ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ފަސޭހަ މަދަދު" އިސްލާމިކް ފައިނޭންސިންގ ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީގައި ހިންގާ މި ސްކީމުގައި މި މިނިސްޓްރީން، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތް މެދުވެރިކޮށް ފުރަތަމަ ފިޔަވަހީގައި ފައިނޭންސްކުރުމަށް ހަމަޖެހިފައިވަނީ ޖުމުލަ -/30,840,000 (ތިިރީސް މިލިޔަން އަށްލައްކަ ސާޅީސްހާސް) ރުފިޔާއެވެ.
"ފަސޭހަ މަދަދު" ފައިނޭންސިންގ ސްކީމް ހިންގުމަށް ހަމަޖެހިފައިވަނީ އަންނަނިވި އުސޫލުތަކުގެ މަތިންނެވެ.
1. ސްކީމްގެ ދަށުން ފައިނޭންސްކުރުމަށް ކަނޑައެޅިފައިވާ މިންގަނޑުތަކާއި ދާއިރާތައް
1.1 މި ސްކީމުގައި ބައިވެރިވުމަށް ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނެއެވެ. އަދި، ވިޔަފާރި ހިންގުމަށް އަމިއްލަ ނަންމަތީގައި ނުވަތަ ކުންފުންޏެއް، ޕަރޓްނަރޝިޕެއް އަދި ކޯޕަރޭޓިވް ސޮސައިޓީއެއްގެ ގޮތުގައި ރަޖިސްޓަރީކުރާގޮތަށް ހުށަހެޅިދާނެއެވެ. ވިޔަފާރި ރަޖިސްޓަރީކޮށްފައި ނުވާނަމަ، މި ސްކީމަށް ހޮވުމުން ރަޖިސްޓަރީކުރަންވާނެއެވެ.
1.2 މި ސްކީމުގައި ބައިވެރިވާ ފަރާތްތަކުން ބޭންކް އޮފް މޯލްޑިވްސްގައި އިސްލާމިކް ބޭންކިންގ އެކައުންޓެއް ވިޔަފާރީގެ ނަމުގައި ހުޅުވަންވާނެއެވެ. އެކައުންޓް ހުޅުވުމަށް ބޭންކުގެ ބްރާންޗުތަކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
1.3 މި ސްކީމުގެ ފަންޑުގެ ޖުމްލަ އަދަދުގެ %40 އަމާޒުކުރެވިފައިވަނީ އަންހެނުންނާއި، ޒުވާން ވިޔަފާރިވެރިންނާއި އަދި އެފަރާތްތަކުގެ އަޣުލަބިއްޔަތު (މެޖޯރިޓީ) އޮންނަ ވިޔަފާރިތަކަށެވެ. ޒުވާނުންކަމަށް ބަލާނީ އެޕްލިކޭޝަން ހުށަހަޅާއިރު 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތްތަކެވެ.
1.4 މި ސްކީމުގެ ދަށުން ކޮންމެ ވިޔަފާރިއަކަށް ވެސް ހުށަހެޅޭނީ ކޮންމެވެސް އެއް ދާއިރާއަކަށް އެއް އެޕްލިކޭޝަނެވެ. މި ސްކީމުގެ ދަށުން ފައިނޭންސް ކުރުމަށް ކަނޑައެޅިފައިވާ އިޤުތިޞާދީ ދާއިރާތަކަކީ:
ފަތުރުވެރިކަމުގެ ދާއިރާ (ޖުމްލަ ފަންޑުގެ %40 ކަމަށްވާ -/12,336,000 ރުފިޔާ)
- ގެސްޓްހައުސް ތަރައްޤީ ކުރުމަށް ބޭނުންވާ ތަކެތި ނުވަތަ އާލާތް ގަތުމަށް،
- އަތްތެރިމަސައްކަތްކުރުމަށް ބޭނުންވާ ތަކެތި ނުވަތަ އާލާތް ގަތުމަށް، އަދި
- ފަތުރުވެރިކަމުގެ ދާއިރާާއާ ގުޅުންހުރި އެހެނިހެން (ވެލިއު އިތުރު ކުރާ) ވިޔަފާރިތަކަށް ބޭނުންވާ ތަކެތި ނުވަތަ އާލާތް ގަތުމަށް.
