ދިވެހިރާއްޖެ
އިޢުލާން
ފަޅުރަށްރަށް ވަރުވާއަށް ލިޔެދީފައިވާ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކާ ގުޅޭ މަޢުލޫމާތު އަދާހަމަކުރުން
ގަވާއިދު ނަންބަރު: 2023/R-142 (ފަޅުރަށްރަށް ވަރުވާއަށް ލިޔެދިނުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމާބެހޭ ގަވާއިދު) ގެ ދަށުން ފަޅުރަށްރަށް ވަރުވާއަށް ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތްތަކާއި ކުރީގެ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާ ނުވަތަ ކަމާބެހޭ ވުޒާރާ އާ ދެމެދު ވެފައިވާ އެއްބަސްވުންތަކުގައި އެފަރާތްތަކާ މުޢާމަލާތު ކުރުމަށް ކަނޑައަޅާފައިވާ ފަރާތުގެ އެޑްރެސް، ފޯނު ނަންބަރު އަދި އީމެއިލް އެޑްރެސްތަކުން އެފަރާތްތަކާ މުޢާމަލާތު ކުރުމުގައި ދަތިތަކާ ކުރިމަތިވާ މިންވަރު އިތުރުވަމުންދާތީ އެ މައުލޫމާތުތައް ޞައްޙަކޮށް، އަދާހަމަކުރުމަށް މި މިނިސްޓްރީން ބޭނުންވެއެވެ.
ވީމާ، މި އިޢުލާނާ އެކުގައިވާ 2 (ދޭއް) ލިސްޓުގައި ބަޔާންކޮށްފައިވާ ފަޅުރަށްރަށުގެ ވަރުވާ ނުވަތަ ކުލީގެ އެއްބަސްވުންތަކުގައި އެފަރާތަކާ މުޢާމަލާތު ކުރުމަށް ކަނޑައަޅާފައިވާ ފަރާތުގެ އަންނަނިވި މަޢުލޫމާތު، 28 އޮކްޓޫބަރު 2024 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގަމެވެ.
- ޕޯސްޓަލް އެޑްރެސް (ޕޯސްޓުން ތަކެތި ފޮނުވަންވީ އެޑްރެސް، މަގުގެ ނަމާއި ފަންގިފިލާ އެނގޭ ގޮތަށް)؛
- ރަސްމީ އީމެއިލް އެޑްރެސް؛
- ގުޅޭނެ ލޭންޑްލައިން ފޯނު ނަންބަރު ނުވަތަ/ އަދި މޯބައިލް ފޯނު ނަންބަރު.
އިތުރަށް ދަންނަވަމެވެ. ފަޅުރަށެއް ވަރުވާއަށް ލިޔެދިނުމަށްފަހު ނުވަތަ ކުއްޔަށް ހިފުމަށްފަހު، ފަޅުރަށެއް ވަރުވާއަށް ލިޔެދީފައިވާ ފަރާތާބެހޭ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތާބެހޭ އަންނަނިވި މަޢުލޫމާތު ބަދަލުވެއްޖެނަމަ، އެ އައި ބަދަލެއް، ގިނަވެގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި މި މިނިސްޓްރީއަށް ލިޔުމުން އަންގަންވާނެ ކަމަށް ޙަވާލާދީފައިވާ ގަވާއިދުގައި ބަޔާންކޮށްފައިވާތީ، އެކަން ހަނދުމަފުޅުކޮށް އަރުވައި، އެފަދަ ބަދަލެއް އައިސްފައިވާނަމަ، އެ މަޢުލޫމާތު ވެސް އިސްވެ ބަޔާން ކޮށްފައިވާ މުއްދަތުގެ ތެރޭގައި ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުމަށް އަންގަމެވެ.
- ވަރުވާއަށް ލިޔެދީފައިވާ ފަރާތުގެ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުގެ ނަން ބަދަލުކޮށްފިނަމަ، އެކަން؛
- ކުންފުންޏެއްނަމަ، އެކުންފުނީގެ ހިއްސާދާރުންނަށް އަންނަ ބަދަލު؛
- ޕާޓްނަރޝިޕެއްނަމަ، ޕާޓްނަޝިޕުގެ ބައިވެރިންނަށް އަންނަ ބަދަލު؛
- ކޯޕަރޭޓިވް ސޮސައިޓީއެއް ނުވަތަ ޖަމުޢިއްޔާއެއް، ނުވަތަ އެ ޝަޚުޞެއް ހިންގުމުގެ ކަންކަމާމެދު ޒިންމާވާ ފަރާތް ބަދަލުވެއްޖެނަމަ، އެ ބަދަލެއް.
ބަޔާންކޮށްފައިވާ މުއްދަތުގައި މި މަޢުލޫމާތުތައް މި މިނިސްޓްރީއަށް ލިޔުމުން ފޮނުއްވާފައި ނުވާނަމަ، މި މިނިސްޓްރީން ރައްދުކުރަން ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ފޯރުކޮށް ދިނުމުގައި، ޤާނޫނު ނަންބަރު (2011/4) "މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު"ގެ 34 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ އުޞޫލުތައް އިޚްތިޔާރުކޮށް މުޢާމަލާތު ކުރާނެކަން އަންގަމެވެ.
މީގެއިތުރުން، އިސްވެ ބަޔާންކޮށްފައިވާ މަޢުލޫމާތު ބަދަލުވެ، ބަޔާންކޮށްފައިވާ ގޮތަށް މިނިސްޓްރީއަށް އަންގާފައި ނުވުމުގެ ސަބަބުން ކުރިމަތިވާ ހުރިހާ ކަމެއްގެ ޒިންމާ، ފަޅުރަށް ވަރުވާއަށް ލިޔެގެން ގެންގުޅޭ ނުވަތަ ކުއްޔަށް ހިފާފައިވާ ފަރާތުން އުފުލަންޖެހޭނަކަން އަންގާ އިޢުލާނުކުރަމެވެ.