ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)493-A/493/2024/130
ޕަބްލިޝްކުރި ތާރީޚް: 16 ސެޕްޓެންބަރު 2024
ޕަބްލިޝްކުރި ގަޑި: 15:05
ސުންގަޑި: 25 ސެޕްޓެންބަރު 2024 14:00
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުން

     ގާނޫނު ނަންބަރު 2008/15 (މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 10 މެންބަރުންގެ މުއްދަތު 14 ޑިސެންބަރު 2024 ގެ ނިޔަލަށް ހަމަވާތީ، މިކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށް ބޭނުންވެއެވެ. އެއީ މީޑިއާ ތަކުން ތަމްސީލުކުރާ 7 (ހަތެއް) މެންބަރުންނާއި އާންމު 3 (ތިނެއް) މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާ އާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.

     ކައުންސިލްގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އެއްވެސް ފަރާތަކަށް ކައުންސިލްގެ މެންބަރު ކަމުގައި ޖެހިޖެހިގެން 2 (ދޭއް) ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 (ހަތެއް) ގޮނޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ ރަޖިސްޓްރީ ކޮށްފައިވާ މީޑިއާ ތަކުންނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ގާނޫނު ގެ 7 (ހަތެއް) ވަނަ މާއްދާގައިވާ ގޮތުން ކައުންސިލްގެ މެންބަރުންގެ ކިބާގައި ތިރިގައިވާ ޝަރުތުތައް ހުންނަންވާނެއެވެ.

(ހ) ދިވެހި ރައްޔިތެއް ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(ބ) ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން.

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

(އ) މުޖްތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި، އަޚުލާގު ރަނގަނޅު މީހެއް ކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާ އެއްގައި އެމީހަކު ލިޔުނު އެއްޗަކާ ބެހޭގޮތުން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.

      އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ ފަރާތްތައް ކަނޑައެޅުއްވުމުގައި ތިރީގައި މިދަންނަވާ ކަންތައްތަކަށް އިސްކަން ދެވޭނެއެވެ.

(1)   ގާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ހައްގުތަކުގެ ދާއިރާއިން ނުވަތަ ދީނީ އިލްމުގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލް ކޮށްފައިވުން.

(2)   އިޖުތިމާއީ ތަރައްގީއާއި ދުޅަހެޔޮކަން (ޚާއްސަ ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާ އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމުގައި) މަސައްކަތްކޮށްފައިވުން.

     ވީމާ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ވާދަކުރަން އެދޭ ފަރާތްތަކުން، 25 ސެޕްޓެންބަރު 2024 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، "މީޑިއާ ކައުންސިލްގެ އިންތިޚާބުގައި މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު" (ޖަދުވަލު 1)، ފުރިހަމަކުރައްވައި އަދި އެފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، މިނިސްޓްރީ އޮފް ޔޫތު އެންޕަވަރމެންޓް، އިންފޮމޭޝަން އެންޑް އާޓްސް ގެ އީމެއިލް:  [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅާ ހުރިހާ ލިޔުންތައްވެސް ހުންނަންޖެހޭނީ ޕީޑީއެފް ފޯމެޓަށެވެ. މި ފޯމް (ޖަދުވަލު 1) މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނާއެކުވެސް މި ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.

16 ސެޕްޓެންބަރު 2024