ދަތުރުފަތުރުކުރުމުގެ ދާއިރާ (ޖުމްލަ ފަންޑުގެ %30 ކަމަށްވާ -/9,252,000 ރުފިޔާ)
- ޓެކްސީ އައު ކުރުމަށް،
- ވިޔަފާރީގެ ބޭނުމަށް ކާރު ފިޔަވައި އެހެނިހެން އުޅަނދު ގަތުމަށް ނުވަތަ ބަނުމަށާއި މަރާމާތުކުރުމަށް، އަދި ބޭނުންވާ ތަކެތި ނުވަތަ އާލާތް ގަތުމަށް
އިމާރާތްކުރުމުގެ ދާއިރާ (ޖުމްލަ ފަންޑުގެ %20 ކަމަށްވާ -/6,168,000 ރުފިޔާ)
- އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކަށް ބޭނުންވާ ސާމާނާއި އާލާތް ގަތުމަށް.
މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ (ޖުމްލަ ފަންޑުގެ %10 ކަމަށްވާ -/3,084,000 ރުފިޔާ)
- އުފެއްދުންތެރި (އިނޮވެޓިވް) ގޮތްތަކަކަށް މަސްވެރިކަމާއި ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ފައިސާ ދޫކުރުން/ ތަކެތި ގަތުމަށް.
- މަސްވެރިކަމާއި ދަނޑުވެރިކަމުން އުފައްދާ ތަކެތި ޕްރޮސެސްކުރުމަށާއި ވެލިއު އިތުރުކުރުމަށް ބޭނުންވާ ފައިސާ ދޫކުރުން/ ތަކެތި ގަތުމަށް.
1.5 ވިޔަފާރިތަކަށް ފައިނޭންސްކުރާ އެންމެ މަތީ އަދަދު ކަނޑައަޅާނީ ތިރީގައި ބަޔާންކޮށްފައިވާ ވިޔަފާރި ގިންތިތަކަށް ފެތޭގޮތުގެ މަތިންނެވެ. ވިޔަފާރީގެ ގިންތި ބަލާނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2013) ގައިވާ މިންގަނޑަށެވެ.
ވިޔަފާރީގެ ގިންތި |
ފައިނޭންސްކުރެވޭ އެންމެ މަތީ އަދަދު |
އެންމެ ކުދިފަންތީގެ ވިޔަފާރި |
-/100,000 ރ |
ކުދިފަންތީގެ ވިޔަފާރި |
-/500,000 ރ |
މެދުފަންތީގެ ވިޔަފާރި |
-/1,000,000 ރ |
1.6 ކުދި އަދި މެދުފަންތީގެ އަލަށް ފަށާ ވިޔަފާރިއަކަށް ފައިނޭންސްކުރެވޭ އެންމެ މަތީ އަދަދަކީ -/300,000 ރުފިޔާއެވެ. އަދި ޓެކްސީ އައު ކުރުމަށް ފައިނޭންސްކުރެވޭ އެންމެ މަތީ އަދަދަކީ -/350,000 ރުފިޔާއެވެ.
1.7 މި ސްކީމް ހިންގަން ހަމަޖެހިފައިވަނީ އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް އުސޫލުތަކުގެ މަތިން ހިނގާ ވިޔަފާރީގެ ގަނެ ވިއްކުމުގެ މުޢާމަލާތްތައް މެދުވެރިކޮށެވެ. މިގޮތުން މި ސްކީމުގެ މިފިޔަވަހި ހިންގަން ހަމަޖެހިފައިވަނީ މުރާބަޙާ އާއި ސަލަމް އުސޫލުންނެވެ.
