ދިވެހިރާއްޖެ
މި އިޢުލާންވަނީ 06 އޮކްޓޫބަރު 2025 08:48 ގައި ބާތިލް ކުރެވިފައެވެ.
އދ.ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ ޑްރާފްޓް އުޞޫލަށް އާންމުންގެ ޚިޔާލު ހޯދުން
އދ.ދިގުރަށުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި އެކުލަވާލާފައިވާ ޑްރާފްޓް އުޞޫލަށް އާންމުންގެ ޚިޔާލު ހޯދުމަށް މިއަދުން ފެށިގެން 1 މަސްދުވަހަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި ގޯތި ކޮމެޓީއިން ނިންމާފައިވަނީ ރައްޔަތުން ހުށަހަޅާ ހިޔާލުތަކުގެ މައްޗަށް ރިޢާޔަތްކޮށް، ވީހާވެސް ހަމަހަމަ ގޮތެއްގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް ގޯތި ލިބިގެން ދާނެ ގޮތުގެ މަތިން ގޯތި ދިނުމުގެ އުޞޫލު އެކުލަވާލުމެވެ.
އެހެންކަމުން، ޚިޔާލު ހުށަހަޅަން ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ރިސެޕްޝަނަށް ނުވަތަ މިއިދާރާގެ އީމެއިލް އެޑްރެސް: [email protected] އަށް ލިޔުމުން ޚިޔާލު ހުށަހެޅުއްވުން އެދެމެވެ.
13 رَبِيع ٱلْآخِر1447
އިބްރާހީމް ޢުޘްމާން
ކައުންސިލްގެ ރައީސް
އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޑްރާފްޓް އުސޫލު 2025
(05 އޮކްޓޫބަރ 2025)
1. ތަޢާރަފާއި ނަން:
(ހ) މި އުސޫލަކީ، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ ދަށުން 05 އޮކްޓޯބަރ 2025 ގައި ފާސްކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ލޭންޑް ޔޫސް ޕްލޭންގައިވާ، ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ސަރަހައްދުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި އަމަލު ކުރާނެ ގޮތް ބަޔާންކުރާ އުސޫލެވެ.
(ށ) މި އުސޫލަށް ކިޔާނީ "އަރިއަތޮޅު ދެކުނުބުރީ ދިގުރަށުން، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު 2025" އެވެ.
2- މަޤުޞަދު:
މި އުސޫލުގެ މަޤްޞަދަކީ، އދ.ދިގުރަށު ކައުންސިލްގެ އިހްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުން ދިރިއުޅުމަށްޓަކައި ގެދޮރު އެޅުމަށާއި އިމާރާތްކުރުމަށް ގޯތި ދޫކުރުމުގައި އަމަލުކުރެވެނީ ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި، އިންސާފުވެރިކަމާއި، ޙައްޤުތައް ކަށަވަރުކުރުމާއެކު، ގޯތި ދޫކުރެވެނީ އދ.ދިގުރަށު ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަން އެންމެ ޒަރޫރީވެފައިވާ އަދި ބިމުގެ ތަނަވަސްކަމެއް ނެތް ފަރާތްތަކަށްކަން ކަށަވަރު ކުރުމެވެ.
3- ކޮމިޓީ އެކުލަވާލުން
(ހ) ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު)، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު އަދި ދިވެހިރާއްޖޭގެ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ޤަވާއިދުގެ ދަށުން 05 އޮކްޓޯބަރ 2025 ގައި ފާސްކޮށްފައިވާ އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ލޭންޑް ޔޫސް ޕްލޭންގައިވާ، ކައުންސިލްގެ އިހްތިޞާސްގައި ހިމެނޭ ބިމުގެ ސަރަހައްދުން ދިރިއުޅުމަށްޓަކައި 2000 އަކަފޫޓުގެ 38 ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓާނީ އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްއިން އެކުލަވާލާފައިވާ ގޯތި ކޮމެޓީއިންނެވެ. އަދި ކޮމިޓީގެ މަސްޢޫލިއްޔަތުވެސް ކަނޑައަޅާނީ އަރިއަތޮޅު ދެކުނުބުރީ ދިގުރަށު ކައުންސިލްގެ މި ދެންނެވި ކޮމެޓީއިންނެވެ.
4 - ގޯތިދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދު:
(ހ) ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާ ސަރަހައްދަކީ އދ.ދިގުރަށު ކައުންސިލްގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ބިމުގެ ސަރަހައްދުގެ ތެރެއިން ދޮންވެލި ހިނގުމުން ދެކުނުން އޮތް ބިމުގެ ސަރަހައްދެވެ.
(ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބިމުގެ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު މި އުސޫލުގެ ޖަދުވަލު 1 ގައި ހިމެނިފައިވާނެއެވެ.
5 - ގޯތި ދޫކުރާ އަދަދު:
މި އުސޫލުގެ ދަށުން އދ.ދިގުރަށުގެ ބިމުން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވަނީ 2000 އަކަފޫޓުގެ 38 ގޯއްޗެވެ.
6 - ގޯތިދޫކުރުމަށް އިޢުލާންކުރުން
(ހ) މި އުސޫލުގައިވާ ގޮތުގެ މަތިން ގޯތި ދޫކުރުމަށް ހަމަޖެހުމުން، ތިރީގައިވާ ކަންކަން އެނގޭނެހެން، އާންމުކޮށް އިޢުލާން ކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެއެވެ.
1. ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލެވުނުކަމާއި، ގޯއްޗަށް އެދުމުގައި ޢަމަލުކުރަންވީގޮތް.
2. ގޯތިދޫކުރާ ސަރަހައްދު.
3. ދޫކުރަން ހަމަޖެހިފައިވާ ގޯތީގެ ޢަދަދާއި ބޮޑުމިން.
4. ގޯއްޗަށް އެދި ކުރިމަތިލެވޭނެ މީހުންގައި ހުންނަންޖެހޭ ޝަރުތުތައް.
5. ގޯތި ދޫކުރެވޭނީ ވަކި ޝަރުތުތަކާ އެކުގައި ކަމަށްވާނަމަ އެ ޝަރުތުތައް.
6. މި ޤަވާއިދުގެ 09 ވަނަ މާއްދާގެ ދަށުން ކަނޑައަޅާ ޝަރުތުތައް.
7 - ގޯއްޗަށް އެދި ހުށަހެޅުން:
(ހ) ގޯއްޗަށް އެދި ހުށަހަޅަންވާނީ މި އުސޫލުގެ ޖަދުވަލު 2 ގައި ބަޔާންކުރާ ފޯމު ބޭނުންކޮށްގެންނެވެ.
(ށ) ގޯއްޗަށް އެދި ހުށަހަޅާ ފޯމު އދ.ދިގުރަށު ކައުންސިލުގެ އިދާރާގެ ކައުންޓަރުންނާއި އަދި މި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. (އަދި މި ފޯމު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެވިފައިވާނެއެވެ.)
(ނ) ގޯއްޗަށް އެދި ހުށަހަޅާ ފޯމު ހުށަހަޅަން ހާޒިރުވާނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތް ނުވަތަ އެފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެވެ. (މި ލިޔުން ފޯމާއެކު ހުށަހަޅަންވާނެއެވެ.)
(ރ) ގޯއްޗަށް އެދި ހުށަހަޅާ ފޯމު ކައުންސިލްގެ އީމެއިލް ކަމުގައިވާ [email protected] އަށް މެއިލް ކުރުމުން ވެސް ބަލައިގަނެވޭނެއެވެ.
(ބ) ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް ފޯމާއެކު އެއްހީރަސްކޮށް ހުށަހަޅަންވާނެއެވެ.
