ޢާންމު މަޢުލޫމާތު
ނަންބަރު: (PR)218-Admin/218/2025/4
ޕަބްލިޝްކުރި ތާރީޚް: 30 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:36
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
މި އޮތޯރިޓީން ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕުރޮގްރާމުތައް، ދެވިފައިވާ ހުއްދައާއި ޚިލާފަށް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާއި ގުޅޭ؛

މި އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަންބޮޑުވުމެއްގެ މައްޗަށް ބިނާކޮށް، އަންނަނިވި ކަންކަން ޢާއްމުނާއި މަރުކަޒުތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ.

މި އޮތޯރިޓީން ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕުރޮގްރާމުތައް، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށް ހިންގާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ދިވެހިރާއްޖެއިން ބޭރުގައި ހިންގާ ރާއްޖެއިން ބޭރުގެ ދަރިވަރުން ތަކަކަށް ދީފައިވާ ސަނަދުތަކަކީ ޞައްޙަ ސަނަދުތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖެއިން ބޭރުގެ ތިން ގައުމެއްގެ ރަސްމީ އިދާރާތަކުން މި އޮތޯރިޓީގައި އެކިފަހަރުމަތިން އެދިފައި ވެއެވެ. އަދި މިގޮތަށް، ޕުރޮގްރާމުތައް ހިންގާ ސަނަދު ދިނުމަށް އެއްވެސް މަތީ ތަޢުލީމީ މަރުކަޒަކަށް ހުއްދަ ދެވިފައި ނުވާނެކަން ވާނީ އެ އިދާރާތަކަށް އަންގާފައެވެ.

އަދި ގަވާއިދު ނަންބަރު: 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) އަށް ޢަމަލުކުރަން ފެށި ތާރީޚުކަމުގައިވާ 10 ސެޕްޓެމްބަރ 2025 ގެ ކުރިން އެއްވެސް މަރުކަޒަކަށް މި އޮތޯރިޓީން ދިވެހިރާއްޖޭގައި ހިންގުމަށް ހުއްދަ ދީފައިވާ ޕުރޮގްރާމުތައް ރާއްޖެއިން ބޭރުގެ މަރުކަޒުތަކުގައި ޕްރޮގްރާމް ހިންގުމަށްޓަކައި ޕުރޮގްރާމް އެކްރެޑިޓޭޝަން ހުއްދަ ދޫކޮށްފައި ނުވާނެކަން 18 ފެބުރުއަރީ 2025 ގައި މި އޮތޯރިޓީން ނެރުނު ޢާއްމު އިޢުލާނެއްގައި ވާނީ ސަމާލުކަމަށް ގެނެސްފައެވެ.  

ދިވެހިރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކޮށްފައިވާ މި ޢަމަލުގެ ސަބަބުން ރާއްޖެއިން ބޭރުގެ ދަރިވަރުންތަކަކަށްވާ ގެއްލުމަށް ޒިންމާވާންޖެހޭނީ އެކަން ކުރި މަރުކަޒުންކަމުގައި ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މިފަދަ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ފެންވަރުގައި ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ މުއައްސަސާތަކާ މެދު ބިނާވެފައިވާ އިތުބާރާއި ޔަޤީންކަމަށް ބުރޫއެރުމަކީ އެކަށީގެންވާކަމެކެވެ. ވުމާއެކު، މި އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ރާއްޖެއިން ބޭރުގެ މަރުކަޒެއްގައި ހިންގަން ބޭނުންވާނަމަ، ގަވާއިދު ނަންބަރު: 2025/R-89 (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދު) އާ އެއްގޮތަށް ހުއްދަ ހޯދުމަށްފަހު އެފަދަ ޕުރޮގްރާމުތައް ކުރިއަށް ގެންދިޔުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ.

ވީމާ، މިކަން ޢާއްމުނާއި މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.

30 ސެޕްޓެންބަރު 2025