ދިވެހިރާއްޖެ
ކެލާ ކައުންސިލުން އެކި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ އުޞޫލް
ތަޢާރަފް
މިއީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ނަންބަރު 2010/7) 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މި ޤާނޫނުގެ 149 ވަނަ މާއްދާއިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދާއިރާގެ ތެރެއިން ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލުން ހެދިފައިވާ އުޞޫލެކެވެ.
މި އުޞޫލައް ކިޔާނީ "ކެލާ ކައުންސިލުން އެކި ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭ އުޞޫލް" މިހެންނެވެ.
މަޤްޞަދު
- ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ޖަމާއަތްތައް ބާރުވެރި ކުރުވުމާއި އަދި ކޯޕަރޭޓް ސޮސައިޓީގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ފައިސާ އާއި ތަކެތި ވަކި އުޞޫލެއްގެ މަތިން ފޯރުކޮށްދިނުމުގެ އިންތިޒާމު ހަމަޖެއްސުމެވެ.
އެހީ ދިނުމާއި ގުޅޭ ކޮމިޓީ ޢައްޔަންކުރުން
މާލީ އެހީ ދިނުމާބެހޭ ގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށް އިދާރީ މުވައްޒަފުން، އަދި ކައުންސިލް މެންބަރުންގެ ތެރެއިން 5 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ކައުންސިލްގެ ރައީސް ނުވަތަ ރައީސްގެ މަސްއޫލިއްޔަތުތަކާ ޙަވާލުވެ ހުންނަ ފަރާތަކުން ޢައްޔަން ކުރަންވާނެއެވެ. އެ ކޮމިޓީގައި ސެކްރެޓަރީ ޖެނެރަލް ނުވަތަ އޭނާގެ މަސްއޫލިއްޔަތާ ޙަވާލުވެ ހުންނަ ފަރާތް ހިމަނަންވާނެއެވެ.
މާލީ އެހީތެރިކަން ފޯރު ކޮށްދިނުމަށް ހަމަޖެހިފައިވާ ފަރާތްތައް
މި އުޞޫލުގެ ދަށުން މާލީ އެހީ ތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ފިނޭންސް ނަމްބަރ SIAC/51/2020/A-01 ސާކިއުލާގައި ބަޔާންކޮށްފައިވާ އަންނަނިވި ފަރާތްތަކަށެވެ.
- ރަށުގެ ތަރަށްޤީއަށް އެކަމުން މަންފާކުރާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށާއި ކައުންސިލްގެ އިދާރީ ދާއިރާގައި ހަރަކާތްތެރިވާ ކޯޕަރޭޓް ސޮސައިޓީތަކަށެވެ.
އެނޫން ފަރާތަކަށް ހިލޭ އެހީގެ ދިނުމަކީ މި އުޞޫލް ހުއްދަ ކުރާ ކަމެއް ނޫނެވެ.
ހިލޭ އެހީގެ މިންވަރު
- ހިލޭ އެހީ ފޯރުކޮށްދިނުމަށްޓަކައި ހިލޭ އެހީ ދޭނެ ފައިސާ އެއަހަރުގެ ބަޖެޓްގައި ހިމަނަންވާނެއެވެ. އަދި މި ފައިސާގެ އަދަދު ކަނޑައަޅާނީ ކައުންސިލްގެ ރައީސްގެ ލަފާގެ މަތިން ކައުންސިލުންނެވެ.
- މިޤަވާޢިދުގެ ދަށުން އެހީއަށް އެދި ހުށަހަޅާ ޕްރޮޖެކްޓް ޕްރޮޕޯސަލްތަކަށް ރަށު ކައުންސިލުގެ ބަޖެޓުން އެހީގެ ގޮތުގައި ގިނަވެގެން ޚަރަދުކުރެވޭނީ 100،000 (ސަތޭކަ ހާސް) ރުފިޔާއެވެ.
ހިލޭ އެހީއަށް އެދި ހުށަހަޅާ ޕްރޮޕޯސަލްތަކާއި ފޯމުތައް އިވެލުއޭޓްކުރުން
(ހ) ހިލޭ އެހީއަށް އެދި ރަށު ކައުންސިލަށް ހުށަހަޅާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރާނީ އެކަމަށް ޙާއްޞަ ކުރެވިފައިވާ ކޮމެޓީންނެވެ.
(ށ) ޕްރޮޕޯސަލްތައް އިވެލުއޭޓުކުރާ ކޮމިޓީގެ މެންބަރުންގެ ހާޒިރީއާއި ޔައުމިއްޔާ އިދާރީ މޭޒުން ލިޔެ ބަލަހައްޓަންވާނެއެވެ.
