ދިވެހިރާއްޖެ
އިޢުލާނު
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މުއްދަތު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 20 ނޮވެންބަރު 2024 ވާ ބުދަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 10 ވަނަ މާއްދާގައި، ކޮމިޝަނުގެ މެންބަރުކަމަށް ޢައްޔަންކުރާ މީހުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) މުސްލިމަކު ކަމުގައިވުން؛
(ށ) ދިވެހިރައްޔިތަކު ކަމުގައިވުން؛
(ނ) ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން؛
(ރ) ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން؛
(ބ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ވޭތުވެދިޔަ 5 (ފަހެއް) އަހަރުގެ ތެރޭގައި ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައިނުވުން؛
(ޅ) ފުރަތަމަ ޑިގްރީއެއް ޙާޞިލުކޮށްފައިވުމާއެކު މަދުވެގެން 7 (ހަތެއް) އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މީހަކު ކަމުގައިވުން؛
(ކ) އެމީހަކީ ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭފަދަ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މީހަކު ކަމުގައިވުން؛
(އ) ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން؛
(ވ) ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފެއްގެ ފިރިއެއް، އަންބެއް، ދަރިއެއް، ބައްޕައެއް، ނުވަތަ މަންމައެއްކަމުގައި ނުވުން؛
(މ) ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައި ނުވުން؛
(ފ) އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުން.
ވީމާ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށްއެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
2. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ މީހާގެ އިޤްރާރު
3. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރެކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރެކޯޑުތަކަށްވުން)
4. ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު
5. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށާއި ދަރަނީގެ ރެކޯޑު ފޯމާއި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވޭތޯ ބެލުމަށް އިލެކްޝަންސް ކޮމިޝަނުން ސާފުކުރަންޖެހޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތަކާއި އިޤްރާރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.