ދިވެހިރާއްޖެ
3 ސެޕްޓެންބަރު 2024 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރެއްވި ޤާނޫނު ނަންބަރު (11/2024) ފޮރިން އިންވެސްޓްމަންޓްގެ ޤާނޫނުގެ 11 ވަނަ މާއްދާގެ ދަށުން، ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓްކުރެވޭނެ ދާއިރާތަކާއި، އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުޠުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް (ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް)، ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއެއްގޮތަށް ކަނޑައަޅައި، މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފީމެވެ.
ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި މި އިޞްލާޙުތަކަކީ، ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިޤްތިޞާދީ ޞިނާޢަތްތައް ދިވެހި ވިޔަފާރިވެރިންނަށް ޚާއްޞަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް އިންވެސްޓަރުންނަށް ފުރުޞަތު ފަހިވާނެ ގޮތަށް ގެނެވިފައިވާ އިޞްލާޙުތަކެކެވެ. މިއީ ދިވެހިރާއްޖޭގެ އިޤްޠިޞާދު ސިންދަފާތުކޮށް، އިޤްޠިޞާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާޞިލްވުމަށް މުހިންމު އިޞްލާޙެކެވެ.
ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ކަނޑައެޅިފައިވާ ގޮތް މި ޢިޢުލާނާއެކު ހިމަނާފައިވާ އެނެކްސް 1 ގައި ބަޔާންކޮށްފައިވާނެއެވެ. މި ދާއިރާތައް ބެހިފައިވަނީ ތިރީގައިވާ ގޮތަށެވެ.
- ބޭރުގެ އިންވެސްޓްމަންޓްތަކަށް އެއްކޮށް ހުޅުވާލެވިފައިވާ ދާއިރާތައް،
- ޖޮއިންޓް ވެންޗަރ އުޞޫލުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލެވިފައިވާ ދާއިރާތައް، އަދި
- ބޭރުގެ ފަރާތްތަކުން އިންވެސްޓް ކުރުން މަނާ ދާއިރާތައް.
މި ދާއިރާތައް އިޞްލާޙުކުރުމުގައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން، ޤާނޫނުގައި ބަޔާންކޮށްފައިވާ ތިރީގައިވާ ކަންކަމަށް މި މިނިސްޓްރީން ރިޢާޔަތްކޮށްފައިވާނެއެވެ.
- ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށްކޮށްފާނެ އަސަރު،
- ޑޮމެސްޓިކް މާކެޓްގެ ވާދަވެރިކަމަށް ކޮށްފާނެ އަސަރު،
- އެ ދާއިރާއެއްގައި ދިވެހި ވިޔަފާރިވެރިން ޙަރަކާތްތެރިވާ މިންވަރު،
- އެ ދާއިރާއެއްގައި ބޭރުގެ އިންވެސްޓްމަންޓާއި ތަޖުރިބާ ބޭނުންވާ މިންވަރު،
- އެ އިންވެސްޓްމަންޓެއްގެ ސަބަބުން ދިގު މުއްދަތަކަށް ޤައުމީ އުފެއްދުންތެރިކަން ކުރިއެރުމަށް އެހީވާނެ މިންވަރު، އަދި
- އިންސާނީ ވަޞީލަތް ތަރައްޤީވެފައިވާ މިންވަރާއި، ވަޒީފާގެ ފުރުޞަތުތައް އުފެދޭނެ މިންވަރު.
މި ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށޭނެއެވެ. އަދި މި ރިކުއަރމަންޓްސް އަށް ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ބަދަލުގެނެސް، ދިވެހި ސަރުކާރުގެ ގެޒެޓުގައި އަލުން ޝާއިޢުކުރުމާ ހަމައަށް ދެމިއޮންނާނެއެވެ.
