ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 11:06
ސުންގަޑި: 15 އޮގަސްޓް 2024 14:00
ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކުރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ކުރެހުމުގެ މުބާރާތް

ތަޢާރުފު

މި މުބާރާތަކީ، 2024 ވަނަ އަހަރުގެ ބައިނަލްއަގުވާމީ ޑިމޮކުރަސީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމްކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެކެވެ.

މަޤްޞަދު

މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މަސައްކަތްތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް ހޭލުންތެރިކަން އިތުރުކުރުވުމުވެ.

މުބާރާތުގެ ތީމް

" އަހަރުމެންގެ މަޖިލިސް – އަހަރުމެންގެ އުއްމީދު "

- ރައްޔިތުންގެ މަޖިލީހާ މެދު ރައްޔިތުން ކުރާ އުއްމީދުތައް

ކުރެހުންތައް ހުންނަންޖެހޭނެ ގޮތް

  1. މުބާރާތަށް ހުށަހެޅޭ ކުރެހުމެއްގައި، އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި، މުޖްތަމަޢުގެ ޢާންމު އަޚްލާޤީ މިންގަނޑުތަކާ ތައާރުޒުވާ މަންޒަރެއް ނުވަތަ މެސެޖެއް ހިމެނިގެން ނުވާނެއެވެ.
  2. ކުރެހުމުގައި ކުރެހުން ކުރަހާ ފަރާތުގެ ތީމް، ޝިޢާރު ނުވަތަ މައުޟޫޢު ހިމަނަންވާނެއެވެ.
  3.  ހުށަހަޅާ ކޮންމެ ކުރެހުމަކާއެކު ކުރެހުމުން ދައްކުވައިދޭ މެސެޖް ނުވަތަ ކުރެހުމުގެ ކުރު ތަޢާރުފެއް (ކެޕްޝަނެއް) ހުށަހެޅިދާނެއެވެ. އެގޮތުން ހުށަހަޅާ ތަޢާރުފު ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން (2 ފޮޅުވަތާއި 5 ފޮޅުވަތާ ދެމެދުގެ ދިގުމިނެއް) ހުށަހެޅިދާނެއެވެ.
  4. ކުރެހުމުގެ ނުފުށުގައި ކުރެހުން ހުށަހަޅާ ފަރާތުގެ ނަން، ދާއިމީ އެޑްރެސް، އައި.ޑީ.ކާޑު ނަންބަރު، އަދި، އުފަން ތާރީޚު ޖަހަން ވާނެއެވެ.
  5. ހުރިހާ ކުރެހުމެއްވެސް ހުންނަންވާނީ އަތުން ކުރަހާފައެވެ. ޑިޖިޓަލްކޮށް ފޮނުވާ ކުރެހުންތައް ބަލައެއް ނުގަނެވޭނެއެވެ.
  6. ހުށަހަޅާ ކުރެހުމަކީ މީގެ ކުރިން އެހެން މުބާރާތަކަށް ހުށަހަޅާފައިވާ ކުރެހުމަކަށް ވެގެންނުވާނެއެވެ.
  7. މުބާރާތަށް ފޮނުވާ ކުރެހުމަކީ، އެ ކުރެހުން ކުރެހި ފަރާތެއްގެ އަމިއްލަ އުފެއްދުމަކަށް ވާންވާނެއެވެ.
  8. ކުރެހުންތައް ހުންނަންޖެހޭނީ އަތުން ކުރަހާފައެވެ. ކޮމްޕިއުޓަރު ގްރެފިކްސް ގަބޫލެއް ނުކުރެވޭނެއެވެ.
  9. ކުރެހުމުގައި ބޭނުން ބާވަތެއްގެ ޑްރޯވިންގ މީޑިއާއެއް ބޭނުން ކުރެވިދާނެއެވެ.
  10. މި މުބާރާތުގައި ބައިވެރިވާ ކޮންމެ ބައިވެރިއކަށް ވެސް ހުށަހެޅޭނީ 1 ކުރެހުމެވެ.
  11. ކުރެހުންތައް ހުންނަންވާނީ A3 ސައިޒުގައެވެ. ކުރެހުމުގެ ވަށައިގެން ( ހަތަރު ފަރާތުން ) ވެސް 1 ސެންޓިމީޓަރު ހަވާސާގެ ގޮތުގައި ބާއްވަން ޖެހޭނެއެވެ. ނަމަވެސް ހަވާސާ ރޮނގު ދަމައިގެން ނުވާނެއެވެ.
  12. އެއްވެސް ލިޔުންކޮޅެއް ކުރެހުމުގައި ލިޔާނަމަ، އެ ހުންނަންވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.

