ނޫސްބަޔާން
ނަންބަރު: (PR)278/278/2025/1
ޕަބްލިޝްކުރި ތާރީޚް: 12 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 20:32
މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެނާއި ނަރުދަމާގެ މަޝްރޫޢުގެ ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާން

29 ސެޕްޓެމްބަރ 2019 ގައި ޙަވާލުކޮށް، 28 ސެޕްޓެމްބަރ 2021ގައި ނިންމާގޮތަށް ހަވާލުކޮށްފައިވާ ށ.ނަރުދޫގެ ފެނާއި ނަރުދަމާ ނިޒާމު ޤާއިމު ކުރުމާއިބެހޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ގެ ކުރީކޮޅުގައެވެ. މި މަސައްކަތް ހުއްޓި ގިނަ ދުވަސް ވެފައިވާތީ، މަސައްކަތް ކުރުމަށް ގެނެސްފައިހުރި ކޮންސްޓްރަކްޝަން މެޓީރިއަލްސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ތަކެތި ވީރާނާވެ އެތަކެތި ވަނީ ބޭނުން ނުކުރެވޭހާލަތަށް ގޮހެވެ. އޭގެ ސަބަބުން ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ދަތިތަކާއި އުނދަގޫތައް ކުރިމަތިވަމުންދާކަން ފާހަގަކުރެވެއެވެ. މި މަޢުލޫމާތު އެތައްގޮތަކަށް އެތައްފަހަރެއްގެމަތިން ވާނީ މަސައްކަތް ޙަވާލުކޮށްފައިވާ ފަރާތާއި، ސަރުކާރުގެ ކަމާއިގުޅުންހުރި އިދާރާތަކަށް އެންގިފައެވެ. އާ ސަރުކާރު ޙަވާލުވި ފަހުން 1 (އެކެއް) އަހަރަށްވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރު، އިތުރު ފަރާތަކާއި މަސައްކަތް ޙަވާލު ކުރިކަމުގެ އެއްވެސް މަޢުލޫމާތެއް ރަސްމީ އެއްވެސް ގޮތަކުން މި އިދާރާއަށް އެނގިފައިނެތުމުން ކަންބޮޑުވަމެވެ.

މަސައްކަތް ނިންމަން ފުރަތަހަމަ ހަވާލުކުރި މުއްދަތަށް ނިމިފައި ނުވާތީ ދެވަނަ ފަހަރަށް 28 ސެޕްޓެމްބަރ 2021ން 28 ސެޕްޓެމެބަރ 2022 ގެ ނިޔަލަށް މަސައްކަތް ނިންމާގޮތަށް މަސައްކަތް ހަވާލުކުރެއްވި ނަމަވެސް އެމަސައްކަތް ވަނީ ނުފެށިއެވެ.

އެގޮތުން މި މަސްރޫޢުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކަކީ އިންތިހާއަށް ކަންބޮޑުވުންހުރި ބޮޑެތި ސީރިއަސް މައްސަލަތަކެކެވެ. ކުރެވުނު މުޢާމަލާތްތަކުން ފާހަގަވީ އެއްކަމަކީ ދެފަރާތުން ދައްކާވާހަކަ ދިމާނުވާކަމާއި އޭގެ ޒިންމާ އުފުލާނީ ކޮން ފަރާތަކުންކަންވެސް އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައިވާކަމެވެ. ނަމަވެސް ކައުންސިލުން ދެކޭ ގޮތުގައި ކަންކަން އެގޮތަށް ދިޔުން އެއީ ރައްޔިތުން ޚިދުމަތުން މަޙްރޫމްވާންޖެހޭ ސަބަބެއް ނޫނެވެ. ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ދެއްވި ފުރުޞަތެއްގައި ށ.މިލަންދޫގައި އޮތް  ބައްދަލުކޮށްލުމެއްގައިވެސް އެމަނިކުފާނަށް މިކަން ވާނީ ދަންނަވާފައެވެ. އަދި ރައީސުލް ޖުމްހޫރިއްޔާގެ އޮފީހަށާއި، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންސް އެންޑް އިންފްރާސްޓްރަކްޗަރ އަށްވެސް  ވަނީ މިކަން ބަޔާންކޮށް ސިޓީތައް ފޮނުވިފައެވެ.

