ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-DOFL/10/2024/100
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2024
ޕަބްލިޝްކުރި ގަޑި: 14:42
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކުރުމާ ގުޅޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކުރުމާ ގުޅޭ

 

   ޤަވާއިދު ނަންބަރު 2023/R-111 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާބެހޭ ޤަވާއިދު) ގެ ޖަދުވަލު 7 (ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީން ގަވާއިދާ ޚިލާފުވުމުން ފިޔަވަޅު އެޅުމުގެ އުސޫލު) އަދި ޖަދުވަލު 8 (ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލު) އަށް ޙަވާލާދީ ދަންނަވަމެވެ.

   ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 8 (ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލު) އަށް 2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން އަންނަނިވި ޚިދުމަތްތަކާއެކު ޢަމަލުކުރަން ފެށޭނެކަމުގައި ދަންނަވަމެވެ.

1.      "ވަރކް ޕަރމިޓް މިސިންގ ރިކުއެސްޓް ސަރވިސް ފީ" (1,000.00 ރުފިޔާ)

ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 8 ގެ 3 ވަނަ މާއްދާގެ (ރ) ގެ ދަށުން މިސިންގ ރިޕޯޓުކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިންގ ރިޕޯޓިންގ ފީގެ ގޮތުގައި 1,000/- (އެއްހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެއެވެ.

2.      "ވަރކް ޕަރމިޓް ނެގްލިޖެންސް ފައިން" (2,000.00 ރުފިޔާ)

ވަޒީފާދޭ ފަރާތުގެ އިހުމާލުން ވަރކް ޕަރމިޓް ހުއްދައިގެ ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 7 ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން 2,000/- (ދެހާސް) ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.

3.      "ވަރކް ޕަރމިޓް މިސިންގ ވިތްޑްރޯވަލް" - ސަރވިސް ފީ (10,000.00 ރުފިޔާ)

މި ފީއަކީ ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 8 ގެ 5 ވަނަ މާއްދާގެ (ށ)، އަދި ޖަދުވަލު 8 ގެ 15 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފީއެކެވެ.                            

   ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުޞަތު 2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން ހުޅުވާލެވޭނެ ވާހަކަ ދަންނަވަމެވެ.

   ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 8 ގެ 15 މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކްސްޕެޓް ސިސްޓަމުގައި މިސިންގ ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ،      2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެ މިސިންގ ރިކުއެސްޓް އަނބުރާ ގެންދަންވާނެއެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު، މިސިންގ ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިންގ ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10,000/- (ދިހަހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެ ކަމުގައި ދަންނަވަމެވެ.

   ޙަވާލާދީފައިވާ ޤަވާއިދުގެ ޖަދުވަލު 8 ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، 2024 އޮކްޓޫބަރ 06 ވަނަ ދުވަހުގެ ފަހުން އެކްސްޕެޓް ސިސްޓަމުގައި މިސިންގ ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިންގ ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ، މިސިންގ ރިޕޯޓުކުރާ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި އެ މިސިންގ ރިކުއެސްޓް އަނބުރާ ގެންދަންވާނެއެވެ. އަދި މި މުއްދަތު ހަމަވުމަށްފަހު، މިސިންގ ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިންގ ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10,000/- (ދިހަހާސް) ރުފިޔާގެ ސަރވިސް ފީއެއް ނެގޭނެ ކަމުގައި ދަންނަވަމެވެ.

   އަދި ދަންނަވަމެވެ. ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިންގ ރިޕޯޓުކުރުމުގެ އައު ޕްރޮސެސްއާއި މިސިންގ ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓެއް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާނެ ގޮތުގެ ޕްރޮސެސްގެ ގައިޑް "ވަރކް ޕަރމިޓް މިސިންގ ޔޫޒަރ ގައިޑް" އަދި "ވަރކް ޕަރމިޓް މިސިންގ ވިތްޑްރޯވަލް ޔޫޒަރ ގައިޑް" އެކްސްޕެޓް ސިސްޓަމްގެ "ހޯމް ޕޭޖް" އިން 2024 އޮކްޓޫބަރ 06 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 1500 ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

   ވީމާ، މިކަން އާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

30 ރަބީޢުލްއައްވަލް 1446

03 އޮކްޓޫބަރު 2024