ދެންނެވުން
ނަންބަރު: (IUL)407-ESM/407/2025/51
ޕަބްލިޝްކުރި ތާރީޚް: 13 އޮގަސްޓް 2025
ޕަބްލިޝްކުރި ގަޑި: 17:26
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ވިލިނގިލީގައި ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް

ގއ. ވިލިނގިލީގައި ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް

ތަޢާރަފާއި ނަން

  1.  

މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު 2010/7 ގެ 22 ވަނަ މާއްދާގެ (ވ) ގެ މާއްދާގެ ދަށުން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގެ ލޭންޑް ޔޫސް ޕްލޭނާއި، އަދި ވިލިނގިލީ ކައުންސިލްގެ ތަރައްޤީގެ ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، ގއ. ވިލިނގިލީގައި ވިޔަފާރި އަދި އިޤްތިޞާދީ ތަރައްޤީ ގެނައުމަށްޓަކައި ކަނޑައަޅާފައިވާ ސަރަޙައްދުތަކުން ބިން ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލެވެ.

 

 

(ހ)

މި އުޞޫލަށް ކިޔާނީ، "ގއ. ވިލިނގިލިގައި ވިޔަފާރިތައް ތަރައްޤީކޮށް ހިންގުމަށްޓަކައި ކަނޑައަޅާފައިވާ ސަރަހައްދުން ބިން ކުއްޔަށް ދޫކުރުމުގެ އުޞޫލް" އެވެ.

 

 

 

             

މަޤްސަދު

2.

ގއ. ވިލިނގިލީގެ ލޭންޑްޔޫސް ޕްލޭނުގައި ކަނޑައަޅާފައިވާ ސަރަޙައްދުން ވިޔަފާރި ތަރައްޤީކޮށް ހިންގުމަށްޓަކައި ކުއްޔަށް ދޫކުރާ ބިންތަކުން ކައުންސިލަށް ދެމެހެއްޓެނިވި އާމްދަނީއެއް ހޯދުމާއި، އަދި ދެމެހެއްޓެނިވި ގޮތުގައި ގއ.ވިލިނގިލީގައި ވިޔަފާރި ހިންގާ ފަރާތްތައް އިތުރުކޮށް އެންމެންގެ މެދުގައި ހަމަހަމަ ފުރުސަތުތަކެއް ފަހިކޮށްދީ އެއްއުސޫލަކުން އަމަލުކުރުމުގެ މަޤްސަދުގައި ކަނޑައެޅިފައިވާ އުސޫލެކެވެ.

 

 

 

 

އުސޫލު ހިންގާ ފަރާތާއި އަދި އަމަލުކުރަންޖެހޭ ފަރާތް

3.

މިއުޞޫލުގެ ދަށުން ހިންގާ އެންމެހައި ކަންކަން ތަންފީޛުކޮށް ބަލަހައްޓާނީ ގއ. ވިލިނގިލި ކައުންސިލް އިދާރާއިންނެވެ. އަދި މި އުޞޫލާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުވާ ފަރާތްތަކަކީ ގއ. ވިލިނގިލީގައި ވިޔަފާރި ތަރައްޤީކޮށް ހިންގުމަށްޓަކައި ބިން ކުއްޔަށް ހިފުމަށް އެދި ހުށަހަޅާ ފަރާތްތަކާއި، އަދި ބިން އެވޯޑުކުރެވި، އެއްބަސްވުމުގައި ސޮއިކުރެވޭ ފަރާތްތަކެވެ.

 

 

 

 

ބިން ކުއްޔަށް ދިނުމުގައި ޢަމަލު  ކުރާނެ އުޞޫލު

4

މި ބިންތަށް ކުއްޔަށްދޫކުރުމުގައި އަމަލުކުރާނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ނަންބަރ:2024/R-41 ގެ 05 ވަނަ މާއްދާގެ )ހ( ގައިވާ އުޞޫލްގައިވާ ގޮތުގެ މަތިންނެވެ.

 

މިއުޞޫލްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ވިޔަފާރި ބިންތަކަށް ޕްރޮޕޯސަލް ހުށަހެޅޭނީ އެފުރުޞަތު ހުޅުވާލައި ގއ.ވިލިނގިލި ކައުންސިލުން އިޢްލާން ކުރުމުންނެވެ.

 

 

 

 

ކުއްޔަށް ދޫކުރެވޭ ބިން

5.

މިއުޞޫލުގެ ދަށުން ކުއްޔަށް ބިންދޫކުރުމަށް ހަމަޖެހިފައިވާނީ ގއ. ވިލިނގިލި ލޭންޑް ޔޫސް ޕްލޭނުގައި ވިޔަފާރިތައް ތަރައްޤީކުރުމަށް ބިން ކަޑައެޅިފައިވާ ސަރަހައްދުންނެވެ.

 

 

 

 

ބިން ބޭނުން ކުރެވޭނެ ކަންކަން

6.

މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިމެއް ބޭނުންކުރަންވާނީ ހަމައެކަނި މަޢުލޫމާތު ޝީޓުގައި އެ ބިމަކަށް ކަނޑައަޅާފައިވާ ވިޔަފާރީގެ ބޭނުމަށެވެ. އެހެން އެއްވެސް ބޭނުމަކަށް އެ ބިން ބޭނުންކުރުމަކީ މަނާކަމެކެވެ.

