ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)94-V/1/2015/30
ޕަބްލިޝްކުރި ތާރީޚް: 18 އޮގަސްޓް 2015
ޕަބްލިޝްކުރި ގަޑި: 17:36
ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން
ދިވެހިރާއްޖެ
ޓޫރިސްޓު ވިޒާއާބެހޭ

މިހާރަކަށް އައިސް ގިނަ އަދަދެއްގެ ފަރާތްތަކުން ޓޫރިސްޓް ވީޒާގައި ބިދޭސީން ސްޕޮންސަރ ކޮށްގެންނާއި ސްޕޮންސަރނުކޮށް ރާއްޖެ ގެނެސް، މިވީޒާގެ މުއްދަތު ހަމަވާއިރުވެސް އެމީހުން ރާއްޖެއިން ފުރުވާނުލާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް އަންނަ ބިދޭސީ ފަރާތްތަކުގެ ވީޒާ މުއްދަތު ހަމަވެގެން، ވީޒާ އައުކުރުމަށް ހުށަހަޅާއިރު، އެބިދޭސީ މީހާ ސްޕޮންސަރކޮށްފައިވާ ފަރާތުން ނަންގަވަންޖެހޭ ޒިންމާ ގިނަ ފަރާތްތަކުން ނުނަންގަވާކަންވެސް ވަނީ ފާހަގަ ކުރެވިފައެވެ. އަދި އެއްވެސް ފަރާތެއްގެ ސްޕޮންސަރގައި ޓޫރިސްޓް ވީޒާގައި ރާއްޖެ ގެނެސްފައިވާ ބިދޭސީއެއްގެ ސްޕޮންސަރ އެހެންފަރާތެއްގެ ނަމަށް ބަދަލުނުކުރެވޭނެއެވެ.

އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން ރާއްޖެއިން ފޮނުވާލަންޖެހޭ ފަރާތްތައް، ރާއްޖެއިން ފޮނުވާލުމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމަކީ އެބިދޭސީއަކާ ޙަވާލުވެފައިވާ ފަރާތުގެ ޒިންމާއެކެވެ. އަދި އެމީހަކު ރާއްޖެއިން ފުރި މުއްދަތާ ހަމައަށް ސަރުކާރަށް ދައްކަންޖެހޭ ވީޒާ ފީއާއި، ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ އެންމެހައި ފައިސާއެއް ދެއްކުމަކީވެސް އެބިދޭސީއަކާ ޙަވާލުވެހުރި ފަރާތުގެ މަސްއޫލިއްޔަތެކެވެ.

އެހެންކަމުން ރާއްޖެ އަންނަ ބިދޭސީއަކު ރާއްޖެ އައި ދުވަހުން ފެށިގެން، އޮން އެރައިވަލްގައި ދީފައިވާ ވީޒާގެ މުއްދަތު އިތުރުކުރެވޭނީ، އެވީޒާގެ މުއްދަތު ހަމަވުމުގެ ކުރިން، އެކަށޭނެ ސަބަބެއް ބަޔާންކޮށް މިޑިޕާޓްމަންޓަށް ޕާމިޓްސް އެކްސްޓެންޝަން ފޯމު ހުށަހެޅުމުންނެވެ. އަދި، ވީޒާގެ މުއްދަތު އިތުރުކޮށްދެވޭނީ އެބިދޭސީއަކު އައުމުގެ ކުރިން، ސްޕޮންސަރޝިޕް ޑިކްލަރޭޝަން ފޯމު މިޑިޕާޓްމަންޓަށް ހުށަހަޅައި، ހުއްދަ ލިބިގެން އަންނަ ފަރާތްތަކަށް ކަމުގައި ދެންނެވީމެވެ.

ޓޫރިސްޓް ވީޒާ ލިބިފައިވާ ބިދޭސީއަކު އެމީހަކަށް ދޫކޮށްފައިވާ ވީޒާ މުއްދަތަށްވުރެ އިތުރަށް ރާއްޖޭގައި ހުރެއްޖެނަމަ އެމީހަކު ރާއްޖޭގައި ހުރި މުއްދަތަށާއި، ކުށްތަކުރާރުކުރި ފަހަރަށް ބަލައި އިމިގްރޭޝަންގެ ޤާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅޭނެ ކަމުގައި ދަންނަވަމެވެ.

ވީމާ، މިވާހަކަ އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

03 ޛުލްޤަޢިދާ 1436

18 އޮގަސްޓް 2015