ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-CM-1/1/2024/156
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:24
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އޮޕަރޭޝަން ހިރާސް ފާސް

އިޢުލާން

"އޮޕަރޭޝަން ހިރާސް ފާސް" ފެށުމާ ގުޅޭ

 

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒުކުރުމުގެ ގޮތުން، ވުޒާރާތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދަނީ މުޖްތަމަޢުގެ ދުޅަހެޔޮކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމުއައްސަސާތަކުގެ މެންޑޭޓުގެ ތެރެއިން ކުރެވެންހުރި ކަންކަން ފާހަގަކޮށް، އެފަދަކަންކަމާއިމެދު ޢަމަލީގޮތުން ކުރެވެންހުރި އެންމެހާ ކަންކަން ކުރުމަށް ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ކުރުން ލާޒިމްކަމެއްކަމަށް ވީހިނދު، ޤާނޫނުތަކުން ރެގިއުލޭޓްކުރުމަށް މިވުޒާރާއަށް މަތިކުރެވިފައިވާ ކަންކަން ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް މި ވުޒާރާއިންވެސް މިދަނީ ޚާއްޞަ މަސައްކަތްތަކެއް ރާވަމުންނެވެ.

 

ދިވެހިރާއްޖެއަށް އެކިބޭނުންތަކުގައި އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަދިނުމާއި، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ މިވުޒާރާއިން ރެގިއުލޭޓްކުރާ ކަމެކެވެ. އަދި މިފަދަ ކެމިކަލްތަކަށް ހުއްދަދެވިފައިވަނީ ޤާނޫނީ އިމުގެތެރެއިން ކަމުގައި ވީނަމަވެސް، އެތަކެތި ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް ފަރާތްތަކުން ގަވާއިދާ ޚިލާފުވާކަމަށް މިވުޒާރާއަށް އެކިގޮތްގޮތުން ދަނީ ޝަކުވާތައް ލިބެމުންނެވެ. އަދި މިކަމަކީ ގަވާއިދުތަކާ އެއްގޮތްވާގޮތުގެމަތިން މުޠުލަޤަށް ތަންފީޒު ނުކުރެވިއްޖެނަމަ އިޢާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެވެ. 

 

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، މިނިސްޓްރީއަށް ފެނިއްޖެ ހިނދެއްގައި، ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓްކުރުމަކީ ޤާނޫނު ނަންބަރު 75/04  (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ "ހ" ގެ  3 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވިފައިވާ، ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނައުމާއި، އެ ތަކެތި ގުދަންކުރުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ގަވާއިދު ނަންބަރު 2019/R-1057 "ނުރައްކާތެރި ކެމިކަލާއި ބެހޭ ގަވާއިދު" ގެ 08 ވަނަ މާއްދާއިން ދިފާޢީ ވުޒާރާއަށް ދީފައިވާ އިޚްތިޔާރެކެވެ.

 

އެހެންކަމުން 01 އޮކްޓޫބަރު 2024 އިން ފެށިގެން މިދެންނެވުނުފަދަ ތަންތަން އިންސްޕެކްޓްކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި ޢަމަލު ކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކަށް ޢާންމުން ހޭލުންތެރިކުރުމުގެ ޚާއްޞަ މަސައްކަތް، "އޮޕަރޭޝަން ހިރާސް ފާސް" 10 ޒޯނަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

ވީމާ، މިކަން އެންމެހާ ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

 

26 ސެޕްޓެންބަރު 2024