މުރާބަޙާ އުސޫލުން ފައިނޭންސްކުރުމަކީ: ސްކީމަށް އެދޭ ފަރާތުން ބޭނުންވާ މުދަލެއް ކޯޓޭޝަނަކާއެކު ހުށަހެޅުމުން، އެ މުދަލެއް ބޭންކުގެ ނަމުގައި ގަތުމަށްފަހު، ކަނޑައަޅާ އަގެއްގަައި ވިއްކުމުގެ މުޢާމަލާތެކެވެ. މިގޮތަށް ބޭންކުން ވިއްކާއިރު ކަނޑައެޅޭ މުއްދަތަކަށް ބަހައިގެން މަހުން މަހަށް އަގު އަދާކުރާގޮތަށް ހަމަޖެއްސޭނެއެވެ.
ސަލަމް އުސޫލުން ފައިނޭންސްކުރުމަކީ: ސްކީމަށް އެދޭ ފަރާތުން ބޭނުންވަނީ އެއްޗެއް ހައްދާފައި ނުވަތަ ހަދާފައި ވިއްކަން ނަމަ، އެބާވަތެއްގެ ތަފުސީލު ހުށަހެޅުމުން، އެބާވަތަކުން އެއްބަސްވެވޭ ވަކި މިންވަރެއް ބޭންކުގެ ނަމުގައި އެފަރާތެއްގެ އަތުން ގަތުމަށް އެއްބަސްވެ، އެއަށްވާ ފައިސާ އެޑްވާންސްކޮށް ދިނުމުން، އެފައިސާ ބޭނުންކޮށްގެން އެބާވަތެއް ހައްދާފައި ނުވަތަ ހަދާފައި، އެތަކެތި ބޭންކުން ކަނޑައަޅާ ފަރާތަކާއި އެއްބަސްވި މުއްދަތުގައި ހަވާލުކުރާ ގޮތަށް ހިންގާ މުޢާމަލާތެކެވެ. މިގޮތުން ހައްދަން ބޭނުންވާ ބާވަތެއް، އެ ހެއްދުމުގެ ކުރިން، އެއެއްޗެއްގެ އަގާއި، ކޮލިޓީއާއި، އަދަދާއި، އެތަކެތި މުސްތަޤްބަލުގައި ހެއްދުމަށްފަހު ބޭންކާ ހަވާލުކުރެވޭނެ ތާރީޚެއް ސާފުކޮށް ކަނޑައަޅާ އެއްބަސްވާންވާނެއެވެ. އަދި ބޭންކުން އެތަކެއްޗަށް ކަނޑައެޅުނު އަގު އެޑްވާންސްކޮށް ދިނުމުން، އެ ފައިސާ ބޭނުންކޮށްގެން އެތަކެތި ހައްދައި ނުވަތަ ހަދައި، ބޭންކަށް އެއްބަސްވި ކޮލިޓީގެ، އަދަދުގެ ބާވަތް، އެއްބަސްވި ތާރީޚަށް ރައްދުކޮށްދޭންވާނެއެވެ.
1.8 މުއްދަތު:
- ދަރަނި އަދާކުރުމުގެ މުއްދަތު ކަނޑައަޅާނީ ވިޔަފާރީގެ އަންދާސީހިސާބުތަކަށް ރިޢާޔަތް ކުރުމަށްފަހު، 6 އަހަރަށް ވުރެ މުއްދަތު އިތުރުނުވާ ގޮތަށެވެ. މި މުއްދަތުގައި ގިނަވެގެން 1 އަހަރުގެ ގްރޭސް ޕީރިއަޑެއް ހިމެނިދާނެއެވެ.
