ދިވެހިރާއްޖެ
ސްރީލަންކާ ގެ މަތީ ތަޢުލީމުދޭ މަރުކަޒެއް ކަމުގައިވާ APEX Ed އާ ގުޅޭ ގޮތުން މި އޮތޯރިޓީއަށް އަންނަނީ ޝަކުވާތަކެއް ލިބެމުންނެވެ.
ސްރީލަންކާ ގެ APEX Ed މަރުކަޒުން، އެމަރުކަޒުގައި ހިންގަމުން އަންނަ މި އޮތޯރިޓީން ޤަބޫލުކުރާ ކޯސްތައް “MQA APPROVED” މިހެން ޖަހާ އިސްތިހާރު ކޮށްފައިވާތީ މިގޮތަށް މިކަން ނުކުރުމުމަށް މި އޮތޯރިޓީން ވާނީ އެ މަރުކަޒަށް ތަކުރާރުކޮށް އަންގާފައެވެ. ސްރީލަންކާ ގެ APEX Ed އަކީ ސްރީލަންކާގެ ޓިވެޓް "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ކޮމިޝަން (ޓިވެޓް)" އިން ވެސް ހުއްދަ ނުދޭ ސަނަދެއް ދޫކޮށްގެން ސަސްޕެންޑްކުރުމަށްފަހު އަލުން ހުއްދަ ދީފައިވާ ތަނެކެވެ. މި އޮތޯރިޓީއަށް މަޢުލޫމާތު ލިބިފައިވާގޮތުން APEX Ed އިން ދަނީ އެތަނުގައި ހިންގާ ކޯހެއް މި އޮތޯރިޓީން ޤަބޫލުކުރާކަމަށް އެންގުމަށްޓަކައި މި އޮތޯރިޓީން ރާއްޖޭގެ ދަރިވަރަކަށް އެތަނުގައި ކިޔެވުމަށް ދޫކޮށްފައިވާ ލިޔުމުގައިވާ ދަރިވަރުގެ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ކަނޑާލުމަށްފަހު އެ ލިޔުމަކީ މި އޮތޯރިޓީން އެ މަރުކަޒަށް ދޫކޮށްފައިވާ ލިޔުމެއް ކަމަށް ބުނެ ދަރިވަރުންނަށް ފޮނުވަމުންނެވެ.
މި އޮތޯރިޓީން ދޫކުރާ ޕްރޮގްރާމް ޤަބޫލުކުރާކަމުގެ ލިޔުމަކީ އެކަމަށް އެދޭ ދަރިވަރަކަށް، އެދަރިވަރު ހުށަހަޅާފައިވާ މަޢުލޫމާތުގެ މަށްޗަށް ބިނާކޮށް ގިނަ ކަންތައްތަކެއް ޗެކް ކުރުމަށް ފަހު ސީދާ އެ ދަރިވަރަށް ދޫކުރާ ލިޔުމެކެވެ. މި ލިޔުމަކީ ޢާއްމުކޮށް ހުރިހާ ދަރިވަރުންނަށް ދޫކޮށްފައިވާ ލިޔުމެއް ކަމުގައި ނުބެލެވޭނެއެވެ. ވުމާއެކު މި މަރުކަޒަށް ކިޔަވަން ދާ ދަރިވަރުން ކިޔަވަން ފެށުމުގެ ކުރިން މި އޮތޯރިޓީއަށް ހުށަހަޅާ ޗެކް ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެންނެވީމެވެ.
ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް، މި އޮތޯރިޓީން ލިޔުން ދޫކުރުމުގައި އެމަރުކަޒަކީ އެ ޤައުމުގެ މަތީ ތަޢުލީމާއި ތަމްރީނާ ބެހޭ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ތަނެއްކަން ކަށަވަރު ކުރުމުގެ އިތުރުން، ދަރިވަރުން ހުށަހަޅާ ލިޔުންތަކަށްބަލައި "މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަންސް ފްރޭމްވޯރކް (އެމް.އެން.ކިޔު.އެފް)" އަށް ޝަރުތު ހަމަވާ، އަދި ކޮން ލެވެލެއްގެ ޕްރޮގްރާމެއްކަން ކަށަވަރު ކޮށް ދަރިވަރުންނަށް ލިޔުން ދޫ ކުރެވެއެވެ. ވުމާއެކު، ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުން މި އޮތޯރިޓީއަށް ހުށަހަޅައިގެން ކިޔަވަން ފެށުމުގެ ކުރިން މި ލިޔުން ހޯދުމަކީ މުހިންމު ކަމެކެވެ. ވީމާ، މިކަން ޢާންމުން ގެ ސަމާލުކަމަށްޓަކައި ދެންނެވީމެވެ.