ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)38-AC/38/2025/195
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2025
ޕަބްލިޝްކުރި ގަޑި: 17:23
އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (27/2025) އިޞްލާޙުކުރައްވައި، އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (31/2025) މި ކޮމިޝަނަށް ލިބިފައިވާތީ އެ ޤަރާރާއި، ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި، މަޢުލޫމާތު ކަރުދާސް ޢާންމުކުރުން

(IUL)38-AC/38/2025/195 :ނަންބަރު

އިޢުލާން

އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (27/2025) އިޞްލާޙުކުރައްވައި، އެކަށައަޅައިފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (31/2025) މި ކޮމިޝަނަށް ލިބިފައިވާތީ އެ ޤަރާރާއި، ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި، މަޢުލޫމާތު ކަރުދާސް ޢާންމުކުރުން

މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2025/187 (08 އޮކްޓޫބަރު 2025) އިޢުލާނުން ޢާންމުކޮށްފައިވާ، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ނެރުއްވި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (27/2025) އިޞްލާޙުކުރައްވައި، އެކަށައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (31/2025) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް މި ކޮމިޝަނަށް ލިބިފައިވާތީ ދަންނަވަމެވެ.

މި ދެންނެވުނު ޤަރާރަކީ، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުންގެ ފަރާތުން، އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅުއްވައިފައިވާތީ، އެ ރަށްތަކުގެ ރައްޔިތުން ދެކޭގޮތް ބަލައި، ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނެރުއްވާފައިވާ ޤަރާރެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު (31/2025) އިން ސުވާލުތައް އިޞްލާޙުކުރައްވައިފައިވާ ގޮތަކީ؛

  1. އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު
  • "އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟"

  2. އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

  • "އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟"

  3. އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

  • "އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟"

ވީމާ، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާ އާއި 24 ވަނަ މާއްދާ އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ގަވާއިދު (2025/R-98) ގެ 6 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިޞްލާޙުކުރައްވައިފައިވާ ޤަރާރު (31/2025) އާއި އެ ޤަރާރާއެކު ހުށަހަޅުއްވާފައިވާ ސުވާލުތަކާއި މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އާންމުކުރީމެވެ.

އަދި ދަންނަވަމެވެ. މި ކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2025/188 (08 އޮކްޓޫބަރު 2025) އިޢުލާނުން ޢާންމުކޮށްފައިވާ ގޮތުގެ މަތީން، އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓުގެ، ވޯޓު ނެގުން ކުރިޔަށް ގެންދާނީ 2025 އޮކްޓޫބަރު 25 ވާ ހޮނިހިރު ދުވަހުގެ 08:00 އިން 16:00 އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. ވޯޓު ނަގާ ދުވަހު އިންސާނީ ބާރު އެކަމެއްގެ މައްޗަށް ނުހިނގާ ކަމެއް ދިމާވެގެން ވޯޓުލުން މެދުކެނޑި ނުވަތަ ވޯޓުލުމަށް މީހުން ނުކުތުމަށް ހުރަސްތަކެއް ދިމާވެގެން ނޫނީ ވޯޓުލުމަށް ކަނޑައެޅިފައިވާ ވަގުތު އިތުރުކުރާގޮތަށް ހަމަޖެހިފައިނުވެއެވެ. މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 2025 އޮކްޓޫބަރު 26 ވާ އާދިއްތަ ދުވަހުއެވެ.

13 އޮކްޓޫބަރު 2025