ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)491/491/2024/120
ޕަބްލިޝްކުރި ތާރީޚް: 20 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި: 20 ނޮވެންބަރު 2024 00:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިހާރު ޢަމަލުކުރަމުންދާ ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދުއާއި ގުޅޭ

މިހާރު ޢަމަލުކުރަމުންދާ "ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު ގެ ދަށުން

އެތެރެކުރާ އަދި ދިވެހިރާއްޖޭގައިއުފައްދާ ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް

މި މިނިސްޓްރީން ދޫކުރާ ހުއްދަ "މެޓީރިއަލް ކޮލިޓީ ޕާރމީޓް" ހޯދުމަށް، ކަމާބެހޭ ފަރާތްތަކަށް އެންގުން.

  ޢިމާރާތް ކުރުމުގެ ޤާނޫނު ނަންބަރު: 2017 /4 ގެދަށުން އެކުލަވާލާފައިވާ ޤަވާޢިދު (ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދު) ގެ ދަށުން، ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތީގެ ތެރެއިން މިޤަވާޢިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރަންވާނީ އަދި އެބާވްތަތައް ދިވެހިރާއްޖޭގައި އުފައްދަންވާނީ، އެތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް މިމިނިސްޓްރީން ދޫކުރާ ހުއްދަ "މެޓީރިއަލް ކޮލިޓީ ޕާރމިޓް" ހޯދައިގެންނެވެ. މި ޕާރމިޓް ނުހޯދާ ޤަވާޢިދުގައި ބަޔާންކޮށްފައިވާ ބާވަތްތައް އެތެރެ ކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުމަކީ މަނާކަމެކެވެ.

  މިގޮތުން ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާއިދުގައި އެތެރެ ކުރުމަށާއި އަދި އުފެއްދުމަށް ނުވަތަ ތައްޔާރު ކުރުމަށް ހުއްދަ ނަގަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ބާވަތްތަކަކީ:

1- ސިމެންތި (ޢިމާރާތް ކުރުމަށް ބޭނުންކުރާ)

2- ހިލަ (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ގްރޭޑެއްގެ ހިލަ)

3- ވެލި (ކޮންކްރީޓަށް ބޭނުންކުރާ ހުރިހާ ވައްތަރެއްގެ ވެލި)

  3.1- ސިލިކާ ސޭންޑް އަދި ކުއާޓްސް ސޭންޑް

  3.2- ރިވާ ސޭންޑް

  3.3- ނެޗުރަލް ސޭންޑް (ރިވާ ސޭންޑް، އެކްސެލް)

  3.4- ސްޓޯން ޑަސްޓް / ކުރަރީ ޑަސްޓް

  3.5- މެނިއުފެކްޗާޑް ސޭންޑް އަދި އިމާރާތް ކުރުމުގައި ބޭނުންކުރާ އެހެނިހެން ކުރަސްޑް ސްޓޯންސް

4- ދަގަނޑު (ޢިމާރާތް ކުރުމުގެ ބޭނުމަށް ގެންނަ ސްޓްރަކްޗަރަލް ދަގަނޑު)

  4.1- ރީބާ (ކޮންކްރީޓް އަށް ބޭނުންކުރާ އެނބުރި ދަނގަނޑު)

  4.2- އައި ސެކްޝަން  (I Beam)

  4.3- އެޗް ސެކްޝަން (H Beam)

5- ރެޑީމިކްސް ކޮންކްރީޓް (ހުރިހާ ގްރޭޑެއްގެ)

6- ރެޑީމޭޑް ބްލޮކްސް (ޢިމާރާތް ކުރުމަށް ބޭނުންކުރާ ގައު)

  އަދި ދަންނަވަމެވެ. މަތީގައި ބަޔާން ކޮށްފައިވާ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުރިން ނުވަތަ އުފެއްދުމުގެ ކުރިން އެތަކެތީގެ ފެންވަރު ކަށަވަރުކޮށް އެކަމަށް މިމިނިސްޓްރީން ދޫކުރާ ހުއްދައަށް އެދުމުގެ ކުރިން، ޤަވާޢިދު (ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު) ގެ ދަށުން، ތަކެތި އެތެރެކުރާ ފަރާތެއްނަމަ SY ކެޓަގަރީގައި، އަދި ތަކެތި ދިވެހިރާއްޖޭގައި އުފައްދާ ފަރާތެއްނަމަ CM ކެޓަގަރީގައި ރަޖިސްޓަރީ ވާންޖެހޭނެއެވެ. މިގޮތަށް ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދުގައި ރަޖިސްޓްރީ ނުވެ އަދި މެޓީރިއަލް ކޮލިޓީ ޕާރމިޓް ނުހޯދާ އެމަސައްކަތްތައް ކުރާ ފަރާތްތަކާއި މެދު ޢިމާރާތްކުރުމުގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން މިމިނިސްޓްރީން ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

  މީގެ އިތުރުން މަތީގައި ދަންނަވާފައިވާ ބާވަތްތައް ދިވެހިރާއްޖޭގައި އުފައްދާ ފަރާތްތަކުން އެއުފައްދާ ތަކެތީގެ ފެންވަރު ކަށަވަރުކޮށް އެ ތަކެތި އުފައްދާފައިވަނީ މިމިނިސްޓްރީން ހުއްދަ ނަގައިގެންތޯ ބަލާ ޗެކްކުރުމުގެ މަސައްކަތްވެސް މިމިނިސްޓްރީގެ ފަރާތުން ކުރަމުން ގެންދާނެ ވާހަކަ މިފުރުޞަތުގައި ދަންނަވަނެވެ. މިގޮތުން ބަލާ ޗެކްކުރުމުގައި މަތީގައި ދެންނެވިފައިވާ ފަދައިން ރަޖިސްޓްރީ ނުކޮށް އަދި ޕާރމިޓް ނުހޯދާ އެމަސައްކަތްތައް ކުރާ ފަރާތްތަކާމެދު ޢިމާރާތްކުރުމުގެ ޤާނޫނާއި އަދި ޢިމާރާތް ކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމާއި އުފެއްދުން ކޮންޓްރޯލް ކުރުމުގެ ޤަވާޢިދުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ ކަންކަން މިމިނިސްޓްރީން ކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

  • ޕާރމިޓް ހޯދުމަށާއި ރަޖިސްޓަރީ ކުރުމަށް އެޕްލިކޭޝަން ހުށަހަޅުއްވާނީ one.gov.mv ޕޯރޓަލް މެދުވެރިކޮށެވެ.
  • އެޕްލިކޭޝަން ހުށަހެޅުއްވުމާ ގުޅޭގޮތުން އިތުރު މަޢްލޫމާތު ހޯއްދެވުމަށް 1500 ނަންބަރާ ގުޅުއްވުން އެދެމެވެ.

  ޕާރމިޓް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތަކާ ގުޅޭ މަޢްލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. 

20 އޮކްޓޫބަރު 2024