ދިވެހިރާއްޖެ
ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް އޮފީސް ޢިމާރާތްތަކާއި ޢާންމު ޙިދުމަތް ދޭ ޢިމާރާތްތަކަށް ވަދެވޭ ގޮތަށް ފަހިކުރުމަށްޓަކައި އެކުލަވައިލައިފައިވާ "އެކްސެސިބިލިޓީ ގައިޑްލައިން" އަށް ޢާންމުންގެ ހިޔާލު ފާޅުކުރުމަށް 2024 މޭ 5ވާ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުވައިލައިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިގައިޑްލައިންގެ މައިގަނޑު މަޤުސަދަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށްވާ، ނުކުޅެދުންތެރިކަން ހުންނަފަރާތްކަށް ވަޒީފާގެ މާހައުލުގައި ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި އޭގެ އިތުރުން ފަސޭހައިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އާންމު ހިދުމަތްތައް ލިބޭނެ ގޮތްތައް ފަހިކޮށްދިނުމެވެ. މިގޮތުން މި ގައިޑްލައިންގައި އައު އަދި މިހާރު ބޭނުންކުރަމުންދާ އާންމު ޙިދުމަތްދޭ އިމާރާތްތަކަށް ވަދެނިކުތުމާއި އަދި ބޭނުންކުރުމުގައި ޢިމާރާތުގެ އެކި ބައިތަކުގެ ފަރުމާގައި ހުންނަންވީ މިންގަނޑުތައް ކަނޑައަޅާފައިވާނެއެވެ.
ވީމާ އިސްވެދެންނެވުނު އުޞޫލަށް ތިޔަ ފަރާތްތަކުގެ ހިޔާލެއް ނުވަތަ ލަފައެއް ވާނަމަ، މި ޢިއުލާނާއި އެއްކަރުދާސްކޮށްފައިވާ "ފޯމެޓް ފޮރ ކޮމެންޓްސް" ގައި ލިޔުއްވުމަށްފަހު 2024 މޭ 5ވާ އާދީއްތަ ދުވަހުގެ ނިޔަލަށް [email protected] އަށް އީ-މެއިލްކޮށްދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެކެވެ.