ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)320-PRM/320/2024/76
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:54
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާއްޑޫއަށް ރިސޯސްގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށް ހުއްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު

  1. 1.      ތަޢާރަފް:

މިއީ، ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) ގެ ދަށުން 2010 އޮކްޓޯބަރ 14 ގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރ: 2010/15 ( ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުން) އަށް އިސްލާޙް ގެނެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 7/2010 (ދިވެހިރާއްޖޭގެ އިދާރާ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، މާޅޮސްމަޑުލު ދެކުނުބުރީ މާއްޑޫއަކީ އޭދަފުށީގެ ބައެއް ކަމުގައި ކަނޑައަޅައި، 3 މާރޗް 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރ: 2024/04 ފާސްކުރައްވާފައިވާ ޤަރާރެއްގެ ދަށުން ބ. މާއްޑޫގެ ވަސީލަތްތައް ބޭނުންކުރާ ރިސޯސް ގެދަރާސްގެ އެންމެހައި ކަންކަން ބެލެހެއްޓުން އެންމެ އެދެވޭގޮތެއްގައި ކުރިއަށް ގެންދިއުމާއި، އެތަންތަން ބަލަހައްޓައި، އެތަންތަނުގެ މަންފާ އޭދަފުށީގެ ރައްޔިތުންނަށް ލިބޭނެ ހަރުދަނާ ނިޒާމެއް، ރައްޔިތުންނާއި ގާތުން ޤާއިމްކުރުމުގެ ގޮތުން ތައްޔާރުކުރެވިފައިވާ އުސޫލެކެވެ. މި އުޞޫލަށް ކިޔާނީ "ބ.މާއްޑޫއަށް ރިސޯސްގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށް ހުއްދިނުމަށް ހަމަޖެހިފައިވާ ގޮތުގެ އުޞޫލު" އެވެ. މި އުޞޫލު މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވާނީ އޭދަފުށީގެ ރައްޔިތުންގެ ތެރެއިން ބ. މާއްޑޫއަށް ރިސޯސް ގެދަރާސްގެ ގޮތުގައި ދާ ފަރާތްތަކަށެވެ.

