ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)328-HR/328/2024/1
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2024
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 31 މޭ 2024 00:00
ފާދިއްޕޮޅު ކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލޮއިކުރެންދޫ ޘަޤާފީ ޤުރޫޕް ހިންގުމުގެ އުޞޫލް

"ލޮއިކުރެންދޫ ޘަޤާފީ ގްރޫޕް" ހިންގުމުގެ އުޞޫލު

  1. ތަޢާރަފް

މިއީ ޤާނޫނު ނަންބަރު 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 23 (ތޭވީސް) ވަނަ މާއްދާގެ (ހ) 15 ގައިވާ އާސާރީ ތަންތަން ބެލެހެއްޓުމާއި ޘަޤާފީ ކަންކަން

ދިރުވައި ދެމެހެއްޓުމުގެ ބޭނުމުގައި، ޘަޤާފީ ކުޅިވަރު ކުޅުމަށް ގުރޫޕެއް އުފައްދާ ހިންގުމާ ގުޅޭ އުޞޫލެވެ.

 2. އެކުލެވިގެންވާ ގޮތް

 މި ގުރޫޕް އެކުލަވާލަންވާނީ މިންތީގެ ހަމަހަމަކަމަށް އިސްކަންދީގެން ގިނަވެގެން ކޮންމެ ޖިންސަކުން 10 ބައިވެރިން ހިމެނޭގޮތަށް ޖުމްލަ 20 ބައިވެރިންގެ މައްޗަށެވެ.

 3 ބައިވެރިން ހޯދުމާއި، ވަކިކުރުމާއި އަދި ވަކިވުން

3.1- މި ގުރޫޕުގައި ބައިވެރިވުމަށް ބައިވެރިން ހޯދުމަށް ޢާއްމުކޮށް އިޢުލާންކުރަންވާނެއެވެ.

3.2- ޤުރޫޕުގައި ބައިވެރިވާން އެދޭ ފަރާތްތަކާއި ކުރެންދޫ ކައުންސިލް އިދާރާ އާއި ދެމެދެ އެއްބަސްވުމެއްގައި ސޮއިކުރަންވާނެއެވެ.

3.3- އެއްވެސް ސަބަބަކާއި ހުރެ މި ގުރޫޕުން އެއްވެސް ބައިވެރިޔަކު ވަކި ކުރާނަމަ ސަބަބާއިއެކު 01 މަސްދުވަސްކުރިން ލިޔުމުން އެ ބައިވެރިޔަކަށް އަންގަންވާނެއެވެ.

3.4- ޖިނާއި ކުށެއްގެ ސަބަބުން މިގުރޫޕްގެ އެއްވެސް ބައިވެރިއަކު ހައްޔަރުކޮށް، ކުށް ސާބިތުވެއްޖެނަމަ، އެބައިވެރިއަކަށް އެނބުރި ގުރޫޕްގައި ބައިވެރިވެވޭނީ ހުކުމް ތަންފީޒުކޮށް ނިމޭތާ 6 މަސް ފަހުންނެވެ.

3.5- އެއްވެސް ސަބަބަކާއި ހުރެ ބައިވެރިޔަކު އަމިއްލަ އަށް މި ގުރޫޕުން ވަކިވާނަމަ 01 މަސް ދުވަސްކުރިން ލިޔުމުން ކުރެންދޫ ކައުންސިލްގެ އިދާރާއަށް އަންގަންވާނެއެވެ.

3.6-އެއްވެސް ލިޔުމެއް ބަދަލު ނުކޮށް ވަކިވެއްޖެނަމަ ނުވަތަ ގުރޫޕުގައި ބައިވެރިވެ 03 މަސް ނުވަނީސް ގުރޫޕުން ވަކިވެއްޖެނަމަ -/2،000 (ދެ ހާސް) ރުފިޔާގެ ޖޫރުމަނާއެއް އެ ވަކިވާ ބައިވެރިޔަކު

ދައްކަންވާނެއެވެ.

4 ގުރޫޕުން ހިންގާނެ ހަރަކާތްތައް

މި ގުރޫޕުން ހިންގާނެ ހަރަކާތްތަކަކީ:

4.1- ޘަޤާފީ ގޮތުން ރާއްޖޭގައާއި މި ރަށުގައި ހިންގަމުން ގެންދިޔަ ނެށުންތަކާއި ހަރަކާތްތައް ފަރިތަކުރުން.

