ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 11 އޮގަސްޓް 2024
ޕަބްލިޝްކުރި ގަޑި: 12:37
ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ކައުންސިލުން ހިލޭ އެހީ ދިނުމާއި ގުޅޭ އުސޫލް

ތަޢާރަފާއި ނަން

1 (ހ) މިއީ ތިލަދުންމަތީ  ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ މަޤްސަދާއި ތަރައްޤީގެ ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާޞިލްކުރުމަށް ރަށުގެ ކުލަބު ޖަމްޢިއްޔާ ޖަމާއަތްތައް އަދި ކޯޕަރޭޓް  ސޮސައިޓީތަކުން ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ އެފަދަ ފަރާތްތަކުން ޢާއްމުފައިދާއަށް ހިންގާ އެކި އެކި ޕްރޮގޮރާމްތަކަށް އެހީވުމަށްޓަކައި ޤަވާޢިދު ނަމްބަރ 68-R/2022 (ކައުންސިލަށްދޭ ހިލޭ އެހީ ކަނޑައެޅުމާއި،ކައުންސިލްތަކުގެ ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓް ތަންފީޒުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު) ގެ 20 ވަނަ މާއްދާގެ ( އ ) އަށް ރިޢާޔަތްކޮށް ޤާނޫނު ނަމްބަރ 2010/7( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 73 ވަނަ މާއްދާއިން ބާރު ލިބިގެން އެކުލަވާލާފައިވާ އުސޫލެކެވެ.

 

 (ށ) މި އުސޫލަށް ކިޔާނީ "ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލުން ހިލޭ އެހީ ދިނުމުގެ އުޞޫލު " އެވެ.

 

މަޤްޞަދު:

2- މި އުސޫލުގެ މަޤްޞަދުތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.

(ހ) ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ ތަސައްވުރާއި އަމާޒަށް ވާސިލްވުމަށް ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދައި ދިނުމާއި ، ތިލަދުންމަތީ  ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ މަޤްސަދާއި ތަރައްޤީގެ ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާޞިލްކުރުމަށް ރަށުގެ ކޯޕަރޭޓް  ސޮސައިޓީތަކާއި ކުލަބު ޖަމްޢިއްޔާ ޖަމާއަތްތައް ކުރަމުންދާ މަސައްކަތުގައި އެހީތެރިވެ އެފަދަ ފަރާތްތަކުން ޢާންމު ފައިދާއަށް ހިންގާ އެކި އެކި ޕްރޮގޮރާމްތަކަށް އެހީވެ ރަށަށް ކުރިއެރުމާއި ފާގަތިކަން ހޯދުމާއި ރަށުގެ ތަރައްޤީގެ ޕްލޭންގައި ހިމެނިފައިވާ ކަންކަން ކާމިޔާބުކަމާއެކު ހިންގާ ތަންފީޒުކުރުމަށް ހިތްވަރުދީ ބާރުވެރިކޮށް އެކަމަށް ޝަޢުގުވެރިކަން އުފެއްދުމެވެ.

(ށ) ވައިކަރަދޫގެ ތަރައްޤީގެ ހަރަކާތްތައް ރާވާ ހިންގުމުގައި ރަށުގައި ޤާއިމްވެފައިވާ ކޯޕަރޭޓް  ސޮސައިޓީތަކާއި ކުލަބް ޖަމިއްޔާ ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށް ބައިވެރިވުން އިތުރުކުރުން

(ނ) ރަށު ފެންވަރުގައި މީހުން ބިނާކުރުމާއި ދުޅަހެޔޮ ޖީލެއް އުފެއްދުމާއި އަސާސީ ޚިދުމަތް ދިނުމާއި ޢާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށްދީ އިޖުތިމާޢީ ގުޅުންތައް ބަދަހިކޮށް ރަށުގެ ތަރައްޤީގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމެވެ.