  1. 2.      ކާށި ހޮވަން ދިއުމުގެ ހުއްދަ ދިނުން:
  • މާއްޑޫއަށް ކާށި ހޮވަން ދިއުމުގެ ހުއްދަ ދެވޭނީ، އޭދަފުށީ ކައުންސިލްގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން އެކަމަށްއެދި ފޯމު ހުށަހަޅާ ތަރުތީބުން ކޮންމެ މީލާދީ މަހަކަވެސް 02 ފަހަރުއެވެ. މިގޮތުން ކާށިހޮވަން ދާން އެދޭ ފަރާތްތަކަށް ކަނޑައެޅިފައިވާ ފޯމް ދޫކުރުން އޮންނާނީ އާދީއްތަ ދުވަހު ހެނދުނު 8:30 ން އަންގާރަ ދުވަހުގެ 12:00 އާއި ހަމައަށެވެ.  ހަފްތާފެށޭ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްނަމަ ޖެހިގެން އަންނަ އެންމެ ފުރަތަމަ ރަސްމީ ދުވަހުއެވެ. ކާށި ހޮވަންދާން އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ވަކި ފޯމެއްގައެވެ. މިދެންނެވި ފޯމުގައި އެނޫން އެއްވެސް ބޭނުމެއް ނުހިމެނޭނެއެވެ. ކާށި ހޮވުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަކަށް އަލުން ހުއްދަ ދޫކުރެވޭނީ 60 ދުވަސް ފާއިތުވުމަށް ފަހުގައެވެ.  
  • ކާށި ހޮވުމަށްޓަކާ މާއްޑޫއަށް އަރަންވާނީ، މާއްޑޫއަށް ދިއުމުގެ ހުއްދައަށް އެދި ރަށުކައުންސިލް އިދާރާއަށް ފޯމު ހުށަހަޅައި ކައުންސިލް އިދާރާގެ ފަރާތުން ހުއްދަ ލިބުމަށް ފަހުގައެވެ. ހުއްދަ ދޫކުރެވޭނީ ހުއްދައަށްއެދި ހުށަހަޅާ ފޯމުގައި ކާށި ހޮވަންދާ މީހުންގެ ގޮތުގައި މަދުވެގެން 05 މީހުންގެ ނަމާއި އެޑްރެސް ބަޔާންކޮށް ފޯމު ހުށަހެޅުމާއެކު ހުށަހެޅޭ ތަރުތީބުންނެވެ. އަދި ފޯމުގައި ބަޔާން ކުރެވިފައިވާ ފަރާތްތަކަކީ އޭދަފުށީ ކައުންސިލް އިދާރާގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކެއް ކަމުގައި ވާންވާނެއެވެ. މިގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެދުނު 08.00 ން ހަވީރު 4.00 އަށް މާއްޑޫ ވަލުތެރެއިން ކާށި ހޮވޭނެއެވެ. އެހެން ނަމަވެސް ހޮވާފައި ހުރި ކާށިތައް ރަށަށް ގެނެވެންދެން މާއްޑޫގައި އުޅުމުގެ ހުއްދަ ކާށި ފަރާތަށް ލިބިގެންވެއެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން މާއްޑޫއަށް ކާށި ހޮވަންދާ ފަރާތްތަކުން އެރަށުން ހޮވައިގެން ގެންނަ ކާށީގެ ތެރެއިން ކުދި ކާށި ވަކިކުރުމަށްފަހު ބާކީހުންނަ ކާށީގެ ތެރެއިން ކާށި ހޮވި ފަރާތަށް އެރި ކާށީގެ ގޮތުގައި ކޮންމެ 04 ކާއްޓަކުން 01 ކާށި ލިބޭނެއެވެ. އަދި ކުދި ކާށީގެ ގޮތުގައި ނެގޭބަޔާއި ކުރޮޅިން، އެތަކެތި ހޮވި ފަރާތަށް  ކޮންމެ 03 ކުދި ކާށިން ނުވަތަ 03 ކުރޮޅިން ކުރޮޅިއެއް އެރީގެ ގޮތުގައި އެތަކެތި ހޮވި ފަރާތަށް ދޫކުރެވޭނެއެވެ. މާއްޑޫން ހޮވައިގެން ގެންނަ ކާށީގެ ތެރެއިން އެރީގެ ގޮތުގައި ކާށި ހޮވި ފަރާތަށް ލިބެންޖެހޭ އަދަދަށް ކާށި ނަގަންވާނީ ކާށި ފުނީގެ ތެރެއިން ވަކިވަކިން ހޮވުމުގެ ބަދަލުގައި ބިންސާފުކޮށް ގުނާގޮތަށެވެ. ކާށިހޮވަން ދިޔަ ފަރާތްތަކަށް ލިބޭ އެރިއާއި އެއްވަރަށް ކާށިހޮވަން ދިއުމަށް ބޭނުން ކުރާ ދޯންޏަށް އެރީގެ ގޮތުގައި ރަށު ކައުންސިލަށް ލިބިފައިވާ ކާށީގެ ތެރެއިން ކާށި ލިބޭނެއެވެ.
  • މާއްޑޫން ހޮވާ ކާށީގެ ތެރެއިން ރަށް ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތުން އޭދަފުށީ ކައުންސިލަށްލިބޭ ކާށި ވިއްކާނީ 02.00 (ދޭއް ރުފިޔާ) އަށް ކާއްޓެކެވެ. އަދި ކުދި ކާށި ވިއްކާނީ ކާއްޓެއް 01.00 ރުފިޔާގެ މަގުންނެވެ. މީގެ އިތުރުން ކުރޮޅި ވިއްކާނީ 01.00 ރުފިޔާއަށް 03 ކުރޮޅިއެކެވެ.
  • މިގޮތުން ކާށި ވިއްކާނީ ރަށު ކައުންސިލްގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ބައިވެރިވެފައިވާ ރަށުގައި ދިރިއުޅޭ ކޮންމެ ގޭބީސީ އަކަށް 15 ކާށީގެ މަގުންނެވެ. މިގޮތުން ދެންނެވިފައިވާ ޝަރުތުތަކަށް ފެތޭ ގޭގެއަށް ކާށި ވިއްކުމުގައި އެފަހަރަކު ރަށު ކައުންސިލަށް ލިބިފައިވާ ކާށީގެ ނިސްބަތުން ދޫކުރެވެންހުރި ގޭގެ އަދަދު ބެލުމަށްފަހު، ރަށުގެ އެއްކޮޅުން ފަށައިގެން ހުރިހާ ގޭގެއަށް ހަމަހަމަވާ އުޞޫލެއްގެމަތިން ކާށި ވިއްކޭނެއެވެ. އެއްވެސް ގޭބީސީ އަކަށް ދެވަނަ ބުރަށް ކާށި ވިއްކޭނީ މަތީގައި ބަޔާން ކުރެވިފައިވާ ޝަރުތުތައް ފުރިހަމަވާ ގޭގޭގެ ތެރެއިން ކާށި ގަންނަންއެދޭ ހުރިހާ ފަރާތްތަކަށް ވިއްކުމަށް ފަހުގައެވެ.
  • ކާށި ނުހޮވި ގިނަ ދުވަސްވެގެން ކާށި ގިނަވެފައިވާ ހާލަތްތަކުގައި ކައުންސިލްގެ ޙާއްސަ ހުއްދައެއްގެ ދަށުން އެދިލައްވާ ފަރާތްތަކަށް ހަފްތާގެ ކޮންމެ ދުވަހަކު ވެސް ކާށި ހޮވަން ދެވިދާނެއެވެ.