(ޅ) ފޯމު ބަލައިގަނެ ފޯމު ބަލައިގަތްކަމުގެ ލިޔުން ކައުންސިލުން ދޫކުރުމަށްފަހު، އިތުރު އެއްވެސް ލިޔުމެއް ނުވަތަ ލިޔުމެއްގެ ކޮޕީއެއް ފޯމާއި އެކު އެއްހީރަސްކުރުމަށްޓަކައި ބަލައިގަނެގެން ނުވާނެއެވެ. ނަމަވެސް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ހުށަހަޅާފައިވާ ފޯމުގައި އިސްލާހުކުރަންޖެހޭ ކަމެއް ނުވަތަ، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުމެއް ނުވަތަ ކޮޕީއެއް މަދުވާނަމަ، ކުރީގެ ފޯމު ބާޠިލުކޮށް، އިސްލާޙުތަކާއެކު އަލުން ފޯމު ހުށަހެޅުމުގެ ފުރުޞަތު ދޭންވާނެއެވެ.
8 - ފޯމު ބަލައިގަތުން:
(ހ) ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ފޯމު ހުށައެޅުމަށް ކުރި އިޢުލާނުގައިވާ ދުވަސްތަކާއި ވަގުތު ތަކުގައި ކައުންސިލް އިދާރާގެ ކައުންޓަރުންނެވެ. އަދި [email protected] އަށް މެއިލް ކުރުމުން ވެސް ފޯމް ބަލައިގަނެވޭނެއެވެ.
(ށ) ފޯމު ބަލައިގަތުމުގެ ކުރިން، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ހަމަތޯ ބަލައި ޗެކުކުރުމަށްފަހު، ފޯމާއެކު ހުށަހެޅި ލިޔުންތަކުގެ ތަފްސީލު ހިމެނޭ ލިޔުމުގައި ކައުންސިލް އިދާރާގެ ފަރާތުން އަދި ފޯމު ހުށަހެޅި ފަރާތުން ސޮއިކޮށް، ފޯމު ބަލައިގަތްކަމުގެ ލިޔުން ފޯމު ހުށަހެޅި ފަރާތަށް ދޭންވާނެއެވެ. އީމެއިލް ކުރާ ފަރާތްތަކަށް މި ލިޔުން މެއިލް ކުރެވިގެންދާނެއެވެ.
9 - ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް:
(ހ) ދިވެހިރައްޔިތެއް ކަމުގައިވުން.
(ށ) ގޯތި ދޫކުރުމަށް އިޢުލާން ކުރެވޭ ދުވަހާއި ހަމައަށް މީލާދީ ގޮތުން 18 (އަށާރަ) އަހަރު ވެފައިވާ މީހެއްކަމުގައިވުން.
(ނ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން.
(ރ) މި މާއްދާގެ (ނ) ގައި އެގޮތަށް ބަޔާންކުރި ނަމަވެސް، ޤާނޫނު ނަންބަރު 2002/1 (ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނު) ގެ 15 ވަނަ މާއްދާގައި ބުނެފައިވާގޮތުގެ މަތިން ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗަކުން، ނުވަތަ އަމިއްލަ ގޯއްޗަކުން ބައެއް، ނުވަތަ ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައިވާ މީހަކު އެ ބައެއް ނުވަތަ ފުލެޓެއް "ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދު" ގެ 11 އަދި 12 ވަނަ މާއްދާއާއި އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލުން.
(ބ) ސަރުކާރުން ހަދާފައިވާ ޢިމާރާތެއްގެ ފުލެޓެއް ނުވަތަ ސަރުކާރުން ރާވާ އިންތިޒާމުކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ދޫކުރާ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެފްލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން އަދި މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ އެތަނެއް ވިއްކާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވުން.
(ޅ) ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ، އެ ގޯތި އެހެންފަރާތަކަށް ދީ، ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާތާ 2 އަހަރު ދުވަހަށްވުރެ ގިނަދުވަސް ވެފައިވުން.
10 - ގޯތި ނުވަތަ ފުލެޓް ދޫކޮށްލުން:
(ހ) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ޤަވާއިދުގެ ބޭނުމަށް ނުއުފުލޭ މުދަލުން ބަހައިގެން ނުވަތަ އެނޫންވެސް ގޮތަކުން ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް ލިބިފައިވާނަމަ އެފަދަ ބައެއް، ގޯއްޗެއް ލިބިގަތުމުގެ ބޭނުމުގައި، ދޫކޮށްލާނީ ދޫކޮށްލާ ގޯތީގައި އިތުރު ބެހެނިވެރިއެއް ހުރިނަމަ އެފަރާތަކަށެވެ. އަދި ދޫކޮށްލާ ގޯތީގެ ބެހެނިވެރިއެއް ނެތް ހާލަތުގައި ދައުލަތަށެވެ. މިގޮތަށް ދޫކޮށްލުމަށް އެއްބަސްވާ ފަރާތަކަށް އަލަށް ނަގާގޯތި ރަޖިސްޓްރީ ކޮށްދެވޭނީ ދޫކޮށްލި ގޯތީގެ ރަޖިސްޓްރީން އެފަރާތުގެ ނަން އުނިކުރުމުންނެވެ. އަދި މި މާއްދާގެ ދަށުން ގޯތި ދޫކޮށްލާ އެގޯތީގެ މިލްކުވެރިކަން ބަދަލުކުރުމަށް ގޯތީގެ ވެރިފަރާތުން ކަމާބެހޭ ޝަރުޢީ ކޯޓަކަށް މައްސަލަ ހުށައަޅަންވާނެއެވެ. ދޫކޮށްލާ ގޯއްޗަކީ އަމިއްލަ ކޮށްފައިވާ ގޯއްޗެއްނަމަ މިތަނުގެ އަގު މިތަން ލިބޭ އެއްމެދު މިލްކުވެރިން ނުވަތަ ދައުލަތުން، ގޯތި ދޫކޮށްލާ ފަރާތަށް އަނބުރާ ދައްކަން ޖެހޭނެއެވެ.
(ށ) ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގައި ގޯތި ލިބޭފަރާތާއި ގޯތި ހަވާލުކުރާއިރު، އެ ފަރާތަކަށް ބަންޑާރަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަބައި ދޫކޮށްލުމަށް ޝަރުތުކޮށް، އިޤްރާރުވެ ސޮއިކުރަންވާނެއެވެ. އަދި މިފަދައިން ތަރިކައިން ލިބެންއޮތްބައި ދޫކޮށްލުމުން ދެން އެބަޔެއް ލިބެންވާނީ ދޫކޮށްލާ ގޯތީގެ ބާކީ ތިބި ވާރުތަވެރިންނަށެވެ. އަދި ގޯތީގެ އިތުރު ވާރުތަވެރިއެއް ނެތް ހާލަތުގައި އެބައެއް ދޫކޮށްލަންވާނީ ދައުލަތަށެވެ. މި މާއްދާގެ ދަށުން ގޯތި ދޫކޮށްލަން އެއްބަސްވާ ފަރާތްތަކުގެ މަޢުލޫމާތު އެފަރާތްތަކުން އެކަމަށް އެއްބަސްވާ އިޤުރާރާއެކު ކަމާބެހޭ ޝަރުޢީ ކޯޓަށް ކައުންސިލުން ހިއްސާކުރެވޭނެއެވެ. އަދި ތަރިކައިގެ މައްސަލައެއް ކޯޓަށް ހުށައެޅުމުން، ކައުންސިލުން އެ މައްސަލައަކަށް ތަދައްޚުލުވާނެއެވެ.
11- ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުން:
(ހ) ގޯއްޗަށް އެދި ހުށަހަޅާ ފޯމާއެކު ތިރީގައިވާ ލިޔުންތައް ހުށަހަޅަންވާނެއެވެ. (ފޯމާއިއެކު ހުށަނާޅާ ލިޔުމެއްގެ މަޢުލޫމާތަށް ބިނާކޮށް ޕޮއިންޓެއް ނުދެވޭނެއެވެ.)