ކޮމެޓީގެ މަސް ޢޫލިއްޔަތު
(ހ) ހިލޭ އެހީގެ ފައިސާ ބަޖެޓް ކުރުމަށްޓަކައި ކުރިއަށް އޮންނަ އަހަރުގެ ބަޖެޓްގައި ހިމަނާނެ އަދަދު ފާއިތުވީ އަހަރަށް ބަލައި ކަނޑަ އެޅުން
(ށ) ހިލޭ އެހީ އަށް އެދި ހުށަހަޅާފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގައި އެހީ ހޯދުމަށް އެދިފައިވާ ކަންކަމަކީ ރަށުގެ ތަރަށްޤީއަށް އެކަމުން ފައިދާ ކުރާނެ މަޝްރޫޢު އެއް ނުވަތަ ކަމެއްކަން ކަށަވަރު ކުރުން
(ނ) އެހީގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާ އަކީ ނުވަތަ ތަކެއްޗަކީ ކައުންސިލުގެ ބަޖެޓްގައި އެކަމަށް އެއަހަރު ކަނޑައަޅާފައިވާ ފައިސާގެ އަދަދަށްވުރެ އިތުރު ނުވާ އަދަދެއްކަން ޔަޤީން ކުރުން
(ރ) އެހީ ހޯދުމަށް ދެ ފަރާތަކުން އެއްފަހަރާ އެދިފައިވާނަމަ ހުށަހަޅާފައިވާ ކަންކަމުގެ މުހިންމު ކަމަށް ބަލައި އެފަރާތަކަށް ފައިސާ ނުވަތަ ތަކެތި ދޫކުރެވޭނެއެވެ.
ހިލޭ އެހީ ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތައް
- ރަށު އަދި އަތޮޅު ފެންވަރުގައި ޖަމިއްޔާތަކުން ކުރިއަށްގެންދާ މުބާރާތްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ އިންތިޒާމުތައް ހަމަޖެއްސުމަށް
- ޖަމާޢަތައް ފައިދާހުރި މަސައްކަތްތަކާއި ގުޅިގެން ހުށަހަޅާ ޕްރޮޕޯސަލްތަކަށް
- ތަރަށްޤީގެ ޕްލޭންގައި ހިމެނިފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން ޖަމިއްޔާތަކުން އިސްނަގައިގެން ކުރިއަށް ގެންދާ މަސައްކަތްތައް
ހިލޭ އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގައި ކޮންމެހެން ހިމަނަންޖެހޭ ބައިތައް
- ޕްރޮޖެކްޓް ނުވަތަ މަސައްކަތުގެ ތަފްޞީލް
- އެ ޕްރޮޖެކްޓް ނުވަތަ މަސައްކަތުގެ ސަބަބުން ފައިދާކުރާނެ ފަރާތްތައް
- ބޭނުންވާ އެހީގެ ތަފްޞީލް ފައިސާ / ތަކެތި
- ޕްރޮޖެކްޓް ނުވަތަ މަސައްކަތް ނިންމާނެ މުއްދަތު
ހިލޭ އެހީގެ ގޮތުގައި ދޫކުރާ ފައިސާ ނުވަތަ ތަކެތި ތަފްޞީލް ބެލެހެއްޓުން
(ހ) ރަށު ކައުންސިލްގެ ބަޖެޓުން އެހީގެ ގޮތުގައި ދޫކުރުމަށް ހަމަޖެހިފައިވާ އެހީގެ ފައިސާ ޖަމާކުރާނީ އެހީއަށް އެދި ހުށަހެޅި ފަރާތުގެ އެކައުންޓަށެވެ.
(ށ) އެހީގެ ގޮތުގައި ކައުންސިލުން ދޫކުރާ އެންމެހާ ފައިސާގެ ތަފްޞީލް ބެލެހެއްޓުމަކީ ކައުންސިލް އިދާރާގެ މަސްޢޫލިއްޔަތެކެވެ.