            

  1. 3.      ކަށިކެޔޮ ކަޑަން ދިއުމުގެ ހުއްދަ ދިނުން:
  • މާއްޑޫއަށް ކަށިކެޔޮ ކަޑަން ދިއުމުގެ ހުއްދަ އޭދަފުށީ ކައުންސިލްގެ ފަރާތުން ރަށުގެ ރައްޔިތުންނަށް އާއްމުކޮށް ހުޅުވާލާގޮތަށް ހަމަޖެހިފައި ނުވާ ވާހަކަ ދަންނަވަމެވެ.
  • އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ މާއްޑޫން ކަށިކެޔޮ ކެޑުމުގެ އިންތިޒާމް ހަމަޖައްސާނީ ރަށު ކައުންސިލް އިދާރާގެ ފަރާތުންނެވެ. މީގެ އިތުރުން ކައުންސިލްގެ ފަރާތުން ކަށިކެޔޮ ކެނޑުން ވަކި ފަރާތަކާއި ޙަވާލު ކޮށްފިނަމަ ކަށިކެޔޮ ކެނޑޭ ނިސްބަތަކުން ކޮންމެ 03 ގަޑަކުން 01 ގަޑު އެރީގެ ގޮތުގައި އެފަރާތަކަށް ދޫކުރެވޭނެއެވެ. އެހެން ނަމަވެސް ކަނޑައިގެން ގެންނަ ހުރިހާ ކަށިކެޔޮ ކައުންސިލް އިދާރާއާއި ޙަވާލު ކުރުމަށްފަހު އިދާރާގެ ބެލުމުގެ ދަށުން އެރީގެ ގޮތުގައި ނަގާ ކަށިކެޔޮ ދޫކުރެވޭނެއެވެ. މިގޮތުން ކައުންސިލްގެ ފަރާތުން ކަށިކެޔޮ ކަނޑަން ޙަވާލުކުރާނީ ކައުންސިލްގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތަކަށެވެ.
  • ރަށު ކައުންސިލް އިދާރާގެ ފަރާތުން ބ. މާއްޑޫން ކަޑައިގެން ގެންނަ ކަށިކެޔޮ ވިއްކާނީ ކަށިކެޔޮގަޑުގެ ސައިޒަށްބަލައި 50.00 (ފަންސާސް ރުފިޔާ) އާއި 100.00 (ސަތޭކަ ރުފިޔާ) އާއި ދެމެދުގެ އަގުތަކަށެވެ. . މިގޮތުން ކަށިކެޔޮ ވިއްކާނީ ، ރަށު ކައުންސިލްގެ ފަރާތުން އެފަހަރަކު ކާށި ވިއްކުމަށް ޚާއްޞަ ކުރެވިފައިވާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން އެކަމަށްއެދޭ ފަރާތްތަކުން ކައުންސިލް އިދާރާގައި ނަންނޯޓް ކުރުމަށްފަހު ހުށަހެޅޭ ތަރުތީބަށް އިސްކަންދޭގޮތަށް އޭދަފުށީގެ ކޮންމެ ގެއަކަށް 01 ގަޑު ކަށިކޭލެވެ.

 

 

 

  1. 4.      ހިކިދަރު، ހިކިފަންތޮށި އަދި ހިކި އުނބު ހޮވަން ދިއުމުގެ ހުއްދަ ދިނުން:
  • ހިކިދަރު، ހިކި ފަންތޮށި އަދި ހިކި އުނބު ހޮވުމުގެ ހުއްދަ ރަށު ކައުންސިލް އިދާރާގެ ފަރާތުން ދޫކުރަމުންގެންދާނީ، ކައުންސިލްގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ. މިގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 08.00 ން މެންދުރުފަހު 03.00 އާއި ހަމައަށް މާއްޑޫން ހިކިފަނާއި ހިކިދަރު އަދި ހިކި ފަންތޮށި ދޫކުރެވޭނެއެވެ.
  • ހިކިދަރު، ހިކި ފަންތޮށި އަދި ހިކި އުނބު ހޮވުމުގެ ހުއްދައަށްއެދި ފޯމު ދޫކުރުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުއެވެ. މިގޮތުން އާދިއްތަ ދުވަހު ދޫކުރާ ފޯމަށް ހުއްދަ ދެވޭނީ ޖެހިގެން އަންނަ ހަފްތާގެ ހޮނިހިރު ދާގޮތަށެވެ. މިގޮތުން ފޯމް ދޫކުރެވޭނީ ރައްޔިތުންނަށް ހަމަހަމަވާ އުސޫލުން ރަށުގެ ކޮންމެ އަވަށަކަށް ހަފްތާއަކު އެއްފަހަރުއެވެ. މިދެންނެވި ބޭނުންތަކަށް ދޫކުރެވޭނީ ކޮންމެ ހަފްތާއަކު 10 ފޯމެވެ. ފޯމު ދޫކުރެވޭނީ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ހުއްދައަށް އެދޭ ގެއެއްގައި ދިރިއުޅޭ ފަރާތެއް ފޯމު ހޯދުމަށް އެދި ކައުންސިލް އިދާރާއަށް ޙާޟިރުވުމުންނެވެ. އަދި ފޯމުގައި ހުށަހަޅާ ބޭނުންތަކަށް ކޮންމެ ހުއްދައަކަށް ގެންދެވޭނީ ހުއްދަލިބޭ ފަރާތަކާއެކު ޖުމްލަ 05 މީހުންނެވެ. މިގޮތުން، ދަތުރުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެ ހަފްތާއެއްގައި ކޮންމެ ގެއަކުން ދެވޭނީ ގިނަވެގެން 5 މީހުންނަށެވެ. މީގެ އިތުރުން ހުއްދަ ދޫކުރެވޭ ގޭގެމީހުން ފިޔަވައި އެނޫން ގެއަކުން ނުވަތަ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރެވިފައިވާ ނުވާ ގެއަކުން މީހަކު ދަތުރުގައި ބައިވެރިކޮށްފިނަމަ އެފަރާތް ރައްދުވާ ގެއަށް ކުރިޔަށް އޮންނަ 60 ދުވަހުގެ ތެރޭގައި ޕިކްނިކް ދިއުން ފިޔަވައި އެނޫން ބޭނުމަކު މާއްޑޫއަށް ދިއުމުގެ ހުއްދައަށް އެދުނު ކަމުގައިވިޔަސް ހުއްދަ ދޫނުކުރެވޭނެއެވެ.

