.

28 އޮކްޓޫބަރު 2025