ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491-CDS7/491/2025/13
ޕަބްލިޝްކުރި ތާރީޚް: 27 ފެބުރުވަރީ 2025
ޕަބްލިޝްކުރި ގަޑި: 15:46
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އުސޫލު ނަންބަރު 2022/G-20 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްއާއި ގުޅޭ

މި މިނިސްޓްރީގެ ނަންބަރު (IUL)491-CDS1/491/2025/2 (14 ޖަނަވަރީ 2025) ގެ އިޢުލާނާ ޙަވާލާދީ ދަންނަވަމެވެ.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާންގެ ދަށުން ޢާންމުކޮށްފައިވާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް ޞައްޙަކުރުމަށް މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތް ނިމިފައިވާތީ އެ ލިސްޓު މި އިޢުލާނާއެކު ޢާންމުކުރީމެވެ.

މަތީގައިވާ ލިސްޓު ސައްޙަ ކުރުމުގެ މަސައްކަތުގައި ބަލާފައިވާނީ ދެކަމަކަށެވެ. އެއީ؛

  1. މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަން: މި ގޮތުން މި މިނިސްޓްރީގެ ނަންބަރު (IUL)491-CDS1/491/2025/2 (14 ޖަނަވަރީ 2025) ގެ އިޢުލާންގައި ބަޔާންކޮށްފައިވާ ގޮތަށް އިސްތިސްނާތަކަށް ރިޢާޔަތްކޮށްފައިވާނެކަމާއި އަދި 26 ޖޫން 2022 ގައި "ގެދޮރުވެރިން ޕޯޓަލް" ގައި ޝަރުޠު ފުރިހަމަވާކަން ސާބިތުކުރުމަށް ހުށަހެޅިދާނެ ކަމަށް އިޢުލާންކޮށްފައިވާ ލިޔެކިޔުންތައް ބަލާ ޗެކް ކުރެވިފައިވާނެކަން.
  2. ފޯމް ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މަޢުލޫމާތުތަކަށް ބަލައި ދީފައިވާ ޕޮއިންޓް: މިގޮތުން 15 ނޮވެންބަރު 2023 ގައި ފޯމުތައް އިވެލުއޭޓް ކުރި ކުރިއިރު ދީފައިވާ ޕޮއިންޓް ޢަދަދަށް ބަދަލު އައިސްފައިވާނަމަ އެކަން ޕޯޓަލްއިން ސަބަބާއެކު އެނގެން އޮންނާނެކަން.

15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ ގުޅިގެން އެންޓި-ކޮރަޕްޝަން ކޮމިޝަން އިން ކުރިއަށް ގެންދިޔަ ތަޙުޤީޤަށްފަހު ރަނގަޅު ކުރުމަށް އަންގަވާފައިވާ ކަންކަމަށް ރިޢާޔަތްކޮށް ކުރިއަށް ގެންދެވުނު ލިސްޓް ޞައްޙަކަން ކަށަވަރު ކުރުމުގެ މަސައްކަތަށްފަހު މި އިޢުލާނާއެކު ޝާއިޢުކުރާ ލިސްޓުގައި ފްލެޓް ލިބޭކަމަށް ކަނޑައެޅިފައިވަނީ ތިރީގައި މިވާ 2 (ދޭއް) ކަން ފުރިހަމަވާ ފަރާތްތަކެވެ.

  1. މާލޭގައި މެދުނުކެނޑި 15 އަހަރު އުޅެފައިވާކަމަށް ލިޔެކިޔުންތަކުން އެނގޭ ފަރާތްތައް.
  2. 15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާ އެކު ޢާންމު ކުރެވުނު ލިސްޓުގައި 3 ކޮޓަރީގެ ފްލެޓް ލިބޭނީ 75 (ހަތްދިހަ ފަހެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް، އަދި 2 ކޮޓަރީގެ ފްލެޓް ލިބޭނީ 73 (ހަތްދިހަ ތިނެއް) ޕޮއިންޓުން މަތިން ލިބޭ ފަރާތްތައް ކަމަށް ކަނޑައަޅާފައިވާތީ، އެ ޢަދަދަށް ޕޮއިންޓް ލިބިފައިވާ ފަރާތްތައް.

މި އިޢުލާނާއެކު ޝާއިޢު ކުރެވޭ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ޝަކުވާ ހުށަހަޅާނީ ތިރީގައި ބަޔާންކޮށްފައިވާ އުސޫލުންނެވެ.

  1. ފޯމް ހުށަހަޅާފައިވާ ފަރާތެއްނަމަ އެފަރާތުގެ ފޯމާއި ގުޅޭ ޝަކުވާ 'ގެދޮވެރިން ޕޯޓަލް' މެދުވެރިކޮށް.
  2. ލިސްޓުގައިވާ ފަރާތަކާއި ގުޅޭ ޝަކުވާއެއް ނަމަ [email protected] އީމެއިލްއަށް ނުވަތަ މިނިސްޓްރީއަށް އެޑްރެސްކޮށް ފޮނުވޭ ސިޓީއަކުން.

މީގެ އިތުރުން، ޝަކުވާ ހުށަހެޅުއްވުމުގެ މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅުއްވުމުގެ ކަންކަން ކުރިޔަށްގެންދާނެ ގޮތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް މި މިނިސްޓްރީގެ ނަންބަރު 4004911 އަދި 4004910 ފޯނަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެވޭނެ ގޮތް ހަމަޖެހިފައިވާކަންވެސް ދެންނެވީމެވެ.

              15 ނޮވެންބަރު 2023 ގައި ކުރީގެ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނަންބަރު (IUL)471-HDS3/471/2023/365 އިޢުލާނާއެކު ޝާއިޢުކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކާ އެފަރާތްތަކަށް ލިބޭނެކަމަށް ކަނޑައަޅާފައިވާ ފްލެޓްތައް ޙަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތް ލަސްނުކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން އެފަރާތަކާ ފްލެޓް ޙަވާލުކުރުމުގެ ކުރިން އުސޫލު ނަންބަރު 2022/G-20 (ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު) ގެ 3 ވަނަ މާއްދާގެ (ރ)، (ބ)، އަދި (ޅ) ގައި ބަޔާންކޮށްފައިވާ ކަންކަން ކަމާބެހޭ ފަރާތްތަކުން އިތުރަށް ޗެކް ކުރެވޭނެއެވެ. އަދި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ ޢަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ ވާހަކަ ދެންނެވީމެވެ.

 

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

27 ފެބުރުވަރީ 2025