ނޫސްބަޔާން
ނަންބަރު: 2(IUL)203-ECA/1/2025/1
ޕަބްލިޝްކުރި ތާރީޚް: 08 ޖަނަވަރީ 2025
ޕަބްލިޝްކުރި ގަޑި: 14:00
ސުންގަޑި: 15 ޖަނަވަރީ 2025 00:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ޒަރޫރީ ބޭނުންތަކަށް މެޝިނެރީ ބޭނުންކޮށްގެން ވެލި ނެގުމާއި ގުޅޭ

ދިވެހިރާއްޖޭގެ އާއްމުރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވެލި ނެގުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ މެޝިނަރީ ބޭނުންނުކޮށް، ހަމައެކަނި ޒަރޫރީ ބޭނުމަށް ވެލިނެގުމަށް ކަނޑައަޅާފައިވަ ސަރަހައްދުތަކެކެވެ. އެހެންނަމަވެސް، މިފަދަ ސަރަހައްދުތަކުން، ހެދިފައިވާ އުސޫލުތަކާއި ޚިލާފަށް ގިނަ އަދަދަކަށް ވެލި ނަގާ ކަމުގެ ޝަކުވާ މި އެޖެންސީއަށް ދަނީ ލިބެމުންނެވެ. މިގޮތުން، މެޝިނަރީ ބޭނުންކޮށްގެން އަދި ވިޔަފާރި އުސޫލުން އެކި އެކި ބޭނުމަށް ވެލި ނަގަމުންދާކަން ވަނީ މިއެޖެންސީއަށް ފާހަގަވެފައެވެ.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކޮންމެ އަތޮޅެއްގައިވެސް، މެޝިނަރީ ބޭނުންނުކޮށް، ރައްޔިތުންގެ ޒަރޫރީ ބޭނުމަށް ވެލި ނެގުމަށް ވަކި ޚާއްޞަ ސަރަޙައްދުތަކެއް ވަނީ ކަނޑައަޅާފައެވެ. އަދިހަމައެހެންމެ، މެޝަނަރީ ބޭނުންކޮށްގެން ފަޅުފުންކުރުމާއި ވެލިނެގުމުގެ މަސައްކަތްތަކަކީ، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު (ގަވާއިދު ނަންބަރު:  (2012/R-27ދަށުން އީ.އައި.އޭ މަރުހަލާ ފުރިހަމަކުރައްވައިގެން، ކުރިއަށްގެންދެވޭނެ މަސައްކަތެއްކަމުން، މެޝިނަރީ ބޭނުންކޮށްގެން ވެލި ނަގަން ޖެހިއްޖެ ހިނދެއްގައި، އަތޮޅު ކައުންސިލާއި އަދި ކަމާގުޅޭ އެހެން ސަރުކާރުގެ އިދާރާތަކާއިއެކު މަޝްވަރާކޮށް، އެކަމަށް ޚާއްސަ ފަޅެއް ކަނޑައަޅައި، ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދާ އެއްގޮތަށް އީ.އައި.އޭ މަރުހަލާ ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

ވީމާ، މިއެޖެންސީއިން ތަންފީޒުކުރަމުންދާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދިހަމައެހެންމެ، އިސްވެދެންނެވުނު ގަވާއިދުތަކާއި އުސޫލާއި ޚިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދު މިއެޖެންސީއިން ފިޔަވަޅު އަޅަމުންގެންދާނެކަމުގައި ވެސް މިފުރުސަތުގައި ދަންނަވަމެވެ.

08 ޖަނަވަރީ 2025