 

  1. 5.      ހިކިފަން އަދި ހިކިމަދު ހޮވަން ދިއުމުގެ ހުއްދަ ދިނުން:
  • ހިކިފަން އަދި ހިކިމަދު ހޮވުމުގެ ހުއްދަ ރަށު ކައުންސިލް އިދާރާ  ފަރާތުން ދޫކުރަމުންގެންދާނީ، ކައުންސިލްގެ ފަރާތުން ދެމުންގެންދާ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ކޮންމެ ހަފްތާއެއްގެވެސް ހޮނިހިރު މާއްޑޫއަށް ދެވޭގޮތަށެވެ. މިގޮތުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 08.00 ން މެންދުރުފަހު 03.00 އާއި ހަމައަށް މާއްޑޫން ހިކިފަން އަދި ހިކިމަދު ދޫކުރެވޭނެއެވެ.
  • ހިކިފަން އަދި ހިކިމަދު ހޮވުމުގެ ހުއްދައަށްއެދި ފޯމު ދޫކުރުން އޮންނާނީ ކޮންމެ ހަފްތާއެއްގެ އާދީއްތަ ދުވަހުއެވެ. މިގޮތުން އާދިއްތަ ދުވަހު ދޫކުރާ ފޯމަށް ހުއްދަ ދެވޭނީ ޖެހިގެން އަންނަ ހަފްތާގެ ހޮނިހިރު ދާގޮތަށެވެ. މިދެންނެވި ބޭނުންތަކަށް ދޫކުރެވޭނީ ކޮންމެ ހަފްތާއަކު 07 ފޯމެވެ. ފޯމު ދޫކުރެވޭނީ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ހުއްދައަށްއެދޭ ގެއެއްގައި ދިރިއުޅޭ ފަރާތެއް ފޯމު ހޯދުމަށްއެދި ކައުންސިލް އިދާރާއަށް ޙާޟިރުވުމުންނެވެ. އަދި ފޯމުގައި ހުށަހަޅާ ބޭނުންތަކަށް ކޮންމެ ހުއްދައަކަށް ގެންދެވޭނީ ހުއްދަލިބޭ ފަރާތަކާއެކު ޖުމްލަ 03 މީހުންނެވެ. މިގޮތުން ދަތުރުގައި ބައިވެރިކުރާ 03 މީހުންނަކީ ފޯމު ހުށަހަޅާ ގޭގެފަރާތުންދާ 03 މީހުން ކަމުގައި ވާންވާނެއެވެ. މީގެ އިތުރުން ހުއްދަ ދޫކުރެވޭ ގޭގެމީހުން ފިޔަވައި އެނޫން ގެއަކުން ނުވަތަ ކުނި އުކާލުމުގެ ޚިދުމަތުގައި ރަޖިސްޓްރީ ކުރެވިފައިވާ ނުވާ ގެއަކުން މީހަކު ދަތުރުގައި ބައިވެރިކޮށްފިނަމަ އެފަރާތް ރައްދުވާ ގެއަށް ކުރިޔަށް އޮންނަ 60 ދުވަހުގެ ތެރޭގައި ޕިކްނިކް ދިއުން ފިޔަވައި އެނޫން ބޭނުމަކު މާއްޑޫއަށް ދިއުމުގެ ހުއްދައަށް އެދުނު ކަމުގައިވިޔަސް ހުއްދަ ދޫނުކުރެވޭނެއެވެ.
  • މާއްޑޫގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކާ، ވަލުން ހިކިފަން ހޮވާ ފަރާތްތަކުން ގޯތި ހިމެނޭ ސަރަޙައްދަށް ފަން ކުރަހައިގެން ފަން ނެރޭނަމަ ނެރެންވާނީ ފަނުގެ ބުޑާއި އޮށިތައް އެންދުމަށް ޚާއްޞަ ކުރެވިފައިވާ ތަނަކަށް ފަން ކުރެހުމަށްފަހުގައެވެ.  އަދި ގޯތި ކައިރީގައި ފަން ކުރަހައިގެން ނުވަތަ ބުޑު ވަކިކޮށްގެން ރަށަށް ގެންނަން ބޭނުންވާ ފަރާތްތަކުން ފަން ކުރަހާނީ ނުވަތަ ބުޑު ވަކިކުރާނީ ގޯތި ސަރަހައްދުގައި ކުނި އެންދުމަށް ޚާއްޞަ ކުރެވިފައިވާ ތަނުގައެވެ.

