ދިވެހިރާއްޖެ
'ގައްދޫ ފުޓްސަލް ޗެލެންޖް 2025' ގެ ޓައިޓަލް ސްޕޮންސަރ ކުރުމުގެ ފުރުޞަތު ހުޅުވާލުން.
ކައުންސިލްގެ 2025 ވަނައަހަރުގެ ކުޅިވަރު ކަލަންޑަރުގެ ދަށުން 'ގައްދޫ ފުޓްސަލް ޗެލެންޖް 2025' މިއަހަރުގެ ނޮވެމްބަރު މަސްތެރޭގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ޓީމްތައް ބައިވެރިކުރުމަށް ރަޖިސްޓްރޭޝަން، 2025 އޮގަސްޓް ފުރަތަމަ ހަފްތާގައި ހުޅުވާލެވޭނެއެވެ.
މިފަހަރުގެ މިމުބާރާތަކީވެސް، ދިވެހިރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައިވާ، އަތޮޅުތަރޭގައި ބޭއްވޭ އިންތިޒާމްތައް ފުރިހަމަ ފުޓްސަލް މުބާރާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކައުންސިލުން ނިންމާފައިވެއެވެ. މުބާރާތް ހުޅުވާލެވިފައިިވަނީ ދެކުނު އޭޝިއާއަށް ނިސްބަތްވާ ޤައުމުތަކުގެ ޓީމްތަކަށާއި ދިވެހިރާއްޖޭގެ ޓީމްތަކަށެވެ. މިއީ މިކައުންސިލުން ގައްދުއަށާއި މުޅި ހުވަދު އަތޮޅަށް ގެންނާނެ ފުޓްސަލް ކުޅިވަރުގެ ލާސާނީއަކަށް ވެގެންދާނެއެވެ.
ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 މިއަހަރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ކުރީގެ އަހަރުތަކާއި މުޅިންތަފާތުކޮށް ފިރިހެން ޑިވިޝަނަށް އެކަނި އަމާޒުކޮށެވެ.
ޑިވިޝަންގެ ފައިސާގެ އިނާމްތައް ބެހިފައިވާ ގޮތް؛
1. މުބާރާތުގެ ޗެމްޕިއަންޓީމަށް ތިންލައްކަ ރުފިޔާ
2. މުބާރާތުގެ ރަނަރަޕް ދޮޅުލައްކަ ރުފިޔާގެ ފައިސާ
3. މުބާރާތުގެ ތިންވަނައަށް ހޮވޭ ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާ
4. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ތިރީސްހާސް ރުފިޔާ
5. ކިންގް: ވިހިހާސްރުފިޔާ
6. ޓޮޕް ސްކޯރާ: ފަސްހާސްރުފިޔާ
7. ޕްރޮމިސިންގް ޕްލޭޔަރ: ފަސްހާސްރުފިޔާ.
މިސްކޭލްގައި މުބާރާތެއް އިންތިޒާމް ކުރުމަށްޓަކައި ގިނަ ޢަދަދެއްގެ ފައިސާއާއި އެހެނިހެން އެހީތެރިކަން ބޭނުންވާއިރު، ސްޕޮންސަރޝިޕަށް ހުޅުވާލައިގެން އެހީތެރިކަން ހޯދުމަށް ކައުންސިލުން ރާވާފައިވެއެވެ. މި މުބާރާތަށް ފައިސާ ޚަރަދުކުރަން ރާވާފައިވަނީ ކައުންސިލްގެ 2025 ގެ ކުޅިވަރު ކަލަންޑަރުގައި ރާވާފައިވާ ގޮތަށް ކަމަށްވާއިރު ހެޔޮއެދޭ ވިޔަފާރި ތަކާއި، ޖަމްޢިއްޔާތަކާއި، ރަސްމީ އަދި ނުރަސްމީ ހުރިހާ އިދާރާތަކުންވެސް މާލީ އެހީތެރިކަން އަޅުގަނޑުމެން އިންތިހާއަށް ބޭނުންވެއެވެ.
އެހެންކަމުން، މިއަދުންފެށިގެން ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2025 ގެ ޓައިޓަލް ސްޕޮންސަރ ކުރުމަށް އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭނުންފުޅުވާ ހުރިހާ ފަރާތްތަކަށް އެފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.