ނޫސްބަޔާން
ނަންބަރު: (PR)28-AD-3/PRIV/2024/4
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 21:16
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އޮޕަރޭޝަން ހިރާސް ފާސް

ނޫސް ބަޔާން

 

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަވަމުން ގެންދަވާ މަސައްކަތްޕުޅުތައް ތަންފީޒުކުރުމުގެ ގޮތުން، ވުޒާރާތަކާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ދަނީ މުޖްތަމަޢުގެ ދުޅަހެޔޮކަމާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމުއައްސަސާތަކުގެ މެންޑޭޓުގެ ތެރެއިން ކުރެވެންހުރި ކަންކަން ފާހަގަކޮށް، އެފަދަކަންކަމާއިމެދު ޢަމަލީގޮތުން ކުރެވެންހުރި އެންމެހާ ކަންކަން ކުރުމަށް ޤައުމީ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.  އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ރައްޔިތުންނާއި ރައްޔިތުންގެ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތައް ފުރިހަމައަށް ތަންފީޒުކުރުމަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުންވެސް ކުރުން ލާޒިމްކަމެއްކަމަށް ވީހިނދު، ޤާނޫނުތަކުން ރެގިއުލޭޓްކުރުމަށް މިވުޒާރާއަށް މަތިކުރެވިފައިވާ ކަންކަން ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށް މި ވުޒާރާއިންވެސް މިދަނީ ޚާއްޞަ މަސައްކަތްތަކެއް ރާވަމުންނެވެ.

 

ދިވެހިރާއްޖެއަށް އެކިބޭނުންތަކުގައި އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް އެތެރެކުރުމުގެ ހުއްދަދިނުމާއި، އެފަދަ ކެމިކަލްތައް ގުދަންކޮށް ރައްކާކުރުމަކީ މިވުޒާރާއިން ރެގިއުލޭޓްކުރާ ކަމެކެވެ. އަދި މިފަދަ ކެމިކަލްތަކަށް ހުއްދަދެވިފައިވަނީ ޤާނޫނީ އިމުގެތެރެއިން ކަމުގައި ވީނަމަވެސް، އެތަކެތި ގެންގުޅުމާއި ގުދަންކުރުމުގައި ބައެއް ފަރާތްތަކުން ޤަވާޢިދާއި ޚިލާފުވާކަމަށް މިވުޒާރާއަށް އެކިގޮތްގޮތުންދަނީ ޝަކުވާތައް ލިބެމުންނެވެ. އަދި މިކަމަކީ ޤަވާޢިދުތަކާއި އެއްގޮތްވާގޮތުގެމަތިން މުޠުލަޤަށް ތަންފީޒު ނުކުރެވިއްޖެނަމަ އިޢާދަ ނުކުރެވޭފަދަ ބޮޑެތި ގެއްލުންތަކަކަށް ދިވެހި ރައްޔިތުން ހުށަހެޅިގެންދިއުމަށް ހުޅުވޭ ދޮރެއް ކަމުގައި ދެކެމެވެ.

 

ނުރައްކާތެރި ކެމިކަލް ގެންގުޅޭ ފަރާތްތަކުން ގަވާޢިދާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށްޓަކައި، ވުޒާރާއަށް ފެނިއްޖެ ހިނދެއްގައި، ނުރައްކާތެރި ކެމިކަލް ރައްކާކޮށްފައި ހުންނަ ތަންތަން އިންސްޕެކްޓްކުރުމަކީ ޤާނޫނު ނަންބަރު 75/04  (ދިވެހިރާއްޖެ ގެނައުން މަނާ ތަކެތީގެ ގާނޫނު) ގެ 5 ވަނަ މާއްދާގެ "ހ" ގެ  3 ވަނަ ނަންބަރުގެ ދަށުން އެކުލަވާލެވިފައިވާ، ގޮވާ އެއްޗެހި ކަމުގައި ނުހިމެނޭ ނުރައްކާތެރި ކެމިކަލާއި އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި ބާވަތް ބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނައުމާއި، އެ ތަކެތި ގުދަންކުރުމާއި، ދިވެހިރާއްޖޭގައި ގެންގުޅުމުގައި އަމަލުކުރަންވީ އުސޫލުތައް ބަޔާންކުރާ ޤަވާޢިދު ނަންބަރު 2019/R-1057 "ނުރައްކާތެރި ކެމިކަލާއި ބެހޭ ޤަވާއިދު" ގެ 08 ވަނަ މާއްދާއިން ދިފާޢީ ވުޒާރާއަށް ދީފައިވާ އިޚްތިޔާރެކެވެ. އެހެންކަމުން 01 އޮކްޓޫބަރު 2024 އިން ފެށިގެން މިދެންނެވުނުފަދަ ތަންތަން އިންސްޕެކްޓްކުރުމަށާއި ނުރައްކާތެރި ކެމިކަލް އެތެރެކޮށް ގެންގުޅުމާއި ގުދަންކުރުމުގައި ޢަމަލު ކުރުމަށް ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ޢާންމުން ހޭލުންތެރި ކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް ޒޯންތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

 

26 ސެޕްޓެންބަރު 2024