- ދަރަނި އަދާކުރަން ދަތިވާ ފަދަ ބަލައިގަނެވޭ ސަބަބެއް މެދުވެރިވެއްޖެނަމަ، ދަރަނި އަދާކުރަން އެއްބަސްވާ ތާވަލަށް ބަދަލު ގެންނަން ނުވަތަ ގިނަވެގެން އިތުރު 1 އަހަރު ދުވަހަށް މުއްދަތު އިތުރުކުރަން އެދެވިދާނެއެވެ. މިފަދަ ލުޔެއް ދިނުމަކީ ބޭންކުގެ އިޚުތިޔާރުގައިވާ ކަމެކެވެ. މިގޮތަށް އެދޭ ކޮންމެ ފަހަރަކު -/500 (ފަސްސަތޭކަ) ރުފިޔާގެ ޕްރޮސެސިން ފީއެއް ނެގޭނެއެވެ.
- ދަރަނި އަދާކުރާ ފަރާތުގެ އުމުރުން 65 އަހަރު ފަހަނައަޅައި ދާގޮތަށް މުއްދަތު ކަނޑަނޭޅޭނެއެވެ.
1.9 ފައިދާ:
- މުރާބަޙާގެ މުޢާމަލާތުގައި ސްކީމަށް އެދޭ ފަރާތަށް މުދާ ވިއްކާނީ، ވިއްކާ އަގުގައި ބޭންކަށް ފައިދާއެއް ހިމަނާފައެވެ. އަދި ސަލަމްގެ މުޢާމަލާތުގައި ސްކީމަށް އެދޭ ފަރާތް އަތުން މުދާ ގަންނާނީ ބޭންކަށް ފައިދާއެއް ލެވޭގޮތަށް، ޑިސްކައުންޓް އަގެއްގައެވެ.
- ފައިދާގެ އަދަދު ކަނޑައަޅާނީ ދަރަނި އަދާކުރުމަށް ހުށަހަޅާ މުއްދަތާއި ތާވަލަށް ރިޢާޔަތްކޮށް، އަހަރަކަށް %9 ގެ ރޭޓުގައެވެ. އަދި ގްރޭސް ޕީރިއަޑްގެ މުއްދަތުގަައި %4.5 ގެ ރޭޓުގައެވެ.
1.10 އަމިއްލަ ފައިސާ އިންވެސްޓް ކުރުން:
- މި ސްކީމަށް އެދޭ ފަރާތުން އަމިއްލަ ފައިސާއެއް، ހުށަހެޅޭ ވިޔަފާރީގައި އިންވެސްޓް ކުރުން ލާޒިމެއްނޫނެވެ.
- ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ހިންގުމަށް، މި ސްކީމުން ހަމަޖެހޭ ފައިނޭންސްގެ އިތުރުން ފައިސާއެއް ބޭނުންވާނަމަ، އެފައިސާ އަމިއްލައަށް އިންވެސްޓްކޮށްފައި ހުންނަންވާނެއެވެ.
1.11 ސެކިއުރިޓީ:
ރަހުނުކުރުން: ދަރަނި އަދާކޮށް ޚަލާޞްވަންދެން ވިޔަފާރީގެ މުދަލާއި ތަކެތި ރަހުނުގެ ގޮތުގައި ބަހައްޓަންވާނެއެވެ.
ގެރެންޓީ ދިނުން: ހުށަހަޅާ ވިޔަފާރީގެ ވެރިފަރާތްތަކުން ދަރަންޏަށް ފުރިހަމައަށް ޒިންމާވާނެކަމުގެ ގެރެންޓީއެއްގައި ސޮއިކުރަންވާނެއެވެ.
1.12 ތަކާފުލް (އިންޝުއަރެންސް) ނެގުން: ދަރަނި އަދާކޮށް ޚަލާޞްވަންދެން، ފައިނޭންސްކުރެވޭ ތަކެއްޗާއި ރަހުނު ކުރެވުުނު ތަކެތި ނުވަތަ ބޭންކުން ކަނޑައަޅާ ތަކެތި، ބޭންކުން ގަބޫލުކުރާ ފަދަ ތަކާފުލް ޕޮލިސީއަކުން އިންޝުއަރ ކުރަންވާނެއެވެ.
