ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)14-INT/1/2025/91
ޕަބްލިޝްކުރި ތާރީޚް: 08 ސެޕްޓެންބަރު 2025
ޕަބްލިޝްކުރި ގަޑި: 14:30
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ޤާނޫނާއި ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގުން

       ޤާނޫނު ނަންބަރު 15/2010 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ، ގަވާއިދު ނަންބަރު: 21-އާރ/2025 (ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު) އާ ޚިލާފަށް ދުންފަތުގެ ބާވަތްތައް ސިއްރުން ރާއްޖެއަށް އެތެރެކޮށް، ވިއްކަމުންދާ ކަމުގެ މަޢުލޫމާތު މި ސަރވިސްއަށް ދަނީ ލިބެމުންނެވެ. މި ކަން ޙައްލުކުރުމަށްޓަކައި، މި ސަރވިސްއިން ވަނީ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

       މިގޮތުން ޤާނޫނާއި ގަވާއިދާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އެތެރެކުރުމާއި ވިއްކުން ހުއްޓުވުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް މިދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި، ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ވިއްކަމުންދާ ދުންފަތުގެ ބާވަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސް، ޤާނޫނީ ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅަމުންދާނެއެވެ.

       އެހެންކަމުން ޤާނޫނާއި ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ ދުންފަތުގެ ބާވަތްތަކާއި، ސިއްޙީ ވުޒާރާއިން ޢާންމުކޮށްފައިވާ އިންޒާރުގެ ނޯޓިސް ނުޖަހައި ހުންނަ ދުންފަތުގެ ބާވަތްތަކާ ގުޅޭ އެއްވެސް މުޢާމަލާތެއް ނުކުރުމަށް އިލްތިމާސް ކުރަމެވެ. އަދި އެއްވެސް ފަރާތަކުން އެފަދަ ތަކެތި ވިއްކާކަން ނުވަތަ އެއްވެސް މުޢާމަލާތެއް ކުރާކަން އެނގިއްޖެނަމަ، ކަސްޓަމްސްގެ ހިލޭ ގުޅޭ ނަންބަރު 1416 އަށް ގުޅުއްވައި އެ މަޢުލޫމާތު ޙިއްސާކުރެއްވުމަކީ މި ސަރވިސްގެ ވަރަށް ބޮޑު އެދުމެކެވެ.

       މުޖުތަމަޢުގައި ހިންގާ މިފަދަ ނޭދެވޭ ޢަމަލުތައް ހުއްޓުވުމުގައި، ޢާންމު ރައްޔިތުންނާއި އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބުމަކީ މިފަދަ ޢަމަލުތައް ހުއްޓުވުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައި ފާހަގަކުރަމެވެ. މިފަދަ ކަންކަމުގައި އެކި ފަރާތްތަކުން އަބަދުވެސް ދެއްވާ އެއްބާރުލެއްވުމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

08 ސެޕްޓެންބަރު 2025