ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)485-TE/485/2024/3
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2024
ޕަބްލިޝްކުރި ގަޑި: 09:43
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުގެނައުން

 

ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމަށް އެދި ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލަށް ބަދަލުގެނައުން

މި އޮތޯރިޓީން ކުރަމުންގެންދާ ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ބަލާ ފާސްކުރުމުގެ މަސައްކަތް އަވަސްކޮށް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން 2 ޖެނުއަރީ 2025 އިން ފެށިގެން ބަދަލުތަކެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ޤާނޫނު ނަންބަރު 26/2020 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ) ޤާނޫނު ގެ 33 ވަނަ މާއްދާގެ (ހ) އިން ބާރުލިބިގެން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާ އުސޫލު 2024/G-14(ކަރަންޓުގެ ދާއިރާގެ ޑިޒައިންތައް ފާސްކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަރަންޓު ދާއިރާގެ ކުރެހުންތައް ފާސް ކުރުމަށް ހުށަހަޅާއިރު ކުރެހުން ރިވިއު ކޮށްފައިވާކަމުގެ ފޯމާއިއެކު، މި އޮތޯރިޓީއަށް  ކުރެހުންތައް ފާސްކުރުމަށް ހުށަހެޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޑިޒައިންތައް ފާސްކުރުމަށް ހުށަހަޅާއިރު އެ ޑިޒައިންތައް ރިވިއުކުރެވޭނެ ފަރާތްތަކެއް މި އޮތޯރިޓީއިން މިވަނީ އައްޔަނުކޮށް ރިވިއު ކުރުމުގެ ލައިސަންސް ދީފައެވެ. މިފަރާތްތައް އައްޔަނުކޮށްފައިވަނީ ރިވުއުކުރާނެ ފަރާތްތަކެއް ހޯދުމަށް އިއުލާނުކޮށް، އެކަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކެވެ. ރިވިއުކުރުމަށް އައްޔަންކޮށްފައިވާ ފަރާތްތަކުގެ ލިސްޓު މި އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މި ގެނެވުނު ބަދަލާއި އެކު ރިވިއުކުރުމަށްފަހު މި އޮތޯރިޓީއަށް ހުށަހަޅާ ޑިޒައިންތައް ރަސްމީ ބަންދުދުވަސްތައް ނުލައި 3 ދުވަސް ތެރޭ ޕްރޮސެސް ކުރެވިގެންދާނެއެވެ. ނަމަވެސް ރިވިއު ކުރުމާއި ނުލާ ކުރެހުންތައް ފާސް ކުރުމަށް ހުށަހެޅުމުގެ ފުރުޞަތު ބޭނުންވާ ފަރާތްތަކަށް ލިބިގެންވެއެވެ. އަދި ރިވިއުނުކޮށް ހުށަހަޅާ ޑިޒައިންތައް ޕްރޮސެސްކުރުމަށް ރަސްމީ ބަންދު ދުވަސްތައް ނުލައި 30-90 ދުވަހާއި ދެމެދުގެ މުއްދަތެއް ނަގާނެއެވެ.

މި ގެނެވޭ ބަދަލާއި އެކުވެސް ކަރަންޓު ދާއިރާގެ ކުރެހުންތައް ފާސް ކުރުމަށް އެދޭނީ އެ ޚިދުމަތަށް އެދޭ ފޯމު މެދުވެރިކޮށް ކުރެހުމުގެ ވެރިފަރާތުން ނުވަތަ ވެރިފަރާތް އައްޔަން ކުރާ ފަރާތަކުންނެވެ. ރިވިއުކުރުމަށްފަހު ފާސް ކުރުމަށް މި އޮތޯރިޓީއަށް ހުށަހަޅާ ކުރެހުންތައް އޮތޯރިޓީން ޗެކްކުރާނީ ރޭންޑަމްކޮށެވެ. ރިވިއުކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުން އެމީހަކު ރިވިއުކުރާ ޑިޒައިންގެ ރިވިއުއަށް ފުރިހަމަ ޒިންމާ ނަގައި، ހުށަހަޅާ ހުރިހާ މައުލޫމާތެއްގެ ސައްހަކަން ކަށަވަރުކޮށްދޭ ރިވިއު ފޯމެއް އެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭނެއެވެ. ކުރެހުންތަކަށް ހުއްދަ ދިނުމަށް ހަމަޖެހިފައިވަނީ ރިވިއުކޮށްފައިވާ ފަރާތުގެ ރިވިއުފޯމުގެ މައްޗަށް ބިނާކޮށެވެ.

        ވީމާ މިކަން އާންމުކޮށް އަންގާ ޢިއުލާނު ކުރީމެވެ.

24 ޖުމާދަލްއޫލާ 1446

26 ނޮވެންބަރު 2024

26 ނޮވެންބަރު 2024