1.13 އެއްބަސްވުމާއި ޚިލާފުވުން: މި ސްކީމްގެ ފައިނޭންސްކޮށްދިނުމުގެ އެއްބަސްވުންތަކާއި ޚިލާފުވެއްޖެނަމަ ޢަމަލުކުރާނީ އަންނަނިވި ގޮތުގެ މަތިންނެވެ:
- ތާވަލާ އެއްގޮތަށް ދަރަނި އަދާކުރުމުގައި އިހުމާލުވާނަމަ، އެފަރާތެއް މަހަކު %2 ރޭޓުގައި ހިސާބު ކުރެވޭ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
- ޖޫރިމަނާ ފައިސާ ޖަމާކުރާނީ މިކަމަށް ޚާއްޞަ ކުރެވިފައިވާ ގަވާއިދުން، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިންގ ޚިދުމަތުގެ ދަށުން ޤާއިމުކޮށްފައި ހުންނަ ޚައިރާތު ފަންޑަކަށެވެ.
- ތާވަލާ އެއްގޮތަށް ދަރަނި އަދާކުރުމަށް 90 ދުވަހުގެ މުހުލަތެއް ދިނުމުންވެސް އެގޮތުގެ މަތިން ދަރަނި އަދާކުރަން ފަށާފައި ނުވާނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާޠިލުކޮށް، މުޅި ދަރަނި އެއްކޮށް އެއްފަހަރާ ދައްކައި ޚަލާޞްކުރުމަށް އެންގޭނެއެވެ. މިގޮތުގެ މަތިން އެންގުމަށްފަހު ދެން ޖޫރިމަނާ ހިސާބު ކުރެވޭނީ ނުދައްކާ އޮތް ދަރަނީގެ ޖުމްލަ އަދަދުން މަހަކު %2 ރޭޓުގައި ހިސާބު ކުރެވޭ އަދަދަކުންނެވެ. އަދި އެ ދަރަނި ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ޢަމަލުކުރާ އުސޫލުތަކުގެ މަތިން އެންމެހާ ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
- ފައިނޭންސްކޮށްދިން ވިޔަފާރީގެ ބޭނުން ނޫން އެހެން ބޭނުމަކަށް ސްކީމުގެ ބޭނުން ހިފާކަން އެނގިއްޖެނަމަ، ދަރަނި އަދާކުރުމަށް ހަމަޖައްސާފައިވާ ތާވަލު ބާޠިލުކޮށް، މުޅި ދަރަނި އެއްކޮށް އެއްފަހަރާ ދައްކައި ޚަލާޞްކުރުމަށް އެންގޭނެއެވެ. މިގޮތުގެ މަތިން އެންގުމަށްފަހު ދެން ޖޫރިމަނާ ހިސާބު ކުރެވޭނީ ނުދައްކާ އޮތް ދަރަނީގެ ޖުމްލަ އަދަދުން މަހަކު %2 ރޭޓުގައި ހިސާބު ކުރެވޭ އަދަދަކުންނެވެ. އަދި އެ ދަރަނި ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އިން ޢަމަލުކުރާ އުސޫލުތަކުގެ މަތިން އެންމެހައި ޤާނޫނީ ފިޔަވަޅު އެޅޭނެއެވެ.
2. ސްކީމުގައި ބައިވެރިވާން އެދޭ ފަރާތުގައި ހަމަވާންޖެހޭ އަސާސީ ޝަރުޠުތައް
2.1 ވިޔަފާރީގެ ވެރިފަރާތްތަކަކީ ދިވެހިރައްޔިތުން ކަމުގައިވުން.
2.2 ފޯމު ހުށަހަޅާއިރު އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފަރާތެއް ވިޔަފާރީގެ ވެރިފަރާތެއްގެ ގޮތުގައި ހިމެނުން.