 

 

(ހ)

ކުއްޔަށް ދޫކުރެވޭ ބިމެއްގައި އެބިމެއްގައި ކުރުމަށް ކަނޑައެޅިފައިވާ ވިޔަފާރި ފިޔަވައި އެހެން ވިޔަފާރިއެއް ކުރުމަކީ މަނާކަމެކެވެ. ގުދަން ކުރުމަށް ދޫކުރެވޭ ބިންތަކުގައި ތެލުގެ ވިޔަފާރި ކުރުމާއި ލޭބަރުން އެކަމަޑޭޓް ކުރުމާއި ދިރޭތަކެތި ގެންގުޅުމަކީ މަނާކަމެކެވެ.

 

 

(ށ)

މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އެ ބިމަކަށް ކަނޑައަޅާފައިވާ ވިޔަފާރި ފިޔަވައި އެހެން އެއްވެސް ވިޔަފާރިއެއް ކުރާނަމަ އެ ބިމުގެ އެއްބަސްވުން ބާޠިލުކޮށް، ބިން އަނބުރާ ނެގުމުގެ ފުރިހަމަ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

 

 

 

 

ބިމުގައި އަމަލީ މަސައްކަތް ފެށުން

7.

މި ޢުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގެ ޢަމަލީ މަސައްކަތް އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ފަށަންޖެހޭނެ ކަމަށް އެއްބަސްވުމުގައި ބަޔާންކުރަންވާނެއެވެ. މީގެ އިތުރުން، މަސައްކަތް ފެށުމަށް ކަނޑައަޅާފައިވާ ތާރީޚާއި، މަސައްކަތް ނިމޭނެކަމަށް އަންދާޒާކުރެވޭ ތާރީޚު އެއްބަސްވުމުގައި ސާފުކޮށް ހިމަނަންވާނެއެވެ.

 

 

(ހ)

މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަމަލީ މަސައްކަތް ފެށުމަށް އަދި ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނުފަށައިފިނަމަ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން މަސައްކަތް ފެށުމަށް 1 (އެކެއް) މަސްދުވަހުގެ ލިޔުމުން ދޭ އެންގުމެއް (ނޯޓިސްއެއް) ދޭންވާނެއެވެ.

 

 

(ށ)

މިމާއްދާގައި ދެންނެވިފައިވާ ގޮތަށް އަމަލީ މަސައްކަތް ފަށައި އަދި ނިމޭނެ ކަމަށް ލަފާކުރާ ތާރީޚުގެ ތެރޭގައި އަމަލީ މަސައްކަތް ފަށާފައި، މަސައްކަތް ހުއްޓި ގިނަދުވަސްވާނަމަ، ސަބަބު ބަޔާންކޮށް ކައުންސިލަށް ލިޔުމުން އަންގަންވާނެވެ. އަދި މިގޮތަށް މަސައްކަތް ހުއްޓި އެގްރިމެންޓުގައި މަސައްކަތް ނިމޭނެ ކަމަށް ލަފާކުރާ ތާރީޚާއި ހަމައަށް މަސައްކަތް ކުރިޔަށްނުދާނަމަ، އެގްރިމެންޓާއި އެއްގޮތަށް މަސައްކަތް ކުރިޔަށްގެންދިޔުމަށް 1 (އެކެއް) މަސްދުވަހުގެ ނޯޓިސްއެއް ދޭންވާނެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި ދެންވިފައިވާ ގޮތަށް އަމަލީ މަސައްކަތް ނުފެށި ނުވަތަ ހުއްޓިފައި ގިނަދުވަސްވާނަމަ ސަބަބު ބަޔާންކޮށް ކައުންސިލަށް ލިޔުމުން އަންގާ ފަރާތްތަކަށް، އަމަލީ މަސައްކަތް ނިންމުމަށް އިތުރު މުއްދަތު ދެވިދާނެއެވެ.

 

 

(ރ)

މި މާއްދާގެ (ހ) އަދި (ށ) ގައި ދެންވިފައިވާ ގޮތަށް އަމަލީ މަސައްކަތް ފެށުމަށް ނޯޓިސް ދިނުމުންވެސް މަސައްކަތް ނުފަށައިފިނަމަ އިތުރު ނޯޓިސްއެއް ދިނުމަކާ ނުލައި އެގްރިމެންޓް ބާތިލްކޮށް އެ ބިން ވަކިކުރުމުގެ އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ. އަދި މިގޮތަށް ބިން ވަކިކުރުމުގައި އެއްވެސް ބަދަލެއް ނުދެވޭނެވެ. 

 

 

 

 

ބިންތަކުގައި އިމާރާތް ކުރެވޭނެ ގޮތް

8.

މިއުޞޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިމުގައި އިމާރާތް ކުރަންވާނީ ގަވާއިދާ އެއްގޮތްވާގޮތުގެމަތީން ކައުންސިލްގެ ހުއްދަ ހޯދައިގެންނެވެ.

 

(ހ)

1 (އެކެއް) ފަންގިފިލާ އަށްވުރެ ގިނަ ފަންގިފިލާތަކަށް އިމާތްކުރަން ހުއްދަދެވޭނީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ކަނޑައަޅާފައިވާ މިންގަޑަށެވެ.

 

 

(ށ)

ކައުންސިލުން ވަކި ގޮތަކަށް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިންތަކުގައި އިމާރާތްކުރަންވާނީ ކައުންސިލުން ކަނޑައަޅައި ގޮތަށެވެ.

