ދިވެހިރާއްޖެ
އައްޑޫސިޓީގެ ކުނިކޮށިތައް ކައުންސިލުން ހިންގާގޮތަށް ހަމަޖެއްސުން
މި އިދާރާގެ ނަންބަރު IUL)426-EB/1/2015/21)ފ(17 މާރިޗު 2015) އިޢުލާނުގައިވާ ގޮތަށް، 11 އެޕްރީލް 2015 އިން ފެށިގެން އައްޑޫސިޓީގެ ކުނިކޮށިތައް ކައުންސިލުން ހިންގުމަށް ކުރަމުންގެންދާ މަސައްކަތް ނިމުމަކަށް އައިސްފައިނުވާތީ، ކައުންސިލުން މަސައްކަތް ފަށައިގަތުމަށް ހަމަޖައްސާ ތާރީޚު ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.
ކައުންސިލުން ކުނިކޮށިތައް ހިންގަން ފަށާ ތާރީޚަށް ބަދަލު އައިކަމުގައި ވިޔަސް، ކައުންސިލުން މަސައްކަތް ފެށެންދެން، ހިތަދޫ ރުއްޖެހެރެ ކުނިކޮށި މިހާރު ހިންގަމުންގެންދާ ފަރާތުން އެ ޚިދުމަތް މިހާރުވެސް ދެއްވަމުން ގެންދަވާގޮތަށް ރައްޔިތުންނަށް ބަރާބަރަށް ފޯރުކޮށްދެއްވަމުން ގެންދަވާނެއެވެ.
ކައުންސިލުން ކުނިކޮށިތައް ހިންގުމަށް ކުރަމުންގެންދާ މަސައްކަތާ ގުޅިގެން ރައްޔިތުންގެ ފަރާތުން މިހާތަނަށް ލިބިފައިވާ އެއްބާރުލެއްވުމަށް ބަލާއިރު، މި މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިދާނެ ކަމުގެ ވަރަށްބޮޑު ޔަޤީންކަމެއް ވަނީ ލިބިފައެވެ. މިއީ ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން ލިބިގެން މެނުވީ ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ޤައުމީ މަސައްކަތެކެވެ.
އަދި ދަންނަވަމެވެ. މިހާރު މި އަންނަންއުޅޭ ބަދަލާ ގުޅިގެން އެއްވެސް ފަރާތަކަށް ތަކުލީފެއް ކުރިމަތިވެވަޑައިގަންނަވާނަމަ، އެކަމަށް ކައުންސިލުން ނިހާޔަތަށް މަޢާފަށް އެދެމެވެ.
18 ޖުމާދަލްއާޚިރާ 1436