 

އެހީގެ ޢަދަދު ކަނޑައެޅުން:

3 (ހ) މި އުސޫލުގެ ދަށުން ދޫކުރުމަށް ކަނޑައަޅާ އެހީގެ ފައިސާ ކޮންމެ އަހަރަކު ފާސްކުރާ ކައުންސިލް ބަޖެޓްގައި ހިމަނަންވާނެއެވެ. މިގޮތުން ދޫކުރަން ކަނޑައަޅާ ޢަދަދު ކަނޑައަޅާނީ ކައުންސިލުންނެވެ. މިގޮތުން ދޫކުރުމަށް ކަނޑައަޅާ ޢަދަދު ލިބޭނެކަމަށް ލަފާކުރާ ޢާމްދަނީގެ %5 ( ފަހެއް އިންސައްތަ ) އަށްވުރެ ބޮޑުވެގެން ނުވާނެއެވެ.

 

 

އެހީ ދޫކުރެވޭ ފަރާތްތައް:

4 މިއުސޫލުގެ ދަށުން ފައިސާގެ އެހީ ދޫކުރެވޭނީ އަންނަނިވި ފަރާތްތަކަށެވެ.

  (ހ) ވައިކަރަދޫގައި ރެޖިސްޓްރީކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީތަކަށް

  (ށ) ޤާނޫނު ނަމްބަރ 2003/1 ( ޖަމިއްޔާތަކާ ބެހޭ ޤާނޫނު) ގެ ދަށުން ރެޖިސްޓްރީކޮށްގެން ހިންގާ ވައިކަރަދޫ އަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކަށެވެ.

 

ފައިސާގެ އެހީ ދޫކުރުން :

5 (ހ) މި އުސޫލުގެ ދަށުން ފައިސާގެ އެހީ ދޫކުރަންވާނީ އެ އަހަރަކަށް ކައުންސިލްގެ ބަޖެޓާއެކު ފާސްކޮށްފައިވާ އެކްޓިވިޓީ ޕްލޭންގައި ކަނޑައެޅިފައިވާ ހަރަކާތްތައް ތަންފީޒު ކުރުމަށާއި ތިލަދުންމަތީ  ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ މަޤްސަދާއި ތަރައްޤީގެ ޕްލޭނުގައި ކަނޑައަޅާފައިވާ ލަނޑު ދަނޑިތައް ހާޞިލްކުރުމަށް ހުށަހެޅޭ ހުށަހެޅުންތަކަށެވެ. މިފަދަ ހުށަހެޅުން ހުށަހަޅަންވާނީ އެކަމަށް ތައްޔާރުކުރާ ޕްރޮޕޯސަލެއްގެ ސިފައިގައެވެ.

(ށ) ހުށަހެޅޭ ޕްރޮޕޯސަލްތަކަށް އެހީތެރި ވެދޭނެ މިންވަރު ކަނޑައަޅާނީ ހުށަހަޅާ ޕްރޮޕޯސަލްތައް ކައުންސިލުން ދިރާސާކުރުމަށްފަހު އެވެ.

(ނ) މި އުސޫލުގެ ދަށުން ދޫކުރާ ފައިސާގެ އެހީ ދޫކުރަންވާނީ އެކަމަށް ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. މި އެއްބަސްވުމުގައި އަންނަނިވި ކަންކަން ހިމަނަންވާނެއެވެ.

(1) އެއްބަސްވުމުގެ ދަށުން ފައިސާ ދެވޭ ހަރަކާތާއި އެކަމުގެ މަޤްޞަދު

(2) އެއްބަސްވުމުގެ ބައިވެރިންނާއި އެފަރާތްތަކުގެ ޒިންމާ

(3) ފައިސާގެ އެހީން ކުރަން ރާވާފައިވާ ކަންކަން

(4) ފައިސާގެ އެހީދެވުނު ހަރަކާތްފިޔަވާ އެހެންކަމަކަށް އެފައިސާ ހަރަދު ނުކުރެވޭނެކަން