 

 

 

 

ބިން ކުއްޔަށް ދޫކުރުމުގައި އަމަލު ކުރަންވިގޮތް

9.

މިއުޞޫލުގެ ދަށުން ބިން ކުއްޔަށް ދޫކުރާނީ ގއ. ވިލިނގިލި ކައުންސިލް އިދާރާއިން އެފުރުސަތު ހުޅުވާލަން އިޢުލާންކޮށް، ޕްރޮޕޯސަލް ހުށަހަޅަގެން ބީލަން އުސޫލުންނެވެ.

 

(ހ)

ބިން ކުއްޔަށް ދޫކުރުމުގެ އިއުލާނުގައި އަންނަނިވި ކަންކަން ބަޔާން ކުރަންވާނެވެ.

 

  1. ދޫކުރުމަށް ހަމަޖެހިފައިވާ ބިމުގެ ބޮޑުމިން (އަކަފޫޓު)، ބިމުގެ ބާވަތް، ބިމުގައި ކުރެވޭނެ ކަންކަން، ބިންދޫކުރާ މުއްދަތު
  2. ދޫކުރުމަށް ހަމަޖެހިފައިވާ ބިން އޮތްތަނުގެ ކުރެހުން މިންތަކާއެކީ
  3. ޕޮއިންޓު ދިނުމުގައި އަމަލުކުރާގޮތް
  4. ފޯމް ހުށަހަޅަންޖެހޭ މުއްދަތު

 

 

 

 

ބިމުގެ ކުލި އަދި ބިން ދޫކުރާ މުއްދަތު

10.

މިއުޞޫލުގެ ދަށުން ދޫކުރާ ބިންތަކުގެ އަކަފޫޓަކަށް ނެގޭ އެންމެ ކުޑަ އަގު/ކުލި އަދި ބިން ދޫކުރާ މުއްދަތް ތިރީގައި އެވަނީއެވެ.

ބިން ކުލި ފެށޭ އަގު: 2 ރުފިޔާ

ބިން ދޫކުރާ މުއްދަތު: 30 އަހަރު

 

 

 

 

ބިން ދޫކުރި މުއްދަތު އިތުރުކުރުން

11.

މި އުޞޫލުގެ ދަށުން ދޫކުރާ ބިމުގެ މުއްދަތް އިތުރު ކުރެވޭނީ އެއް ފަހަރުއެވެ.

 

(ހ)

މި އުޞޫލުގެ ދަށުން ދޫކޮށްފައިވާ ބިމުގެ މުއްދަތު އިތުރު ކުރެވޭނީ ބިން ހަވާލުވިފަރާތުން، ބިން ދޫކޮށްފައިވާ މުއްދަތު ހަމަވުމުގެ 6 (ހައެއް) މަސް ދުވަހުގެ ކުރިން ކައުންސިލަށް ހުށަހެޅުމުންނެވެ.

 

 

(ށ)

މި މާއްދާގެ (ހ) ދަށުން މުއްދަތު އިތުރުކުރުމަށް ކައުންސިލަށް ހުށަހަޅަންވާނީ ރަސްމީ ލިޔުމުންނެވެ. އެގޮތުން މިހާރުގެ ހާލަތާއި އަދި ކުރިއަށް ރޭވިފައިވާ ގޮތުގެ ތަފްސީލް އިނގޭނެގޮތުގެ ޕްރޮޕޯސަލް ހުށަހަޅާގެންނެވެ.

 

 

(ނ)

މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާގޮތަށް މުއްދަތު އިތުރުކުރެވޭނީ ހުށަހަޅާ ޕްރޮޕޯސަލް އިވެލުއޭޓުކޮށް ޕްރޮޕޯސަލްގައިވާ ކަންކަމަށް ރިއާޔަތް ކުރުމަށްފަހުގައެވެ. ޕްރޮޕޯސަލްގައި އަންނަނިވި ކަންކަން ހިމަނަންވާނެވެ.

 

 

 

  1. ޕްރޮޕޯސަލްގެ މަޤްސަދާއި ލަނޑުދަޑިތައް

 

 

 

  1. ބިން ބޭނުން ކޮށްފައިވާ މިންވަރު (އިމާރާތް ކުރެވިފައިވާ މިންވަރާއި އަދި ހުސްޖާގައިގެ މިންވަރު)

 

 

 

  1. ބިމުގައި އިމާރާތް ކުރެވިފައިވާ ތަންތަނާއި އަދި ބިނާތަކުގެ ހާލަތް

 

 

 

  1. ބިމުގެ އެއްބަސްވުމާއި ގުޅިގެން ސީއެސްއާރުގެ ހަރަކާތްތަކުގެ ތެރެއިން ކުރެވިފައިވާ ކަންތައްތަކާއި އަދި 5 އަހަރުތެރޭގައި ކުރުމަށް ރާވާ ސީއެސްއާރުގެ ހަރަކާތްތަކުގެ ތަފްސީލް

 

 

 

  1. ބިމުގެ ވަށައިގެންވާ މަގުތަކާއި، އަދި އެހެނިހެން ތަންތައް ސާފްކޮށް ބަލަހައްޓާގޮތް

 

 

 

  1. ބިމުކުއްޔާ ގުޅިގެން ދައްކަންޖެހޭ އެންމެހާ ކުލި އަދި ޖޫރިމަނާ ދައްކާފައިވުން

 

 

(ރ)