1. ގޯއްޗަށް އެދޭ މީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
2. ގޯއްޗަށް އެދޭ މީހާގެ އަނބި/ފިރިމީހާގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ.
3. ވަރި / ކައިވެނި ސެޓްފިކެޓް ފޮޓޯ ކޮޕީ.
4. ގޯއްޗަށް އެދި ހުށަހަޅާ ފަރާތުގެ އުފަން ދަރިން ދުނިޔޭގައި ތިބިނަމަ އެކުދިންގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ފޮޓޯކޮޕީ ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ފޮޓޯކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓު ކޮޕީ.
5. ފޯމު ހުށަހަޅާ ފަރާތަކީ އެކަނިވެނި މައެއް/ ބަފައެއް ކަމަށްވެފައި، ދަރިން ބަލަމުންދަނީ މަންމަ/ ބައްޕަގެ ބެލުމުގެ ދަށުގައި ބަހައްޓައިގެން ކަމުގައިވާނަމަ، އެ ދަރިން ބެލެހެއްޓުން ހަވާލުވެފައިވާ ކަމުގެ ޝަރުއީ ކޯޓެއްގެ ޞައްޙަ ލިޔުން.
6. ފޯމު ހުށަހަޅާ ފަރާތަކީ ކައިވެނި ރޫޅިފައިވާ ހާލަތުގައި ހުރި ބައްޕައެއް ކަމުގައިވެފައި، އުފަން ދަރިން ބަލަހައްޓަމުން ދަނީ މަންމަ ނުވަތަ އެހެން ފަރާތެއް ކަމުގައިވަނީނަމަ، ބައްޕަ ދަރިންނަށް ދޭންޖެހޭ ޝަރުއީ ޚަރަދު ދޭކަމުގެ ޝަރުއީ ލިޔުމުގެ ޞައްޙަ ކޮޕީ ނުވަތަ ދަރިންގެ ޚަރަދު ދެނީ ކޯޓު މެދުވެރިނުކޮށް ކަމަށް ވަނީނަމަ ކުދިންގެ މަންމަ ނުވަތަ ބަލަހައްޓާ ފަރާތުން ދަރިންނަށް ބައްޕަ ޚަރަދު ކުރާ ކަން ބަޔާންކޮށް އެފަރާތުން ދޭ ލިޔުން ނުވަތަ ބޭންކު ޑިޕޮސިޓް/ ޓްރާންސްފަރ ސްލިޕް/ރަސީދު ( ބަނޑޭރި ޕޭ ސްލިޕް).
7. އުފަންދަރިން ފިޔަވާ ޝަރުއީ ގޮތުން ކޯޓު މެދުވެރިކޮށް ބެލުން ޙަވާލުކޮށްފައިވާ 18 އަހަރުން ދަށުގެ ކުއްޖަކު ނުވަތަ 01 ކުއްޖަކަށްވުރެ ގިނަ ކުދިން ތިބިނަމަ ކޯޓުން ނިންމިގޮތް އަންގައިދޭ ފަދަ ޝަރުޢީ ލިޔުމުގެ ކޮޕީ.
8. ގޯއްޗަށްއެދޭ ފަރާތުގެ ބެލުމުގެ ދަށުގައިވާ، ދާއިމީ ގޮތެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ގޯއްޗަށް އެދޭ ފަރާތުގައިހުރި ނަމަ އެ ކުއްޖަކު ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރެވިފައިވާކަމުގެ ލިޔުމުގެ ކޮޕީ. (އެންސްޕާގެ ޙާއްސައެހީއަށް ބޭނުންވާމީހެއްކަން އަންގައިދޭ ކާޑު).
9. މި އުސޫލުގެ 10 ވަނަ މާއްދާގެ ދަށުން ގޯތި ނުވަތަ ފުލެޓް ދޫކޮށްލާ ފަރާތްތަކުން ހުށަހަޅަންޖެހޭ އިޤްރާރު.
10. ރަށުގައި ދިރިއުޅޭ މީހެއްކަން އަންގައިދިނުމަށްޓަކައި ވޭތުވެދިޔަ 1 އަހަރު ދުވަހުން ފެށިގެން ދިގުރަށުގައި ދިރިއުޅޭކަން އަންގައިދޭ ލިޔުން (ރަށުގައި ދިރިއުޅޭކަން ސާބިތުކުރުމަށް، ވަޒީފާ އަދާކުރާކަމުގެ ލިޔުން ނުވަތަ ދަރިން ތައުލީމް ހާސިލްކުރާކަމުގެ ލިޔުން ނުވަތަ ގެއެއްގައި ކުއްޔަށް އުޅޭނަމަ ކުއްޔަށް އުޅޭކަމުގެ ލިޔުން ނުވަތަ ރަށުގައި ދިރިއުޅޭ ގޭގެ ކަރަންޓާއި ފެން ފަދަ ޙިދުމަތްތަކުގެ ބިލް ދައްކާ ކަމުގެ ލިޔުން އަދި ތައުލީމް ހާސިލްކުރާ ދަރިންނެތް އަދި ވަޒީފާ އަދާ ނުކުރާ އުމުރުން ދުވަސްވީ ފަރާތެއްނަމަ ދިރިއުޅޭކަން ސާބިތުކުރުމަށް ދަރިންގެ ލިޔުން އަދި ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ)
11. ދަރިއަކު ނުލިބިގެން ދަރިއަކު ހޯދުމަށް ބޭސްކުރަމުންދާ ކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން. (މި ލިއުމުގައި ދަރިއަކު ނުލިބިގެން ބޭސް ކުރަމުންދާކަން ބަޔާން ކޮށްފައި އޮންނަންވާނެއެވެ.)
12. ގޯއްޗަށް އެދި ފުރިހަމަކޮށް ހުށަހަޅާ ފޯމާއިގުޅޭ އެއްވެސް ލިޔެކިޔުމެއްގައި ހެކިވެރިއެއްގެ ހައިސިއްޔަތުން ސޮއިކުރާ އެންމެހާ ފަރާތްތަކުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިގޭ ކާޑުގެ ދެފުށުގެ ޕޮޓޯކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ލައިސަންސް ކޮޕީ ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓް ކޮޕީ. (މި ޕޮއިންޓުގެދަށުން ސޮއިކުރާ ފަރާތަކީ، މައިންބަފައިން، އަނބިމީހާ/ފިރިމީހާ އަދި ދަރިން ކަމުގައި ވެގެންނުވާނެއެވެ.)
12 - ގޯތިލިބޭ ފަރާތްތައް ކަނޑައެޅުން
(ހ) ޝަރުތުހަމަވާ ފޯމުތަކުގެ ތެރެއިން ގޯތި ލިބޭނީ މި އުސޫލުގައިވާ ޕޮއިންޓް ލިބޭ މިންގަނޑުތަކަށް ޕޮއިންޓް ދިނުމުގެ ތަރުތީބުން އެންމެ މަތިން ޕޮއިންޓް ލިބޭ 38 ފަރާތްތަކަށެވެ.
(ށ) މި މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން 38 ފަރާތްހޮވުމުގައިއެންމެފަހު ގޯއްޗަށް ނުވަތަ ގޯތިތަކަށް ވާދަކުރަން އެއްފަރާތަށްވުރެ ގިނަފަރާތްތަކުގެ ޕޮއިންޓު އެއްވަރުވެފައި ވާނަމަ ގޯތި ލިބޭފަރާތް ކަނޑައަޅާނީ އެފަރާތްތަކުގެ މެދުގައި މި އުސޫލުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން ގުރުއަތު ލައިގެންނެވެ.