ދިވެހިރާއްޖޭގައި ޤާއިމުކޮށް ހިންގަމުންގެންދާ ބޭރުގެ ވިޔަފާރިތަކަށް ޓްރާންސިޝަން އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް:
މި ރިކުއާމެންޓްސް ގެޒެޓް ކުރެވުމުން، ކުރިން ދީފައިވާ ހުއްދަތަކެއްގެ ދަށުން ދިވެހިރާއްޖޭގައި ބޭރުގެ ކުންފުނިތަކުން ހިންގަމުންދާ ބައެއް ވިޔަފާރި ދާއިރާތައް، ވިޔަފާރިކުރުން އެއްކޮށް މަނާ ދާއިރާތަކެއްގެ ގޮތުގައި އަދި ބައެއްދާއިރާތައް ޖޮއިންޓް ވެންޗަރ އުސޫލުން ނުވަތަ ކަނޑައެޅިފައިވާ ވަކި ޝެއަރހޯލްޑިންގ ކޮންޑިޝަންސްތަކެއް ފުރިހަމަވެގެންމެނުވީ ހަރަކާތްތެރި ނުވެވޭނެ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅިގެން ދިއުމާއެކު، އެފަދަ ދާއިރާތަކުގައި މިހާރު ހަރަކާތްތެރިވަމުން އަންނަ ބޭރުގެ ވިޔަފާރިތަކަށް އައު އެންޓްރީ ރިކުއަމަންޓްސް އަށް ކޮމްޕްލައި ވުމަށް، ކަނޑައެޅޭ އުސޫލުތަކެއްގެ މަތިން ޓްރާންސިޝަން އެރޭންޖްމަންޓްސް ފަހި ކޮށްދެވޭނެއެވެ.
ޓްރާންސިޝަން އެރޭންޖްމަންޓްގެ މަޤްޞަދަކީ ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއާއި ދެމެދު ދަމަހައްޓައި، އެފަރާތްތަކުން ކޮށްފައިވާ އިންވެސްޓްމަންޓްތަކާމެދު ދެފުށްފެންނަ އަދި އިންސާފުވެރި ހަމަތަކެއްގެ މަތިން އަމަލުކުރުމާއެކުއެކީގައި ސަރުކާރުން ކަނޑައަޅާފައިވާ އައު ސިޔާސަތުތައް ނެގެހެއްޓުމެވެ.
މިގޮތުން، މިފަދަ ދާއިރާތަކުގައި މިހާރު ހަރަކާތްތެރި ވަމުންއަންނަ ވިޔަފާރިތަކަށް ޓްރާންސިޝަން މުއްދަތު ކަނޑައަޅާނީ، އެފަރާތްތަކުން މިހާތަނާ ހަމައަށްކޮށްފައިވާ އިންވެސްޓްމަންޓް، ޤާނޫނުތަކާއި ޤަވާއިދުތަކަށް މި ވިޔަފާރިތައް އަމަލުކުރަމުންގޮސްފައިވާ ގޮތް، އަދި އެފަދަ ވިޔަފާރިތަކުން ދިވެހިރާއްޖޭގެ އިޤްތިޞާދަށް ކޮންޓްރިބިއުޓް ކޮށްފައިވާ މިންވަރަށް ރިޢާޔަތްކޮށްގެންނެވެ. ކަނޑައެޅޭ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި، ރެސްޓްރިކްޓްކޮށްފައިވާ ނުވަތަ މުޅިން މަނާކޮށްފައިވާ ދާއިރާތަކުގައި ބޭރުގެ ފަރާތްތަކުން މިހާރު ފަށާފައިވާ ވިޔަފާރިތައް، އެ ދާއިރާތަކުން އިތުރަށް ފުޅާކުރުމުގެ ފުރުސަތެއް ނުދެވޭނެއެވެ. އަދި ކަނޑައެޅޭ މުއްދަތުގައި އައު އެންޓްރީ ރިކުއަމަންޓްސް އަށް ކޮމްޕްލައި ކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ގެންދަންވާނެއެވެ. ޓްރާންސިޝަން އެރޭންޖްމަންޓާ ގުޅޭ ގޮތުން މިނިސްޓްރީން ނިންމާފައިވާ އުސޫލު އަދި މުއްދަތުތައް މި އިއުލާނާއެކު ހިމެނިފައިވާ އެނެކްސް 2 ގައި އެވަނީއެވެ.