މި އުޞޫލުގެ ދަށުން ކުއްޔަށް ދޫކުރާ ބިމުގެ މުއްދަތް ހަމަވުމުގެ 6 (ހައެއް) މަސް ދުވަހުގެ ފަހުން ނުވަތަ އޭގެ ކުރިން އެބިމުގައި ގަވާއިދާ ޚިލާފަށް ނުވަތަ ކައުންސިލުން އަންގާ އެންގުންތަކަށް އަމަލުނުކުރާ ފަރާތްތަކާއި އަދި އެކިފަހަރުމަތިން އިސްލާހު ކުރުމަށް ނަސޭހަތްތެރިވެފައިވާ ފަރާތްތައް، ބިމުގެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހެޅި ކަމުގައިވިޔަސް އެފަދަ ފަރާތްތަކަށް ދޫކުރެވިފައިވާ ބިމުގެ މުއްދަތު އިތުރު ނުކުރެވޭނެވެ.

 

 

(ބ)

މި އުޞޫލުގެ ދަށުން ދޫކުރާ ބިމުގެ މުއްދަތު އިތުރުކުރެވޭނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ނަންބަރ:2024/R-41 ގެ 05 ވަނަ މާއްދާގެ )ހ( ގައިވާ އުޞޫލްގައިވާ ގޮތުގެ މަތިންނެވެ. އަދި މި މުއްދަތު އިތުރުކުރުމުގައި ބިމުގެ ކުއްޔަށް ބަދަލުގެނައުމުގެ އިޙްތިޔާރު ގއ. ވިލިނގިލި ކައުންސިލް އިދާރާއަށް ލިބިގެންވެއެވެ.

 

 

(ޅ)

މި މާއްދާގެ (ރ) ގައި ދެންނެވިފައިވާ ގޮތަށް މުއްދަތު އިތުރު ނުކުރާ ބިންތަކާއި އަދި ފުރަތަމަ ފަހަރަށް ބިމުގެ މުއްދަތު އިތުރުކުރުމަށް ފަހު، ދެވަނަ ފަހަރަށް ބިން ނުވަތަ ބިމުގައިވާ އިމާރާތްތައް ކުއްޔަށް ދޫކުރެވޭނީ އިއުލާން ކޮށްގެން ބީލަމުގެ އުސޫލުންނެވެ.

 

 

 

 

ކުއްޔަށް ދޫކުރެވިފައިވާ ބިން، ބިމުގެ ބައެއް ނުވަތަ ބިމުގައިވާ އިމާރާތެއް އެހެން ފަރާތަކަށް ކުއްޔަށް ދިނުން

12.

މިއުޞޫލުގެ ދަށުން ދޫކުރެވޭ ބިން، ބިމުގެ ބައެއް ނުވަތަ ބިމުގައި އިމާރާތް ކޮށްފައިވާ އެއްވެސް ތަނެއް ކުއްޔަށް ދޫކުރެވެނީ އަންނަނިވި ކަންކަމާއި އެއްގޮތަށެވެ.

 

(ހ)

ކުއްޔަށް ދޫކުރެވިފައިވާ ބިން، ބިމުގެ ބައެއް ނުވަތަ ބިމުގައި އިމާރާތެއް އެއްވެސް ފަރާތަކަށް ކުއްޔަށް ދޫކުރެވޭނީ، އެކަމަށް އެދި ލިޔުންމުން ގއ. ވިލިނގިލި ކައުންސިލް އިދާރާއަށް ހުށަހަޅައިގެންނެވެ.

ގްރޭސް ޕީރިއަޑް

13.

މި އުޞޫލުގެ ދަށުން ދޫކުރާ ބިންތަކަން ގްރޭސް ޕީރިއަޑެއް ދެވޭނެވެ.

 

 

(ހ)

މި އުޞޫލުގެ ދަށުން ބިން ދޫކުރާ ތާރީޙުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގެ ގްރޭސް ޕީރިއަޑެއް ދޭންވާނެވެ.

 

 

(ށ)

މި އުޞޫލުގެ ދަށުންދެވޭ ގުރޭސް ތެރޭގައި ބިމުގައި އިމާރާތްކުރުމުގެ މަސައްކަތް ނިންމަންވާނެވެ.

 

 

(ނ)

ގްރޭސް މުއްދަތުގެ ތެރޭގައި ބިމުގެ ކުލި ދެއްކުމުން އިސްތިސްނާވާނެއެވެ. އެހެންނަމަވެސް، ގްރޭސް މުއްދަތުގެ ފުރަތަމަ 2 (ދޭއް) މަސްދުވަހުގެ ތެރޭގައި ބިމުގެ ޢަމަލީ މަސައްކަތް ނުފަށައިފިނަމަ ނުވަތަ ކުރިއަށް ނުގެންގޮސްފިނަމަ، ގްރޭސް މުއްދަތުގެ 3 (ތިނެއް) ވަނަ މަހުން ފެށިގެން ބިމުގެ ކުލި ދެއްކުން ލާޒިމުވާނެއެވެ.

 

 

 

 

އެގުރިމެންޓުގެ މުއްދަތު ހަމަވުމުގެ ކުރިން ބިން ދޫކުރުން

14.

މި އުސޫލާ އެއްގޮތަށް އެގްރިމެންޓްކުރެވިފައިވާ ބިމުގެ މުއްދަދަތް ހަމަވުމުގެ ކުރިން ބިން ދޫކުރެވޭނީ އެކަމަށް އެދި ލިޔުމުން ކައުންސިލަށް ހުށަޅައި ލިޔުމުން ޖަވާބު ލިބުމުންނެވެ.