ނޯޓް:

* ކުރެހުމުގައި ހުންނަންޖެހޭ މަތީގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާ ކުރެހުންތައް ބާޠިލު ކުރެވޭނެއެވެ.

* މި މުބާރާތުގައި ބައިވެރިވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރާ މުވައްޒަފެއް ނުވަތަ މުވައްޒަފެއްގެ ޢާއިލާގެ މީހަކުކަމުގައި ވާނަމަ އެފަދަ ފަރާތަކުން ހުށަހަޅާ ކުރެހުމެއް ބާޠިލު ކުރެވޭނެއެވެ. ( ޢާއިލާކަމުގައި ބަލާނީ، މަންމަ، ބައްޕަ، އަނބިމީހާ، ފިރިމީހާ، ދަރިން، ޝަރުޢީގޮތުން ބެލެނިވެރިކަން ލިބިފައިވާ ފަރާތްތައް )

ބައިވެރިވެވޭނެ އުމުރުފުރާތައް

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ އެކަމަށް ޝައުގުވެރިކަން ހުރި އަންނަނިވި އުމުރުފުރާތަކަށެވެ. އެގޮތުން ބަހާލެވިފައިވާ 3 އުމުރުފުރާއަކީ،

  • 14 އަހަރާއި 18 އަހަރާ ދެމެދު (15 ސެޕްޓެންބަރު 2024 އަށް 14 އަހަރު ފުރި، 18 އަހަރު ނުފުރޭ)
  • 18 އަހަރާއި 35 އަހަރާ ދެމެދު (15 ސެޕްޓެންބަރު 2024 އަށް 18 އަހަރު ފުރި، 35 އަހަރު ނުފުރޭ)
  • 35 އަހަރުން މަތި (15 ސެޕްޓެންބަރު 2024 އަށް 35 އަހަރު ފުރިފައި)

 

މުބާރާތް ކުރިއަށް ގެންދާނެ ގޮތް

މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލުމުން، ބައިވެރިވާން ބޭނުންވާ އިސްވެދެންނެވުނު އުމުރުފުރާތަކުގެ ފަރާތްތަކުން އަމިއްލައަށް ކުރެހުން ކުރެހުމަށްފަހު، ކުރެހުމުގެ އަސްލާއެކު ހުށަހަޅަންޖެހޭ އެހެނިހެން މަޢުލޫމާތު ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ފޮނުވާނީއެވެ.

އިނާމު

މި މުބާރާތަށް ހުށަހެޅޭ ކުރެހުންތަކުގެ ތެރެއިން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި ހަނދާނީ ފިލާ ދެވޭނެއެވެ. އެގޮތުން ހޮވޭނެ ވަނަތަކާއި ފައިސާގެ އިނާމުގެ ތަފުސީލު ތިރީގައި އެވަނީއެވެ.

 

 

-  ކޮންމެ އުމުރުފުރާއަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ

1 ވަނަ އަށް: -/3000 ރުފިޔާ

2 ވަނަ އަށް: -/2000 ރުފިޔާ

3 ވަނަ އަށް: -/1500 ރުފިޔާ

 

-  މުޅި މުބާރާތުން

  1 ވަނަ އަށް: -/5000 ރުފިޔާ

  2 ވަނަ އަށް: -/3500 ރުފިޔާ

  3 ވަނަ އަށް: -/2500 ރުފިޔާ

އިންސާފުކުރުން

ހ. މި މުބާރާތަށް އިންސާފުކުރާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ފަރާތުން ކަނޑައަޅާ ފަނޑިޔާރުންގެ ޓީމަކުންނެވެ.

