ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-IS1/138/2015/38
ޕަބްލިޝްކުރި ތާރީޚް: 02 ޖުލައި 2015
ޕަބްލިޝްކުރި ގަޑި: 11:25
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން.

ނުރައްކާތެރި ހުމެއްކަމުގައިވާ ޑެންގީހުން މިހާރު ރާއްޖޭގައި ހަލުއިކަމާއެކު ފެތުރެމުންދާތީ، އެކަން ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި ޢިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ތަންތާގައި ފެން ނުހިނދި ހުންނަ ތަންތަނާއި ފެން ހަރުލާފައި ހުންނަ ތަންތަން ނުހުންނާނޭގޮތަށް މަސައްކަތް ކުރައްވަމުން ގެންދެވުމަށް، މަސައްކަތް ކުރާ ފަރާތާއި މަސައްކަތް ކުރުވާފާރާތުން ޚާއްޞަ ސަމާލުކަމެއް ދެއްވުން އެދެމެވެ.

މީގެ އިތުރުން މަސައްކަތް ފަށާފައި ނުނިމި މަސައްކަތް ހުއްޓިފައި ހުރި ޢިމާރާތްތަކުގައި އެގޮތަށް ފެން ހަރުލާފައި އަދި ފެން ނުހިނދި ހުރި ތަންތަން ހުރިތޯ ބައްލަވައި އެފަދަ ތަންތަން ނައްތާލެއްވުމަށް ނުވަތަ މަދިރިފަނި ނުއުފެދޭ ފަދަ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށްވެސް މި ފުރުޞަތުގައި އިލްތިމާސް ކުރަމެވެ.

އަދި މި މިނިސްޓްރީ، މޯލްޑިވްސް އެސޯސިއޭޝަން ފޯރ ކޮންސްޓްރަކްޝަން އިންޑަސްޓްރީ އާއި ކަމާ ގުޅޭ އެހެން ފަރާތްތަކާ އެއްކޮށް ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަދިރި ކޮންޓްރޯލް ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމަށްޓަކައި ޓާސްކް ފޯސް އެއް އެކުލަވާލައިގެން މަސައްކަތް ކުރުމަށް ކަނޑައަޅާފައިވާކަންވެސް އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. މިގޮތުން މި ޓާސްކްފޯސް އިން، ފެށޭ ހަފުތާތެރޭގައި، ކޮންސްޓްރަކްޝަން ސައިޓްތަކަށް ގޮސް އެތަންތަނުގައި މަދިރި އާލާވާފަދަ ތަންތަން ހުރިތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން ދެއްވުމަށްއެދެމެވެ.

15 ރަމަޟާން 1436 ހ.

02 ޖުލައި 2015