ދިވެހިރާއްޖެ
1436ވަނަ އަހަރުގެ ރަމަޟާންމަހުގެ ހަނދު ބެލުން
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގައިނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަތޮޅުތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގުމާ ހަވާލުވެހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައެވެ. ހަނދު ފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު ގާތްގަޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދޭންވާނެއެވެ.
ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން 29 ޝަޢުބާން 1436 (16 ޖޫން 2015) ވާ އަންގާރަ ދުވަހުގެ ހަވީރު 5:30 ން ފެށިގެން މި ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެއެވެ.
ވީމާ، މިއަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށްމީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މަޢުލޫމާތު ދެއްވުން އެދެމެވެ.
ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ޓެކްސީޚަރަދު ދޫކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ހަނދާ ބެހޭގޮތުން ސާފުކުރުމަށް ބޭނުންވާ މަޢުލޫމާތެއްވާނަމަ މި ޑިޕާޓްމަންޓުގެ ނަންބަރު 3006246، 3006245 ފޯނަށް ގުޅުއްވުން އެދެމެވެ. ރަށްރަށުގައިނަމަ ގުޅުއްވާނީ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށެވެ. މެޖިސްޓްރޭޓް ނެތް ރަށެއްގައިނަމަ ގުޅުއްވާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއަށެވެ.
މިހެންވެ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
22 ޝަޢުބާން 1436