(5) އެއްބަސްވުމުގައި ނެތްކަމެއް ދިމާވެއްޖެ ނަމަ ޢަމަލުކުރާނެގޮތް

(6) ފައިސާގެ އެހީ ޖަމާކުރާނެ އެކައުންޓް ނަމްބަރާއި އެކައުންޓްގެ ނަން

  

 ޕްރަޕޯސަލްގައި ނުވަތަ އެހީއަށް އެދި ހުށަހަޅާ ހުށަހެޅުމުގައި ހިމަނަންޖެހޭ މަޢުލޫމާތު:

 

     6- ހުށަހަޅާ ޕްރަޕޯސަލްގައި ނުވަތަ އެހީއަށް އެދި ހުށަހަޅާ ލިޔުމުގައި އަންނަނިވި މަޢުލޫމާތު ހިމަނަން ވާނެއެވެ.

        (ހ) އެހީއަށް އެދި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު

         (ށ) ފައިސާގެ އެހީންކުރުމަށް ރާވާފައިވާ( ތަރައްޤީ ޕްލޭނާ ގުޅޭ ) ހަރަކާތުގެ މަޢުލޫމާތު ( ނަން/ އަމަޒުކުރެވޭ ފަރާތްތައް/ ދާއިރާތައް)

         (ނ) މަޤަސަދު

         (ރ) ހާސިލްވާނެ ނަތީޖާ

         (ބ) ޕްރޮގުރާމް ކުރިއަށް ގެންދިއުމަށް ރާވާފައިވާގޮތް

         (ޅ)ޕްރޮގުރާމް ކޯޑިނޭޓް ކުރާ ފަރާތާއި ގުޅޭ މަޢުލޫމާތު

          (ކ) ފައިސާގެ އެހީ ޖަމާކުރަންވީ ރަސްމީ އެކައުންޓްގެ މަޢުލޫމާތު

 

ފައިސާގެ ހިލޭ އެހީގެ މަޢުލޫމާތު ޢާންމުކުރުން :

         7 -މި އުސޫލުގެ ދަށުން ކައުންސިލުން މާލީ އެހީ ދޫކުރާ  ވައިކަރަދޫގައި ރެޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީ ތަކާއި ވައިކަރަދޫއަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުގެ މަޢުލޫމާތު. އެހީގެ ޢަދަދާއި އެހީ ދެވުނު ބޭނުން އެނގޭނެހެން ކައުންސިލް ވެބްސައިޓުގައި އަހަރަކު ދެފަހަރު ޢާންމުކުރުމާއެކު އަހަރީ ރިޕޯޓާއި 6 މަހުގެ ރިޕޯޓްގައި ހާމަކުރަން ވާނެއެވެ.

 

 

 

ފައިސާގެ ހިލޭ އެހީގެ ރެކޯޑް ބެލެހެއްޓުން :

         8 (ހ) މި އުސޫލުގެ ދަށުން ކައުންސިލުން މާލީ އެހީ ދޫކުރާ ވައިކަރަދޫގައި ރެޖިސްޓްރީ ކުރެވިފައިވާ ކޯޕްރޭޓިވް ސޮސައިޓީ ތަކާއި ވައިކަރަދޫ އަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ ޖަމާޢަތްތަކުން އެހީ އާއި ގުޅޭ އެންމެހާ ލިޔެކިޔުން ބަލަހައްޓާންވާނެއެވެ.

           (ށ) މި އުސޫލުގެ ދަށުން ދޫކުރާ މާލީ އެހީ ޚަރަދުކުރިގޮތުގެ ރިޕޯޓް ހަރަކާތް ނިމޭތާ 1 މަސް ތެރޭ ވައިކަރަދޫ ކައުންސިލް އިދާރާއަށް އެ އެހީ ލިބުނު ކޯޕަރޭޓް  ސޮސައިޓީއަކުން ނުވަތަ ކުލަބް ޖަމިއްޔާ ޖަމާޢަތަކުން ފޮނުވަންވާނެއެވެ.