ށ. މާކްސް ދެވޭނީ ތިރީގައި މިދަންނަވާ މައިގަނޑު ކަންތައްތަކަށެވެ.

މުބާރާތުގެ ތީމާ ގުޅުންހުރި މިންވަރު

40 މާކްސް

އުފެއްދުންތެރިކަން އަދި ހުށަހެޅުން

30 މާކްސް

ކުރެހުމުގެ ފެންވަރު

30 މާކްސް

ޖުމްލަ މާކްސް

100 މާކްސް

ނ. ކޮންމެ އުމުރުފުރައެއްގެ އެއްވަނަ ލިބޭނީ މަދުވެގެން 70 މާކްސް ހޯދައިގެންނެވެ.

ރ. ކޮންމެ އުމުރުފުރައެއްގެ ދެވަނަ ލިބޭނީ މަދުވެގެން 60 މާކްސް ހޯދައިގެންނެވެ.

ބ. ކޮންމެ އުމުރުފުރައެއްގެ ތިންވަނަ ލިބޭނީ މަދުވެގެން 50 މާކްސް ހޯދައިގެންނެވެ.

ޅ. މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން ވެސް ވަނަވަނައަށްދާ ފަރާތްތައް ހޮވާނީ އެ އުމުރުފުރާއަކުން ވާދަކުރާ ކުރެހުންތަކުގެ ޖުމްލަ 3 ކުރެހުމަށްވުރެ މަދު ނުވާނަމައެވެ. މި އަދަދު ހަމަނުވާނަމަ އެ އުމުރުފުރާއަކަށް ދެވޭނީ މުބާރާތުގައި ބައިވެރިވިކަމުގެ ހަނދާނީ ފިލައެވެ.

   

ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް

މި މުބާރާތަށް ކުރެހުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 15 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ކުރިންނެވެ. ކުރެހުންތައް އެޑްރެސްކުރާނީ:

ކުރެހުމުގެ މުބާރާތް – ޑިމޮކުރަސީ ދުވަސް 2024

ޕާލިމަންޓަރީ އެޑިޔުކޭޝަން ސެކްޝަން،

ރައްޔިތުންގެ މަޖިލީހުގެ އިދާރާ،

މެދުޒިޔާރަތްމަގު،

މާލެ، ދިވެހިރާއްޖެ.

ހުށަހަޅަންޖެހޭ ތަކެތި:

-  ކުރެހުމުގެ އަސްލު

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު

ކޮންމެ ބައިވެރިއަކު ފޮނުވާ ކުރެހުމާއެކު ވެސް ކުރެހުން ހުށަހަޅާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފޮނުވަން ވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ގަވާއިދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ވެބްސައިޓުން (https://majlis.gov.mv/dv/)، އަދި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު

މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބޭނުން ކޮންމެ ކުރެހުމެއް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ކޮޕީރައިޓް ލިބޭގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ބޭނުންތަކުގައި ބޭނުންކުރެވޭނެއެވެ. މިގޮތަށް ބޭނުންކުރެވޭ ކުރެހުންތަކުގައި އެ ކުރެހުމެއް ކުރެހި ފަރާތެއްގެ މަޢުލޫމަތު ހިމަނާނެއެވެ. އަދި، މި މުބާރާތުން ހޮވާލެވޭ ކުރެހުންތައް ހިމެނޭ މައުރަޒެއް ބައިނަލްއަގުވާމީ ޑިމޮކުރަސީ ދުވަހު މަޖިލީހުގެ އިދާރާގައި ނުވަތަ މަޖިލީހުގެ އިދާރާއިން ކަނޑައަޅާ ތަނެއްގައި ބޭއްވޭނެއެވެ. މި މުބާރާތުން ވަނަވަނަ އަށް ހޮވޭ ފަރާތްތަކަށް އިނާމާއި ހަނދާނީ ފިލާދިނުން އޮންނާނީ މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

15 ޖުލައި 2024