 

(ހ)

މިމާއްދާ އެއްގޮތަށް ބިން ދޫކުރުމަށް ކައުންސިލަށް ހުށަހަޅަންވާނީ ބިން ދޫކުރުމަށް ބޭނުންވާ ތާރީޚްގެ 30 ދުވަސް ކުރިންނެވެ.

 

 

 

 

ޖޫރިމަނާ ކުރުން

15.

މިއުޞޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތަކާމެދު އެހެން ޤާނޫނަކުން ނުވަތަ ޤަވާއިދަކުން ވަކިގޮތަކަށް ޢަމަލުކުރުމަށް ކަނޑައެޅިފައިނުވާ ކަންކަމުގައި އަންނަނިވި ގޮތަށް ޖޫރިމަނާ ކުރެވޭނެނެއެވެ.

 

 

(ހ)

މިއުޞޫލުގައި ހިމެނިފައިވާ ކަންކަމާ ޚިލާފުވާ ފަރާތް ޖޫރިމަނާ ކުރެވޭނީ،

 

 

 

  1.  ފުރަތަމަ ފަހަރަށް -/2500 (ދެހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

 

 

 

  1.  ދެވަނަ ފަހަރަށް -/5000 (ފަސް ހާސް) ރުފިޔާއެވެ.

 

 

 

  1.  ތިންވަނަ ފަހަރަށް -/10,000 (ދިހަ ހާސް ފަސް ސަތޭކަ) ރުފިޔާއެވެ.

 

 

(ށ)

މިމާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ތިންވަނަ ފަހަރަށް ޖޫރިމަނާކުރުމަށް ފަހުވެސް ކުށް ތަކުރާރު ކޮށްފިނަމަ ރަސްމީ 15 ދުވަހުގެ ނޯޓިސްއެއް ދިނުމަށްފަހު އިތުރު އެންގުމަކާ ނުލާ އެއްބަސްވުން ބާތިލުކުރެވޭނެއެވެ.

 

 

(ނ)

މި މާއްދާގެ (ހ) ދަށުން ބާތިލުކުރެވޭ އެއްބަސްވުމާއި ގުޅިގެން، ދޫކުރެވުނު ބިމުގައިވާ އިމާރާތްތަކާއި އަދި ނުއުފުލޭ މުދަލަށް އެއްވެސް ބަދަލެއް ދިނުމަކާ ނުލާ އެބިން ކައުންސިލްގެ ބެލުމުގެ ދަށަށް ގޭނެވޭނެއެވެ.

 

 

 

 

ކުއްޔަށް ދޫކުރެވިފައިވާ ބިން ކައުންސިލަށް ނެގުން

16.

މި އުސޫލާ އެއްގޮތަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގޭނީ އަންނަނިވި ހާލަތް ދިމާވުމުންނެވެ.

 

(ހ)

ކުއްޔަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވުމުން

 

(ށ)

ކުއްޔަށް ދޫކޮށްފައިވާ ބިމުގެ މުއްދަތު ހަމަވުމުގެ ކުރިން ބިން ކުއްޔަށް ހިފިފަރާތުން ބިން ދޫކުރުން

 

(ނ)

މިއުޞޫލާއި، ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާ ފަރާތައް ޖޫރިމަނާކޮށް، ނޯޓިސް ދިނުމުންވެސް އިސްލާހު ނުކޮށް އެއްބަސްވުން ބާތިލްކުރުން

 

 

(ރ)

މި މާއްދާގެ (ހ)، (ށ) އަދި (ނ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި، ބިން އަނބުރާ ކައުންސިލުގެ ބެލުމުގެ ދަށަށް ގެނެވޭ ހިނދު، އެއްވެސް ބާވަތެއްގެ މާލީ ނުވަތ އެހެނިހެން ބަދަލެއް ދިނުމަކާ ނުލައި، އެ ބިން ވަގުތުން ކައުންސިލަށް ނެގުމުގެ އިޚްތިޔާރު ލިބިގެންވެއެވެ.

 

 

(ބ)

މި މާއްދާގެ (ހ) ގައި ދެންނެވިފައިވާ ބިން ކައުންސިލަށް ނަގަންބޭނުންވެއްޖެ ހާލަތެއްގައި އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ 30 (ތިރީސް) ދުވަހުގެ ކުރިން އެފަރާތަށް ނޯޓިސް އެއް ފޮނުވަންވާނެއެވެ. އަދި މިއުސޫލުގެ 12 ވަނަ މާއްދާގެ (ށ) ގައި ދެންނެވިފައިވާގޮތަށް ބިމުގެ މުއްދަތް އިތުރުކުރަން ހުށަހަޅާފައިވާނަމަ، އެކަމާމެދު ގޮތް ނިންމާނީ ކައުންސިލުންނެވެ.

 

 

(ބ)

މިއުޞޫލުގެ ދަށުން ބިން ނެގުމުގެ 10 ދުވަސް ކުރިން ކައުންސިލުން ބިމުގައިވާ އިމާރާތުގެ ހާލަތާއި އަދި ބިމުގައިވާ ހަރުމުދަލުގެ ތަފްސީލް ރިޕޯޓެއް އެކުލަވާލަންވާނެއެވެ. 