(ނ) ގޯތި ލިބޭ ފަރާތްތަކުގެ މެދުގައި ދެމަފިރިން ހިމެނިފައިވާނަމަ، ގޯތި ދޫކުރެވޭނީ އެ ދެ ފަރާތުން ކުރެ އެންމެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތަކަށެވެ.
(ރ) 38 ގޯތި ލިބޭ ފަރާތްތަކުގެ ތެރޭގައި ދެ މަފިރިން ހިމެނި، އެދެފަރާތުގެ ޕޮއިންޓް އެއްވަރުނަމަ، ގޯތި ލިބޭނެ ފަރާތެއް ކަނޑައަޅާނީ، ދެ ފަރާތުން މަޝްވަރާކުރުމަށް މުހުލަތުދީ،ކަނޑައެޅޭ މުއްދަތެއްގެ ކުރިން ދެ ފަރާތުންކުރެ އެއްފަރާތުން ގޯތި ދޫކޮށްލާކަން ބަޔާންކޮށް ކައުންސިލް އިދާރާއަށް ލިޔުމުން ހުށައެޅުމުންނެވެ.
(ބ) މި މާއްދާގެ (ރ) ގެ ދަށުން ދެވޭ މުއްދަތު ހަމަވާއިރު ގޯތި ދޫކޮށްލާ ފަރާތުން އެކަން ބަޔާންކޮށް ލިޔުމުން ކައުންސިލަށް ހުށަނާޅާނަމަ، ދެމަފިރިންގެ މެދުން ގޯތި ލިބޭ ފަރާތެއް ކަނޑައަޅާނީ މި އުސޫލުގެ 13 ވަނަ މާއްދާއާއި އެއްގޮތަށް ގުރުއަތު ލައިގެންނެވެ.
13 - ގުރުއަތުލުން:
(ހ) މި އުސޫލުގެ 12 ވަނަ މާއްދާގެ (ށ) އަދި (ބ) ގައި ބަޔާންކުރާ ގުރުއަތުލުން ކުރިއަށް ގެންދަންވާނީ މި އުސޫލުގެ 3 ވަނަ މާއްދާގައި ބަޔާންކުރާ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.
(ށ) މި ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލެވިގެންނެވެ.
(ނ) ގުރުއަތު ނެގުމަށްޓަކައި ބޭއްވޭ ބައްދަލުވުން ފެށުމުގެ 48 ގަޑިއިރު ކުރިން ގުރުއަތު ނެގުން ބޭއްވޭ ފަރާތްތަކަށް ގުރުއަތު ނެގުމުގައި ބައިވެރިވުމަށް ހާޒިރުވުމަށް އަންގަންވާނެއެވެ.
(ރ) ދެ ފަރާތް ނުވަތަ އެއަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތުލުމުގައި ގުރުއަތު ނަގާނީ ފޯމު ހުށަހެޅި ފަރާތުން ނުވަތަ އެ ފަރާތުން ލިޔުމުން ބާރުދީފައިވާ ފަރާތެކެވެ.
(ބ) މި މާއްދާގެ (ރ) ގައި ބަޔާންކުރާ ފަރާތަށް ގުރުއަތުލުމަށް ހާޒިރު ނުވެވޭނަމަ، ނުވަތަ ވަކި ފަރާތަކަށް ލިޔުމުން ބާރުދީފައި ނުވާނަމަ، ނުވަތަ ގުރުއަތު ނެގުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރު ނުވާނަމަ، އެފަރާތުގެ ބަދަލުގައި ގުރުއަތު ނަގާނީ ކޮމެޓީއިން ނިންމާ ފާސްކުރާ ކޮމެޓީގެ މެންބަރެކެވެ.
14 - ގޯތިލިބޭ ފަރާތެއް ގޯތި ލިބޭ ލިސްޓުން އުނިވުން:
(ހ) މި އުސޫލުގެ 12 ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ 38 ފަރާތުގެ ތެރެއިން އެއްވެސް ފަރާތެއްގެ ނަން އުނިވެއްޖެނަމަ، ނުވަތަ ގޯތި ބާތިލުކުރަން ޖެހިއްޖެނަމަ، އެ ފަރާތެއްގެ ނަން ލިސްޓުން އުނިކުރުމަށްފަހު އަލުން ލިސްޓް ތަރުތީބު ކުރަންވާނެއެވެ.
ގޯތިލިބޭ ފަރާތްތަކުގެ ލިސްޓުން ނަން އުނިވާނެ ޙާލަތްތައް:
1. ގޯތި ލިބުނުކަމަށް ލިސްޓުގައިވާ ފަރާތަކުން، ލިސްޓުން ނަން އުނިކުރުމަށް ނުވަތަ ގޯތި ބޭނުން ނޫންކަމުގައި ބަޔާންކޮށް ލިޔުމަކުން ހުށަހެޅުން.
2. ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް އާންމުކުރުމުގެ ފަހުން، އެއްވެސް ފަރާތަކުން ދީފައިވާ އެއްވެސް މަޢުލޫމާތެއް ޞައްޙަނޫންކަން ކަށަވަރުވެ ޔަޤީންވުން.
3. ދާއިމީ ލިސްޓް އާންމުކުރުމުގެ ފަހުން، (ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލުކުރުމުގެ ކުރިން) ލިސްޓުގައިވާ އެއްވެސް ފަރާތަކުން، ރަށްވެހިކަން އެހެން ރަށަކަށް ބަދަލުކުރުން.
4. ގޯތި ކަނޑައެޅުމުގެ ކުރިން، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތެއް ނިޔާވުން.
(ށ) މިގޮތަށް އަލުން ތަރުރީބު ކުރަންވާނީ މި އުސޫލުގެ 12 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.
15 - ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުން:
(ހ) މި އުސޫލުގެ 12 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރަން ވާނެއެވެ. (ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެއެވެ.)
(ށ) ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމުގައި، މި އުސޫލުގެ 14 ވަނަ މާއްދާގައި ބުނާ އުނި އިތުރު ގެނެވޭ ކޮންމެ ފަހަރަކު އެ އުނި އިތުރަކާއިއެކު ލިސްޓް އާންމުކުރަން ވާނެއެވެ.
(ނ) ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.
2. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.
3. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށައެޅި ފޯމުގެ ރިފަރެންސް ނަންބަރު.
4. ޕޮއިންޓް ދިނުމުގެ މަރުހަލާގައި ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް.
16 - ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން:
(ހ) މި އުސޫލުގެ 15 ވަނަ މާއްދާގައި ބަޔާންކުރާ ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމުކުރުމަށްފަހު ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ވާނެއެވެ.
(ށ) ގޯތިލިބޭ ފަރާތްތަކުގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށްޓަކައި ކުރެވޭ އިޢުލާނުގައި ޝަކުވާ ހުށަހަޅަން އަމަލު ކުރަން ޖެހޭގޮތުގެ ތަފުސީލާއި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހިމަނަންވާނެއެވެ.
(ނ) ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ކޮމެޓީއިން ބަލާ ދިރާސާކޮށް، ކޮންމެ ޝަކުވާއަކަށް ވަކިވަކިން ލިޔުމުން ޖަވާބު ދޭންވާނެއެވެ.
(ރ) ހުށަހެޅޭ ޝަކުވާއެއްގެ ސަބަބުން، ނުވަތަ އެފަދަ ޝަކުވާއަކާއި ގުޅިގެން ކޮމެޓީއިން ހޯދި ހޯދުމަކަށް ގޯތިލިބޭ ފަރާތެއް އުނިކުރަން ޖެހިއްޖެނަމަ، މި އުސޫލުގެ 14 ވަނަ މާއްދާއާއި އެއްގޮތަށް ގޯތިލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓް އަލުން ތަރުތީބުކޮށް އާންމު ކުރަންވާނެއެވެ.