މަތީގައި ބަޔާންކުރެވުނު އުސޫލާއި އެއްގޮތްވާގޮތުގެ މަތިން، ޓްރާންސިޝަން މުއްދަތުތައް ކަނޑައަޅާނީ މިނިސްޓްރީގައި ޤާއިމުކުރާ ފޮރިން އިންވެސްޓްމަންޓް ޓްރާންސިޝަން ކޮމިޓީއަކުންނެވެ. ޓްރާންސިޝަން މުއްދަތުތައް ތައް ބެހިގެންވަނީ 1 އަހަރާއި 7 އަހަރާއި ދެމެދުގެ މުއްދަތުތަކަށެވެ.
ޓްރާންސިޝަން އެރޭންޖްމަންޓަށް ހުށަހަޅާ ހުރިހާ ހުށަހެޅުމަކާއިމެދު އަމަލުކުރާނީ ތިރީގައި ބަޔާންކޮށްފައިވާ ޕްރޮސެސްގެ ތެރެއިންނެވެ.
- ޓްރާންސިޝަން ރިކުއެސްޓް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް، ފޯމާއެކު ބޭނުންވާ ލިޔެކިޔުންތަކާއެކު (ޓެކްސް ކްލިއަރެންސް، އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް، ހިއްސާދާރުންގެ އޮނިގަނޑު) މި މިނިސްޓްރީގެ އީ-މެއިލް [email protected] އަށް ހުށަހެޅުން.
- ޓްރާންސިޝަން ރިކުއެސްޓް އެޕްލިކޭޝަން މި މިނިސްޓްރީން ރިވިއުކުރުމަށްފަހު، ޓްރާންސިޝަންއަށް ޝަރުޠުހަމަވެފައިވާ ރިކުއެސްޓްތައް ފޮރިން އިންވެސްޓްމަންޓް ޓްރާންސިޝަން ކޮމިޓީއަށް ހުށަހެޅުން.
- ޓްރާންސިޝަން ކޮމިޓީއިން ރިކުއެސްޓް ރިވިއުކޮށް ގޮތްތަކެއް ނިންމުން. ރިވިއު ޕްރޮސެސްގައި ޓްރާންސިޝަން ކޮމިޓީ އިން އިތުރު މަޢުލޫމާތު ބޭނުންވާނަމަ، އެ މަޢުލޫމާތު ހޯދުމުގެ އިޚްތިޔާރު އަދި ވަކި ވަކި އެޕްލިކޭޝަންތަކާ ގުޅިގެން ކޮމިޓީއަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށް އިންވެސްޓަރުންނަށް ކޮމިޓީ ބައްދަލުވުމަށް ދަޢުވަތު ދިނުމުގެ އިޚްޠިޔާރު ކޮމިޓީއަށް ލިބިގެންވެއެވެ.
- ކޮމިޓީގެ ނިންމުންތައް ބަޔާންކޮށް "ޓްރާންސިޝަން އެރޭންޖްމަންޓް ލެޓަރ" އެއް އެޕްލިކަންޓަށް ދޫކުރުން. މި ސިޓީގައި ޓްރާންސިޝަންއަށް ދެވޭ މުއްދަތާއި އެގްޒިޓް ކޮންޑިޝަންތައް ބަޔާންކުރުން.
- ޓްރާންސިޝަން ކޮމިޓީގެ ނިންމުން އެޕީލް ކުރުމަށް ބޭނުންވާނަމަ، އެ ނިންމުމެއް އަލުން ބަލައިދިނުމަށް އެދި ހުށަހެޅުމުގެ އިޚްތިޔާރު އިންވެސްޓަރަށް ލިބިގެންވެއެވެ.
ހުރިހާ މައުލޫމާތެއް ފުރިހަމަވެގެން މިނިސްޓްރީއަށް ލިބޭ ހުށަހެޅުމެއް، އެ ހުށަހެޅުމެއް ލިބޭތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ ގުޅޭގޮތުން ގޮތެއް ނިންމައި، އެ ނިންމުމެއް އިންވެސްޓަރަށް އެންގޭނެއެވެ.
ޓްރާންންސިޝަން އެރޭންޖްމަންޓްތަކާ ގުޅޭގޮތުން އަދި ރާއްޖޭގައި އިންވެސްޓް ކުރުމާގުޅޭގޮތުންވެސް އެއްވެސް ޚިދުމަތެއް ބޭނުންވާނަމަ، މިނިސްޓްރީން އެކަންކަން ފަހިކޮށްދޭނެއެވެ.