 

 

 

 

ކުއްޔަށް ހިފާ ފަރާތުގެ ޒިންމާ

17.

ބިން ކުއްޔަށް ހިފާފަރާތުން ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި އަދި މި އުޞޫލާ އެއްގޮތަށް އަމަލުކުރަންވާނެއެވެ.

 

(ހ)

ކުއްޔަށް ދޫކުރެވޭ ބިން ބޭނުންކުރަންވާނީ އެބިމެއް ބޭނުން ކުރުމަށް މިއުޞޫލުގައި ކަނޑައެޅިފައިވާ ވިޔަފާރިއަކަށެވެ.

 

 

(ށ)

ކުއްޔަށް ދޫކުރެވޭ ބިމަކީ ވިޔަފާރިތައް ތަރައްޤީކުރުމަށް ދޫކުރެވޭ ބިމަކަށްވާތީ، ބިމުގައި ކުރުމަށް ރާވާފައިވާ ވިޔަފާރި ކުރަންވާނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ނަންބަރ:2024/R-41 ގެ 05 ވަނަ މާއްދާގެ )ހ( ގައިވާ އުޞޫލުގައިވާ ގޮތުގެ މަތިންނެވެ.

 

 

(ނ)

ބިން ކުއްޔަށް ހިފާ ފަރާތާއި އަދި ކައުންސިލާ ދެމެދު ހެދިފައިވާ އެގުރިމެންޓާ އެއްގޮތަށް ކަނޑައެޅިފައިވާ ވަގުތުގައި ކުލި ދައްކަންވާނެއެވެ.

 

 

(ރ)

ކައުންސިލުން ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ބިމުގެ އިން ވަކިކޮށްގެންނޫނީ އެބިމުގައި އެއްވެސް މަސައްކަތެއް ނުވަތަ މަސައްކަތަށް ބޭނުންވާ ސާމާނެއް  ޖަމާކޮށްގެން ނުވާނެވެ.

 

 

(ބ)

ކުއްޔަށް ދޫކުރެވޭ ބިމުގައި ދިވެހިރާއްޖޭގެ ޤާނޫނުނާއި ގަވާއިދުތަކާއި އިސްލާމްދީނުގެ އަސާސްތަކާ ޚިލާފުވާ އެއްވެސް ކަމެއް ނުވަތަ ވިޔަފާރިއެއް ކޮށްގެންނުވާނެއެވެ.

 

 

(ޅ)

މިއުޞޫލުގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގައިކުރާ ވިޔަފަރިއަކާ ގުޅުންހުރި ހުރިހާ ހުއްދައެއް ހޯދުމަކީ ބިން ކުއްޔަށް ހިފާ ފަރާތުގެ މަސްއޫލިއްޔަތެކެވެ.

 

 

(ކ)

ކުއްޔަށް ދޫކުރެވޭ ބިމުގައި އިމާރާތްކުރަންވާނީ ދިރިއުޅުން ނޫން އެހެނިހެން ބޭނުންތަކަށް ބިންދޫކުރުމާއި، ރަޖިސްޓަރީ ކުރުމުގެ ގަވާއިދު ނަންބަރ:2024/R-41 ގެ 05 ވަނަ މާއްދާގެ )ހ( ގައިވާ އުޞޫލްގައިވާ ގޮތުގެ މަތިންނެވެ.

 

 

 

 

ބިން ކުއްޔަށް ހިފުމަށް އެދި ރަޖިސްޓްރީވުން

18.

މިއުޞޫލުގެ ދަށުން  ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ކުއްޔަށް ހިފުމަށް އެދޭ ފަރާތްތަކުން މިމާއްދާ އެއްގޮތަށް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވާންވާނެއެވެ.

 

(ހ)

މިއުސޫލުގެ ދަށުން ބިންތައް ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލައި އިއުލާން ކުރުމުން، އެއިއުލާނުގައި ކަނޑައެޅިފައިވާ ތާރީޚަށް "ބިޑް ރަޖިސްޓްރޭޝަން ފޯމް" ގއ. ވިލިނގިލި ކައުންސިލް އިދާރާއަށް ހުށަހަޅައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ރަޖިސްޓްރީ ކުރަންވާނެވެ.

 

(ށ)

މިއުސޫލުގެ ދަށުން ބިޑް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/1000 ރުފިޔާ ނެގޭނެވެ.

 

(ނ)

މި މާއްދާގެ (ހ) ގައި ދެންނެވިފައިވާގޮތަށް މެއިލް މެދުވެރިކޮށް ހުށެހެޅޭ " ބިޑް ރަޖިސްޓްރޭޝަން ފޯމް" ގއ. ވިލިނގިލި ކައުންސިލް އިދާރާއަށް ލިބުނުތޯ ކަށަވަރު ކުރުމަކީ ބީލަން ރަޖިސްޓްރީވުމަށް އެދި ފޯމް ހުށަހެޅި ފަރާތުގެ މަސްއޫލިއްޔަތަކެވެ.

 

 

(ރ)

" ބިޑް ރަޖިސްޓްރޭޝަން ފޯމް" ހުށަހަޅައި ރަޖިސްޓްރީ މަރުހަލާ ނިމޭނީ މި މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ބިޑް ރަޖިސްޓްރޭޝަން ފީ (-/1000 ރުފިޔާ) ގއ. ވިލިނގިލި ކައުންސިލް އިދާރާއަށް ދެއްކުމުން ނުވަތަ ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ބޭންކް އެކައުންޓަށް ޖާމާކުރެވުމުންނެއެވެ.