2.3 ވިޔަފާރީގެ ދާއިރާއާ ގުޅޭ މަދުވެގެން 1 އަހަރުގެ ތަޖުރިބާހުރި ފަރާތެއް ވިޔަފާރީގެ ވެރިފަރާތެއްގެ ގޮތުގައި ހިމެނުން.
2.4 ވިޔަފާރިތަކަށް ބޭންކުތަކުން އާންމުކޮށް ދޫކުރާ ލޯނު/ފައިނޭންސް އަށް ޝަރުޠު ހަމަވާ ފަރާތެއްކަމުގައި ނުވުން. މިގޮތުން ވޭތުވެދިޔަ 5 އަހަރު ބޭންކަކުން ވިޔަފާރި ބޭނުމަށް ލޯނެއް/ފައިނޭންސިންގ ފެސިލިޓީއެއް ނަގާފައިވޭތޯ ބެލޭނެއެވެ.
2.5 ސަރުކާރުން ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގާ ލޯނު/ފައިނޭންސިންގ ސްކީމެއްގައި ބައިވެރިވެފައިވާނަމަ، އެ ސްކީމެއްގައި ބައިވެރިވާ މުއްދަތުން ދެބައިކުޅަ އެއްބައި ފާއިތުވެފައިވުން.
3. ސްކީމަށް އެޕްލިކޭޝަން ހުށަހެޅުން:
3.1 ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:
- ފަސޭހަ މަދަދު ސްކީމަށް އެދޭ އެޕްލިކޭޝަން ފޯމު (ހުރިހާ ބައިތަކެއް ފުރިހަމަކޮށް، ހުށަހަޅާ ފަރާތުގެ ސޮޔާއެކު).
- އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ ތަކެތި، އަދި ފޯމާއެކު ހިމަނާފައިވާ އެނެކްސްގައި ބަޔާންކޮށްފައިވާ ތަކެތި.
3.2 އެޕްލިކޭޝަން ފޯމު ދޫކުރަން ފަށާނީ: 24 އޮގަސްޓު 2015 އިން ފެށިގެންނެވެ.
3.3 އެޕްލިކޭޝަން ފޯމު ދޫކުރާ ތަންތަން:
- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި، ރަސްމީ ވެބްސައިޓް www.trade.gov.mv އިން.
- މިނިސްޓްރީގެ އެންޓަރޕްރައިސް ޑިވެލޮޕްމަންޓްގެ ދަށުން ހިންގާ ބިޒްނަސް ސެންޓަރުތަކުން.
- ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކާއި، ރަސްމީ ވެބްސައިޓް www.bankofmaldives.com.mv އިން.
3.4 އެޕްލިކޭޝަން ފޯމު ބަލައިގަތުން:
- އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ 18 އޮކްޓޫބަރު 2015 އިން 29 އޮކްޓޫބަރު 2015 ގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 2:00 ގެ ނިޔަލަށެވެ.
- އެޕްލިކޭޝަން ފޯމު ބަލައިގަންނާނީ ހަމައެކަނި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗްތަކުންނެވެ.
- އެޕްލިކޭޝަން ފޯމު ބޭންކުން ބަލައިގަތުމުން، ބަލައިގަތް ދުވަހާއި ގަޑި އަދި ބަލައިގަނެވުނު ފޯމުގެ ރެފަރެންސް ނަންބަރު އެނގޭނޭހެން ރަސީދެއް ދެވޭނެއެވެ.
- މި ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ބަލާ ވަޒަންކުރާނީ އެޕްލިކޭޝަން ފޯމުތަކުގެ ރިފަރެންސް ނަންބަރު ތަރުތީބުން، އެކިއެކި އިޤުތިޞާދީ ދާއިރާތަކަށް ކަނޑައަޅާފައިވާ ޖުމްލަ ފައިސާގެ މިންވަރު ހަމަވަންދެންނެވެ. މިއިން ދާއިރާއަކުން ޖުމްލަ ފައިސާގެ މިންވަރު ހަމަވާވަރަށް އެޕްލިކޭޝަން ލިބިފައިނުވާނަމަ، އެއިތުރުވާ މިންވަރު އެހެން ދާއިރާތަކަށް ބަދަލުކުރެވޭނެއެވެ.