17 - ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރުން:
(ހ) ގޯތި ލިބޭ ފަރާރްތަކުގެ ވަގުތީ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުން، ހުށަހެޅުނު ޝަކުވާތައް ދިރާސާކޮށް ބެލުމަށްފަހު، އުނި އިތުރެއް ގެންނަންޖެހޭނަމަ އެ އުނިއިތުރެއް ގެނައުމަށްފަހު ގޯތިލިބޭ 38 ފަރާތުގެ ދާއިމީ ލިސްޓް އާންމު ކުރަންވާނެއެވެ. (ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެއެވެ.)
(ނ) ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓް އާންމުކުރާ އިޢުލާނުގައި ތިރީގައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ.
1. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ފުރިހަމަ ނަން.
2. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުގެ ދާއިމީ އެޑްރެސް.
3. ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތުން ހުށައެޅި ފޯމުގެ ރިފަރެންސް ނަންބަރު.
4. ޕޮއިންޓް ދިނުމުގެ މަރުހަލާގައި ގޯއްޗަށް އެދި ފޯމު ހުށައެޅި ފަރާތަށް ލިބިފައިވާ ޖުމްލަ ޕޮއިންޓް.
18 - ދާއިމީ ލިސްޓުގައިވާ ފަރާތްތަކަށް ގޯތި ކަނޑައެޅުން:
(ހ) ގޯތި ލިބޭ ދާއިމީ ލިސްޓުގައިވާ ފަރާތަށް ލިބޭ ގޯތި ކަނޑައަޅާނީ ދާއިމީ ލިސްޓް އިޢުލާން ކުރުމަށްފަހުއެވެ. (ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެއެވެ.)
(ށ) ގޯތި ލިބޭ ފަރާތްތަކަށް ލިބޭ ގޯތި ކަނޑައަޅާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ފަރާތްތަކުގެ މެދުގައި ނުވަތަ އެ ފަރާތްތަކުން ލިޔުމުން ބާރުދީފައިވާ ފަރާތްތަކުގެ މެދުގައި ގުރުއަތު ލައިގެންނެވެ. މި ގުރުއަތު ނަގަންވާނީ ކޮމެޓީގެ ބައްދަލުވުމެއްގައެވެ.
(ނ) ގުރުއަތު ނެގުން ކުރިއަށް ގެންދަންވާނީ، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ދީފައިވާ ހިސާބު އަކުރު ބޭނުންކޮށްގެންނެވެ.
(ރ) ގުރުއަތު ނަގާނީ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓުގައިވާ ލިސްޓުގެ ތަރުތީބުންނެވެ.
(ބ) ގުރުއަތުލުން އޮންނަ ތާރީޚާއި ވަގުތާއި ގަޑި އިޢުލާން ކުރަންވާނެއެވެ.
(ޅ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ ބައްދަލުވުން ބާއްވަންވާނީ އާންމުކޮށް ހުޅުވާލައިގެންނެވެ.
(ކ) ގުރުއަތުލުން ބާއްވާ ބައްދަލުވުމަށް ގޯތިލިބޭ ފަރާތުން ނުވަތަ ލިޔުމުން ބާރުދީފައިވާ ފަރާތުން ހާޒިރުނުވާނަމަ، ގުރުއަތު ނަގާނީ ކޮމެޓީއިން ފާސްކުރާ ތަރުތީބަކުން ކޮމެޓީގެ މެންބަރުންނެވެ.
19 - އުސޫލަށް ބަދަލުގެނައުން:
ގޯތި ދޫކުރުމަށް އިޢުލާންކުރުމަށްފަހު އުސޫލަށް އެއްވެސް އިސްލާހެއް ގެންނަނަމަ އެ އިސްލާހު އަލުން އިޢުލާންކޮށް، އެ އިސްލާހުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލެވޭނެއެވެ.( އަދި ފޯމް ހުށައެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން ގެންނަ އިސްލާހުތަކާއި ގުޅިގެން އަލުން ފޯމް ހުށައަޅަން ނުޖެހޭނެއެވެ. ނަމަވެސް މި މުއްދަތުގެ ތެރޭގައި ހުށައަޅާފައިވާ ފޯމާއި ގުޅިގެން އިތުރު ލިޔެކިޔުމެއް ހުށައަޅަން ބޭނުން ވާ ފަރާތްތަކަށް އެ ފުރުސަތު ލިބޭނެއެވެ. )
މި ގޮތަށް އުސޫލަށް އިސްލާހު ގެންނަ ކޮންމެ ފަހަރަކު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރަންވާނެއެވެ.
20 - މާނަކުރުން
(ހ) ގޯތި ދޫކުރުން ކަމުގައި ބުނެފައިއެވަނީ މި އުސޫލުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 38 ގޯތި ނުވަތަ ގޯތިތަކުގެ މާނައިގައެވެ.
(ށ) ގޯތި ލިބޭ ފަރާތް ކަމުގައި ބުނެފައިއެވަނީ މި އުސޫލުގެ ދަށުން ދުކުރުމަށް ހަމަޖެހިފައިވާ ގޯތި ލިބޭ މިންވަރަށް ޕޮއިންޓް ލިބިގެން ގޯތި ލިބޭނެކަމަށް ކަނޑައެޅިފައިވާ ފަރާތް ނުވަތަ ފަރާތްތަކެވެ.
(ނ) ކޮމެޓީ ކަމުގައި ބުނެފައިއެވަނީ ގޯތި ދޫކުރުމުގެ މަސައްކަތް ވިލަރެސްކޮށް ބަލަހައްޓަން އދ. ދިގުރަށު ކައުންސިލްއިން އެކުލަވާލަވާލާފައިވާ ކޮމެޓީއެވެ.
(ރ) ގޯއްޗަށް އެދޭ ފަރާތް ކަމުގައި ބުނެވިފައި އެވަނީ، ގޯތިދޫކުރުމަށް ކުރެވޭ އިޢުލާނުގެ މުއްދަތުގައި ގޯއްޗަށް އެދި ހުށައަޅަންޖެހޭ ފޯމް ހުށައަޅާފައިވާ ފަރާތްތަކެވެ.
21 - ޢަމަލުކުރަން ފެށުން:
މި އުސޫލަށް ޢަމަލުކުރަން ފަށާނީ، މި އުސޫލު ފާސްކުރުމަށް އދ.ދިގުރަށުގެ ކައުންސިލްގެ ބައްދަލުވުމަކުން ފާސްކޮށް ގެޒެޓްކުރާ ދުވަހުން ފެށިގެންނެވެ.