ބޭންކް އެކައުންޓަށް ޖާމާކުރެވޭ ފައިސާ ޖަމާކުރެވުންތޯ ކައުންސިލް އިދާރާއިން ކަށަވަރު ކުރަންވާނެއެވެ.

 

 

 

 

ބީލަން ހުށެހެޅުން

19.

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތައް ކުއްޔަށް ހިފުމަށް އެދި ބީލަން ހުށެހެޅޭނީ، ބިޑް ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަކޮށް ހުށަހަޅައި، ބިޑް ރަޖިސްޓްރޭޝަން ފީ ދައްކާފައިވާ ފަރާތްތަކަށެވެ.

 

 

(ހ)

ބީލަން ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި އަދި ބީލަން ހުށަހަޅަންޖެހޭ ގަނޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ ބީލަން ހުށެހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

 

 

(ށ)

ބިޑް ރަޖިސްޓްރީވުމަށް އަންނަނިވި ލިޔުންތަށް ހުށަހަޅަންވާނެއެވެ.

 

 

 

  1. ބީލަމަށް ހުށަހަޅަންޖެހޭ ލިޔުންތަކާއި އަދި ޗެކްލިސްޓް
  2. ބީލަން ހުށަހަޅާ ފޯމް
  3. ބިން ކުއްޔަށް ހިފުމަށް އެދި ހުށާހަޅާ ޕްރޮޕޯސަލް
  4. ބީލަން ހުށަހަޅާ ފަރާތުގެ ކުންފުނީ ރަޖިސްޓްރީގެ ކޮޕީ ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮޕީ
  5. ޓީ.ޖީ.އެސް.ޓީ ނުވަތަ ޖީ.އެސް.ޓީ ކޮށްފައިވާ ފަރާތެއްނަމަ ޓީ.ޖީ.އެސް.ޓީ ނުވަތަ ޖީ.އެ.ސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓްގެ ކޮޕީ
  6. ޖީ.އެސް.ޓީ އަށް ރަޖިސްޓްރީ ނުކުރާނަމަ ނޮޓިފިކޭޝަން އޮފް ޓެކްސް ރެޖިސްޓްރޭޝަން ކޮޕީ
  7. ބީލަން ހުށަހަޅާ ފަރާތުގެ ބަދަލުގައި އެހެން ފަރާތެއް ބީލަން ހުށަހަޅާނަމަ ޕަވާރ އޮފް އެޓާރނީގެ ލިޔުން
  8. ބީލަން ހުށަހަޅާ ފަރާތުގެ 3 މަސް ހަމަނުވާ 1 އަހަރު ދުވަހުގެ ބޭންކް ސްޓޭޓްމަންޓް ނުވަތަ މަލީ ތަނަވަސްކަން އަންގައިދޭ ބޭންކް ރިފަރެންސް ލެޓަރ
  9. ބިމުގެ މަސައްކަތް ކުރާނެ ގޮތުގެ ވޯކް ޝެޑިއުލެއް

 

 

(ނ)

މިމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ތަރުތީބުން ހުރިހާ ލިޔުންތަށް ހީރަސްކޮށް އެއް ސިޓީ އުރައަކަށް އަޅައި ބަންދުކޮށް، ސިޓީއުރައިގެ ބޭރުގައި ބިޑް ހުށަހަޅާ ފަރާތުގެ ނަން، އިޢުލާނުގެ ނަމާއި  ނަންބަރު ލިޔެވިފައި އޮންނަންވާނެވެ.

 

 

 

 

ބީލަމުގައި  ހުށަހަޅާފައިވާ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދެވޭ ގޮތް

20.

މި އުސޫލުގެ ދަށުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރާނީ މިދަންނަވާ މިންގަޑާ އެއްގޮތަށެވެ. އަދި ޕޮއިންޓުގެ ގޮތުގައި އެއްފަރާތެއްވުރެ ގިނަފަރާތް އެއްވަރު ވެއްޖެނަމަ ބިންދޫކުރެވޭނީ އެފަރާތަކުގެ މެދުގައި ގުރުއަތުލައިގެން ހޮވޭ ފަރާތަކަށެވެ.

 

(ހ)

ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވަލުއޭޓް ކުރުމަށްޓަކައި މާރކްސް ދިނުމަށް ކަނޑައެޅިފައިވާ މިންގަޑުތަކާއި އޭގެ ތަފްސީލް ތިރީގައި އެވަނީއެވެ.

 

 

 

މާރކްސްދެވޭ ބައިތައް

ތަފްސީލް

މާރކްސް

 

 

 

ހުށަހަޅާ މަހު ކުލި

މަހު ކުއްޔަށް ޕޮއިންޓް ދޭނީ ހުށަހަޅާ އެންމެ ބޮޑު ކުއްޔަކީ ބެންޗްމާކް ކަމަށް ބަލައިގެން މާކްސްދެވޭ ބައިތަކަށް ކަނޑައެޅިފައިވާ އިންސައްތަ ހިމަނާގެންނެވެ. މިގޮތުން އެންމެ ގިނަ  މާރކްސް ލިބޭނީ އެންމެ ބޮޑު މަހު ކުލި ހުށަހަޅާ ފަރާތަކަށެވެ.