(ނ) ފައިސާ ނުވަތަ ތަކެތީގެ ހިލޭ އެހީ ދެވޭ ފަރާތްތަކުން އެތަކެތި ބޭނުންކުރި ގޮތުގެ ރިޕޯޓް މި އުޞޫލްގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ ހޯދުމާއި އަދި މުއްދަތައް ރިޕޯޓް ހުށަނާޅާ ފަރާތްތަކުން ބްލެކްލިސްޓް ކުރުމަށްޓަކައި އެކަމާއި ގުޅޭ ތަފްޞީލް އެހީދޭ ކޮމެޓީ އަށް ހުށަހެޅުން
ހިލޭ އެހީ ލިބިދެވޭ ފަރާތުގެ ޒިންމާ
(ހ) އެހީގެ ގޮތުގައި ލިބުނު ފައިސާއިން އިތުރު ކަމަކަށް ހޭދަ ނުކުރުން
(ށ) އެހީގެ ގޮތުގައި ދޫކުރެވޭ ފައިސާ ނުވަތަ ތަކެތި ބޭނުންކޮށްގެން ކުރިއަށްގެންދާ މަސައްކަތްތައް ނުވަތަ މުބާރާތްތައް ނިމޭތާ ލަސްވެގެން 10 ދުވަހުގެ ތެރޭ ކައުންސިލުން ދޫކުރި ފައިސާ ނުވަތަ ތަކެތި ބޭނުން ކުރި ގޮތުގެ ތަފްޞީލް (ރިޕޯޓް) ކައުންސިލާއި ލިޔުމުން ހިއްޞާ ކުރަންވާނެއެވެ.
އެހީގެ ފައިސާ ޚަރަދުކުރުން
(ހ) މާލީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ބަޖެޓުން އެއްވެސް މިންވަރެއް ޚަރަދު ކުރުމަށް ނިންމަންވާނީ ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ މަޤްޞަދު ނުގެއްލޭ ގޮތަށް އަދި ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތު ޤާނޫނު) އާއި އެ ޤާނޫނުގެ ދަށުން އެކުލަވާ ލެވިފައިވާ 2017/R-20 (ދައުލަތުގެ މާލިއްޔަތު ޤަވަޢިދު) އާއި މި ޤަވަޢިދުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
(ށ) މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެހީގެ ގޮތުގައި ފައިސާ ދޫކުރެވޭނީ، ކައުންސިލުން ފާސްކުރާ ބަޖެޓްގައި އެ ފައިސާ ހިމަނައިގެންނެވެ.
(ނ) އެއްވެސް ކަމަކަށް ނުވަތަ ބޭނުމަކަށް ކައުންސިލްގެ މާލިއްޔަތުން ހޭދައެއް ކުރުމަށް ކައުންސިލުން ނިންމައިފިނަމަ، އެ ނިންމުމެއް ޢާންމު ކުރުމަށްފަހު މެނުވީ އެ ނިންމުމެއް ތަންފީޒުކޮށްގެން ނުވާނެއެވެ.
(ރ) މާލީ އެހީތެރިކަން ދިނުމުގެ ނަމުގައި ބަޖެޓްގައި ނެތް ފައިސާއަކުން ޚަރަދުކޮށްގެން ނުވާނެއެވެ.
(ބ) އަދި އެހީގެ ގޮތުގައި ކައުންސިލުން ދޫކުރާ ފައިސާ އަދި ތަކެތި ބޭނުންކުރަންވާނީ ހަމައެކަނި އެހީހޯދި ބޭނުމަށެވެ. އިތުރު ކަމަކަށް އެ ފައިސާ ނުވަތަ ތަކެތި ބޭނުން ކޮށްގެން ނުވާނެއެވެ. އަދި މިފަދަ ކަމަކަށް ދޫކުރާ ފައިސާއިން މަސައްކަތް ނިމުނުއިރު ފައިސާ ބާކީވެފައި ހުރިނަމަ އެ ފައިސާއެއް އަލުން އަނބުރާ ކައުންސިލްގެ އެކައުންޓައް ޖަމާ ކުރަންވާނެއެވެ.
އެހީ ދޭފަރާތުން މި އުޞޫލާއި ޚިލާފުވުން
އެހީ ލިބިދެވޭ ފަރާތުން މި އުޞޫލާއި ޚިލާފު ވާނަމަ އެހީގެ ގޮތުގައި ކައުންސިލުން ދޫކުރި ފައިސާ / ތަކެތި ނުވަތަ އެތަކެއްޗައްވާ ފައިސާގެ އަދަދު ރަސްމީ ބަންދު ނޫން 7 ދުވަހުގެ ތެރޭ ކެލާ ކައުންސިލަށް އަނބުރާ ދައްކަން ވާނެއެވެ.
އަދި މި އުޞޫލާއި ޚިލާފުވާ ފަރާތްތައް ބްލެކްލިސްޓް ކުރެވި ކައުންސިލުން ފޯރުކޮށްދޭ އެހީއަށް ކުރިއަށް އޮތް 5 އަހަރު ހުށަނޭޅޭ ގޮތަށް ސަސްޕެންޑް ކުރުމުގެ އިޚްތިޔާރު އެހީދޭ ކޮމެޓީއަށް ލިބިގެންވެއެވެ.
