ނޫސްބަޔާން
ނަންބަރު: (PR)220-MPRS/PRIV/2015/58
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2015
ޕަބްލިޝްކުރި ގަޑި: 13:17
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ބޭންކް އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދި މި އޮތޯރިޓީގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކާ ގުޅޭ

ނޫސް ބަޔާން

ބޭންކް އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދި

މި އޮތޯރިޓީގެ ނަމުގައި ކުރަމުންދާ ފޯންކޯލްތަކާ ގުޅޭ

މި އޮތޯރިޓީއާއި ބޭންކް އޮފް މޯލްޑިވްސްއާއި ހައުސިންގ މިނިސްޓްރީ ގުޅިގެން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ރައްޔިތުންނަށް ގޯތި ނުވަތަ ފުލެޓް ހޯދައިދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ކަމަށް ބުނެ މި އޮތޯރިޓީގެ ނަމުގައި އެކި ފަރާތްތަކަށް ގުޅައި، ގޯތި ނުވަތަ ފުލެޓް ލިބޭނެ ކަން ޔަގީން ކުރުމަށްޓަކައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ކަމުގެ މައުލޫމާތު މި އޮތޯރިޓީއަށް ދަނީ ލިބެމުންނެވެ.

މިއީ، މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދުމުގެ މަގުސަދުގައި ކޮންމެވެސް ފަރާތަކުން ކުރަމުންދާ ކަމެއް ކަމަށް ވާތީ، މި ފަދަ ކަންކަމަށް ސަމާލުވެވަޑައިގަތުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި މި އޮތޯރިޓީން އެއްވެސް ފަރާތަކަށް ގުޅައި ވަކި ބޭންކް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް ނާންގާނެ ކަމަށާއި، މި އޮތޯރިޓީއަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއްވެސް ބަލައިގަންނާނީ މި އޮތޯރިޓީގެ އޮފީސްތަކަށާއި "މީރާކަނެކްޓް" އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ. އަދި މި ފަދަ ފޯންކޯލެއް ލިބިވަޑައިގެންފިނަމަ ލަސްނުކުރައްވައި 1415 އަށް ގުޅުއްވައި އެ ކަމުގެ މައުލޫމާތު މި އޮތޯރިޓީއާ ހިއްސާކުރެއްވުން އެދެމެވެ.

29 ސެޕްޓެންބަރު 2015