65%

 

 

 

 

 

ވިޔަފާރިކުރުމުގެ

ދާއިރާގައި މަސައްކަތުގެ

މުއްދަތް

ވިޔަފާރިކުރުމުގެ ދާއިރާގައި 10 އަހަރަށްވުރެ ގިނަދުވަސް މަސައްކަތް ކޮށްފައިވާނަމަ އެންމެ މަތިން މާރކްސް ދެވޭނެއެވެ. އަދި ވިޔަފާރިކުރުމުގެދާއިރާގައި 10 އަހަރަށްވުރެ ދަށްވާނަމަ އެމަސައްކަތް ކުރެއްވި އަހަރަށްވާ އަދަދަށް މާރކްސް ދެވޭނެއެވެ.

ވިޔަފާރިކުރުމުގެދާއިރާގައި މަސައްކަތް ކޮށްފައި ނުވަތަ ކުރަމުންދާ ކަމަށް ބެލެވޭނީ ދާއިރާ ނުވަތަ ދާއިރާގުޅޭ މަސައްކަތް ކޮށްފައި ނުވަތަ ކުރަމުންދާކަން އަންގައިދޭ ސަރުކާރުގެ އިދާރާ/އޮފީހަކުން ފޯރުކޮށްދޭ ލިޔުމުގެ މައްޗަށް ބިނާކޮށެވެ.

10%

 

 

މަސައްކަތް ތާވާލް

(ވޯރކް ޝެޑިއުލް)

މަސައްކަތުގެ ތަފްސީލު

 

5%

މަސައްކަތްތައް ތަފްސީލުކޮށް ލިޔެފައިވުން

1

ކޮންމެ މަސައްކަތަކަށް ވަކި ކޯޑެއް ދީފައިވުން

1

ކޮންމެ މަސައްކަތަކަށް އެކަށީގެންވާ މުއްދަތެއް ކަނޑައަޅާފައިވުން

1

މަސައްކަތްތަކުގެ ފެށޭ އަދި ނިމޭ ތާރީޚްތައް ސާފުކޮށް ބަޔާންކޮށްފައިވުން

1

ގަންޗާރޓް

1

 

 

 

އިޖްތިމާޢީ ކަންކަމަށް ކުރާ

ޚަރަދު

މިބަޔަށް ޕޮއިންޓް ދޭނީ އިޖްތިމާޢީ ކަންކުރާނެކަމަށް ހުށަހަޅާ އެންމެ ބޮޑު ޚަރަދަކީ ބެންޗްމާކް ކަމަށް ބަލައިގެން މާކްސްދެވޭ ބައިތަކަށް ކަނޑައެޅިފައިވާ އިންސައްތަ ހިމަނާގެންނެވެ. މިގޮތުން އެންމެ ގިނަ މާރކްސް ލިބޭނީ އިޖްތިމާޢީ ކަންކަމަށް އެންމެ ބޮޑު ޚަރަދު ކުރާނެކަމަށް ހުށަހަޅާ ފަރާތަކަށެވެ.

20%

 

 

 

 

އުސޫލަށް އުނި އިތުރުކޮށް ބަދަލުގެނައުން

21.

މި އުޞޫލަށް އެއްވެސް ބަދަލެއްގެނެވޭނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގެ ޖަލްސާއަށް އެކަން ހުށަހަޅައި އެބަދަލެއް ނުވަތަ އެއިސްލާހެއް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ. އަދި މި އުޞޫލުގައި ހިމެނިފައިނުވާކަމެއް ދިމާވެއްޖެނަމަ، އެކަމަށްވެސް ގޮތްނިންމާނީ ކައުންސިލްގެ ރަސްމީ ބައްދަލުވުމުގެ ޖަލްސާއަށް ހުށަހަޅައި އެކަމެއް ނުވަތަ އެއިސްލާހެއް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.

 

(ހ)

މާއްދާގައި ދެންނެވިފައިވާގޮތަށް މިއުޞޫލާއި ގުޅިގެން އެއްވެސް ބަދަލުގެންނަށް ނުވަތަ އިސްލާހެއް ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކުރެވޭ ހުރިހާ އިސްލާހުތައް ގެޒެޓު ކުރަންވާނެވެ.

 

 

 

މާނަކުރުން

22.

"ކައުންސިލް" ކަމަށް ބުނެފައިއެވަނީ، "ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލް" އަށެވެ.

"އިދާރާ" ކަމުގައި ބުނެފައިއެވަނީ، "ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ކައުންސިލްގެ އިދާރާ" އަށެވެ.

"ލޭންޑް ޔޫސް ޕްލޭން" ކަމުގައި ބުނެފައިއެވަނީ، "ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލި ބިން ބޭނުން ކުރުމަށް ރާވާލެވިފައިވާގޮތެވެ.

"ބިމުގެ އަމަލީ މަސައްކަތް" ކަމަށް ބުނެފައިއެވަނީ، ބިން ސާފްކުރުމާއި އިންފާރު ރޭނުމުގެ މަސައްކަތުން ފެށިގެން ބިމުގައި ކުރަންޖެހޭ އިމާރާތްކުރުމުގެ ހުރިހާ މަސައްކަތްތައް ނިމެންދެންނެވެ.

 

 

 

ޢަމަލުކުރަން ފެށުން

23.

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ، މިއުޞޫލު ގއ. ވިލިނގިލި ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިރުކުރާ ދުވަހުން ފެށިގެންނެވެ.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

13 އޮގަސްޓް 2025