ދެންނެވުން
ނަންބަރު: 06/2025
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 09:12
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް މުވައްޒަފުންނަށް ޚާއްސަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީއާ ގުޅޭ

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014 ގެ 188-1 ވަނަ މާއްދާގެ ދަށުން "ޚާއްޞަ ޞިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ" އަށް އެދި ހުށަހެޅުމުގައި ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ދެންނެވީމެވެ. 

  1. ޚާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީއަށް އެދި ޗުއްޓީ ފަށަން ބޭނުންވާ މުއްދަތުގެ 15 (ފަނަރަ) ދުވަސްކުރިން މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ. (އެހެންނަމަވެސް ދިމާވާ ޙާއްސަ ޙާލަތަކީ ކުއްލިގޮތަށް ދިމާވިކަމެއް ކަމުގައިވާ ނަމަ، އެ މުއްދަތަށް ފަހު ވެސް ހުށަހެޅިދާނެއެވެ.)
  2. ޚާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީއަށް އެދި މި ކޮމިޝަނަށް ހުށަހަޅާނީ މަސައްކަތްކުރާ އިދާރާ މެދުވެރިކޮށްގެންނެވެ. (ބެލެނިވެރި އިދާރާއެއްވާ ނަމަ، އެ އިދާރާއަށް ކޮޕީކުރަންވާނެއެވެ.) އަދި، މި ޗުއްޓީ ފަށަންވާނީ، ޗުއްޓީ ހަމަޖެހުނުކަން މުވައްޒަފަށް އެންގުމުންނެވެ.
  3. ޚާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ ދެވޭނީ ކެންސަރު ބަލި، ކިޑްނީގެ ބަލި، ތެލަސީމީއާ ފަދަ ޓަރމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއްގެ ސަބަބުން ދިގުމުއްދަތަކަށް، ބޭސްފަރުވާ ކުރަންޖެހޭ ކަންތައްތަކާއި، ބޯންމެރޯ ނުވަތަ ގުނަވަނެއް ހަދިޔާކުރުމަށް ބޭނުންވާ ހާލަތުގައެވެ.
  4. މުވައްޒަފަށް ދިމާވާ ޙާލަތަކާ ގުޅިގެން ޗުއްޓީއަށް އެދޭ ނަމަ، އެ މުވައްޒަފަކީ ޓަރމިނަލް އިލްނަސްއެއް، ކްރޮނިކް އިލްނަސްއެއް ތަޙައްމަލުކުރަމުންދާ ފަރާތެއްކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން މުވައްޒަފަށް މަސައްކަތަށް ނުނިކުމެވޭނެ މުއްދަތު ބަޔާންކޮށް ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  5. ޗުއްޓީއަށް އެދި ހުށަހަޅަނީ މުވައްޒަފެއްގެ އާއިލާގެ މެންބަރަކަށް ދިމާވާ ހާލަތަކާ ގުޅިގެން ނަމަ، އާއިލާގެ މެންބަރަކީ ޓަރމިނަލް އިލްނަސްއެއް، ކްރޮނިކް އިލްނަސްއެއް ތަޙައްމަލުކުރަމުންދާ ފަރާތެއްކަމަށާއި، ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް ރަޖިސްޓްރީކޮށްފައިވާ ޞިއްޙީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓެއް ނުވަތަ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  6. ޗުއްޓީއަށް އެދި ހުށަހަޅަނީ މުވައްޒަފެއްގެ އާއިލާގެ މެންބަރަކަށް ދިމާވާ ހާލަތަކާ ގުޅިގެން ނަމަ، އެއީ މުވައްޒަފުގެ އަނބިމީހާ ނުވަތަ ފިރިމީހާ ނުވަތަ މަންމައަށް ނުވަތަ ބައްޕަޔަށް ނުވަތަ ދަރިޔެއް ނުވަތަ އެއްބަނޑުއެއްބަފާ މީހެއް ނުވަތަ އެއްބަފާ މީހެއް ނުވަތަ އެއްބަނޑު މީހެއް ނުވަތަ ޝަރުޢީގޮތުން ބަލަންޖެހިފައިވާ މީހެއްކަން އެނގޭނެ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  7. މުވައްޒަފެއްގެ އާއިލާ މެންބަރަކަށް ދިމާވާ ހާލަތަކާ ގުޅިގެން ޗުއްޓީ ދިނުމުގައި، ސިވިލް ސަރވިސްގައި މަސައްކަތްކުރާ ބަލިމީހާގެ އާއިލާގެ މެންބަރުންގެ ތެރެއިން ޗުއްޓީ ދެވޭނީ ފަހަރަކު 1 (އެކެއް) މުވައްޒަފަށެވެ.
  8. މުވައްޒަފަށް ދިމާވާ ޙާލަތަކާ ގުޅިގެން ޙާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ ދެވޭނީ، އެ މުވައްޒަފުގެ ސަލާމުގެ ޗުއްޓީ ހަމަވުމުންނެވެ. އަދި، މުވައްޒަފެއްގެ އާއިލާ މެންބަރަކަށް ދިމާވާ ޙާލަތަކާ ގުޅިގެން ޙާއްސަ ސިއްޙީ ބޭނުންތަކަށް ދެވޭ ޗުއްޓީ ދެވޭނީ އެ މުވައްޒަފުގެ އާއިލީ ޒިންމާގެ ޗުއްޓީ ހަމަވުމުންނެވެ.
29 ސެޕްޓެންބަރު 2025