ދިވެހިރާއްޖެ
ޤާނޫނު ނަންބަރު: 5/2019 (ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ޅ)ގެ ދަށުން، ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މަޤާމުތައް ކަމުގައިވާ ބާ ކައުންސިލުގެ ނައިބު ރައީސްގެ މަޤާމާއި، އެގްޒެކެޓިވް ކޮމިޓީގެ 2 މެންބަރެއްގެ މަޤާމަށް، މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރު، 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ބަލައިގަންނާނީ 27 މޭ 2025 ވާ އަންގާރަ ދުވަހުން ފެށިގެން،15 ޖޫން 2025 ވާ އާދީއްތަ ދުވަހުގެ 15:00ގެ ނިޔަލަށް ބާ ކައުންސިލުގެ އިދާރާއަށް ހާޒިރުވެ ހުށަހެޅުމުން ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށް ބާ ކައުންސިލަށް ފޯމާއި ތަކެތި ހުށަހެޅުމުންނެވެ.
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ބާ ކައުންސިލުގެ ނައިބު ރައީސް ކަމަށް ކުރިމަތިލާ ޤާނޫނީ ވަކީލެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
- ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 (ދިހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ހުރުން؛
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން؛ އަދި
- ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ މީހެއްގައި އަންނަނިވި ޝަރުޠުތައް ފުރިހަމަ ވާންވާނެއެވެ.
- ޤާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- ޤާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެ މީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް ޝަރުޢީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން؛ އަދި
- ޤާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އިންތިޚާބަށް ކުރިމަތިލުމަށް އެދޭއިރު، އަންނަނިވި މަޢުލޫމާތާއި ތަކެތި ހުށަހަޅަން ވާނެއެވެ.
- އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމު؛
- އިންތިޚާބުގައި ޚާއްޞަ ލޯގޯ/ނިޝާނެއް ބޭނުންކުރުމަށް ގަސްދުކުރާނަމަ އެ ނިޝާން/ލޯގޯ؛
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ފުރިހަމަކޮށްފައިވާ އުމުރު ދުވަހުގެ ދަރަނީގެ ރިކޯޑާއި ކުށުގެ ރިކޯޑު ސާފުކޮށްފައިވާކަން އެނގޭނެ ލިޔުން؛
- އިންތިޚާބަށް ކުރިމަތިލާ މީހާގެ ޕާސްޕޯޓު ސައިޒުގެ ކުލަ ފޮޓޯ (ޕާސްޕޯޓުގެ މިންގަނޑަށް ފެތޭ (JPEG ފޯމެޓުގައި) ސޮފްޓް ކޮޕީ)؛
- އިންތިޚާބަށް ކުރިމަތިލާ މީހާގެ މަންދޫބުންގެ ގޮތުގައި އައްޔަނު ކުރާ މީހުންގެ މަޢުލޫމާތު ޝީޓު؛ އަދި
- އިދާރީ ފީގެ ގޮތުގައި ދައްކަންޖެހޭ -/5,000 (ފަސްހާސް ރުފިޔާ).
(* ނޯޓް: ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށް ހުށަހަޅަންވާނީ އުމުރު ދުވަހުގެ ރެކޯޑު ހިމެނޭގޮތަށް)
ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ އިޢުލާނު ކުރުމަށް ހަމަޖެހިފައިވަނީ 19 ޖޫން 2025 ވާ ބުރާސްފަތި ދުވަހުއެވެ. މި އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ބާ ކައުންސިލުގެ ވެބްސައިޓް maldivesbarcouncil.org އިން ޑައުންލޯޑު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.