 

 

 

  1. 6.       ޕިކްނިކް ދިއުމަށް ހުއްދަ ދިނުން:
  • މާއްޑޫއަށް ޕިކްނިކް ދިއުމަށް ބޭނުންވާ ފަރާތްތަކަށް އެރަށަށް އެރުމުގެ ހުއްދަ ދެވޭނީ، އެކަމުގެ ހުއްދައަށްއެދި ހުށަހަޅަންޖެހޭ ފޯމް ފުރިހަމަކޮށް ރަށުކައުންސިލް އިދާރާއަށް ހުށަހެޅުމަށްފަހު ޕިކްނިކް ދިއުމުގެ ހުއްދަ ލިބުމަށްފަހުގައެވެ. މިގޮތުން ޕިކްނިކް ދިއުމަށް ކަނޑައެޅިފައިވާ ވަގުތު ތަކަކީ ، ކޮންމެ ދުވަހެއްގައިވެސް ހެނދުނު 07.00 ން ހަވީރު 05.00 އާއި ދެމެދުގެ ވަގުތުތަކެވެ. ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގައި ޕިކްނިކް ދަތުރެއް ދާން ބޭނުންވާ ފަރާތްތަކުން ކުރިޔަށް ޖެހިގެން އަންނަ ރަސްމީ ދުވަހު ހުއްދައަށްއެދި ފޯމު ހުށަހަޅަންވާނެއެވެ. ހޮނިހިރު ދުވަހު ޕިކްނިކް ދާންއެދޭ ފަރާތްތަކަށް ހުއްދަ ދޫކުރެވޭނީ އެދުވަހުގެ ހެނދުނު 10.00 ން މެންދުރުފަހު 03.00 އާއި ދެމެދުގެ ވަގުތުތަކަށެވެ.
  • ޕިކްނިކް ދިއުމުގެ ހުއްދައަށްއެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭނީ ވަކި ފޯމެކެވެ. އަދި އެނޫން އެއްވެސް ބޭނުމެއްގައި ހުށަހަޅާ ފޯމެއްގައި ޕިކްނިކް ދިއުމުގެ ހުއްދައަށްއެދި ހުށަހެޅިކަމުގައިވިޔަސް ޕިކްނިކް ދިއުމުގެ ހުއްދަ ދޫނުކުރެވޭނެއެވެ.
  • އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައި އޮންނަ ބ. މާއްޑޫ ފަޅަށް، ފެހި ކެހުމުގެ ބޭނުމުގައިވިޔަސް  އެއްވެސް އުޅަނދެއް މާއްޑޫގެ ފަޅަށް ވަންނަންވާނީ ރަށު ކައުންސިލްގެ އިދާރާގެ ވެރިއެއްގެ ހުއްދަ ލިބުމަށްފަހުގައެވެ.
  • ބ. މާއްޑޫއަށް އޯވަރ ނައިޓް ދަތުރުދާންއެދޭ ފަރާތްތަކުން ދަތުރުދެވޭނީ، އެކަމަށްއެދި ހުށަހަޅަންޖެހޭ ފޯމު ފުރިހަމަކޮށް ރަސްމީ 01 ދުވަސްކުރިން ރަށުކައުންސިލް އިދާރާއަށް ހުށަހަޅައި ހުއްދަ ލިބުމަށްފަހުގައެވެ. މިގޮތަށްދާ އޯވަރނައިޓް ދަތުރުތަކުގައި ދިވެހި ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފް އެއްވެސް އަމަލެއް ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ އަމަލެއް ހިންގައިފިކަން ޘާބިތުވެއްޖެނަމަ އެކަމުގެ ފުރިހަމަ ޒިންމާ އުފުލާނީ ދަތުރު ދިއުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަކުންނެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ފަރާތުން ބަލަހައްޓަމުންގެންދާ މާއްޑޫއަށް އެއްވެސް ރިސޯރޓެއް، ސަފާރީއެއް ނުވަތަ ގެސްޓްހައުސްގެ ބަޔަކު ޕިކްނިކް ދިއުމަށް ބޭނުންވާނަމަ އެކަމުގެ ހުއްދައަށްއެދި އޭދަފުށީ ކައުންސިލް އިދާރާއަށް ހުށަހަޅުމުން ދެފަރާތުގެ ދެމެދުގައިވެވޭ އިޤްރާރެއްގެދަށުން އެރަށަށް ދިއުމުގެ ހުއްދަ ދޫކުރެވޭނެއެވެ. އަދި މިގޮތަށް ޕިކްނިކް ދިއުމަށްއެދޭ ފަރާތްތަކަށް ހުއްދަ ދެވޭނީ، ކޮންމެ ފަތުރުވެރިއަކަށް  250.00 (ދުއިސައްތަ ފަންސާސް ރުފިޔާ) މަގުން ފައިސާ ދެއްކުމުންނެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން ބ. މާއްޑޫއަށް ޕިކްނިކް ނުވަތަ އެނޫންވެސް ބޭނުމަކު ރަށަށް އަރާ، އެއްވެސް ފަރާތަކުން ރަށަށް ނުވަތަ ރަށުގެ ފަޅަށް ގެއްލުމެއްލިބޭ ފަދަ އެއްވެސް އަމަލެއް ކޮށްގެންނުވާނެއެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން މާއްޑޫއަށް ޕިކްނިކް ދާ ފަރާތްތަކުން ރަށަށް އެއްވެސް ބާވަތެއްގެ ކުނި އަޅައިގެން ނުވާނެއެވެ. އަދި ޕިކްނިކް ދާ ފަރާތްތަކުން ގެންދާ ތަކެތީގެ ޑަސްބިން ދަތުރު ނިންމާ ރަށަށް އެނބުރި އަންނަމުން މާއްޑޫން ބޭރު ކުރަންވާނެއެވެ.