22 - ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފަރާތްތަކުގެ ޙާލަތު ވަޒަންކުރުމުގައި ބޭނުންކުރާ މިންގަނޑު:
| 
 ގޯތި ލިބޭފަރާތް ކަނޑައެޅުމަށްޓަކައި ޕޮއިންޓް ދެވޭނެ ބައިތަކާއި ތަފްސީލް  | 
| 
 #  | 
 ޕޮއިންޓް ދެވޭނެ ބައިތައް  | 
 ޕޮއިންޓްގެ ޖުމްލަ  | 
| 
 1  | 
 އުމުރުގެ ބައި  | 
 7  | 
| 
 2  | 
 ކައިވެނީގެ ބައި  | 
 45  | 
| 
 3  | 
 ދަރިންގެ ބައި  | 
 20  | 
| 
 4  | 
 ދަރިން ނުލިބޭތީ ދަރިން ހޯދުމަށް ބޭސް ކުރަމުންދާ މީހުންގެ ބައި  | 
 3  | 
| 
 5  | 
 ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކުގެ ބައި  | 
 12  | 
| 
 6  | 
 ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި  | 
 15  | 
| 
 7  | 
 ރަށްވެހިކަމުގެ ބައި  | 
 65  | 
| 
 8  | 
 ގޯތި ގެދޮރާއި ބިންވެރިކަމުގެ ބައި  | 
 45  | 
| 
 ޖުމްލަ  | 
 212  | 
|
| 
 ޙައްޤުވެރި ފަރާތް ކަނޑައެޅުމަށް ޕޮއިންޓް ދޭނެ ގޮތުގެ ތަފްސީލް  | 
| 
 1  | 
 އުމުރުގެ ބައި  | 
 ލިބޭނެ ޕޮއިންޓް  | 
| 
 1.1  | 
 އުމުރުން 18 ފުރި 28 އަހަރު ނުފުރޭ މީހެއް ނަމަ  | 
 3  | 
| 
 1.2  | 
 އުމުރުން 28 ފުރި 38 އަހަރު ނުފުރޭ މީހެއް ނަމަ  | 
 5  | 
| 
 1.3  | 
 ޢުމުރުން 38 އަހަރު ފުރިފައިވާ ނުވަތަ އެއަށް ވުރެން ޢުމުރުން ގިނަ ދުވަސް ވެފައިވާ މީހެއް ނަމަ  | 
 7  | 
· ގޯއްޗަށް އެދޭ މީހާގެ "ޢުމުރު" ބަލާނީ، ގޯތި ދޫކުރުމަށް އާންމު ކުރެވޭ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚާއި ހަމައަށް މީލާދީގޮތުން ފުރިފައިވާ އަހަރަށެވެ.އަދި މިބައިން ޕޮއިންޓު ދެވޭނީ ގޯއްޗަށް އެދޭ ފޯމާއެކު ހުށައަޅާފައިވާ އައި.ޑީ ކާޑުގައިވާ މަޢުލޫމާތުގެ މައްޗަށް ބަލައިގެންނެވެ.
| 
 2  | 
 ކައިވެނީގެ ބައި  | 
 ލިބޭނެ ޕޮއިންޓް  | 
| 
 2.1  | 
 ގޯއްޗައް އެދި ހުށައަޅާއިރު ކައިވެނިކޮށްގެން ހުރިނަމަ  | 
 45  | 
| 
 2.2  | 
 ގޯއްޗައް އެދޭ މީހާ މީހަކާ ނުއިންނަނަމަ  | 
 30  | 
· ގޯއްޗަށް އެދިފައިވާ މީހާ ކައިވެނި ކޮށްގެން އުޅޭކަން ނުވަތަ ކައިވެނި ރޫޅިފައިވާކަން ބަލާނީ، ގޯތި ދޫކުރުމަށް އިޢުލާނު ކޮށްފައިވާ ތާރީޚާއި ހަމައަށެވެ. އަދި އަނބި/ފިރި ނިޔާވެ ހުވަފަތްވުމުގެ ސަބަބުން ޙާލަތު ބަލާނީ، ގޯތި ދޫކުރުމަށް އިޢުލާނު ކޮށްފައިވާ ތާރީޚާއި ހަމައަށެވެ.
· ކައިވެނީގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ ވަރި/ކައިވެނީގެ ސެޓްފިކެޓްތަކަށް ބަލައިގެންނެވެ.
| 
 3  | 
 ދަރިންގެ ބައި  | 
 ލިބޭނެ ޕޮއިންޓް  | 
| 
 3.1  | 
 ގޯއްޗަށް އެދޭމީހާ ކައިވެނިކޮށްގެން ދަރިން ތިބިނަމަ (ސަރުކާރުން ދޫކުރާ ގޯއްޗެއް، ފުލެޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއް ރަޖިސްޓްރީ ކުރެވިފައިނެތް ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް، ގިނަވެގެން 20 ޕޮއިންޓް)  | 
 20  | 
| 
 3.3  | 
 ގޯއްޗަށް އެދިފައިވާ މީހާ ވަރިވެފައި، ދަރިންގެ ބައްޕަގެ / މަންމަގެ ގޯތި ނެތްނަމަ (ސަރުކާރުން ދޫކުރާ ގޯއްޗެއް، ފުލެޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއް ރަޖިސްޓްރީ ކުރެވިފައިނެތް ކޮންމެ ކުއްޖަކަށް 5 ޕޮއިންޓް، ގިނަވެގެން 10 ޕޮއިންޓް)  | 
 10  | 
· ކައިވެނި ރޫޅިފައިވާ ހާލަތުގައި މަންމަ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، މި ބަޔަށް ޕޮއިންޓް ދެވޭނީ ދަރިން ބަލަމުން ގެންދަނީ މަންމަގެ ފުރިހަމަ ޒިންމާގެ ދަށުން މަންމައާއި އެއް ގޭބިސީއެއްގައި ކަމުގައި ވާނަމައެވެ. އަދި މަންމަ ދަރިން ބަލަމުންގެންދާ ކަމުގެ ހަޟާނަތުގެ ރިޕޯޓު ނުވަތަ ޝަރުއީ ކޯޓެއްގެ ލިޔުމެއް ހުށަހެޅުމުންނެވެ.
· ކައިވެނި ރޫޅިފައިވާ ޙާލަތުގައި ބައްޕަ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި ބަފައިން)،މި ބަޔަށް ޕޮއިންޓް ދެވޭނީ ދަރިން ބަލަމުން ގެންދަނީ ބައްޕަގެ ފުރިހަމަ ޒިންމާގެ ދަށުން ބައްޕައާއި އެއް ގޭބިސީއެއްގައި ކަމުގައި ވާނަމައެވެ. މިބަޔަށް ޕޮއިންޓް ދެވޭނީ ބައްޕަ ދަރިން ބަލަމުންގެންދާ ކަމުގެ ހަޟާނަތުގެ ރިޕޯޓު ނުވަތަ ޝަރުޢީ ކޯޓެއްގެ ލިޔުމެއް ހުށަހެޅުމުންނެވެ.
· ކައިވެނި ރޫޅިފައިވާ ހާލަތުގައި (ދެމީހުންނަށް ޕޮއިންޓް ލިބޭނީ) މަންމަ ދަރިން ބަލަމުން ގެންދާނަމަ (އެކަނިވެރި މައިން)، އަދި ބައްޕަ ދަރިންނަށް ޚަރަދު ކުރަމުން ގެންދާނަމަ، ބައްޕަ ދަރިންނަށް ޚަރަދުކުރާކަން ސާބިތުކޮށްދޭ ޝަރުޢީ ކޯޓެއްގެ ލިޔުން ނުވަތަ ދަރިންގެ މަންމަގެ ފަރާތުން ބައްޕަ ދަރިންނަށް ޚަރަދު ދޭކަމުގެ ލިޔުން ހުށައެޅުމުން އެ ދެފަރާތަށްވެސް ކަނޑައެޅިފައިވާ ޕޮއިންޓް ލިބޭނެއެވެ. ދަރިންގެ ޚަރަދު ދެނީ ކޯޓު މެދުވެރިނުކޮށް ކަމަށްވާނަމަ އަދި ދަރިންގެ މަންމަގެ ފަރާތުން ދަރިންނަށް ޚަރަދުކުރާކަމުގެ ލިޔުމެއް ލިބުމަށް ދަތިވާ ޙާލަތްތަކުގައި، ދަރިންނަށް ބައްޕަ ޚަރަދުކުރާކަން ދަލީލުކޮށްދޭ ބޭންކް ސްޓޭޓްމަންޓް ފަދަ ލިޔުމެއް ހުށަހެޅިދާނެއެވެ.
· ދަރިންނަށް ޚަރަދުކޮށް އެކުދިން ބަލަމުންގެންދަނީ މަންމަ/ބައްޕަ ނުވަތަ އެދެމީހުންގެ ފަރާތުން ޝަރުޢީ ގޮތުން ކުދިން ބަލަހައްޓަންޖެހޭ ފަރާތް ނޫން އެހެން ފަރާތެއްނަމަ، މިބައިން އެއިން އެއްވެސް ފަރާތަކަށް (މަންމަ/ބައްޕަ) ޕޮއިންޓެއް ނުލިބޭނެއެވެ.
