ދިވެހިރާއްޖެ
މޮރޮކޯގައި އޮންނަ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތް 1446/2025
(The Mohammed VI International Award for Memorization, Psalmody, Declamation and Exegesis of the Holy Quran – 19th Edition)
ގައި ބައިވެރިވުމުގެ ފުރުޞަތު
2025 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މޮރޮކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ޤުރްއާން މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީގައި، ކޮންމެ ކެޓެގަރީއަކުން 1 ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައި ވެއެވެ.
ބައިވެރިވުމުގެ ޢާއްމު ޝަރުޠުތައް:
1- ހިޖުރީ ގޮތުން އުމުރުން 10 އަހަރާއި 40 އަހަރާއި ދެމެދުގެ ފަރާތަކަށްވުން.
2- ދިވެހި ރައްޔިތަކަށްވުން.
3- ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުން.
4- ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުން.
ބައިވެރިވެވޭ ކެޓެގަރީތަކާއި ކެޓެގަރީއަށް ޚާއްޞަ ޝަރުޠު:
1- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމާއެކު ޤުރްއާނުގެ 7 ވަނަ ފޮތާއި 8 ވަނަ ފޮތުން ކަނޑައެޅޭ އާޔަތްތަކެއްގެ ތަފްސީރުކިޔުމުގެ ބައި: މި ކެޓެގަރީގައި ބައިވެރިވެވޭނީ ރަގަޅަށް ޢަރަބި ބަހުން މުޢާމަލާތުކުރަން އެނގޭ، ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންވާނެއެވެ.
2- ވިދިވިދިގެން ޤުރްއާނުގެ 5 ޙިޒްބު (2 ފޮތް ބައި) ތަޖުވީދުގެ ހަމަތަކާއެކު ތަރުތީލުކޮށް ނުބަލައި ކިޔެވުމުގެ ބައި: މި ކެޓެގަރީއަށް ބައިވެރިޔަކު ހޮވުމުގައި ޤުރްއާން ހިތުދަސް ޙާފިޡުންނަށް އިސްކަން ދެވޭނެއެވެ. އަދި ބައިވެރިވާ ފަރާތަށް ޙިޒްބުތައް ވަކިކުރަން އެނގެންވާނެއެވެ.
ބައިވެރިވުމަށް އެދި ހުށަހަޅާއިރު ދެނެގަންނަން މުހިންމު ކަންތައްތައް:
1- މި މުބާރާތަކީ ދެ ޖިންސަށްވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ.
2- މި މުބާރާތަށް، ކޮންމެ ކެޓަގަރީއަކުން އެއް ބައިވެރިއަކު، ހޮވާނީ މިކަމަށް އެދި ހުށަހަޅާ ފަރާތްތައް މި މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގައެވެ.
3- އުމުރުން 18 އަހަރު ނުވާ ކުއްޖަކު ނުވަތަ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތަކާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މުބާރާތަށް ދިއުމަށް ހޮވިއްޖެނަމަ އެބައިވެރިޔަކާ އެކުގައި އެއް ބެލެނިވެރިޔަކު ގެންދިޔުމަށް ބޭނުންވާ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސަވައިދެއްވާނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ތިރީގައި މިވާ ލިޔެކިޔުންތަކާއި އެކު 21 އެޕްރީލް 2025 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ "[email protected]" އަށް މެއިލް ކުރެއްވުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުން:
1- މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ
2- ވަނަވަރު (ސީވީ)
3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކުލަ ކޮޕީ
4- ޙާފިޡު ކަމުގެ ސަނަދުގެ ކުލަ ކޮޕީ
5- ޕާސްޕޯޓުގެ ސާފު ކުލަ ކޮޕީ (ޑޭޓާ ޕޭޖު)