 

7- އެކިއެކި ބޭނުންތަކުގައި މާއްޑޫއަށްދާން އެދޭ ފަރާތްތަކަށް ދެވަނަ ފަހަރަށް ހުއްދަ ދިނުން

 

  • ·         ހިކިފަން، ހިކިމަދު، ހިކިދަރު ނުވަތަ ހިނކި ބޮނބި ފަދަ ތަކެތި ހޮވުމަށްއެދޭ ފަރާތްތަކަށް ހުއްދައަށްއެދި ދޫކުރެވޭނީ ހަފްތާއަކު 10 ފޯމެވެ. އަދި ކާށި ހޮވަންއެދޭ ފަރާތްތަކަށް ދޫކުރެވޭނީ ކޮންމެ މަހަކު 02 ފޯމެވެ. މިގޮތުން ފޯމު ދޫކުރުމުގައި ބަލާނީ ވަކިވަކި ފަރުދުންނަށް ހުއްދަ ދިނުމުގެ ބަދަލުގައި ފޯމު ހުށަހަޅާ ފަރާތް ހިމެނޭ ގެއަށް ހުއްދަ ދޫކުރާ އުޞޫލުންނެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ފަރާތުން ބަލަހައްޓާމުންގެންދާ ބ. މާއްޑޫއިން ހިކިފަން، ހިކިމަދުގެ އިތުރުން ހިކިދަރު އަދި ހިކި ބޮނބި ފަދަ ތަކެތި ހޮވުމުގެ  ހުއްދަ ލިބިގެން މާއްޑޫއަށްދާ ފަރާތްތަކުން ދެވަނަ ފަހަރަށް ހުއްދައެދި ހުށަހެޅި ނަމަވެސް އެންމެ އަވަހަށް މާއްޑޫއަށް ދިއުމުގެ ހުއްދަދެވޭނީ އެންމެފަހުން ހުއްދަ ދޫކުރެވުނު ތާރީޚުން ފެށިގެން 60 ދުވަސް ފާއިތުވުމަށްފަހުގައެވެ. ނަމަވެސް ހުއްދަ ދޫކުރެވުނު ތާރީޚުން ފެށިގެން 60 ދުވަހުގެ މުއްދަތާއިދެމެދު އިތުރު ފަރާތަކުން ހުއްދައަށްއެދި ހުށަހަޅާފައިނުވާނަމަ ތަކުރާރުކޮށް އެދިފައިވާ ފަރާތަށްވެސް މުއްދަތުން ހަމަވުމުގެކުރިން ހުއްދަ ދޫކުރެވޭނެއެވެ. މީގެ އިތުރުން 01 ފަހަރު ކާށި ހޮވުމުގެ ހުއްދަ ދޫކުރެވިފައިވާ ފަރާތަކަށް އަލުން ހުއްދަ ދެވޭނީ 02 މަސްދުވަސް ފާއިތުވުމަށް ފަހުގައެވެ.
  • އޭދަފުށީގެ ރައްޔިތުންނެކޭ އެއްފަދައިން ކައުންސިލް އިދާރާގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށްވެސް އެކިއެކި ބޭނުން ތަކުގައި މާއްޑޫއަށް ދިއުމުގެ ހުއްދަ ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތްވާ ގޮތުގެމަތީން ދޫކުރެވޭނެއެވެ.
  • މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން އޭދަފުށީ ކައުންސިލް އިދާރާއާއި ވަގުތީގޮތުން ބެލެހެއްޓުން ޙަވާލު ކުރައްވާފައިވާ " ބ.މާއްޑޫ" ގެ ސާފުތާހިރުކަން ބެލެހެއްޓުން ކައުންސިލާއި މަތިކޮށްފައިވާތީ ކޮންމެ މަހަކު 01 ފަހަރު ކައުންސިލް މުވައްޒަފުން ހިމެނޭގޮތުން ދަތުރެއް ކުރެވޭނެއެވެ. މިގޮތުން ކައުންސިލްގެ ފަރާތުން ސާފުކުރުމަށްކުރާ ދަތުރު އޮންނާނީ ކޮންމެ މަހެއްގެވެސް ކޮންމެވެސް 01 ހޮނިހިރު ދުވަހުއެވެ. މިގޮތުން އެމަހަކު މާއްޑޫ ސާފުކުރުމަށް ކަނޑައަޅާ ދުވަސް އާއްމު ކުރެވޭނެއެވެ. އަދި މިދެންނެވި ހޮނިހިރު ދުވަހު އާއްމުކޮށް ތަކެތި ހޮވަން ދިއުމުގެ ހުއްދަ ދޫނުކުރާގޮތަށް ހަމަޖެހިފައިވާތީ، ސާފު ކުރުމަށް ކަނޑައެޅޭ ތާރީޚުގައި ދާންއެދޭ އާއްމު އެއްވެސް ފަރާތަކަށް ފޯމް ދުލެއް ނުކުރެވޭނެއެވެ.