· ގޯއްޗަށް އެދިފައިވާ ފަރާތުގެ ދަރިންގެ ތެރެއިން ދަރިއަކު ގޯއްޗަށް އެދި ފޯމް ހުށައަޅައި އެ ދަރިއަކީ ގޯތި ލިބުމަށް އެލިޖިބަލް ވާ ފަރާތެއް ކަމަށް ގޯތި ކޮމެޓީއަށް ޔަޤީންވެއްޖެ ހާލަތުގައި އެ ދަރިއަކީ ގޯތި ލިބިފައިވާ ދަރިއެއް ކަމުގައި ބަލައި 03 ވަނަ ކެޓަގަރީގެ ދަށުން ގޯތި ލިބިފައިނުވާ ދަރިއަށް ލިބެންޖެހޭ ޕޮއިންޓް ނުލިބޭނެއެވެ.
| 
 4  | 
 ދަރިން ނުލިބޭތީ ދަރިން ހޯދުމަށް ބޭސް ކުރަމުންދާ މީހުންގެ ބައި  | 
 ޕޮއިންޓްގެ ޖުމްލަ  | 
| 
 4.1  | 
 ގޯއްޗަށް އެދިފައިވާ މީހާ، މީހަކާ އިނދެގެން އުޅޭތާ 3 އަހަރަށްވުރެ ގިނަދުވަސްވެ،ދަރިއަކު ހޯދުމަށް ބޭސްކުރަމުން ދާނަމަ  | 
 3  | 
· ޕޮއިންޓް ލިބޭނީ ދަރިއަކު ނުލިބިގެން ދަރިއަކު ހޯދުމަށް ބޭސްކުރަމުންދާ ކަން އަންގައިދޭ ޑޮކްޓަރުގެ ލިޔުން ހުށަހަޅާފައިވާނަމަ އެވެ. މި ލިއުމުގައި ދަރިއަކު ނުލިބިގެން ބޭސް ކުރަމުންދާކަން ބަޔާން ކޮށްފައި އޮންނަންވާނެއެވެ. (މިބަޔަށް ޕޮއިންޓް ލިބޭނީ އެއްވެސް އިރަކު ދަރިއަކު ލިބިފައި ނުވާ ފަރާތްތަކަށް އެކަނި)
| 
 5  | 
 ދަރިންނާއި މައިންބަފައިން ފިޔަވައި ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކުގެ ބައި  | 
 ޕޮއިންޓްގެ ޖުމްލަ  | 
| 
 5.1  | 
 ގޯއްޗަށް އެދޭ ފަރާތަކީ،ޝަރުޢީގޮތުން ބަލަންޖެހޭ ފަރާތެއް ބަލަމުންދާ ފަރާތެއްނަމަ ( އެ ފަރާތުގެ ބެލުމުގެ ދަށުގައިވާ ޝަރުޢީގޮތުން ބަލަންޖެހޭ ފަތާތްތަކުގެ ތެރެއިން ގޯތި ލިބިފައި ނުވާ ކޮންމެ ފަރާތަކަށް 3 ޕޮއިންޓު، ގިނަވެގެން 12 ޕޮއިންޓް )  | 
 12  | 
· ދަރިންނާއި މައިންބަފައިން ފިޔަވައި ޝަރުޢީ ގޮތުން ބަލަންޖެހިފައިވާ ފަރާތްތަކުގެ ބަޔަށް ޕޮއިންޓް ލިބޭނީ ޝަރުޢީގޮތުން ބަލަންޖެހިފައިވާ ފަރާތެއް ބަލަމުން ގެންދާކަން އެނގޭނެ ޝަރުޢީ ކޯޓަކުން ދޫކުރާ ލިޔުމެއް ހުށަހެޅުމުންނެވެ.
| 
 ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި  | 
 ޕޮއިންޓްގެ ޖުމްލަ  | 
|
| 
 6.1  | 
 ގޯއްޗަށް އެދޭ ފަރާތަކީ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން ހިނގާ ބިނގާވެ ނޫޅެވޭ ފަރާތެއްނަމަ (15 ޕޮއިންޓް)  | 
 15  | 
| 
 6.2  | 
 ގޯއްޗަށް އެދޭ ފަރާތަކީ ނަފްސާނީ ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް އަމިއްލަ ޙާލައިގެން އުޅެވޭ ފަރާތެއްނަމަ (10 ޕޮއިންޓް)  | 
 10  | 
· ޙާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބަޔަށް ޕޮއިންޓް ލިބޭނީ އެންސްޕާގެ ޙާއްސައެހީއަށް ބޭނުންވާ މީހެއްކަން އަންގައިދޭ ކާޑު ފޯމާއެކު ހުށަހަޅާފައިވާނަމައެވެ.
| 
 7  | 
 ރަށްވެހިކަމުގެ ބައި  | 
 ޕޮއިންޓްގެ ޖުމްލަ  | 
| 
 7.1  | 
 އުފަންވީއްސުރެން މިރަށުގެ ރަށްވެއްސެއްގެ ގޮތުގައި މިރަށުގައި ދިރިއުޅޭނަމަ  | 
 65  | 
| 
 7.2  | 
 މިރަށު މީހަކާ ކައިވެނިކޮށް،މިރަށު ރަށްވެއްސަކަށްވެ މިރަށުގައި ދިރިއުޅޭތާ 5 އަހަރަށްވުރެ ގިނަދުވަސް ވެފައި ވާނަމަ  | 
 35  | 
| 
 7.3  | 
 މިރަށު މީހަކާ ކައިވެނިކޮށް،މިރަށު ރަށްވެއްސަކަށްވެ މިރަށުގައި ދިރިއުޅޭތާ 1 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާނަމަ  | 
 32  | 
| 
 7.4  | 
 މިރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް ރަށުމީހަކާ ކައިވެނި ކޮށްގެން މި ރަށުގައި ދިރިއުޅޭތާ 5 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާނަމަ  | 
 32  | 
| 
 7.5  | 
 މިރަށުގެ ރަށްވެއްސަކަށް ނުވިނަމަވެސް މިރަށުމީހަކާ ކައިވެނި ކޮށްގެން މި ރަށުގައި ދިރިއުޅޭތާ 5 އަހަރު ނުވާނަމަ  | 
 30  | 
| 
 7.6  | 
 ރަށުން ބޭރު މީހަކު މިރަށު ރަށްވެއްސަކަށްވެ މިރަށުގައި ދިރިއުޅޭނަމަ (ކޮންމެ އަހަރަކަށް 1 ޕޮއިންޓް، ޖުމްލަ 30 ޕޮއިންޓް)  | 
 30  | 
· ރަށްވެހިކަމުގެ ބަޔަށް ޕޮއިންޓް ދެވޭނީ ގޯއްޗަށް އެދޭ ފޯމާއެކު ހުށަހަޅާފައިވާ އައި.ޑީ ކާޑުގައިވާ މަޢުލުމާތަށް އަދި ރަށްވެހިންގެ ރަޖިސްޓްރީގައިވާ މަޢުލޫމާތަށް ބަލައިގެންނެވެ.