4.2- ކުރެންދޫ ކައުންސިލުން އެދިގެން އެކި އެކި ރަސްމިއްޔާތާއި، އިޙްތިފާލުތަކުގައި ބައިވެރިވެ ހަރަކާތް ހިންގާދިނުން.

4.3- ރިސޯޓްތަކާއި އެހެނިހެން ހަފްލާތަކުގައި ރަށް ތަމްސީލްކުރުން.

ތަކެތި ހޯދުން

މި ގުރޫޕު ހިންގުމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދޭނީ ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުންނެވެ. އޭގެ ތެރޭގައި (ގުރޫޕުގައި ބޭނުންކުރުމަށް ބޭނުންވާ ބެރު، ދަނޑި، މާފަތި އޭގެ އިތުރުން ޘަޤާފީގޮތުން ބޭނުންކުރާ ތަކެތި އަދި ބައިވެރިން ގުރޫޕް ތަމްސީލުކުރުމަށް ބޭނުންކުރާނޭ ހެދުން) ހިމެނެއެވެ. މި ތަކެތި ހޯދުމުގެ އެންމެހާ ކަމެއްކުރާނީ ކުރެންދޫ ކައުންސިލް އިދާރާއިންނެވެ. 

6 ބައިވެރިންނަށް އިނާޔަތް ދިނުން

6.1-  މި ގުރޫޕުގެ ޙާޟިރީ ބަލަހައްޓަމުން ގެންދާނީ ކުރެންދޫ ކައުންސިލް އިދާރާގެ ފަރާތުން، ކުރެންދޫ އިޖްތިމާޢީ މަރުކަޒުންނެވެ. ފަރިތަކުރުންތައް ހަފްތާއަކު 03 (ތިނެއް) ދުވަހު ކުރިޔަށް ގެންދަންވާނެއެވެ.

6.2-  ފަރިތަކުރުންތަކުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް -/50 (ފަންސާސް) ރުފިޔާގެ އިނާޔަތެއް ދެވޭނެއެވެ. މި ފައިސާ ދޫކުރާނީ ކޮންމެ މީލާދީ މަހެއް ނިމުމުންނެވެ.

6.3-  މީގެ އިތުރުން އެކި އެކި އިފްތިހާލުތަކުގައި ގުރޫޕު ތަމްސީލުކުރާ ހާލަތްތަކުގައި ދުވާލަކަށް -/75 (ހަތްދިހަފަހެއް) ރުފިޔާގެ އިނާޔަތެއް ދެވޭނެއެވެ.

6.4-  ރަށުން ބޭރަށް ނުވަތަ ރިސޯޓްފަދަ އެކި އެކި ޕްލެޓްފޯމްތަކުގައި ގުރޫޕް ތަމްސީލުކުރާ ހާލަތްތަކުގައި ލިބޭ އާއްމުދަނީއެއްގެ 66 އިންސައްތަ ގުރޫޕުގެ ބައިވެރިންނަށް އިނާޔަތުގެ ގޮތުގައި ދޫކުރެވޭނެއެވެ.

 7 ގްރޫޕްގެ ތަކެތި އެހެން ފަރާތްތަކަށް ދޫކުރުން.

7.1-   ގްރޫޕްގައި ބޭނުންކުރާ އެއްވެސް އެއްޗެއް އެހެން ފަރާތަކަށް ދޫކުރެވޭނީ ގްރޫޕަށް ކުރެންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާފައި ހުންނަ ފޯކަލް ޕޮއިންޓް ކަނޑައަޅާ ޢާއްމުކޮށްފައި އޮންނަ އަގުލިސްޓަށް، 24ގަޑިއިރަށް ކުއްޔަށެވެ.

7.2-  ކުއްޔަށް ގެންދާ އެއްޗަކަށް ގެއްލުމެއް ލިބިއްޖެނަމަ، އެ އެއްޗެއް ގެންދާ ފަރާތަކުން އެކަމަށް ޒިންމާވާންޖެހޭނެއެވެ.

8 މި އުޞޫލަށް އަމަލުކުރަން ފެށުން

މި އުޞޫލަށް ޢަމަލުކުރަން ފަށާނީ މި އުޞޫލު ކައުންސިލުން ފާސްކޮށް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެވިގެންދާ ދުވަހުން ފެށިގެންނެވެ.

12 މޭ 2024