މަސައްކަތް ހުއްޓާލާފައި އޮތުމުގެ ސަބަބުން، މަސައްކަތްކުރުމަށް ގެނެސްފައިވާ ތަކެތި ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ވީރާނާވަމުން ދިޔުމަކީ ރައްޔިތުން ނިހާޔަތަށް ކަންބޮޑުވެ އަދި އިސްރާފުވަމުންދާ މުދާ ތަކެކެވެ. ތަކެތި ބެހެއްޓުމަށް ބަނދަރު ސަރަހައްދުން ހިލޭ ދޫކޮށްފައިވާ ބިމުގައި ހަދާފައިވާ ގުދަން ހަލާކުވެ އެ ތަނުގައި ގުދަން ކޮށްފައިވާ އަގުބޮޑު މުދާތަކާއި، ރަށުގެ އެކި ހިސާބު ތަކުގައި ބަހައްޓާފައިހުރި މަސައްކަތަށް ބޭނުންކުރާ ސާމާނު ހަލާކުވެ އެ ތަކެތީގެ ސަބަބުން އެ ތަންތަނުން ވަރަށްބޮޑަށް ޢާންމު ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުންއައުމަކީ ކޮންމެހެން ސަމާލުކަންދެއްވައިގެން ހައްލު ކުރުމަށް ކައުންސިލާއިއެކު މުޢާމަލާތްކޮށް ހައްލުވާންޖެހޭނެ ކަންކަމެވެ. މަގުތަކުގައި ވަޅުލާފައިވާ އައި.ސީތަކުގައި މަދިރިފަނި އަޅައި، ކުނިބުނި އަޅައި އެކަމުގެ ސަބަބުން ޞިއްޙީ މައްސަލަތަކާއި ކުރިމަތިވާ ޙާލަތަށް ދިޔުމާއި، މަގު ބޭނުން ކުރާ، ޚާއްޞަކޮށް ބަލި މީހުންނާއި، ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި އަންހެނުންނާއި، އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް އެތަކެއް ދަތި ތަކާއި ގެއްލުން މެދުވެރިވަމުންދެއެވެ.  މިކަންކަމުގެ މަޢުލޫމާތު ރަނގަޅަށް އެނގޭހިނދު، އެއްވެސް ސަމާލުކަމެއް ނުދެއްވާ، ހަނު ތިއްބެވުން އަޅުގަނޑުމެން އިންތިހާއަށް ކުށްވެރިކޮށް ބަލައިނުގަންނަމެވެ. އަދި މިފަދަ ޙާލަތަކަށް ދާންޖެހޭ ސަބަބެއް އަދި މެދުވެރިވާން ޖެހޭކަމަށް ޤަބޫލު ނުކުރަމެވެ.