· ރަށުގައި ދިރިއުޅޭ މީހެއްކަން އަންގައިދިނުމަށްޓަކައި ވޭތުވެދިޔަ 1 އަހަރު ދުވަހުން ފެށިގެން ދިގުރަށުގައި ދިރިއުޅޭކަން އަންގައިދޭ ލިޔުން (ރަށުގައި ދިރިއުޅޭކަން ސާބިތުކުރުމަށް، ވަޒީފާ އަދާކުރާކަމުގެ ލިޔުން ނުވަތަ ދަރިން ތައުލީމް ހާސިލްކުރާކަމުގެ ލިޔުން ނުވަތަ ގެއެއްގައި ކުއްޔަށް އުޅޭނަމަ ކުއްޔަށް އުޅޭކަމުގެ ލިޔުން ނުވަތަ ރަށުގައި ދިރިއުޅޭ ގޭގެ ކަރަންޓާއި ފެން ފަދަ ޙިދުމަތްތަކުގެ ބިލް ދައްކާ ކަމުގެ ލިޔުން އަދި ތައުލީމް ހާސިލްކުރާ ދަރިންނެތް އަދި ވަޒީފާ އަދާ ނުކުރާ އުމުރުން ދުވަސްވީ ފަރާތެއްނަމަ ދިރިއުޅޭކަން ސާބިތުކުރުމަށް ދަރިންގެ ލިޔުން އަދި ކައިވެނީގެ ސެޓްފިކެޓްގެ ކޮޕީ)
· އުފަންވީއްސުރެ ރަށުގެ ރަށްވެއްސެއްގެ ގޮތުގައިގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުން ރަށުގައި ދިރިއުޅޭ މީހެއްކަން އަންގައިދިނުމަށްޓަކައި ލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.
· އުފަންވީއްސުރެން ރައްވެހިންގެ ތެރެއިން ، ރަށްވެހިކަމުގެ ބަޔަށް މެދުކެނޑުމެއް އައިކަމުގައި ވީ ނަމަވެސް މިހާރު މިރަށަށް ރައްވެހިކަން ބަދަލުކުރުމަށްފަހު މިރަށުގައި ދިރިއުޅޭ ފަރާތްތަކަށް އުފަންވީއްސުރެން ރަށުގެ ރަށްވެހިންނެކޭ އެއްފަދައިން 7.1 ކެޓަގަރީއިން ޕޮއިންޓް ލިބޭނެއެވެ.
| 
 ގޯތި ގެދޮރާއި ބިންވެރިކަމުގެ ބައި  | 
 ޕޮއިންޓްގެ ޖުމްލަ  | 
|
| 
 8.1  | 
 ގޯއްޗަށް އެދޭ މީހާއަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް، ފުލެޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއް އެއްވެސް އިރެއްގައި ލިބިފައި ނުވާނަމަ  | 
 25  | 
| 
 8.2  | 
 ގޯއްޗަށް އެދޭމީހާގެ އަނބި/ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް،ފުލެޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއް އެއްވެސް އިރެއްގައި ލިބިފައި ނުވާނަމަ  | 
 20  | 
· ގޯއްޗަށް އެދޭ މީހާ އަދި ގޯއްޗަށް އެދޭ މީހާގެ އަނބިމީހާ/ފިރިމީހާ އަށް މައިންބަފައިންގެ ގޯތިން ބައެއް ހިބައިން ދިނުމަށްފަހު އެ ގޯތި އަނބުރާ އަތުލާފައިވާނަމަ މި ފަދަ ފަރާތްތަކުގެ މިހާރުގެ ހާލަތަށް ބަލާއިރު އެއްވެސް ގޯއްޗެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައި/ ޝަރީއަތުން އެފަރާތަށް ގޯއްޗެއް ލިބޭގޮތަށް ކޮށްފައިވާ ހުކުމެއް ނެތް ނަމަ އެ ފަރާތްތަކަކީ ކުރިން ގޯތި ލިބިފައިވާ ފަރާތްތަކެއް ކަމުގައި ވިއަސް،ފޯމު ހުށައަޅާއިރު އެމީހާގެ ހާލަތަށް ބަލައި ގޯތި ގެދޮރާއި ބިންވެރިކަމުގެބައި 8.1 އަދި 8.2 ކެޓަގަރީއިން ލިބެންޖެހޭ ފުލް މާކްސް ލިބޭނެއެވެ.
| 
 ޕޮއިންޓް އުނިކުރެވޭ ގޮތުގެ ތަފްސީލް  | 
| 
 #  | 
 ޕޮއިންޓް އުނިކުރެވޭ ގޮތުގެ ތަފްސީލް  | 
 އުނިކުރެވޭ ޕޮއިންޓް އަކަފޫޓަކަށް  | 
| 
 1  | 
 ގޯއްޗަށް އެދިފައިވާ މީހާއަށް ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ލިބި، އެގޯތި މީހަކަށްދީ ނުވަތަ ވިއްކާފައިވާނަމަ ނުވަތަ ގޯއްޗަށް އެދިފައިވާ މީހާއަކީ ކުރިން ލިބިފައިވާ ބޯހިޔާވަހިކަމެއް (ފުލެޓެއް، ރޯހައުސްއެއް ނުވަތަ އެއްމެދު އިމާރާތެއް) ދޫކޮށްލާ، އައު ބޯހިޔާވަހިކަމަށް އެދޭ ފަރާތެއްނަމަ  | 
 30  | 
· ގޯއްޗެއް / ފްލެޓެއް / ރޯހައުސްއެއް / ހައުސިންގ ޔުނިޓެއް އެއްވެސް ފަރާތެއްގެ ނަމުގައިވާކަމުގައި ނުވަތަ ލިބިފައިވާ ކަމުގައި ބަލާނީ އެއްވެސް އިރެއްގައި "ގޯތީގެ ރަޖިސްޓްރީ" ނުވަތަ "ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ" ހަދާފައިވާނަމަ ނުވަތަ ޝަރުޢީ ކޯޓަކުން ޝަރީޢަތް ނިންމާފައިވާކަމުގެ ލިޔުން (ޝަރީޢަތް ނިމުނުގޮތުގެ ހުލާޞާ ރިޕޯޓު) ދޫކޮށްފާނަމަ ނުވަތަ ގޯއްޗެއް / ފްލެޓެއް / ރޯހައުސްއެއް / ހައުސިންގ ޔުނިޓެއް ލިބިފައިވާކަމުގެ ލިޔުން ހަވާލުކޮށް އެގްރިމެންޓްގައި ސޮއި ކުރެވިފައިވާނަމައެވެ.
· ކުރިން ލިބިފައިވާ ބޯހިޔާވަހިކަން ދޫކޮށްލާ އައު ބޯހިޔާވަހިކަމަކަށް އެދޭ ފަރާތެއްނަމަ، ދޫކޮށްލާ ތަނުގެ އަކަފޫޓަށް ރިޢާޔަތްކޮށް ޕޮއިންޓް ކެނޑޭނީ ދޫކޮށްލާ ތަނަކީ 3000 އަކަފޫޓަށް ވުރެން ބޮޑުބިމެއް ނަމަ 30- (ތިރީސް) ޕޮއިންޓް، ދޫކޮށްލާ ތަނަކީ 2999 – 1500 އަކަފޫޓައި ދެމެދުގެ ބިމެއް ނަމަ 15- (ފަނަރަ) ޕޮއިންޓް، ދޫކޮށްލާ ތަނަކި 1499 – 601 އަކަފޫޓާއި ދެމެދު ބިމެއް ނަމަ 10- (ދިހަ) ޕޮއިންޓެވެ. އަދި ދޫކޮށްލާ ބިމަކީ 600 އަކަފޫޓަށްވުރެ ކުޑަ ބިމެއްނަމަ މިބަޔަށް 5- (ފަހެއް) ޕޮއިންޓެވެ.
· ޕޮއިންޓް ދިނުމުގައި މަޢުލޫމާތު ބަލާނީ ފޯމާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ މައްޗަށާއި އަދި ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދޭ ރަސްމީ މަޢުލޫމާތުތަކަށެވެ. ފޯމު ބަލައިގަތުމަށްފަހު ހުށަހަޅާ އިތުރު އެއްވެސް ލިޔުމަކަށް ޕޮއިންޓެއް ނުލިބޭނެއެވެ.
![]()