ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)472/472/2024/74
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:52
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން
ދިވެހިރާއްޖެ
މާލެ ސަރަޙައްދުގައި ގަވާއިދާ ޚިލާފަށް ބޭނުންކުރަމުންދާ އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމާ ގުޅޭ

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރަޖިސްޓްރީނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުނޅަދުތަކާއި އެހެން ޒޯނު ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް "އޭ" ޒޯނުގައި ދުއްވާ ދުއްވުމާއި، ޕާކް ކުރުމާއި، ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެގޮތުން މި ވުޒާރާއާ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ހުޅުމާލޭގެ ލޮޓް ނަންބަރު 452 ބިމުގައި މިފަދަ އުޅަނދުތައް ވަގުތީގޮތުން ބަހައްޓާނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސާފައެވެ. ވީމާ، ދެންނެވުނު ޙާލަތްތަކުގައިވާ އުޅަނދުތައް ވީ އެންމެ އަވަހަކަށް މިކަމަށް ޚާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އަންގަމެވެ.

އަދި ގާނޫނު ނަންބަރު 2009/5 (އެއްގަމު ދަތުރުފަތުރުގެ ގާނޫނު) އާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގައިވާ ގޮތުގެމަތިން އުޅަނދާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހާ ކަންކަން ވީ އެންމެ އަވަސް ފުރުސަތެއްގައި ނިންމުމަށް އަންގަމެވެ. އަދި މި އެންގުމާ ޚިލާފުވާ އުޅަނދުތަކާމެދު މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި އެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ. 

26 އޮގަސްޓް 2024