މަސައްކަތްކުރުމަށް މި ރަށުން ނަގާފައިވާ ބައެއް ފަރާތްތަކަށް ދޭންޖެހޭ އުޖޫރަ ނުދިނުމާއި، ބައެއް ބިދޭސީ މުވައްޒަފުންނަށް ބޭނުންވާ ޟަރޫރީ ކަންކަން ނުވެދިޔުމުން އެފަދަ މައްސަލަތަކަށް ކައުންސިލުން ތަކުރާރުކޮށް ވަންނަންޖެހުމާއި، މަސްތުވާތަކެއްޗަށް ތުހުމަތު ކުރެވޭ މީހުންނާއި، ސެލެބްރިޓީންގެ ލައިފްސްޓައިލް ގެންގުޅޭ ބައެއް ސިފަތައް ހުންނަ ބައެއް ފަރާތްތައް އެއްވެސް ބޭނުމެއްނެތި މަސައްކަތަށްކަމަށް ބުނެ ރަށަށް ގެނެސް، އެފަދަ މީހުންގެ ފަރާތުން ޢާންމުންގެ ޝަކުވާތައް ލިބި، މާރާމާރީއަށް މަގުފަހިވާފަދަ ޢަމަލުތައް ހިނގާފައިވާކަން ތަކުރާރުކޮށް އިންތިހާ ދަރަޖައަށް ކަންބޮޑުވާ ކަމުގައި ފާހަގަ ކުރަމެވެ. މަޝްރޫޢަށް ބޭނުންވާ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއި ސަޕޯރޓް ކައުންސިލުން އަބަދުވެސް ދެމުންދާހިނދު، މިކަންކަމަށް އެއްވެސް ސަމާލުކަމެއް ނުދެއްވައި، ވާނެގޮތަކަށް ވާން ދޫކޮށްލާފައި ތިއްބެވުމަކީ ކައުންސިލާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ އަދި ސަރުކާރާއިމެދުއޮތް ލޯތްބާއި އިތުބާރު ކުޑަވެގެންދާނެ ކަމެކެވެ. މިމަގުން ކަންހިނގަމުންދާއިރު އަދި ޢަމަލީ މަސައްކަތުގެ ބޮޑުބައި ނުނިމިވަނިކޮށް، މަޝްރޫޢަށް ކަނޑައެޅި ބަޖެޓް ހުސްވެ މަސައްކަތް ޙަވާލުވީ ފަރާތުން އެ ޝަކުވާ ކުރެއްވުމަކީ އަޑުއަހަން ދަތި ވާހަކަތަކެކެވެ.

މި މަޝްރޫޢުގެ ސަބަބުން ކުރިމަތިވަމުންދާ މައްސަލަތަކަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކައުންސިލުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކާއި މުޢާމަލާތްތަކަށް، މި ކަމާއި ގުޅުންހުރި ފަރާތްތަކުން ބީރުކަންފަތްދިނުމަކީ އަޅުގަނޑުމެންނަށް ބަލައިނުގަނެވޭނެ ކަމެކެވެ. މި ކައުންސިލަކީ އަބަދުވެސް ރަށުގެ ތަރައްޤީއަށް ހުރި ފުރުޞަތުތަކަށް އިޖާބަދޭ، ސަރުކާރަށް އެއްބާރުލުންދީ އެކުގައި މަސައްކަތްކުރަމުންދާ ކައުންސިލެއްކަން ފާހަގަކޮށް، މި ރަށާއިމެދު ގެންގުޅޭ ތަފާތުކުރުންތައް ވަގުތުންވަގުތައް ނައްތާލުމަށާއި، މިފަދަ ގޮތަކަށް ޢަމަލު ކުރެވެމުންދާ އެހެން ރަށެއް ވާނަމަ، އެގޮތަކަށް ޢަމަލު ނުކުރުމަކީވެސް މި ކައުންސިލުގެ ނުހަނު ބޮޑު އެދުމެކެވެ.

ވީމާ، ނަރުދޫގެ ހުއްޓިފައިވާ ނަރުދަމާ ނިޒާމާބެހޭ މަސްރޫޢުގެ ޢަމަލީ މަސައްކަތަށް ޚާއްޞަ އިސްކަމެއްދެއްވައި، އެކަން ހައްލުކޮށް ދެއްވުމަށް ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތަކަށް ވަރަށް އަދޭހާއެކު ގޮވާލަމެވެ.

އަޅުގަނޑުމެންގެ ދުޢާއަކީ ޤާނޫނު އަސާސީން ސަރުކާރުގެ އިދާރާ/ ވުޒާރާ/ މުއައްސަސާތަކަށް ލިބިދީފައިވާ މަސައްކަތްތައް ޤާނޫނުތަކުގައިވާ ގޮތަށް ފުރިހަމައަށް އަދާކުރައްވަމުން ގެންދިޔުމެވެ. ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި (ހަމަހަމަކަމާއި އިންޞާފާއެކު) މިރަށުގެ ރައްޔިތުންނަށް ލިބިގެން ދިއުމުގެ ނަޞީބު މާތްﷲ މިންވަރުކޮށްދެއްވުމެވެ. ރަށާއި ޤައުމަށް އަބަދުވެސް ފާގަތިކަމާއި ތަނަވަސްކަން މިންވަރުކުރެއްވުމެވެ. އާމީން.

12 ޖަނަވަރީ 2025