މާލީއެހީ ދިނުމުގެ އެއްބަސްވުން
މި ޤަވާޢިދުގެ ދަށުން މާލީ އެހީގެ ގޮތުގައި ފައިސާ ދޫކުރެވޭނީ، ފައިސާ އެހީ ލިބޭ ފަރާތާއި ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސް ވުމުގައި ތިރީގައިމިވާ ނުކުތާތައް ހިމަނަންވާނެއެވެ.
- އެއްބަސްވުމުގެ ދަށުން ކުރަން ނިންމާ ކަންކަމުގެ ތަފްޞީލް
- ހިލޭ އެހީގެ ގޮތުގައި ދޫކުރެވޭ މުދާ ނުވަތަ ޚިދުމަތް ނުވަތަ ފައިސާގެ ތަފްޞީލް
- އެއްބަސްވުމުގެ ދަށުން ކައުންސިލުން ދޫކުރެވޭ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓް މުއްދަތު އަދި ތަފްޞީލް
ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ އެދެވޭ ގޮތުގައި މަސައްކަތް ނުހިގައި މަސައްކަތް ނުނިމި ވާނަމަ ޢަމަލު ކުރާނެ ގޮތް ބަޔާން ކުރަންވާނެއެވެ.
މާލީ އެހީތެރިކަން ދިނުމަށް ނުނިންމޭނެ ޙާލަތްތައް
އަންނަނިވި ޙާލަތްތަކުން ކުރެ ޙާލަތެއްގައި ކައުންސިލުގެ މާލިއްޔަތުން އެހީގެ ގޮތުގައި ފައިސާއެއް އެއްވެސް ފަރާތަކަށް ދިނުމަށް ނިންމައިގެން ނުވާނެއެވެ.
(ހ) ހިނގަމުންދާ ކައުންސިލްގެ ދައުރު ނިމުމުގެ މަރުހަލާގައި ވަނިކޮށް، ކައުންސިލް އިންތިޚާބު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކޮށްފައިވާ ޙާލަތުގައި؛
(ށ) ކައުންސިލްގެ އިންތިޤާލީ މުއްދަތުގައި؛
(ނ) ޤާނޫނެއްގައި ނުވަތަ ޤަވަޢިދެއްގައި ނުވަތަ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން އެކުލަވާލާފައިވާ އުޞޫލެއްގައި ވަކި ޚަރަދެއްކުރުން މަނާކޮށްފައިވާ ޙާލަތުގައި؛
މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ޚަރަދު ނުކުރެވޭނެ ކަންކަން
(ހ) ރައްޔިތެއް ނުވަތަ ރައްޔިތުން ތަކެއްގެ ފަރުދީ މަޞްލަޙަތު ހިމާޔަތްކުރުމަށް.
(ށ) ރައްޔިތުންނަށް ނަގުދު ފައިސާ އެހީގެ ގޮތުގައި ބެހުމަށް.
(ނ) ދިވެހި ދައުލަތާއި ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކާ އިދިކޮޅު ޙަރަކާތްތައް ތަންފީޒުކުރުމަށް.
(ރ) އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އަދި ރައްޔިތުންގެ މެދުގައި ހަމަނުޖެހުމާއި ބައިބައިވުމަށް މަގުފަހިވެދާނެ ފަދަ ކަންކަމަށް.
(ބ) ކައުންސިލުން ފާސްކޮށްފައިވާ ބަޖެޓުގައި ނުހިމެނޭ ކަންކަމަށް.
(ޅ) ކައުންސިލަށް ނުވަތަ ރައްޔިތުންނަށް އެކަމުގެ ސަބަބުން ގެއްލުމެއް ލިބިދާނެ ކަމަށް ތަޖުރިބާކާރުންނާއި ކަމާބެހޭ ފަރާތްތަކުން ލަފާދީފައިވާ ކަންކަމަށް.
އުސޫލު އިޞްލާޙުކުރުން
މި އުސޫލު އިޞްލާޙުކުރުމުގެ ބާރު ލިބިގެންވަނީ ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލަށެވެ.
އަމަލުކުރަން ފެށުން
މިއުސޫލަށް އަމަލުކުރަން ފަށާނީ މިއުސޫލު ކައުންސިލުން ފާސްކޮށް އާންމުކުރާ ދުވަހުން ފެށިގެންނެވެ.