ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)88-ADHR/88/2025/87
ޕަބްލިޝްކުރި ތާރީޚް: 22 މާރިޗު 2025
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 22 މާރިޗު 2025 23:59
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
Earth Hour Announcement

'އާރތް އަވަރ'

ދުނިޔެ ހޫނުވުމާއި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާމެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމަށް ދުނިޔޭގެ ފެންވަރުގައި ބާއްވާ "އަރތް އަވަރ" ހަރަކާތުގައި އާންމު ރައްޔިތުންނާއި، ރާއްޖޭގައި ދިރިއުޅޭ ފަރާތްތަކުންނާއި، ސަރުކާރުގެ މުއައްސަސާތަކުންނާއި، ވިޔަފާރި ކުންފުނިތަކުންނާއި، އެކިއެކި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ އެދުމެކެވެ.

މި އަހަރު އަރތް އަވަރ ދިމާ ވަނީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 އަށް ކަމުން، ރާއްޖޭގައި މި ހަރަކާތް ހިންގުމަށް ހަމަޖެހިފައި ވަނީ 22 މާރިޗު 2025 ވަނަ ދުވަހުގެ ރޭގަނޑު 09:45 އިން 10:45 އަށެވެ. އެގޮތުން، ކޮންމެހެން ބޭނުންކުރަންޖެހޭ ތަކެތި ފިޔަވައި އެހެން ހުރިހާ ދިއްލުންތައް މި ގަޑިއަށް ނިއްވާލައި، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާއި އެ ބަދަލުތަކުގެ ސަބަބުން ނެތިގެންދާ ދިރުންތަކާއި، މާހައުލީ ބަދަލުތަކަށް ހޭލުންތެރިކުރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އެންމެން އެކުގައި މި ހަރަކާތުގައި ބައިވެރިވުމަށް އެދެމެވެ.

މި ހަރަކާތަކީ، ތިމާވެށީގެ ހޭލުންތެރިކަން އިތުރުކުރުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ މުހިންމު ޕްލެޓްފޯމެކެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، އަޅުގަނޑުމެންގެ ގުދުރަތީ ތަރިކަ ހިމާޔަތްކުރުމަށް އެއްބައިވަންތަކަމުގެ އަޒުމް ދައްކުވައިދިނުމެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން 60 މިނެޓަށް ރަމްޒީ 'ލައިޓް އައުޓް' ވަގުތު ކޮޅެއްގައި ބައިވެރިވެ، ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމެވެ.

ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއްކަމުން، ގުދުރަތީ ވެއްޓާއި، އެ ވެށީގައި ހިމެނޭ ގުދުރަތީ ދިރުންތައް ހިމާޔަތްކޮށް، އަންނާންއޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. އެހެންކަމުން، މި ހަރަކާތުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އިލްތިމާސްކުރަމެވެ. އަދި އަރތު އަވަރ އާ ގުޅިގެން ހިންގޭ ހަރަކާތްތަކުގެ ވީޑިއޯ އާއި ފޮޓޯ  #EarthHour #EarthHourMv ޓެގުކޮށް މީސްމީޑިއާގައި ޕޯސްޓްކޮށްދެއްވުން އެދެމެވެ.

މި އަހަރުގެ "އަރތް އަވަރ" ހަރަކާތަކީ ވެސް އަޅުގަނޑުމެންގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށް ދޭ އަހައްމިއްޔަތު ދައްކައިދޭ ކާމިޔާބު ހަރަކާތަކަށް ހަދަމާތޯއެވެ.

22 މާރޗު 2025 

22 މާރިޗު 2025