 

8-      އެކިއެކި ބޭނުންތަކުގައި މާއްޑޫއަށްދާ މީހުންގެ ކަންކަން މޮނިޓަރކުރުން

  • އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ޙަވާލުކޮށްފައިވާ ބ. މާއްޑޫއަށް އެކިއެކި ބޭނުންތަކުގައި ދާންއެދޭ ފަރާތްތަކުގެ ދަފްތަރެއް ރަށުކައުންސިލް އިދާރާގައި އޮންނާނެއެވެ. މިދެންނެވި ދަފްތަރުގައި އެކިއެކި ބޭނުންތަކަށް މާއްޑޫއަށް ދިއުމުގެ ހުއްދައެދޭ ފަރާތްތަކުގެ ތަފްޞީލް މައުލޫމާތު ފޯމު ހުށަހެޅޭ ތަރުތީބުން ރެކޯޑް ކުރެވިފައި އޮންނާނެއެވެ.
  • އޭދަފުށީ ކައުންސިލް އިދާރާގެ ހުއްދަ ލިބިގެން އެއްވެސް ބޭނުމަކު އެއްވެސް ފަރާތަކުން މާއްޑޫއަށް އަރަންވާނީ، ރަށުކައުންސިލްގެ ފަރާތުން އެދުވަހެއްގައި މާއްޑޫއަށް ފޮނުވާ މުވައްޒަފަކު އެރަށަށް ދިއުމަށްފަހުގައެވެ. އަދި އެއްވެސް ބޭނުމަކު މާއްޑޫގެ ވަލަށް ވަންނަންވާނީ، އެދުވަހަކަށް ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މައުލޫމާތާއި އެފަރާތްތަކަށް ހޮވުމުގެ ހުއްދަ ދޫކުރެވިފައިވާ ތަކެތީގެ މައުލޫމާތު އެންމެހާ ރިސޯސްގެދަރާސްގެ ޙާޟިރުގައި ރަށު ކައުންސިލްގެ ފަރާތުންދާ މުވައްޒަފަކު ހާމަކޮށް، ވަލަށްވަނުމުގެ ހުއްދަ ދިނުމުން އެދުވަހެއްގެ ހެނދުނު 08.00 ގެ ފަހުންނެވެ. މިގޮތުން ރިސޯސްގެދަރާސްއިން މާއްޑޫގެ ބޭނުން ހިފަމުންދާގޮތް ރަށުކައުންސިލްގެ ފަރާތުން އެރަށަށްދާ މުވައްޒަފަކު ސްޕަވައިޒް ކުރާނެއެވެ. އަދި ރަށުން ބޭރުތަކެތި ބޭރުކުރަންވާނީ އެދުވަހަކަށް ކަޑައެޅިފައިވާ މުވައްޒަފެއްގެ ހާޟިރުގައެވެ.
  • އޭދަފުށީ ކައުންސިލް އިދާރާއާއި ބެލެހެއްޓުން ހަވާލު ކުރެވިފައިވާ ބ. މާއްޑޫ ތަކެތި ހޮވަންވާނީ އެދުވަހަކަށް ރަށު ކައުންސިލްގެ ފަރާތުން ކަޑައަޅާފައިވާ މުވައްޒަފު އަންގާ ސަރަޙައްދަކުންނެވެ.

9-      އޭދަފުށީގެ ބައެއްގެ ގޮތުގައި މާއްޑޫ ހަމަޖެއްސެވުމާއި ގުޅިގެން ބ. މާއްޑޫން ހޮވާ ތަކެތީގެ މައުލޫމާތު ކޮންމެ ހަފްތާއަކު 01 ފަހަރު އޭދަފުށީ ކައުންސިލްގައި ރެކޯޑް ކުރެވެމުންދާނެއެވެ.