- މި ސްކީމުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ފައިނޭންސްކުރުމުގެ އިންތިޒާމު ހަމަޖައްސާނީ، އެފަރާތްތަކުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތަކާއި އެހެނިހެން ޝަރުޠުތައް ފުރިހަމަކުރުމުންނެވެ. އަދި އެފަދަ އެއްވެސް ކަމެއް ފުރިހަމަކުރަން ދެވޭނެ އެންމެ ދިގު މުއްދަތަކީ 3 މަސްދުވަހެވެ. މި މުއްދަތު ފާއިތުވެއްޖެނަމަ މި ސްކީމުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ފުރުޞަތު ބާޠިލު ކުރެވޭނެއެވެ.
- މި ސްކީމުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކާއި ނުހޮވޭ ފަރާތްތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.
4. ހުށަހެޅުންތައް ބެލުން ކުރިއަށްދާނެގޮތް:
4.1 މި ސްކީމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމުތައް ބަލައިގަނެ ވަޒަންކުރާނީ ބޭންކް އޮފް މޯލްޑިވްސްއިން ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.
4.2 އެޕްލިކޭޝަން ބަލައިގެނެވޭނީ ފުރިހަމަކޮށްފައިވާ ފަސޭހަ މަދަދު އެޕްލިކޭޝަން ފޯމާއި، އެފޯމާއެކު ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް ފުރިހަމަކޮށް ހުށަހެޅުމުންނެވެ.
4.3 އެޕްލިކޭޝަން ބަލައިގަތުމަށްފަހު، ވަޒަންކުރުމުގައި އަންނަނިވި ކަންކަން ފުރިހަމަވޭތޯ ބަލާނެއެވެ:
- އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ބެލުން.
- އެޕްލިކޭޝަން ހުށަހަޅާފައިވާ ވިޔަފާރީގައި ހިމެނޭ ފަރާތްތަކުގެ އެއްވެސް ނުރަނގަޅު މާލީ ރެކޯޑެއް އޮތްތޯ ބެލުން. މިގޮތުން ބަލާނީ ވޭތުވެދިތަ 12 މަސްދުވަހުގެ ތެރޭގައި:
- އެކައުންޓުގައި ފައިސާ ނެތިގެން 3 ފަހަރަށް ވުރެ ގިނައިން ޗެކު ބައުންސް ވެފައިވޭތޯ އާއި،
- އެއްވެސް ފަރާތަކަށް ދަރަންޏެއް އަދާ ކުރުމުގައި އެއްމަސްދުވަހަށް ވުރެ ލަސްވެފައިވޭތޯ އާއި،
- އަދާކޮށްފައިނުވާ އެއްވެސް ސާބިތު ދަރަންޏެއް އޮތްތޯ އެވެ.
- މޯލްޑިވްސް އިންލެންޑް ރެވެނިއުއަށް ދައްކަން ޖެހި ނުދައްކާ އޮތް އެއްވެސް ފައިސާއެއް އޮތްތޯ ބެލުން.
- ގަވާއިދުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ޕެންޝަން ފައިސާ ޖަމާކުރަމުންދާ ފަރާތެއްތޯ ބެލުން.
- ހުށަހަޅާފައިވާ ވިޔަފާރިއާ ގުޅޭގޮތުން ބަލާ ކަންކަމުގައި ހިމެނެނީ:
- އިސްލާމީ ޝަރީޢަތް ހުއްދަކުރާ ގޮތުގެ މަތިން ހިންގަން ރާވާފައިވާ ވިޔަފާރިއެއްތޯ ބެލުން.
