ދިވެހިރާއްޖެ
ޤައުމީ ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ ތެރެއިން އިނގިރޭސިބަހުގެ ފާހެއް ނެތް ފަރާތްތަކަށްވެސް ކޯހަށް ވަނުމުގެ ފުރުޞަތު ދިނުމުގެ ގޮތުން، އެފަދަ ފަރާތްތަކަށް އަމާޒުކޮށްގެން އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާނެއް މި ސެންޓަރުންދަނީ ބާއްވަމުންނެވެ. މިގޮތުން 2024 ވަނަ އަހަރުގެ މި އިމްތިޙާނުގެ 2 ވަނަ ބުރު، 2024 އޭޕްރިލް 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ބޭއްވުމަށްވަނީ ހަމަޖެހިފައިއެވެ. މާލޭގައި މި އިމްތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ 4 ވަނަ ފަންގިފިލާގައެވެ. ކެމްޕަސްތަކުގައިނަމަ، މި އިންތިޙާނު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެ ކެމްޕަހެއްގައެވެ. މީގެ އިތުރުން، އައުޓް ރީޗް ސެންޓަރުތަކުގައި، މިއިންތިޙާން ބާއްވާނަމަ، މި އިމްތިޙާނުގައި ބައިވެރިވެވޭނީ، ހަމައެކަނި، އެސެންޓަރެއްގައި ރަޖިސްޓްރީވެގެން ކިޔަވަމުންދާ ދަރިވަރުންނަށެވެ. މި އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުން، އިމްތިޙާނު ފެށުމުގެ 30 މިނެޓް ކުރިން އިމްތިޙާން އޮންނަ ހޯލަށް ހާޒިރުވާންވާނެއެވެ.
ކޯސްތަކަށް ވަނުމަށް އެދޭ ފަރާތްތަކުގެ އިނގިރޭސިބަހުގެ ޝަރުޠު ހަމަނުވިކަމުގައިވީ ނަމަވެސް އެހެން ޝަރުޠުތައް ހަމަވާނަމަ އެފަރާތްތަކުގެ ފޯމު ބަލައިގަންނާނެއެވެ. ނަމަވެސް، ޖާގަ މުޅިން ކަށަވަރުވާނީ އިނގިރޭސި އިމްތިޙާނު ހެދުމަށްފަހު، އެ އިމްތިޙާނުގެ ނަތީޖާ ހުށަހެޅުމުންނެވެ. ވީމާ، ކޯހަށް އެދި އެޕްލިކޭޝަން ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިނގިރޭސި ބަހުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި މިވާހަކަ ދެންނެވީމެވެ.
އިމްތިޙާނުގައި ބައިވެރިވުމަށް ޢަމަލުކުރަންޖެހޭގޮތް:
- އިންގްލިޝް ލޭންގުއޭޖް ކޮމްޕިޓެންސީ އިމްތިޙާން (އެންޓްރެންސް އެގްޒޭމް)ގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އިމްތިޙާނުގެ ފީއަށްވާ -/500 ރުފިޔާ (ފަސްސަތޭކަރުފިޔާ) އޮންލައިންކޮށް ނުވަތައިދާރީ މަރުކަޒުގައި ހުންނަ ރެވެނިޔު ސެކްޝަނަށް ދެއްކުމަށްފަހު، 2024 އޭޕްރީލް 16 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮންލައިން އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުން އެދެމެވެ.އިމްތިޙާނުގައި ބައިވެރިވުމަށްއެދޭ އޮންލައިން އެޕްލިކޭޝަން ފޯމުގައި، އައި.ޑީ ކާޑުގެ ޕޮޓޯއަކާއި، ޔުނިވަރސިޓީގެ ރެވެނިއު ސެކްޝަނުން ދީފައިވާ ނުވަތަ އީ-މެއިލުން ފޮނުވާފައިވާ ފީ ދެއްކިކަމުގެ ރަސީދު ހިމަނަންވާނެއެވެ.
އޮންލައިން އެޕްލިކޭޝަން ފޯމް، މި ލިންކު https://mnu.edu.mv/examinations/elct/ އިން ލިބޭނެއެވެ.
އޮންލައިންކޮށް ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ ބޭންކް ޓްރާންސްފާ މެދުވެރިކޮށެވެ. އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން، ފައިސާދެއްކުމަށްފަހު، ޓްރާންސެކްޝަން ރިސިޕްޓް [email protected] އަށް (އިމްތިޙާނުގައި ބައިވެރިވާދަރިވަރުގެ ނަމާއި، އައި.ޑީ ކާޑު ނަމްބަރުގެ އިތުރުން "ELCT 2023, R4" ޖައްސަވާފައި) އީ-މެއިލްކުރެއްވުމުން ފައިސާދެއްކިކަމުގެ ރަސީދު، އީ-މެއިލްއަށް ފޮނުވޭނެއެވެ.
އޮންލައިންކޮށް ފައިސާދެއްކުމަށް ހަމަޖެހިފައިވާ ބޭންކު އެކައުންޓުގެ މަޢުލޫމާތު ތިރީގައި އެވަނީއެވެ.
އެކައުންޓް ނަންބަރު: 7701101374001
އެކައުންޓްގެ ނަން : The Maldives National University
ބޭންކް: Bank of Maldives
މި އިމްތިޙާނުގެ ނަތީޖާ ތައްޔާރުވުމުން ދަރިވަރުންނަށް އެސް.އެމް.އެސް އެއް ފޮނުވޭނެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.
25 ޝަޢުބާން 1445