ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-MEU/88/2025/370
ޕަބްލިޝްކުރި ތާރީޚް: 31 ޖުލައި 2025
ޕަބްލިޝްކުރި ގަޑި: 08:44
ސުންގަޑި: 07 އޮގަސްޓް 2025 13:00
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ތައުޒިޔާގެ ދަފްތަރު ހުޅުވައިލުން

ތައުޒިޔާގެ ދަފްތަރު ހުޅުވައިލުން

 

ދިވެހި ދައުލަތަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން، ތަޢުޒިޔާގެ ދަފްތަރެއް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވައިފައެވެ.

އަލްމަރްޙޫމް ޙަސަން ޞާބިރު އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައި ވަނީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގައި ކަމަށްވާތީ، ދަފްތަރު ހުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، މި މިނިސްޓްރީގައެވެ. ދަފްތަރު ހުޅުވިފައި އޮންނާނީ، މި ޖުލައި މަހުގެ 31 ވާ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ އޮގަސްޓު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށް ވެލާނާގޭގެ 5 ވަނަ ފަންގިފިލާގައި ހުންނަ މި މިނިސްޓްރީގެ އޮފީހުގައެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރު އަވަހާރަވީ 2025 ޖުލައި 28 ވީ ހޯމަ ދުވަހުއެވެ. އަލްމަރްޙޫމް ޙަސަން ޞާބިރަކީ، ދިވެހި ދައުލަތަށާއި، ދިވެހި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެކެވެ. ޚާއްޞަ ގޮތެއްގައި އެ މަނިކުފާނު ފާހަގަވެގެންދަނީ ދިވެހި ޤައުމުގެ އިޤްތިޞާދާބެހޭ ދާއިރާތަކުގައި ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ. ޚާއްޞަކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަން ރާއްޖެއިން ބޭރު ޤައުމުތަކުގައި އިޝްތިހާރު ކުރެއްވުމަށް އެ މަނިކުފާނު ކުރެއްވި މަސައްކަތްޕުޅުތަކާއި އަދި ރާއްޖޭގެ ޚާރިޖީ ދާއިރާގައި، ރާއްޖެއާއި އެކި ޤައުމުތަކާ ދެމެދު އެކި ރޮނގުތަކުން ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުތައް ވެސް ފާހަގަކޮށްލަންޖެހެއެވެ.

31 ޖުލައި 2025