10- މާއްޑޫ ސަރަހައްދުގައި ރިސޯސް ގެދަރާސް އަމަލުތައް ބަހައްޓަންވީ ގޮތް:

  • މާއްޑޫގެ ރަށުތެރެއާއި ގޮޑުދޮށާއި ރަށުގެ ފަޅު ހިމެނޭ ސަރަހައްދަށް ކުނި އެޅުމަކީ މަނާކަމެކެވެ. އަދި މާއްޑޫގެ ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އެރަށަށްދާ ފަރާތްތަކުގެ ޒިންމާއެކެވެ.
  • މާއްޑޫއަށް އެކިއެކި ބޭނުންތަކުގައިދާ ފަރާތްތަކުގެ އަމަލުތައް ހުންނަގޮތް ބަލައި، އެމީހުން މާއްޑޫން ގެންނަ ރިސޯސަސް ބަލައި ރިކޯޑްކޮށް ބެލެހެއްޓުމަކީ ރަށު ކައުންސިލްތަކުގެ ޒިންމާއެކެވެ.
  • އޯވަރނައިޓް ދަތުރުދާ ފަރާތްތައް ފިޔަވައި، ހަވީރު 03:00 އާއި ހެނދުނު 08:00 އާއި ދެމެދު މާއްޑޫ ސަރަހައްދަށް ވަނުމާއި، އެތަނުގައި  އެއްވެސް ބޭނުމަކަށްޓަކައި އެއްވެސް ބާވަތެއްގެ އަމަލެއް ހިންގުމަކީ މަނާކަމެކެވެ.
  • މާއްޑޫ ސަރަހައްދުގައި އުޅޭ އެއްވެސް ދިރުމަކަށް ގޯނާ ކުރުމާއި، އެފަދަ އެއްވެސް އެއްޗެއް ސަރަހައްދުން ބޭރަށް ގެންދިއުމަކީ މަނާކަމެކެވެ.
  • އެކިއެކި ބޭނުންތަކުގައި މާއްޑޫއަށްދާ ފަރާތްތަކުން އަމަލު ކުރުމަށް، އޭދަފުށީ ކައުންސިލްގެ ފަރާތުން ފާސްކޮށްފައިވާ އުޞޫލާއި ޚިލާފްވެއްޖެނަމަ އެމީހަކު ނުވަތަ ބަޔަކު މާއްޑޫއަށް ދިއުމަށް އިތުރު ހުއްދައެއް ދޫކުރެވޭނީ އުޞޫލާއި ޚިލާފުވި ތާރީޚުން ފެށިގެން 06 މަސް ދުވަސް ފާއިތުވުމަށް ފަހުގައެވެ.
  • ފަޅުރަށްރަށުގައި ކުރުން މަނާ އެއްވެސްކަމެއް މާއްޑޫގައި މީހަކު ނުވަތަ ބަޔަކު ކުރަމުންގެންދާކަން ނުވަތަ ކޮށްފައިވާކަން ފާހަގަ ކުރެވިއްޖެނަމަ، ޤަވާއިދާއި ޚިލާފްވި ފަރާތްތަކަށް "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާއިބެހޭ ޤާނޫނު

(ނަމްބަރު: 93/4)" އާއި "ތިމާވެއްޓަށް ދޭގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ޤަވާއިދު (ނަމްބަރު: 2011/R9)" ގެ ދަށުން ފިޔަވަޅު އެޅޭނެއެވެ. މީގެ ތެރޭގައި ހުއްދަ މާއްޑޫއަށް ދިއުމަށް ދޫކުރެވިފައިވާ ހުއްދަ ބާތިލްކުރުމާއި، ހުއްދަ ސަސްޕެންޑް ކުރުމާއި، މިސަރަހައްދުން ކުށްކުރާ ބަޔަކު ވަގުތުން ބޭރުކުރުން ހިމެނެއެވެ.

 

10- އުޞޫލަށް ޢަމަލުކުރަންފެށުން:

މި އުޞޫލަށް އަމަލުކުރަން ފަށާނީ އޭދަފުށީ ކައުންސިލްގެ އާއްމު ބައްދަލުވުމަކަށް ހުށަހަޅާ، އެބައްދަލުވުމުން ފާސްކުރުމަށް ފަހު، އާއްމު ކުރެވޭ ތާރީޚުން ފެށިގެންނެވެ.

 

؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛

ނޯޓް: މިއުޞޫލު އިޞްލާޙު ކުރެވިފައިވަނީ 30 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު އޭދަފުށީ ކައުންސިލް އިދާރާގެ 04 ވަނަ ދައުރުގެ 152 ވަނަ އާއްމު ބައްދަލުވުމަށް ހުށަހެޅި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި 06 ބޭފުޅުންގެ އިއްތިފާޤުންނެވެ.

15 ޖުލައި 2024