 

ފައިސާގެ ހިލޭ އެހީބޭނުންކުރުން ނުވަތަ ޚަރަދުކުރުން :

          9 (ހ) މިއުސޫލުގެ ދަށުން ދޫކުރާ އެއްވެސް ފައިސާއެއް ޚަރަދުކުރަންވާނީ  މި އުސޫލުގެ 5 ވަނަ މާއްދަގެ (ނ) ގައި ބުނާ އެއްބަސްވުމާ އެއްގޮތަށެވެ.

            (ށ) މިއުސޫލުގެ ދަށުން ވަކިކަމެއް ކުރުމަށް ދޫކުރާ ފައިސާއިން ކުރުމަށް ހުށަހަޅާފައިވާ އެއްވެސް ހަރަކާތެއް މުއްދަތުގައި ކުރެވޭގޮތް ނުވާނަމަ އެކަން ކައުންސިލަށް ލިޔުމުން ހުށަހަޅަންވާނެއެވެ. މީގެ އިތުރުން އެފަދަ ހަރަކާތެއް ހިންގޭގޮތް ނުވެއްޖެނަމަ އެ ފައިސާއެއް އަނބުރާ ކައުންސިލަށް ޖަމާކޮށްދޭންވާނެއެވެ.

މާނަކުރުން :

         10 މި އުސޫލުގައި ބަޔާން ކުރާ އަންނަނިވި ޢިބާރާތައް ނުވަތަ ލަފްޒުތައް މާނަކޮށްފައިވަނީ ތިރީގައިވާ މާނައިގައެވެ.

         (ހ) " ބަޖެޓް :" ކަމަށް ބުނެފައިވަނީ ޤާނޫނު ނަމްބަރ ( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 93 ވަނަ މާއްދާގެ ދަށުން ފާސްކުރާ ކައުންސިލްގެ އަހަރީ ބަޖެޓެވެ.

         (ށ) " ކައުންސިލް" ކަމަށް ބުނެފައި އެވަނީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލް އިދާރާ އަށެވެ.

         (ނ) " ޢާއްމުފައިދާ " ކަމަށް ބުނެފައި އެވަނީ ޖަމާޢަތަށް ނުވަތަ ގިނަ ބަޔަކަށް އެކަމުން ފައިދާ ނުވަތަ ނަފާ ލިބޭ ކަންކަމަށެވެ.

          (ރ) " ކުލަބު ޖަމިއްޔާ  ޖަމާޢަތް " ކަމަށް ބުނެފައިވަނީ  ޤާނޫނު ނަމްބަރ 2003/1 ގެ ދަށުން ރެޖިސްޓްރީކޮށްފައިވާ ވައިކަރަދޫ އަށް ނިސްބަތްވާ ކުލަބު ޖަމިއްޔާ  ޖަމާޢަތް ތަކަށެވެ.

          (ބ)" އެހީ " ނުވަތަ " މާލީ އެހީ" ނުވަތަ " ފައިސާގެ އެހީ " ކަމަށް ބުނެފައިވަނީ ޤާނޫނު ނަމްބަރ 2010/7( ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 73 ވަނަ މާއްދާގެ ދަށުން ދެވޭ އެހީއަށެވެ.

         (ޅ) " ކޯޕަރޭޓިވް ސޮސައިޓީ " ކަމަށް ބުނެފައިވަނީ ވައިކަރަދޫގައި ރަޖިސްޓްރީކޮށް ހިނގަމުންދާ ކޯޕަރޭޓިވް ސޮސައިޓީ ތަކަށެވެ.

 

އުސޫލަށް ޢަމަލުކުރަން ފެށުން :

 

         11- މި އުސޫލަށް ޢަމަލުކުރަން ފަށާނީ ވައިކަރަދޫ ކައުންސިލުން އުސޫލު ފާސްކޮށް ޢާންމުކޮށް ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

11 އޮގަސްޓް 2024