- ސްކީމުގައި ބަޔާންކުރެވިފައިވާ ދާއިރާތަކުން އަދި ވިޔަފާރީގެ ގިންތިއަށް ބަލައި، ފައިސާގެ އަދަދުތަކަށް ފެތޭތޯ ބެލުން.
- ހުށަހަޅާފައިވާ ވިޔަފާރި ހިންގުމަށް މި ސްކީމުން ލިބެން އޮތް އަދަދުގެ އިތުރުން ފައިސާ ބޭނުންވާނެ ނަމަ، އެފައިސާ އަމިއްލައަށް އިންވެސްޓްކޮށްފައި ހުރިތޯ ބެލުން.
- ހުށަހަޅާފައިވާ ވިޔަފާރީގެ އަންދާސީހިސާބުތައް ދިރާސާކޮށް، އެވިޔަފާރިއަކީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކީ ހިންގިދާނެ ފީސިބަލް ވިޔަފާރިއެއްތޯ ބެލުމާއި ކްރެޑިޓް އެސެސްމެންޓް ހެދުން.
- ދަރަނި އަދާކުރުމަށް ކަނޑައެޅޭ ތާވަލާ އެއްގޮތަށް އެ ދަރަނި އަދާކުރެވޭނެ ޤާބިލުކަން ހުރިތޯ ބެލުން.
5. އެންޓަޕްރައިސް ޑިވެލޮޕްމަންޓުގެ ބިޒްނަސް ސެންޓަރުގެ އެހީތެރިކަން
5.1 މި ސްކީމުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތަކަށް ބޭނުންވާނެ ފަންނީ ލަފާއާއި އިރުޝާދު ދިނުމާއި ވިޔަފާރިތަކަށް މާކެޓް ހޯދައިދިނުމުގެ އެހީތެރިކަން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުކުރެވިފައިވާ ބިޒްނަސް ސެންޓަރުތަކުން ފޯރުކޮށްދެވޭނެއެވެ.
5.2 ވިޔަފާރި ފެށްޓުމާއި، ހިންގުމަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ވިޔަފާރި ހިނގައިގަންނަންދެން ވަރަށް ގާތުން ލަފައާއި އިރުޝާދު އަދި އެހީތެރިކަން ވިޔަފާރިތަކަށް ބޭނުންވާ މިންވަރަކަށް 3 މަހާއި 9 މަހުގެ މުއްދަތަށް ފޯރުކޮށްދެވޭނެއެވެ. އަދި އޭގެ ފަހުން ވިޔަފާރީގެ ހާލަތު ވަޒަންކޮށް ވިޔަފާރިތައް މޮނިޓަރ ކުރުމުގެ މަސައްކަތް ބިޒްނަސް ސެންޓަރތަކުން ކުރިއަށް ގެންދާނެއެވެ.
5.3 މި ސްކީމުގައި ބައިވެރިވުމަށް ހޮވޭ ފަރާތްތައް މިނިސްޓްރީން ކަނޑައަޅާ މިފަދަ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާންވާނެއެވެ.
މި ސްކީމާބެހޭ އިތުރު މަޢުލޫމާތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ނަންބަރާ ގުޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް |
3333196، 3333106، 3333152، 3333155 |
ހދ.ކުޅުދުއްފުށި ބިޒްނަސް ސެންޓަރ |
6528315، 6528314، 6528313، 7917089 |
ޅ.ނައިފަރު ބިޒްނަސް ސެންޓަރ |
6620350، 6620351، 6620352، 7918432 |
ލ.ފޮނަދޫ ބިޒްނަސް ސެންޓަރ |
6800090، 6800097، 6800098، 7914431 |
ދ.ކުޑަހުވަދޫ ބިޒްނަސް ސެންޓަރ |
6760538، 6760533 ،7918495 |
ސ.ހިތަދޫ ބިޒްނަސް ސެންޓަރ |
6881014، 6881013، 7916947 |
ގދ.ތިނަދޫ |
76913715 |